[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 42

44ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ مِنَ الاِسْتِثْنَاءِ جَائِزٌ

މި ޤަވާޢިދުގެ ތަރުޖަމާ: {އިސްތިޘްނާއަކުން އިސްތިޘްނާ ކުރުން ހުއްދަ}

މި ޤަވާޢިދުގެ މުރާދު: ގުޅިގެން އައިސްފައިވާ (ޙަޤީޤީ) އިސްތިޘްނާއެއް ކަމުގައި ވާނަމަ، އެ އިސްތިޘްނާއިން އިސްތިޘްނާ ކުރެވިދާނެއެވެ. އެއީ، އިސްތިޘްނާތަކުގެ އަދަދު ގިނަވެއްޖެ ހާލަތުގައެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އަދި މި މައްސަލައިގައި އިޖުމާޢުވެވިފައިވާ ކަމަށް ވެސް އެތަކެއް ބޭފުޅަކު ވިދާޅުވެފައި ވެއެވެ.

މިއާ ޚިލާފަށް، ބައެއް ބޭފުޅުން މި ގޮތަށް އިސްތިޘްނާ ކުރުން މަނާކުރައްވާ ކަމަށް އަލްޢިރާޤީ ނަޤުލުކުރައްވާފައިވެއެވެ. އަދި ބައެއް ފިޤުހުވެރިން، ޢަރަބިބަހުގެ ބައެއް އަހުލުވެރިންގެ ފަރާތްޕުޅުން އެ ބޭފުޅުން މި ގޮތަށް އިސްތިޘްނާ ކުރުން މަނާކުރައްވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ދެން ފަހެ، އިސްތިޘްނާގެ ދެ ބަޔެއް ވެއެވެ. އެއީ، ޙަޤީޤީ ބަޔަކާއި މަޖާޒީ ބަޔެކެވެ. މި ތަނުން ޙަޤީޤީ ބަޔަށް الاِسْتِثْنَاءُ الـمُتَّصِلُ (ގުޅިގެން އައިސްފައިވާ އިސްތިޘްނާ) އޭ ކިޔެއެވެ. އަދި މަޖާޒީ ބަޔަށް الاِسْتِثْنَاءُ الـمُنْفَصِلُ (މެދުކެނޑިގެން އައިސްފައިވާ އިސްތިޘްނާ) އޭ ކިޔެއެވެ. އަދި މި ތަނުން، ޙަޤީޤީ އިސްތިޘްނާއަކީ، އެއިން އިސްތިޘްނާ ކުރެވުނު އެތީގެ ބައެއްގެ ގޮތުގައި އިސްތިޘްނާ ކުރި އެތި އޮންނަ އިސްތިޘްނާއެވެ. އަދި މަޖާޒީ އިސްތިޘްނާއަކީ، އެއިން އިސްތިޘްނާ ކުރެވުނު އެތީގެ ބައެއްގެ ގޮތުގައި އިސްތިޘްނާ ކުރި އެތި ނޯންނަ އިސްތިޘްނާއެވެ.

އަދި ބައެއް ބޭފުޅުން، އިސްތިޘްނާގެ އަދަދު ގިނަގުނަވެފައި އޮންނަ ސިފަތައް މައިގަނޑު ދެ ސިފައެއްގެ ތެރެއަށް ލައްވާފައި ވެއެވެ.

  1. ފުރަތަމަ ސިފަ: ގުޅުވައިލުމުގެ ގޮތުން ބޭނުންކުރެވޭ ޙަރުފެއް ބޭނުން ކޮށްގެން، އިސްތިޘްނާތަކުގެ އަދަދު ގިނަކޮށްފައިވުމެވެ. މި ހާލަތުގައި، އެ ހުރިހާ އިސްތިޘްނާތަކެއް ވެސް އެންމެ ފުރަތަމަ އޮތް އިސްތިޘްނާއަށް ރުޖޫޢަ ވާނެ ކަމާ މެދު އެއްވެސް ޚިލާފެއް ނެތެވެ. މިސާލަކަށް، [له علي عشرة إلا واحدا وإلا اثنين] (އޭނާއަށް ދިނުމަށް އަހުރެންގެ މައްޗަށް ވަނީ ދިހަޔެއް، އެކެއް މެނުވީ، އަދި ދޭއް މެނުވީ) މިފަދައިން ބުނުމެވެ. އެހެންކަމުން، އޭގެ މުރާދަކަށް ވާނީ، އޭނާއަށް ދިނުމަށް އަހުރެންގެ މައްޗަށް އޮތީ ހަތެކޭ އެވެ.
  2. ދެވަނަ ސިފަ: ގުޅުވައިލުމުގެ ގޮތުން ބޭނުންކުރެވޭ ޙަރުފެއް ބޭނުން ނުކޮށް، އިސްތިޘްނާތައް ތަކުރާރުކޮށް އޭގެ އަދަދު ގިނަކޮށްފައިވުމެވެ. މީގެ ދަށަށް ހަތަރު ހާލަތެއް ވަދެއެވެ.
  • ފުރަތަމަ ހާލަތަކީ، އިސްތިޘްނާތައް އެ ތަނުން އެއް އިސްތިޘްނާގެ ތެރެއަށް ވަދެގެން ނުދިޔުމެވެ. ތަޙްޤީޤު ކޮށްލުމުން އެނގެނީ، މި ހާލަތުގައި ކޮންމެ އިސްތިޘްނާއަކީ ވެސް އޭގެ ކުރިން އޮތް އިސްތިޘްނާއަށް ރުޖޫޢަވާ އެއްޗެއް ކަމުގައެވެ. މިސާލަކަށް، [له علي عشرة إلا خمسة إلا أربعة إلا ثلاثة] (އޭނާއަށް ދިނުމަށް އަހުރެންގެ މައްޗަށް ވަނީ ދިހަޔެއް، ހަތަރެއް މެނުވީ، ތިނެއް މެނުވީ) މިފަދައިން ބުނުމެވެ. އެހެންކަމުން، އޭނާއަށް ދިނުމަށް ލާޒިމު ވާނީ ހަޔެކެވެ. ސަބަބަކީ، ހަތަރެއްގެ ތެރެއިން ތިނެއް ނުކުމެގެން ދިޔުމުން، ބާކީ އެކެއް އޮންނައިރު، ދެން އޮތް ފަހެއްގެ ތެރެއިން އެ އެކެއް ނުކުމެގެން ދިޔުމުން، ބާކީ ހަތަރެއް އޮންނައިރު، ދެން އޮތް ދިހަޔެއްގެ ތެރެއިން ހަތަރެއް ނުކުމެގެން ދިޔުމުން، ބާކީ އޮންނާނީ ހަޔެއް ކަމުގައި ވާތީއެވެ.
  • ދެވަނަ ހާލަތަކީ، ކޮންމެ އިސްތިޘްނާއެއް ވެސް އޭގެ ކުރިން އެއާ ޖެހިގެން އޮންނަ އިސްތިޘްނާގެ ތެރެއަށް ވަދެގެން ދިޔުމެވެ. މި ހާލަތުގައި އެ ހުރިހާ އިސްތިޘްނާއެއް ވެސް ބާޠިލު ވާނެއެވެ. މިސާލަކަށް، [له علي عشرة إلا عشرة إلا عشرة] (އޭނާއަށް ދިނުމަށް އަހުރެންގެ މައްޗަށް ވަނީ ދިހަޔެއް، ދިހަޔެއް މެނުވީ، ދިހަޔެއް މެނުވީ) މިފަދައިން ބުނުމެވެ. އެހެންކަމުން، އޭނާއަށް އެއްވެސް އެއްޗެއް ދޭކަށެއް ނުޖެހޭނެއެވެ.
  • ތިންވަނަ ހާލަތަކީ، ފުރަތަމަ އިސްތިޘްނާ ފިޔަވައި އެހެން އިސްތިޘްނާތަކަށް، އިސްތިޘްނާ ވަދެގެން ދިޔުމެވެ. މި ހާލަތުގައި ކޮންމެ އިސްތިޘްނާއެއް ވެސް އެއިން އިސްތިޘްނާ ކުރެވުނު ފުރަތަމަ އެއްޗަށް ރުޖޫޢަ ވާނެއެވެ. މި ކަމާ މެދު އެއްވެސް ޚިލާފެއް ނެތެވެ. މިސާލަކަށް، [له علي عشرة إلا اثنين إلا ثلاثة] (އޭނާއަށް ދިނުމަށް އަހުރެންގެ މައްޗަށް ވަނީ ދިހަޔެއް، ދޭއް މެނުވީ، ތިނެއް މެނުވީ) މިފަދައިން ބުނުމެވެ. އެހެންކަމުން، އޭނާއަށް ދޭންޖެހޭނީ ފަހެކެވެ. ސަބަބަކީ، ދޭއްގެ ތެރެއަށް ތިނެއް ވަދެގެންދާއިރު، ދޭކަށްވުރެ ތިނެއް ބޮޑުވުމުން، އެ ދޭތި ވެސް ދެން އޮތް ދިހަޔެއްގެ ތެރެއަށް ވަދެގެން ދާނެތީ، ބާކީ އޮންނާނީ ފަހެއް ކަމުގައި ވާނެތީއެވެ.
  • ހަތަރުވަނަ ހާލަތަކީ، އެއިން އިސްތިޘްނާ ކުރެވުނު ފުރަތަމަ އެތީގެ ތެރެއަށް ވަދެގެން ދިޔުމެވެ. މިސާލަކަށް، [له علي عشرة إلا عشرة إلا أربعة] (އޭނާއަށް ދިނުމަށް އަހުރެންގެ މައްޗަށް ވަނީ ދިހަޔެއް، ދިހަޔެއް މެނުވީ، ހަތަރެއް މެނުވީ) މިފަދައިން ބުނުމެވެ. އެހެންކަމުން، އޭގެ ތެރެއަށް ވަދެގެންދާ އެތި އެއަށް ތަބާވެ، ބާޠިލުވެގެން ދާނެ ކަމަށް ބުނެވިފައި ވެއެވެ. އޭގެ ސަބަބުން، ދޭންޖެހޭނީ ދިހަޔެކެވެ. އަދި ބުނެވޭ ގޮތުން، އޭގެ ފަހުން އައިސްފައިވާ ތަކެއްޗަށް ބަރޯސާވާނީއެވެ. އެހެންނަމަވެސް، އެ ތަކެއްޗަށް ބަރޯސާ ވާނޭ ގޮތާ މެދު ޚިލާފު އުފެދިފައި ވެއެވެ.

ކޮންމެއަކަސް، މި ޤަވާޢިދުގެ ގިނަ މިސާލުތައް ގުޅިފައިވަނީ، މުކައްލަފުން ބޭނުންކުރާ ލަފްޒުތައް މާނަކުރުމާއެވެ. ޝަރުޢީ ނައްޞުތަކުގައި މި ކަމާ ގުޅޭ މިސާލުތައް ނުހަނު މަދެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =