[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 38

40ވަނަ ޤަވާޢިދު (ޖުމްލަ 189): رُجُوعُ الضَّمِيْرِ إِلَى بَعْضِ أَفْرَادِ العَامِّ لَا يُـخَصِّصُهُ

މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ ބައެއް އަފުރާދުންނަށް ޟަމީރު ރުޖޫޢަވުމަކުން، އެ ޚާއްޞައެއް ނުކުރޭ}

މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒެއް ވާރިދުވެފައި، އެއާ ޖެހިގެން އެ ޢާއްމުގެ ބައެއް އަފުރާދުންނަށް ރުޖޫޢަވާ ޟަމީރެއް (ބަދަލުނަމެއް) އޮވެއްޖެނަމަ، އެ ޟަމީރުގެ ސަބަބުން އެ ޢާއްމު ޚާއްޞައެއް ނުވާނެއެވެ. އަދި ކިޔެއްތަ! ޢާއްމުކަންމަތީ އެ ޢާއްމު އޮންނާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އޭގެ ތެރޭގައި، ގިނަ ޝާފިޢީންނާއި ޙަންބަލީން ހިމެނިވަޑައިގަންނަވައެވެ. އަދި މި ރައުޔު، އަލްއާމިދީއާއި އިބްނުލްޙާޖިބާއި އަލްބައިޟާވީ އިޚްތިޔާރުކުރެއްވިއެވެ.

މިއާ ޚިލާފަށް، ގިނަ ޙަނަފީންގެ ނަޒަރުގައި، އެ ޟަމީރުން އެ ޢާއްމު ޚާއްޞަ ވާނެތެވެ.

އަދި މިއާ ޚިލާފަށް، މި މައްސަލައިގައި އިމާމުލްޙަރަމައިނިއާއި އަބުލްޙުސައިން އަލްބަޞަރީ ތަވައްޤުފުކޮށް (ވަކި ގޮތެއް ނެންގެވުމެއްނެތި) ތިއްބެވިއެވެ. އެ ބޭފުޅުންގެ ނަޒަރުގައި، އެ ހާލަތުގައި އެއިން ޢާއްމުކަން ވެސް އަދި ޚާއްޞަކަން ވެސް ލިއްބައެއް ނުދެއެވެ. އެހެންކަމުން، ވަކިކޮޅެއް އިޚްތިޔާރުކޮށްފިނަމަ، އެ ކަން ބެލެވޭނީ ތަރުޖީޙުދޭނޭ ކަމެއް ނެތި ތަރުޖީޙުދިނުން ކަމުގައެވެ. އެހެންނަމަވެސް، އެ ކަމުގައި ތަރުޖީޙެއް ދެވޭނީ އިތުރު ޚާރިޖީ ދަލީލެއް ލިބިގެންނެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلَاثَةَ قُرُوءٍ ۚ وَلَا يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ اللَّهُ فِي أَرْحَامِهِنَّ إِن كُنَّ يُؤْمِنَّ بِاللَّهِ وَالْيَوْمِ الْآخِرِ ۚ وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنْ أَرَادُوا إِصْلَاحًا) (ސޫރަތުލްބަޤަރާ: 228 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި، ވަރިކޮށްފައިވާ އަންހެނުން، އެ ކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން قُرْءُ ވަންދެން އިންތިޒާރު ކުރާހުށިކަމެވެ! (قُرْءُ އަކީ، ޙައިޟު ނުވަތަ ޠުހުރެވެ.) އަދި އެ ކަނބަލުން، ﷲ އަށާއި، އާޚިރަތްދުވަހަށް، އީމާންވާ ކަމުގައިވާނަމަ، އެ ކަނބަލުންގެ  ރަޙިމުތަކުގައި ﷲ އުފައްދަވާފައިވާ އެއްޗެއް (އެބަހީ: ޙައިޟުވުމާއި ބަލިވެއިނުންފަދަ ކަންތައް) ވަންހަނާކުރުން އެ ކަނބަލުންނަށް ހުއްދައެއް ނުވާނެތެވެ. އަދި، އެއުރެން އިޞްލާޙުކުރުމަށް އެދޭނަމަ، ޢިއްދައިގެ ދުވަސްވަރުގައި އެ ކަނބަލުން ކައިވެންޏަށް އަނބުރައި ގެނައުން އެ ކަނބަލުންގެ ފިރީންނަށް ޙައްޤުވެގެން ވެއެވެ.] މި އާޔަތުގެ (وَبُعُولَتُهُنَّ) ގައިވާ ޟަމީރާއި (بِرَدِّهِنَّ) ގައިވާ ޟަމީރު ރުޖޫޢަވަނީ، ވަރިކުރެވިފައިވާ އަންހެނުންގެ އެއް ބަޔަކަށެވެ. އެއީ، ރުޖޫޢުކުރެވޭ ވަރިއަކުން ވަރިކުރެވިފައިވާ އަންހެނުންނަށެވެ. އެހެންކަމުން، މި ޤަވާޢިދަށް ބިނާކޮށް، [އިންތިޒާރުކުރަންޖެހޭ ޖެހުން ނުވަތަ ޢިއްދައިގައި އިންނަންޖެހޭ ޖެހުން] ހަމައެކަނި ރުޖޫޢަކުރެވޭ ވަރިއަށް ޚާއްޞައެއް ނުކުރެވޭނެއެވެ. އެހެނެއްކަމަކު، ވަރިކުރެވިފައިވާ ހުރިހާ އަންހެނުންނަށް ޢާއްމުވެގެންވާ ގޮތުން، ރުޖޫޢަކުރެވޭ ވަރިންނާއި ބާއިން ވަރިން ވަރިކުރެވިފައިވާ އަންހެނުން ވެސް ހިމެނޭ ގޮތުން، ޢިއްދައިގައި އިނުމުގެ ޢާއްމު ޙުކުމް ދެމިއޮންނާނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =