41ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَفْهُومُ يُـخَصِّصُ العُمُومَ
މި ޤަވާޢިދުގެ ތަރުޖަމާ: {މަފްހޫމު، ޢާއްމުކަން ޚާއްޞަ ކުރޭ}
މި ޤަވާޢިދުގެ މުރާދު: މަފްހޫމަކީ، އޭގެ ދެ ވައްތަރުކަމުގައިވާ މަފްހޫމުލްމުވާފަޤާއާއި މަފްހޫމުލްމުޚާލަފާ ހިމެނޭ ގޮތުން، ޢާއްމު ލަފްޒުތައް ޚާއްޞަކުރާ އެއްޗެކެވެ.
މަފްހޫމުގެ ތެރެއިން މަފްހޫމުލްމުވާފަޤާގެ ޙުއްޖިއްޔަތާ މެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި އިއްތިފާޤުވެވިފައިވުމުން، އެއިން ޢާއްމުކަން ޚާއްޞަކުރުމާ މެދު ވެސް އެ ބޭފުޅުންގެ ތެރޭގައި އިއްތިފާޤުވެވިފައިވާ ކަމަށް އަލްއާމިދީއާއި އިބްނުއްސުބުކީއާއި އައްޒަރުކަޝީ ވިދާޅުވެފައިވެއެވެ. އަދި ބައެއް އުޞޫލީ ޢިލްމުވެރިން އެ ކަމާ މެދު އިޖުމާޢުވެވިފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އަދި މަފްހޫމުލްމުޚާލަފާއަކީ ޙުއްޖަތެއް ކަމަށް ވިދާޅުވާ ބޭފުޅުން (އެއީ އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން) އަރިހުގައި އެއިން ޢާއްމުކަން ޚާއްޞަކުރެވިދާނެއެވެ. މި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީންނެވެ. މިއާ ޚިލާފަށް، އެއީ ޙުއްޖަތެއް ކަމަށް ވިދާޅުވާ ބޭފުޅުންގެ ތެރެއިން، ޝާފިޢީންކުރެ އިބްނު ސުރައިޖާއި ޙަންބަލީންކުރެ އަބުލްޚައްޠާބާއި އަދި ބައެއް މާލިކީންނަށް ނިސްބަތްކުރެވިފައިވާ ގޮތުން މި ބޭބޭފުޅުންގެ ނަޒަރުގައި، މަފްހޫމުލްމުޚާލަފާއަކީ ޙުއްޖަތެއް ކަމުގައި ވިޔަސް، އެއިން ޢާއްމުކަން ޚާއްޞައެއް ނުކުރެވޭނެއެވެ. އަދި ހަމަ އެފަދައިން، މަފްހޫމުލްމުޚާލަފާއަކީ ޙުއްޖަތެއް ނޫން ކަމަށް ވިދާޅުވާ ޙަނަފީންނާއި ޡާހިރީންގެ ނަޒަރުގައި ވެސް އެއިން ޢާއްމުކަން ޚާއްޞައެއް ނުކުރެވޭނެއެވެ.
ކޮންމެއަކަސް، މަފްހޫމުން ޚާއްޞަކުރެވޭނީ މަފްހޫމަށް ޢަމަލު ކުރުމަށްޓަކައި އުޞޫލީ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ޤައިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އަދި އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވަނީ، މަފްހޫމުން ޢާއްމުކަން ޚާއްޞަކުރެވޭނީ، ވާހަކަދައްކާ އެކެއްގެ ވަކިވަކިން އޮތް ދެ ވާހަކައަކުން ކަމުގައެވެ. ނުވަތަ ﷲ ތަޢާލާގެ ވަޙީބަސްފުޅާއި އެ ކަލާނގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ވާހަކަފުޅުފަދަ އެކެއްގެ ޙުކުމުން ކަމުގައެވެ. އެއް ތަނެއްގައި ގުޅިގެން އައިސްފައިވާ ވާހަކައަކުންނެއް ނޫނެވެ.
މި ޤަވާޢިދުގެ މިސާލަކީ، ވެލި ނޫން ބިމުގެ އެހެން އެއްޗަކުން ތަޔައްމުމު ކުރުން ހުއްދަ ނޫންކަމަށް ވިދާޅުވާ ބޭފުޅުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅު، ((جعلت لي الأرض مسجدا وطهورا)) (މާނައީ: އަހުރެންނަށްޓަކައި ބިމަކީ މިސްކިތެއް އަދި ޠާހިރު ތަނެއް ކަމުގައި ލެއްވުނެވެ.) ގައިވާ ޢާއްމުކަން، އެ ކަލޭގެފާނުގެ ޙަދީޘްފުޅު، ((وجعلت الأرض لنا مسجدا وجعل ترابها طهورا)) (މާނައީ: އަދި ބިމަކީ އަހުރެމެންނަށްޓަކައި މިސްކިތެއް ކަމުގައި ލެއްވުނެވެ. އަދި އޭގެ ވެއްޔަކީ ޠާހިރު އެއްޗެއް ކަމުގައި ލެއްވުނެވެ.) ގެ މަފްހޫމުން ޚާއްޞަކުރެވިފައިވާކަމަށް ވިދާޅުވެ، އެއިން ދަލީލު ނަންގަވާފައި ވުމެވެ. އެހެނީ، މި ތަނުން ފަހުން ބަޔާންވި ޙަދީޘުގެ މަފްހޫމުލްމުޚާލަފާއިން ދަލީލުކޮށްދެނީ، ތަޔައްމުމު ކުރާއިރު ވެލި ނޫން އެއްޗެއް ޠާހިރުވުމަށް ބޭނުން ނުކުރެވޭނެކަމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =