45ވަނަ ޤަވާޢިދު (ޖުމްލަ 189): الاِسْتِثْنَاءُ فِي مَعْنَى الشَّرْطِ
މި ޤަވާޢިދުގެ ތަރުޖަމާ: {އިސްތިޘްނާ އޮންނަނީ، ޝަރުޠުގެ މާނައިގައި}
މި ޤަވާޢިދުގެ މުރާދު: އިސްތިޘްނާއިން ދަލީލުކޮށްދޭ ކަންތައް އޮންނަނީ، ޝަރުޠުން ދަލީލުކޮށްދޭ ކަންތައް އޮންނަ ގޮތަށް އެއްވެސް ތަފާތެއް ނެތިއެވެ. އެހެންކަމުން، އިސްތިޘްނާގައި ޝަރުޠު ކުރުމުގެ މާނަ އެކުލެވެއެވެ. ލިބިފައިވާ ޙުކުމްތަކަށް ބަލާއިރު ވެސް އިސްތިޘްނާއާއި ޝަރުޠަށް ލިބިފައިވަނީ އެއް ބާވަތެއްގެ ޙުކުމްތަކެކެވެ.
މި ތަނުގައި އިސްތިޘްނާގެ މުރާދަކީ، ގުޅިގެން އައިސްފައިވާ އިސްތިޘްނާއެވެ. އަދި ޝަރުޠުގެ މުރާދަކީ، ޢަރަބިބަހުގެ ގޮތުން ޝަރުޠު (ލުޣަވީ ޝަރުޠު) އެވެ.
ދެން ފަހެ، އިސްތިޘްނާއާއި ޝަރުޠާ އެއްގޮތް ކަންކަމުގެ ތެރޭގައި:
- އެއިން ކޮންމެ އެއްޗެއް ވެސް ޢާއްމުކަން ޚާއްޞަކުރެއެވެ.
- އެއިން ކޮންމެ އެއްޗަކީ ވެސް އަމިއްލަ ޒާތުގައި މުސްތަޤިއްލުކޮށް ފައިދާ ލިއްބައިދޭ އެއްޗެއް ނޫނެވެ. އެއިން ކޮންމެ އެއްޗަކުން ވެސް އޭގެ މާނަ ލިއްބައިދިނުމަށްޓަކައި އިތުރު އެއްޗަކަށް ބޭނުންޖެހިގެން ވެއެވެ.
- އެއިން ކޮންމެ އެއްޗެއް ވެސް އެއާ ގުޅިފައިވާ އެއްޗާ ގުޅިގެން އައިސްފައި އޮންނަންވާނެއެވެ. އެގޮތުން، މުސްތަޘްނާ މިންހު (އެ އެއްޗަކުން އިސްތިޘްނާ ކުރެވޭ އެތި) އަށްވުރެ މުސްތަޘްނާ (އިސްތިޘްނާ ކުރާ އެތި) ފަސްވުން އަދި ލަސްވުން ހުއްދަވެގެން ނުވެއެވެ. ސަބަބަކީ، އެއީ ވާހަކައިގެ ބައިކުޅަބައެއް ކަމުގައި ވެފައި، އެއިން ވާހަކަ ފުރިހަމަކޮށްދޭއިރު، އެ ދޭތި ވަކިވެއްޖެނަމަ، ވާހަކަ ފުރިހަމަވީ ކަމަކަށް ނުވާނެތީއެވެ. އދި ޝަރުޠު ވެސް ހަމަ މި ފަދައިންނެވެ.
- ޖުމްލަތަކަކާ ޖެހިގެން އައިސްފައިވާނަމަ، އެ ދޭތި އެއްގޮތްވެގެންވެއެވެ. އެގޮތުން، އެ ހާލަތުގައި އެ ދޭތި ވެސް އެ ހުރިހާ ޖުމްލައަކަށް ރުޖޫޢަވެގެންވެއެވެ. މިއީ، ގިނަ ޢިލްމުވެރިންގެ ރައުޔުގެ މައްޗަށް ބިނާކޮށެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((الصلوات الخمس والجمعة إلى الجمعة كفارات لما بينهن ما اجتنبت الكبائر)) މާނައީ: [ފަރުޟު ފަސް ނަމާދު، އަދި އެއް ހުކުރު އަނެއް ހުކުރަށް، އެއީ އެ ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެވެ. ބޮޑެތި ފާފަތަކުން ދުރުވެގެންވާނަމައެވެ.] މި ޙަދީޘުގައި އެވާ (ما اجتنبت الكبائر) އަކީ، އިސްތިޘްނާއެކެވެ. އެ އިސްތިޘްނާގައި އިސްތިޘްނާ ކުރުމުގެ ގޮތުން ބޭނުންކުރެވޭ ލަފްޒެއް ނުވަތަ ޢިބާރާތެއް ބޭނުންކުރެވިފައެއް ނުވެއެވެ. ވަރަށް ގިނަ ޢިލްމުވެރިން އޭގެ މާނަ ނަންގަވަނީ، ޝަރުޠުކުރުމުގެ މާނައިގައެވެ. މާނައަކީ، ފާފަތައް ފުހެވިގެން ދިޔުމަށްޓަކައި ބޮޑެތި ފާފަތަކުން ދުރުހެލިވުމީ ޝަރުޠެއް ކަމުގައި އެ ބޭފުޅުން ދެކިވަޑައިގަންނަވަތެވެ. އަދި މިއީ، ޙަދީޘުގެ ބޭރުފުށުން ފެންނަން އޮތް ގޮތް ވެސް މެއެވެ. އަދި ބައެއް ޢިލްމުވެރިންގެ ނަޒަރުގައި، މި ޙަދީޘުގައި އެވާ ޝަރުޠު އެ އޮތީ އިސްތިޘްނާގެ މާނައިގައެވެ. އެހެންކަމުން، އެ ބޭފުޅުންގެ ނަޒަރުގައި، ފާފަތައް ފުހެވުމަށްޓަކައި ބޮޑެތި ފާފަތަކުން ދުރުހެލިވެފައިވުން ލާޒިމެއް ނޫނެވެ. އެހެނީ، އެ ބޭފުޅުންގެ ނަޒަރުގައި، މި ޙަދީޘުގައި އެ ވަނީ، [އެ ދެމެދުގައި ކުރެވޭ ބޮޑެތި ފާފަތައް ފިޔަވައި، އެހެނިހެން ފާފަތަކުގެ ކައްފާރާއެއް] ކަމުގައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =