ދީލަތިކަމަކީ ޢާލަމުތަކުގެ ވެރިރައްބުގެ ޞިފަފުޅެކެވެ. އަޅާގެ ޤަޞްދުރަނގަޅުވެއްޖެނަމަ، ޢަމަލުކުރުމުގެ ސަބަބުތައް އޭނާއަށް ފަހިނުވެއްޖެނަމަ ޙާލަތެއްގައި ފަހެ އޭނާއަށް އެކަމުގެ އަޖުރުލިބިގެންދެއެވެ. އެއީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ފަޟްލުވަންތަކަމުންނެވެ. ޖާބިރު ބުން ޢަބްދުﷲ رضي الله عنه ވިދާޅުވިއެެވެ.
((إِنَّ بِالْمَدِينَةِ لَرِجَالًا مَا سِرْتُمْ مَسِيرًا، وَلَا قَطَعْتُمْ وَادِيًا، إِلَّا كَانُوا مَعَكُمْ، حَبَسَهُمُ الْمَرَضُ)) [رواه مسلم]
މާނައީ: “ހަމަކަށަވަރުން މަދީނާގައި ބަޔަކުވެއެވެ. ތިޔަބައިމީހުން ކުރާ ކޮންމެ ދަތުރެއްގައި އަދި ހުރަސްކޮށްފައިވާ ކޮންމެ ވާދީއެއްގައި އެބައިމީހުން ތިޔަބައިމީހުންނާއެކުގައި (އަޖުރުގައި) ވެއެވެ. އެބައިމީހުން (މަދީނާގައި) ބަންދުވީ ބަލިމަޑުކަމުގެ ސަބަބުންނެވެ.”
އަދި އެހެން ރިވާޔަތެއްގައިވެއެވެ.
((إِلَّا شَرِكُوكُمْ فِي الْأَجْرِ)) [رواه مسلم]
މާނައީ: “އަޖުރުގައި އެބައިމީހުން ތިޔަބައިމީހުންނާ ބައިވެރިވެއެވެ.”
އަދި އަނަސްގެފާނުގެ އަރިހުން އިމާމް ބުޚާރީ ރިވާކުރެއްވިއެވެ.
((إِنَّ أَقْوَامًا بِالْمَدِينَةِ خَلْفَنَا، مَا سَلَكْنَا شِعْبًا وَلاَ وَادِيًا إِلَّا وَهُمْ مَعَنَا فِيهِ، حَبَسَهُمُ العُذْرُ)) [رواه البخاري]
މާނައީ: “ހަމަކަށަވަރުން އަހަރުމެންގެ ފަހަތުގައި މަދީނާގައި ބަޔަކުވެއެވެ. އަހަރުމެން ވާދީއަކުންވިޔަސް އަދި ފަރުބަދަތަކުގެ ތެރެއިންވިޔަސް ދަތުރުކޮށްފައި ދާއިރު އެބައިމީހުން އަހަރުމެންނާއެކުގައިވެއެވެ. އެބައިމީހުން (މަދީނާގައި) ބަންދުވީ ޢުޛުރެއްގެ ސަބަބުންނެވެ.”
އަދި އެމީހެއްގެ އަތުގައި އެއްވެސް މުދަލެއް ނެތްއިރުވެސް ޞަދަޤާތްކުރުމަށް ނިޔަތްގަތް “ތިމަންއަތުގައި މުދާހުރިނަމަ މިވެނި މީހެއްކުރާ ފަދައިން ޢަމަލުކުރާނަން” މިފަދައިން ބުނި މީހަކާމެދު ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((فَهُوَ بِنِيَّتِهِ فَأَجْرُهُمَا سَوَاءٌ)) [رواه الترمذي، وقال حديث حسن صحيح]
މާނައީ: “ފަހެ އޭނާގެ އެނިޔަތުގެ ސަބަބުން އެދެމީހުން އަޖުރުގައި ހަމަހަމައެވެ.”
ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އިބްނު ޢައްބާސް رضي الله عنها ރިވާކުރެއްވިއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން (ނަބިއްޔާ صلى الله عليه وسلم) ރިވާކުރެއްވިއެވެ.
((إِنَّ اللهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ، فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا، كَتَبَهَا اللهُ عِنْدَهُ حَسَنَةً كَامِلَةً، وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللهُ عَزَّ وَجَلَّ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ))
މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ ހެޔޮޢަމަލުތަކާއި ނުބައި ޢަމަލުތައް ލިޔުއްވިއެވެ. ދެން އެއަށްފަހު އެއިލާހު އެކަން ބަޔާންކުރެއްވިއެވެ. ފަހެ، ހެޔޮކަމެއްކުރުމަށް ޢަޒުމުކަނޑައަޅައި އެކަންނުކޮށްފި މީހަކަށް، ﷲ އެއިލާހުގެ ޙަޟްރަތުގައި ފުރިހަމަ ހެޔޮޢަމަލެއްގެ ގޮތުގައި ލިޔުއްވައެވެ. އަދި އެކަންކުރުމަށް ޢަޒުމުކަނޑައަޅައި އެކަންކޮށްފިނަމަ، ﷲ ޢައްޒަ ވަޖައްލަ އެއިލާހުގެ ޙަޟްރަތުގައި ދިހަ ހެޔޮކަމުން ފެށިގެން ހަތް ސަތޭކަ ގުނައަށާއި އެއަށްވުރެ އިތުރަށްވެސް އެކަން ލިޔުއްވައެވެ.”
ފަހެ މުސްލިމު އަޅާ އޭނާކުރާ ކޮންމެ ހެޔޮކަމެއްވެސް ކުރަންވާނީ ރަނގަޅު ނިޔަތެއްގައެވެ.
ޢުމަރު ބުން އަލްޚައްޠާބު ވިދާޅުވިއެވެ.
“އެންމެ މޮޅުއިތުރުވެގެންވާ ޢަމަލަކީ ﷲ ތަޢާލާގެ ޙަޟުރަތުގައިވާ އެއްޗަކާމެދު ތެދުވެރި ނިޔަތެއް ގެންގުޅުމެވެ.”
އެމީހެއްގެ ޢަމަލުތައް ފުރިހަމަވުމަށް ލޯބިކުރާމީހާ ދަންނައެވެ. ފަހެ އޭނާގެ ނިޔަތް ރަނގަޅުކުރާށެވެ. ފަހެ އަޅާގެ ނިޔަތް ރަނގަޅުވެއްޖެނަމަ ﷲ ތަޢާލާ އޭނާއަށް އެކަމުގެ އަޖުރުދެއްވާނެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((وَلَسْتَ تُنْفِقُ نَفَقَةً تَبْتَغِي بِهَا وَجْهَ اللهِ، إِلَّا أُجِرْتَ بِهَا، حَتَّى اللُّقْمَةُ تَجْعَلُهَا فِي فِي امْرَأَتِكَ)) [متفق عليه]
މާނައީ:” ﷲގެ ވަޖުހުފުޅު އަދައިގެން ތިބާ ކުރާ ކޮންމެ ހޭދައަކަށްމެ ތިބާއަށް އަޖުރުނުލިބި ނުދާނެއެވެ. ތިބާއަށް އަޖުރު އެއީ ތިބާގެ އަނބިމީހާގެ އަނގައަށް ލަވައިދޭ ސުވާއަށްވެސްމެއެެވެ.”
ޒުބައިދު އަލްޔަމާމީ ވިދާޅުވިއެވެ.
“ކޮންމެކަމެއްކުރާއިރުވެސް ރަނގަޅުނިޔަތެއްގައި އެކަންކުރާށެވެ. އެއީ ކުނިކަހަން ނުކުތްކަމުގައިވިޔަސްމެއެވެ.”
އަދި ދާވޫދު އައްޠާއީ ވިދާޅުވިއެވެ.
“ހުރިހާ ހެޔޮކަމެއް ޖަމާކޮށްފައިވާކަމަކީ ރަނގަޅު ނިޔަތެވެ.”
އެގޮތުން ކޮންމެ ހެޔޮ ޢަމަލެއްކުރާއިރުވެސް ރަނގަޅު ނިޔަތެއް ގެންގުޅުމަށް ސަލަފުންގެ ބޭކަލުން ބާރުއަޅުއްވައެވެ.
ޔަޙްޔާ ބުން ކަޘީރު ވިދާޅުވިއެވެ.
“ނިޔަތް ދެނެގަންނާށެވެ. ފަހެ އެއީ ޢަމަލަށްވުރެވެސް (މާދުރަށް) ވާސިލުވާ އެއްޗެކެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.