[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 44

46ވަނަ ޤަވާޢިދު (ޖުމްލަ 189): الشَّرْطُ يُـخَصِّصُ العُمُومَ

މި ޤަވާޢިދުގެ ތަރުޖަމާ: {ޝަރުޠު، ޢާއްމުކަން ޚާއްޞަ ކުރޭ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞެއްގައި ޢާއްމު ޞީޣާތަކުންކުރެ ޞީޣާއެއް ވާރިދުވެފައި، އެ ޞީޣާއާ ލުޣަވީ ޝަރުޠެއް ގުޅި، އެ ޢާއްމުކަމުން ލިއްބައިދޭ ޙުކުމް އެ ޝަރުޠުން ޝަރުޠުކުރެވިފައިވާނަމަ، އެ ޝަރުޠަކީ އެ ޢާއްމުކަން ޚާއްޞަކުރާނޭ އެއްޗެއް ކަމުގައި ވާނެތެވެ. މިސާލަކަށް، [أكرِم جميعَ الطلاب إن نجحوا في الاِختبار] (ހުރިހާ ދަރިވަރުންގެ (މަސައްކަތް) ފާހަގަކޮށް ކަމޭހިތާށޭ، (އެއީ) އެ ކުދިން އިމްތިޙާނުން ފާސް ވެއްޖެނަމައޭ) ބުނުމެވެ. މި ތަނުގައި އެވާ ޝަރުޠުން، ފާސް ނުވާ ހާލަތް އެ ވަނީ ބޭރުކޮށްލާފައެވެ. އެ ޝަރުޠު ނެތްނަމަހީ، ދަރިވަރުންގެ މަސައްކަތް ފާހަގަކޮށް ކަމޭހިތުން ހުރިހާ ހާލަތަކަށް ވެސް ޢާއްމުވީހެވެ. އެހެންކަމުން، އެ ޝަރުޠު ވާހުށީ، އެ ޢާއްމުކަން ޚާއްޞަކުރާ އެއްޗެއް ކަމުގައެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، ޝަރުޠުން ޚާއްޞައެއް ނުކުރެވޭނެއެވެ. އެ ގޮތަށް އެ ބޭފުޅުން ދެކިވަޑައިގެންނެވީ، މަފްހޫމުލްމުޚާލަފާއަށް އެ ބޭފުޅުން އިންކާރު ކުރައްވާ އިންކާރު ކުރެއްވުމުގެ މައްޗަށް ބިނާކޮށެވެ. މިއާ އެކުގައި ވެސް، ޙުކުމަށް ޝަރުޠުން އަސަރުކުރުމާ މެދު، އެބަހީ: ޝަރުޠެއް ކުރިމަތިކުރެވިފައިވާ ޙުކުމެއް ސާބިތު ވާނީ އެ ޝަރުޠު ސާބިތުވެގެން ކަމާ މެދު، އެ ބޭފުޅުން އިންކާރެއް ނުކުރައްވަތެވެ. އެ ބޭފުޅުން އެއަށް ދެއްވާފައިވަނީ [ޤަޞްރު] ގެ ނަމެވެ.

ދެން ފަހެ، ޝަރުޠު ވަންނަނީ، ޚާއްޞަކުރާ އެއްޗެހި ބެހޭ ދެ ބައިގެ ތެރެއިން، ގުޅިގެން އައިސްފައިވާ ޚާއްޞަކުރާ އެއްޗެހި ހިމެނޭ ބަޔަށެވެ. އަދި މި ތަނުގައި ޝަރުޠުގެ މުރާދަކީ، ޢަރަބިބަހުގެ ގޮތުން (ލުޣަވީ) ޝަރުޠެވެ.

އަދި ޢާއްމުކަން ޚާއްޞަކުރުމުގެ ގޮތުން ބޭނުންކުރެވޭ ޝަރުޠުގެ ޢިބާރާތްތަކުގެ ތެރޭގައި، إِنْ އާއި إِذَا އާއި مَتَى އާއި لَوْ އާއި إِذْ مَا އާއި حَيْثُـمَا އަދި أَيْنَمَا ހިމެނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلَكُمْ نِصْفُ مَا تَرَكَ أَزْوَاجُكُمْ إِنْ لَمْ يَكُنْ لَهُنَّ وَلَدٌ) (ސޫރަތުއްނިސާ: 12 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުންގެ އަނބިން ދޫކުޅަ މުދަލެއްގެ ދެބައިކުޅަ އެއްބައި ތިޔަބައިމީހުންނަށެވެ. އެއީ، އެކަނބަލުންނަށް ދަރިޔަކު ނުވާނަމައެވެ.] މި އާޔަތުން އެނގެނީ، އަނބިމީހާ ދޫކޮށްފައިދާ ތަރިކައިން ފިރިމީހާއަށް ދެ ބައިކުޅަ އެއްބައި ޙައްޤުވުން ހަނިކޮށްލާ ޝަރުޠެކެވެ. މި ޝަރުޠު ނުވީނަމަ، ހުރިހާ ހާލަތެއްގައި ވެސް ފިރިމީހާއަށް އަނބިމީހާގެ ތަރިކައިން ދެ ބައިކުޅަ އެއްބައި ލިބުން ޙައްޤުވީހެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =