ޙަދީޘަކީ ކޮބާ؟
ޙަދީޘަކީ ރަސޫލު الله صلى الله عليه وسلم ގެ ބަސްފުޅުތަކާއި އަދި އެކަލޭގެފާނު ޢަމަލުފުޅުތަކާއި ، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ޞަޙާބީން ކަމެއް ކުރެއްވުމުން ނުވަތަ ބަހެއް ވިދާޅުވުމުން އެކަލޭގެފާނު އިންކާރު ނުކުރަށްވާ ކަންތަކާއި، އެކަލޭގެފާނުގެ ސިފަފުޅުތަކާއި އަދި އެކަލޭގެފާނުގެ އަޚްލާޤެވެ. އަދި މިޔަށް ސުންނަތޭވެސް ކިޔައެވެ.
އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ޞަޙާބީން ކަމެއް ކުރެއްވުމުން ނުވަތަ ބަހެއް ވިދާޅުވުމުން އެކަމާ އެކަލޭގެފާނު އިންކާރު ނުކުރެއްވި ކަންތައްތަކުގެ ތެރޭގައި މާތް ﷲ ރުއްސުންލެއްވި ޚާލިދުބުން ވަލީދު އެކަލޭގެފާނު އިންނެވި މަޖިލީހެއްގައި ޟައްބުގެމަސް ކެއުމުން އެކަމާއި އިންކާރު ނުކުރެއްވުން ހިމެނެއެވެ.
އެކަލޭގެފާނުގެ ސިފަފުޅުތަކުގެ މިސާލަކީ އެކަލޭގެފާނުގެ ތުނބުޅިފުޅުގެކުލަ ކަޅުކަން ގަދަވެފައި އަދި މޫނުފުޅުގެ ކުލަ އަލިވެފައި ވުމެވެ.
އަދި އެކަލޭގެފާނުގެ އަޚްލާޤުގެ މިސާލަކީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ދީލަތްތެރިކަމާއި އަދި ހިއްވަރުގަދަކަމެވެ.
ޙަދީޘް ޢިލްމު އުގެނުމުގެ ބައެއް ފައިދާ:
- ރަސޫލު الله صلى الله عليه وسلم ގެ ބަސްފުޅުތަކާއި އަދި އެކަލޭގެފާނުގެ އަމަލުފުޅުން ކުރެއްވި ކަންތައްތަކުގައި އެކަލޭގެފާނަށް ތަބާވުން.
- އެކަލޭގެފާނުގެ ސުންނަތުން ޝަރުއީ ޙުކުމްތައް ނެރުމަށް ކުޅަދާނަކަންލިބުން.
- ސާފުސީދާ ޢަރަބިބަސް ކިޔެވުމާއި އުގެނުމަށް ކުޅަދާނަކަންލިބުން.
- އެކަލޭގެފާނުގެ ޖަވާމިއުލްކަލިމަތަކުގެ މަޢުލޫމާތުލިބުން.( ޖަވާމިއުލް ކަލިމަތަކަކީ މަދު ކަލިމަތަކަކުން ފުންމާނަ ދޭހަވާ ބަސްތަކެކެވެ).
އިސްލާމްދީނުގައި ސުންނަތުގެ މަޤާމު:
އިސްލާމީ ޝަރީއަތުގެ ޙުކުމްތައް ނެގުމަށްޓަކާ އެންމެ ފުރަތަމަ ރުޖޫއަވާންޖެހޭ މަޞްދަރަކީ ކީރިތިޤުރުއާނެވެ. އަދި މިގޮތުން ދެވަނަޔަށް ރުޖޫއަވާންޖެހޭ މަޞްދަރަކީ ރަސުލު الله صلى الله عليه وسلم ގެ ސުންނަތެވެ. ކީރިތިޤުރުއާން ތަފްސީރުކޮށް ބަޔާންކޮށްދެނީ އެކަލޭގެފާނުގެ ސުންނަތެވެ. ﷲ ތަޢާލާ ކީރިތިޤުތުއާނުގެ النحل ސޫރަތުގެ 44 ވަނަ އާޔަތުގައި ވަޙީކުރަށްވަނީ މިފަދައިންނެވެ.
{ وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ… } މާނައީ : “އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް އެ قرآن ބާވައިލެއްވީ، އެބައިމީހުންނަށް ބާވައިލެއްވުނު ތަކެތި، މީސްތަކުންނަށް ބަޔާންކޮށްދެށްވުމަށްޓަކައެވެ.”
އަދިހަމަކަށަވަރުން ރަސޫލު ﷲ ޞައްލަﷲ ޢަލއިހިވަސައްލަމައަށް ތަބަޢަވުމަށް އަމުރުކުރަށްވައި، ﷲ ވަޙީކުރަށްވަނީ މިފަދައިންނެވެ. {وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا…} (الحشر : 7) މާނައީ: “އަދި ރަސޫލާ ތިޔަބައިމީހުނަށް ގެނެސްދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުނަށް ނަހީކުރެއްވި ކޮންމެކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެގަންނާށެވެ.” އަދިވެސް އެކަލާނގެ ވަޙީކުރަށްވާފައި ވެއެވެ. {مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ…} (النساء : 80) މާނައީ: “އަދި ރަސޫލާޔަށް ކިޔަމަންގަނެފިމީހާ ހަމަކަށަވަރުން ﷲ އަށް ކިޔަމަންވެއްޖެއެވެ.”
މުސްލިމުން ރަސޫލު الله صلى الله عليه وسلم ގެ ސުންނަތަށް ރަށްކާތެރިވިގޮތް:
ހަމަކަށަވަރުން އަޞްޙާބުބޭކަލުން، އެކަލޭގެފާނު ބަޔާންކޮށްދެއްވި ހުރިހާކަމަކަށް ރައްކާތެރިވެވަޑައިގެން އޭގެފަހުން އައި ތާބިޢީ ބޭކަލުންނަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ފޯރުކޮށްދެއްވިއެވެ. އަދި ހަމައެފަދައިން ތާބިޢީބޭކަލުންވެސް، އެބޭކަލުންގެ ފަހުންއައި ޖީލަށް އެކަލޭގެފާނުގެ ސުންނަތް ފޯރުކޮށްދެއްވިއެވެ. އަދި މިގޮތަށް ސުންނަތް ނަގުލުކުރެވެމުން އައިސް ޙަދީޘް ޢިލްމުގެ އިމާމުވެރިބޭކަލުން އެތަކެތިނެރެ ޖަމަޢަކޮށް ފޮތްތަކެއްގެ ސިފައިގައި އެކުލަވާލެއްވިއެވެ.