[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 41

43ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ مِنَ الإِثْبَاتِ نَـفْيٌ وَمِنَ النَّفْيِ إِثْبَاتٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ސާބިތުކުރުމަކުން އިސްތިސްނާ ކުރުމީ ނަފީކުރުމެއް، އަދި ނަފީކުރުމަކުން އިސްތިސްނާ ކުރުމީ ސާބިތުކުރުމެއް}

މި ޤަވާޢިދުގެ މުރާދު: ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞެއްގައި ނުވަތަ މުކައްލަފުންގެ ވާހަކައެއްގައި ސާބިކުރެވިފައިވާ ވާހަކައަކުން އިސްތިސްނާއެއް ކުރެވިފައި ވާނަމަ، އެ އިސްތިސްނާ ވާހުށީ ނަފީކުރުމެއް ކަމުގައެވެ. އަދި އޭގައި ނަފީކުރެވިފައިވާ ވާހަކައަކުން އިސްތިސްނާއެއް ކުރެވިފައި ވާނަމަ، އެ އިސްތިސްނާ ވާހުށީ ސާބިތުކުރުމެއް ކަމުގައެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އޭގެ ތެރޭގައި، މާލިކީންނާއި ޝާފިޢީންނާއި ޙަންބަލީންނާއި، އަދި އައްސަރަޚްސީއާއި އަލްބަޒްދަވީފަދަ ބައެއް ޙަނަފީން ހިމެނިވަޑައިގަންނަވައެވެ.

އެހެންނަމަވެސް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވަނީ، މި ޤަވާޢިދުގެ ދެވަނަ ބައި (وَمِنَ النَّفْيِ إِثْبَاتٌ) ޤައިދަކުން (ހަނިކުރުމަކުން) ހަނިކުރެވިފައިވާ ކަމުގައެވެ. އެ ޤައިދަކީ: ޝަރުޢީ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއްގެ މައްޗަށް ވާރިދުވެފައި ނުވުމާއި (މިސާލަކަށް، لَا صَلَاةَ إِلَّا بِطَهَارَةٍ އޭ ބުނުން)، ހުވަޔާ ގުޅޭ ބާބުގައި ނުއޮތުމާއި، އަދި ވާހަކަދައްކާމީހާ ނަފީކުރުމުގެ ތެރެއިން އޭނާ ސާބިތުކޮށްފައިވާ ވާހަކަ ރައްދު ކުރުމަށް ޤަޞްދު ނުކުރުން (މިސާލަކަށް، قَامَ القَوْم إِلَّا زَيْدًا އޭ ބުނުން) މިއެވެ.

ދެން ފަހެ، މި ޤަވާޢިދާ ޚިލާފަށް ވިދާޅުވަނީ ގިނަ ޙަނަފީންނެވެ. އެ ބޭފުޅުންގެ ނަޒަރުގައި، ސާބިތުކުރުމަކުން ނުވަތަ ނަފީކުރުމަކުން އިސްތިސްނާ ކުރުމަކަށް ޙަޤީޤަތުގައި ޙުކުމެއް ނުވެއެވެ. އެއީ، ނަފީކުރުމަކަށް ވެސް އަދި ސާބިތުކުރުމަކަށް ވެސް ނުވާނެއެވެ.

އަދި މި ޤަވާޢިދުގެ ފުރަތަމަ ބައި (الاِسْتِثْنَاءُ مِنَ الإِثْبَاتِ نَـفْيٌ) އާ މެދު ޢިލްމުވެރިންގެ ތެރޭގައި އެއްވެސް ދެބަސްވުމެއް ނުވާކަމަށާއި، ދެބަސްވުން އުފެދިފައިވަނީ މި ޤަވާޢިދުގެ ދެވަނަ ބަޔާ ގުޅޭ ގޮތުންކަމަށް އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، އަލްޤަރާފީފަދަ ބައެއް މުޙައްޤިޤުން (ތަޙުޤީޤުކުރައްވާ ބައެއް ބޭފުޅުން) ވިދާޅުވެފައިވަނީ، އެ ދެ ބަޔާ ގުޅޭ ގޮތުން ވެސް ޚިލާފުވުން އުފެދިފައި ވާކަމުގައެވެ.

ކޮންމެއަކަސް، މި ޤަވާޢިދުގެ ދަށުން ޚިލާފުވުން މި އޮތީ، الاِسْتِثْنَاءُ الـمُتَّصِلُ (ގުޅިގެން އައިސްފައިވާ އިސްތިސްނާ) އާ ގުޅޭ ގޮތުންނެވެ. މިއާ ޚިލާފަށް، الاِسْتِثْنَاءُ الـمُنْقَطِعُ (މެދުކެނޑިގެން އައިސްފައިވާ އިސްތިސްނާ) ގައި އެއްވެސް މައްސަލައެއް ނެތްކަމާ މެދު އިއްތިފާޤުވެވިފައިވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاء فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُوْلَئِكَ هُمُ الْفَاسِقُونَ (4) إِلاَّ الَّذِينَ تَابُوا وَأَصْلَحُوا) (ސޫރަތުއްނޫރު: 4 ވަނަ އާޔަތާއި 5 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ޢިއްފަތްތެރި އަންހެނުންނަށް ޤަޛުފުކުރާ މީހުން (އެ ކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ، ފަހެ، އެއުރެންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެއުރެންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެއުރެންނީ، ހަމަ، ފާސިޤުންނެވެ. އެއަށްފަހު ތައުބާވެ (ޢަމަލުތައް) އިޞްލާޙުކޮށްފި މީހުން މެނުވީއެވެ.] މި އާޔަތުން ފިޤުހުވެރިންކުރެ ބައެއް ބޭފުޅުން ދަލީލު ނަންގަވައި ވިދާޅުވަނީ، ޤަޛުފުކުރިކަން ސާބިތުވެ ޙައްދު ޖަހާފައިވާ މީހާ ތައުބާ ވެއްޖެނަމަ، އޭނާގެ ހެކިބަސް ޤަބޫލު ކުރެވޭނެ ކަމުގައެވެ. ސަބަބަކީ، ﷲ ތަޢާލާ ތައުބާވާ މީހުން، ޤަޛުފުގެ ޙައްދު ޖެހިފައިވާ މީހުންގެ ހެކިބަސް ޤަބޫލު ނުކުރެއްވުމުގެ ތެރެއިން އިސްތިސްނާ ކުރައްވާފައި ވާތީއެވެ. ނަފީކުރުމަކުން އިސްތިސްނާ ކުރުމީ ސާބިތުކުރުމެކެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =