42ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ يُـخَصِّصُ العُمُومَ
މި ޤަވާޢިދުގެ ތަރުޖަމާ: {އިސްތިސްނާ، ޢާއްމުކަން ޚާއްޞަ ކުރޭ}
މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞުތަކުގައި ޢާއްމުކަމުގެ ލަފްޒުތަކުގެ ތެރެއިން ލަފްޒެއް ވާރިދުވެފައި، އިސްތިސްނާ ކުރުމުގެ ގޮތުން ބޭނުންކުރެވޭ ލަފްޒުތަކުގެ ތެރެއިން ލަފްޒެއް އެއާ ގުޅިފައި ވާނަމަ، އެ އިސްތިސްނާއަކީ، ޢާއްމުކަން ޚާއްޞަ ކުރާ އެއްޗެއް ކަމުގައި ބެލެވޭނެތެވެ. އަދި އެ ޢާއްމު ލަފްޒު އެހާރުން އޮންނާނީ، އިސްތިސްނާ ކުރެވުނު ކަންތައް ފިޔަވައި ދެން ހުރި ކަންކަމަށް ހަނިކުރެވިފައެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، އިސްތިސްނާއަކުން ޚާއްޞައެއް ނުކުރެވޭނެއެވެ. އެއީ، ޚާއްޞަ ކުރާ އެއްޗާއި ޚާއްޞަ ކުރެވޭ އެތި އެކަތި އަނެކައްޗާ ފުށުއެރުމީ، ޢާއްމު ޚާއްޞަކުރުމުގައި ޝަރުޠެއް ކަމަށް އެ ބޭފުޅުން ވިދާޅުވާ ވިދާޅުވުމުގެ މައްޗަށް ބިނާކޮށެވެ. އެ ބޭފުޅުންގެ ނަޒަރުގައި، އެ ދޭތި ވަކިވަކިން އޮންނަ ދެ ދަލީލެއްގައި އޮތުމުން މެނުވީ، އެ ފުށުއެރުން އޮތް ކަމަކަށް ނުބެލެވޭނެއެވެ. އެހެންކަމުން، ގުޅިފައިވާ ދަލީލުތަކުން ޚާއްޞަކުރެވޭނެ ކަމަކަށް އެ ބޭފުޅުންނެއް ދެކިވަޑައެއް ނުގަންނަވަތެވެ. ވީއިރު، އިސްތިސްނާއަކީ ވެސް ޢާއްމު ދަލީލާ ގުޅިފައިވާ އެއްޗެއްކަމުން، އިސްތިސްނާއަކުން ވެސް ޚާއްޞައެއް ނުކުރެވޭނެކަމަށް އެ ބޭފުޅުން ދެކިވަޑައިގަންނަވަތެވެ. އޭގެ ބަދަލުގައި އެ ބޭފުޅުން އެފަދަ ތަކެތި ލައްވަނީ، بَيَانُ التَّغْيِيْرِ ގެ ތެރޭގައެވެ.
އިސްތިސްނާ ކުރުމުގެ ގޮތުން ބޭނުންކުރެވޭނީ، [إِلَّا] (ފިޔަވައި އަދި މެނުވީ) އާއި އޭގެ [އަޚުން]ނެވެ. އެއީ: غَـيْرُ އާއި سِوَى އާއި مَا عَدَا އާއި عَدَا އާއި لَيْسَ އާއި لَا يَكُون އާއި حَاشَا އާއި خَلَا އާއި مَا خَلَا އަދި سِيَّـمَـا އެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (مَنْ كَفَرَ بِاللَّهِ مِنْ بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَٰكِنْ مَنْ شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِنَ اللَّهِ وَلَهُمْ عَذَابٌ عَظِيمٌ) (ސޫރަތުއްނަޙްލު: 106) މާނައީ: [އީމާންކަމަށް އެ މީހާގެ ހިތް ހަމަޖެހިގެންވާ ހާލު މަޖުބޫރުކުރެވުނު މީހާ ފިޔަވައި، އީމާންވުމަށްފަހު ﷲ އަށް ކާފިރުވެއްޖެ މީހާ، އަދި (މަޖުބޫރުވެގެން ވިޔަސް) ކާފިރުކަމަށް ހިތް ތަނަވަސްވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނަށް ﷲ ގެ ޙަޟްރަތުން ކޯފާލެއްވުން ހުށްޓެވެ. އަދި ބޮޑުވެގެންވާ ޢަޛާބު އެއުރެންނަށް ހުށްޓެވެ.] މި އާޔަތުގައިވާ (مَنْ كَفَرَ بِاللَّهِ) އަކީ، ކޮންމެ ކާފިރަކުމެ އޭގައި ޝާމިލުވާ ޢާއްމު ލަފްޒެކެވެ. އެހެންނަމަވެސް، (إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ) ގައިވާ އިސްތިސްނާ، އެ ޢާއްމު އޭގެ ޢާއްމުކަމުން އެއް ފަރާތްކޮށް، ގުޅިފައިވާ އިސްތިސްނާގެ ޒަރީއާއިން އަމިއްލަ އިޚްތިޔާރުގައި ކާފިރުވާ މީހާއަށް އެކަނި އެ ހަނިކޮށްލިއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =