48ވަނަ ޤަވާޢިދު (ޖުމްލަ 189): الصِّفَةُ تُخَصِّصُ العُمُومَ
މި ޤަވާޢިދުގެ ތަރުޖަމާ: {ސިފަ، ޢާއްމުކަން ޚާއްޞަ ކުރޭ}
މި ޤަވާޢިދުގެ މުރާދު: ޤުރުއާނުގެ ނުވަތަ ސުންނަތުގެ ނައްޞެއްގައި ޢާއްމު ލަފްޒެއް ވާރިދުވެފައި، އެއާ ޖެހިގެން އެ ޢާއްމު ލަފްޒުގެ ޢާއްމުކަން ޤައިދުކޮށް ހަނިކުރާ ސިފައެއް އަތުވެއްޖެނަމަ، އެ ސިފައަކީ އެ ލަފްޒުގެ ޢާއްމުކަން ޚާއްޞަ ކުރާނޭ އެއްޗެކެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، މަފްހޫމުލްމުޚާލަފާއަށް އިންކާރުކުރައްވާ ޙަނަފީންގެ އަރިހުގައި، ސިފައިން ޚާއްޞަކުރުމޭ ކިޔޭ އެއްޗެއް ނޯވެއެވެ. މި ނުކުތާގެ ތަފްސީލު [ޝަރުޠު، ޢާއްމުކަން ޚާއްޞަ ކުރުމާ] ގުޅޭ އިސްވެދިޔަ ޤަވާޢިދުގައި ވާނީ ބަޔާންކުރެވިފައެވެ.
ދެން ފަހެ، އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި [ސިފަ]އަކީ، އެހެން ލަފްޒެއްގެ މިންވަރު ކަނޑައަޅައިދީ، އެ ލަފްޒެއް ފެތުރިފައިވާ މިންވަރު މަދުކޮށްދޭ ހަނިކުރުމެކެވެ. ނަޙޫ ޢިލްމުވެރިންގެ އަރިހުގައި އޮންނަ [ނަޢުތު]އަށްވުރެ މި ތަނުގައި މިވާ [ސިފަ]އިގެ ޢާއްމުކަން މާ ބޮޑެވެ. އެހެނީ، މި ތަނުގައި މިވާ [ސިފަ]އިގެ ތެރެއަށް، النَعْتُ އާއި الـحَالُ އާއި الإِضَافَة އާއި الظَرْفُ އާއި الـجَـارُ އާއި الـمَجْرُورُ އާއި التَّمْيِـيْزُ އާއި وعَطْفُ البَيَانِ އަދި بَدَلُ البَعْضِ مِنَ الكُلِّ ފަދަ ސިފައިގެ މާނައިގައި އަންނަ އެތަކެއް ވައްތަރެއް ވަދެއެވެ. މުފްރަދެއް ކަމުގައި ވިޔަސް ނުވަތަ ޖުމްލައެއް ކަމުގައި ވިޔަސް ނުވަތަ ޝިބުހު ޖުމްލައެއް ކަމުގައި ވިޔަސް މެއެވެ.
ކޮންމެއަކަސް، ސިފައިން ޚާއްޞަކުރުމަށް އަސާސީ ދެ ޝަރުޠެއް ފުރިހަމަވާންޖެހެއެވެ.
ފުރަތަމަ ޝަރުޠު: ސިފަ، ސިފަކުރެވޭ އެއްޗާ ގުޅިފައިވުމެވެ. ސިފައިގައި ކަންތައް އޮންނާނީ އިސްތިޘްނާގައި ވެސް ކަންތައް އޮންނަ ބީދައިންނެވެ. އެހެންކަމުން، ސިފައާއި ސިފަކުރެވޭ އެއްޗާ ދެމެދު ޒަމާނުގެ ގޮތުން މެދުކެނޑުމެއް އޮތުން ޞައްޙަވެގެން ނުވެއެވެ.
ދެވަނަ ޝަރުޠު: ސިފަ އައިސްފައިވަނީ ޝަރުޢީ ޙުކުމެއް ބަޔާންކުރުމުގެ ގޮތުން ކަމުގައި ވުމެވެ. ނިޢުމަތްދެއްވިކަމަށް ބަޔާންކުރުންފަދަ ނުވަތަ ހާލަތު ކަށަވަރުކޮށްދިނުންފަދަ ނުވަތަ ތަޢުރީފުކުރުމާއި ބަދުބަސްބުނުންފަދަ ނުވަތަ ކުރުމަށް ބާރުއެޅުމާއި ކުރުމާ ދުރުހެލިކުރުންފަދަ ޚާއްޞަކުރުމުގެ މާނަ ލިއްބައިނުދޭ އެހެން ބޭނުމެއްގައި ކަމަށް ނުވުމެވެ.
މި ޤަވާޢިދުގެ މިސާލަކީ، ފިރިހެނާއަށް ކައިވެނި ޙަރާމް އަންހެނުން ބަޔާންކުރައްވާފައިވާ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُمْ مِنْ نِسَائِكُمُ اللَّاتِي دَخَلْتُمْ بِهِنَّ) (ސޫރަތުއްނިސާ: 23 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތިޔަބައިމީހުން އެ ކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ އަނބިންގެ ފަރާތުން އައިސް ތިޔަބައިމީހުންގެ އުނގުގައިވާ، (އެބަހީ: ބެލުމުގެ ދަށުގައިވާ) ތިޔަބައިމީހުންގެ ދޮންދަރިންނާއި…] މި އާޔަތުގައި އެވާ [اللَّاتِي دَخَلْتُمْ بِهِنَّ] (ތިޔަބައިމީހުން އެ ކަނބަލުންގެ ގާތުގައި ރޭކޮށްފައިވާ) އަކީ ސިފައެކެވެ. އެ ސިފައިން ލާޒިމު ކުރަނީ [نِسَائِكُمُ] (ތިޔަބައިމީހުންގެ އަނބިންގެ) ޢާއްމުކަން ހަނިކުރުމަށެވެ. އެހެންކަމުން، އެ އާޔަތުގެ މާނައަކަށް ވާނީ، ﷲ ތަޢާލާ، ފިރިމީހާގެ މައްޗަށް، އޭނާގެ އަނބިމީހާއަށް އެހެން ފިރިހެނެއްގެ ފަރާތުން ލިބިފައިވާ އަންހެން ދަރިއަކާ ކައިވެނިކުރުން ޙަރާމް ކުރެއްވިއެވެ. އެއީ، އޭނާ އޭނާގެ އަނބިމީހާއާ ކައިވެނިކޮށް، އެ އަންހެނާއާއެކު ޢަމަލީ ގޮތުން އެކަހެރިވެއްޖެނަމައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =