49ވަނަ ޤަވާޢިދު (ޖުމްލަ 189): تَخْصِيصُ الكِتَابِ بِالكِتَابِ جَائِزٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ޤުރުއާނުން ޤުރުއާން ޚާއްޞަ ކުރުން ހުއްދަ}
މި ޤަވާޢިދުގެ މުރާދު: ކީރިތި ޤުރުއާނުގައި ލަފްޒުތައް ޢާއްމު އާޔަތެއް އައިސްފައި، ދެން އެހެން އާޔަތެއް އައިސް، އެ ޢާއްމު އާޔަތުގައި ހިމެނޭ ބައެއް އަފުރާދުން އެއިން ނެރެލައި، އެ ޢާއްމު އާޔަތުގައި ނުވާ އެހެން ޙުކުމެއް އެ ނެރެލި ބަޔަށް ވާކަމަށް ބަޔާންކޮށްފިނަމަ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި، އެ ޚާއްޞަ އާޔަތް، އެ ޢާއްމު އާޔަތުގައިވާ ޢާއްމުކަން ޚާއްޞަ ކުރާނެތެވެ. އެގޮތުގެ މަތިން، ޤުރުއާނުން ޤުރުއާން ޚާއްޞަ ކުރުން އެ ބޭފުޅުންގެ އަރިހުގައި ހުއްދަވެގެން ވެއެވެ.
އަދި ޚާއްޞަ އާޔަތުން، ޢާއްމު އާޔަތް މުޠުލަޤުކޮށް (ހުރިހާ ހާލަތެއްގައި ވެސް) ޚާއްޞަ ކުރާނެއެވެ. އެ ޢާއްމު އާޔަތަށްވުރެ، އެ ޚާއްޞަ އާޔަތް އިސްވެފައި ވިޔަސް ނުވަތަ ފަސްވެފައި ވިޔަސް ނުވަތަ ގުޅިގެން އައިސްފައި ވިޔަސް މެއެވެ.
މިއާ ޚިލާފަށް، ޙަނަފީންގެ އަރިހުގައި، ޚާއްޞަ އާޔަތުން ޚާއްޞަ ކުރާނީ، ޢާއްމު އާޔަތަށްވުރެ އެ ޚާއްޞަ އާޔަތް ފަސްވެފައި، އަދި އެ ދެ އާޔަތް ގުޅިގެން އައިސްފައި ވާނަމައެވެ. އެހެންނޫނީ، އެ ޢާއްމު އާޔަތް ވާހުށީ ނާސިޚަކަށް ނުވަތަ މަންސޫޚަކަށެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنفُسِهِنَّ ثَلاَثَةَ قُرُوَءٍ) (ސޫރަތުލްބަޤަރާ: 228 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި، ވަރިކޮށްފައިވާ އަންހެނުން، އެ ކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން قُرْءُ ވަންދެން އިންތިޒާރު ކުރާހުށިކަމެވެ!] މި އާޔަތަކީ، ޢާއްމު ނައްޞުތަކުގެ ތެރޭގައި ހިމެނޭ ނައްޞެކެވެ. މި އާޔަތުގައި ބަޔާންވެފައި އެ ވަނީ، ފިރިމީހާ ވަރިކޮށްފައިވާ އަންހެނާގެ ޢިއްދައަކީ، ތިން ޤުރްއު (ޤުރްއުއަކީ ޠާހިރުކަމުގެ ދުވަސްވަރުތޯ ނުވަތަ ޙައިޟުގެ ދުވަސްވަރުތޯ ކަނޑައެޅުމުގައި ފިޤުހުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވޭ) ކަމުގައެވެ. އެހެންކަމުން، ވަރިކުރެވިފައިވާ ހުރިހާ އަންހެނުން އެ އާޔަތުގެ ޢާއްމުކަމުގެ ތެރެއަށް ވަދެގެންދެއެވެ. އަދި އެ އާޔަތުގައި ވަރިކުރެވިފައިވާ އަންހެނުންގެ ވައްތަރުތައް ތަފާތުކޮށް ވަކިކުރެވިފައެއް ވެސް ނުވެއެވެ. އެހެންނަމަވެސް، އެ އާޔަތް، އަންނަނިވި ﷲ ތަޢާލާގެ ވަޙީބަސްފުޅުން ޚާއްޞަ ކުރެވިފައިވެއެވެ. (وَأُوْلاتُ الأَحْمَالِ أَجَلُهُنَّ أَن يَضَعْنَ حَمْلَهُنَّ) (ސޫރަތުއްޠަލާޤު: 4 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި މާބަނޑު އަންހެނުންގެ ޢިއްދައަކީ، އެ ކަނބަލުން ބަނޑުގައިވާ ދަރި ވިހެއުމެވެ.] އެހެނީ، މި އާޔަތުގައި ބަޔާންވެފައި އެ ވަނީ، ވަރިކުރެވިފައިވާ އަންހެނާ ބަނޑުބޮޑުނަމަ ޢިއްދައިގެ ކަންތައް އޮންނާނެ ގޮތުގެ ވާހަކައެވެ. އަދި މިއީ، ވަރިކުރެވިފައިވާ އަންހެނާގެ ވައްތަރުތަކުގެ ތެރެއިން ވަކި ޚާއްޞަ ވައްތަރެކެވެ. އެގޮތުން، އާޔަތުގައި ބަޔާންވެފައި އެ ވަނީ މި ހާލަތުގައި އެ އަންހެނާގެ ޢިއްދައިގެ މިންވަރު ބަލާނީ ވިހާ ދުވަހަށް ބިނާކޮށް ކަމުގައެވެ. ޤުރޫއަށް ބިނާކޮށް ނޫން ކަމުގައެވެ. އެހެންކަމުން، ވަރިކުރެވިފައިވާ އަންހެނުންގެ ތެރެއިން، މާބަނޑު އަންހެނުންގެ ޢިއްދައަކީ، ވިހެއުމެވެ. ވިހެއުމުގެ ކުރިން ތިން ޤުރޫ ހަމަވިޔަސް ނުވަތަ ނުވިޔަސް މެއެވެ. އެހެންކަމުން، ފަހުން މި ބަޔާންކުރެވުނު އާޔަތުގައި އެ ވަނީ، ފުރަތަމަ އާޔަތުގައި އެވާ ޢާއްމުކަން ޚާއްޞަ ކުރެވިފައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =