39ވަނަ ޤަވާޢިދު (ޖުމްލަ 189): إِذَا وَافَقَ الـخَاصُّ حُكْمَ العَامِّ لَـمْ يُـخَصِّصْهُ
މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ ޙުކުމާ ޚާއްޞަ އެއްބަސްވެއްޖެނަމަ، އެއަކުން ޚާއްޞައެއް ނުކުރާނެ}
މި ޤަވާޢިދުގެ މުރާދު: ޚާއްޞަކުރާ ޢާއްމުއާ އެ ޚާއްޞަ ފުށުއެރުމީ، ޚާއްޞަކުރުމުގެ ޝަރުޠުތަކުންކުރެ ޝަރުޠެއް ކަމުން، ޚާއްޞަކުރުމީ ފުށުއަރާ ދެ ދަލީލު ވެސް ބޭނުންކޮށް އެ ދެ ދަލީލު ޖަމްޢުކުރުމުގެ ގޮތްތަކުންކުރެ ގޮތެކެވެ. ވީއިރު، ޢާއްމު ލަފްޒެއް އޮވެފައި، އެ ޢާއްމުގެ ބައެއް އަފުރާދުންނާ ގުޅޭ ގޮތުން ޚާއްޞަ ލަފްޒެއް ޙުކުމުގައި އެއްބަސްވާ ގޮތަށް އައިސްފިނަމަ، އެ ޚާއްޞަ ލަފްޒަކީ އެ ޢާއްމު ލަފްޒު ޚާއްޞަކުރާ އެއްޗެއް ކަމުގައެއް ނުވާނެތެވެ. އެ ދެމެދުގައި ފުށުއެރުމެއް ނުވާތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މި ތަނުގައި ފާހަގަކޮށްލުން މުހިއްމު ކަމެއް އެބަ އޮތެވެ. އެއީ، މި ޤަވާޢިދު ޝަރުޠަކުން ހަނިކުރެވިފައި ވާކަމެވެ. އެ ޝަރުޠަކީ، ޢާއްމުގެ އަފުރާދުންކުރެ އެ ނޫން ފަރުދަކުން ޙުކުމް ނަފީކުރުން ލާޒިމުކުރާނޭ މަފްހޫމުލްމުޚާލަފާއެއް ޚާއްޞައަށް ލިބިގެން ނުވުމެވެ. މިސާލަކަށް، [ގެރިބަކަރިން ޒަކާތް ވެޔޭ] ބުނެވިއްޖެނަމަ، އަދި އެއަށްފަހު، [ވަލު ގެރިބަކަރިން ޒަކާތް ވެޔޭ] ބުނެވިއްޖެނަމަ، މި ހާލަތުގައި ޚާއްޞައަކީ ޢާއްމު ޚާއްޞަކުރާ އެއްޗަކަށް ވާނެތެވެ.
މިއާ ޚިލާފަށް، ޝާފިޢީގެ އިސްދަރިވަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބޫ ޘައުރާއި އަދި އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި، ޢާއްމުއާ ޚާއްޞަ އެއްބަސްވިޔަސް، ޚާއްޞައިން ޢާއްމު ޚާއްޞަކުރާނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ޙަނަފީންނާއި ޝާފިޢީން އަދި އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި، ގަތްއެތި ލިބިގަތުމުގެ ކުރިން، އެއީ ކާއެއްޗެއް ކަމުގައި ވިޔަސް ނުވަތަ ނުވިޔަސް، ވިއްކުން ހުއްދަވެގެން ނުވެއެވެ. އެއީ، ލިބިގަތުމުގެ ކުރިން ގަތްއެތި ވިއްކުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިކަމަށް ވާރިދުވެފައިވާތީއެވެ. އަދި އޭގައި އެ ވަނީ ގަންނަ އެންމެހައި ތަކެއްޗަކަށް ވެސް ޢާއްމުވެގެންވާ ގޮތުގައެވެ. އެހެންނަމަވެސް، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކާތަކެތި ލިބިގަތުމުގެ ކުރިން އެ ވިއްކުން ނަހީކުރެއްވިކަމަށް ވާރިދުވެފައިވާ ޙަދީޘަކީ، ފުރަތަމަ އިޝާރާތްކުރެވުނު ޙަދީޘުގެ ޢާއްމުކަން ޚާއްޞަކުރުމަށް އެކަށީގެންވާ ޙަދީޘެއް ނޫނެވެ. ސަބަބަކީ، ދެވަނައަށް ބަޔާންކުރެވުނު ޙަދީޘް، ދެ ވަނަ ޙަދީޘާ އެއްބަސްވާތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =