50ވަނަ ޤަވާޢިދު (ޖުމްލަ 189): القُرْآنُ يُـخَصِّصُ السُّنـَّةَ
މި ޤަވާޢިދުގެ ތަރުޖަމާ: {ޤުރުއާނުން ސުންނަތް ޚާއްޞަ ކުރޭ}
މި ޤަވާޢިދުގެ މުރާދު: ސުންނަތުގައިވާ ޢާއްމު ޙަދީޘެއް، ޤުރުއާނުގެ އާޔަތަކުން ޚާއްޞަ ކުރެވިދާނެއެވެ. އެގޮތުން، ސުންނަތުގެ ތެރޭގައި ހިމެނޭ ޤަޠުޢީ ކަންކަމާއި ޡައްނީ ކަންކަން ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން، މުތަވާތިރުކޮށާއި މަޝްހޫރުކޮށާއި އާޙާދުކޮށް ސާބިތުވާ ސުންނަތްތައް ވެސް ޤުރުއާނުގެ އާޔަތަކުން ޚާއްޞަ ކުރެވިދާނެއެވެ.
ދެން ފަހެ، މި ޤަވާޢިދުގެ ވާހަކަ ވަރަށް ގިނަ އުޞޫލީ ޢިލްމުވެރިން ބަޔާންކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ބައެއް އުޞޫލީ ޢިލްމުވެރިން މި ޤަވާޢިދު ސަމާލުކަމަށް ގެންނަވައި، މި ޤަވާޢިދުގައި އެ ވަނީ، ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި ޞައްޙަ އަދި ބަރޯސާވެވޭ ވާހަކައެއްކަން ބަޔާންކުރައްވާފައި ވެއެވެ.
ކޮންމެއަކަސް، ޝާފިޢީންކުރެ ބައެއް ބޭފުޅުންގެ ނަޒަރުގައި، ޤުރުއާނުން ސުންނަތް ޚާއްޞައެއް ނުކުރެވޭނެއެވެ. އަދި މިއީ، އެއް ރިވާޔަތުގައިވާ ގޮތުން އަޙްމަދު ބްނު ޙަންބަލުގެ ވެސް ރައުޔެވެ. މި ބޭފުޅުން ޙުއްޖަތެއްގެ ގޮތުން ގެންނަވަނީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ) (ސޫރަތުއްނަޙްލު: 44 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ.] މި އާޔަތަށް ބިނާކޮށް އެ ބޭފުޅުން ވިދާޅުވަނީ، ޤުރުއާނުން ސުންނަތް ޚާއްޞަ ކޮށްފިނަމަ، އެ ވާހުށީ ބަޔާންކޮށްދިނުމެއް ކަމުގައެވެ. ސަބަބަކީ، ޚާއްޞަ ކުރުމީ އިތުރަށް ބަޔާންކޮށްދިނުމެއް ކަމުގައި ވާތީއެވެ. އެހެންކަމުން، ފުށުއެރުން އުފެދުން އެބަ ލާޒިމު ކުރެތެވެ. އެހެނީ، އެހާރުން ޤުރުއާނާއި ސުންނަތް ވެސް ވާހުށީ އެކަތީގައިވާ ވާހަކަ އަނެކަތި އިތުރަށް ބަޔާންކޮށްދޭ، އެކަތި އަނެކައްޗަށް ތަބާވާ އެއްޗެއް ކަމުގައެވެ. ބަޔާންކުރާ އެއްޗަކީ ބަޔާންކުރެވޭ އެއްޗަށް ތަބާވާ އެއްޗަކަށް ވާތީއެވެ. އެހެންނަމަވެސް، ދޭތީގެ ތެރެއިން ކޮންމެ އެއްޗެއް ވެސް އަނެކައްޗަށް ތަބާވުމީ ބާޠިލު ގޮތެކެވެ.
މި ވާހަކައިގެ ޖަވާބުގައި މި ޤަވާޢިދާ އެއްގޮތަށް ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ، ފުށުއެރުން ލާޒިމުވާނީ، އެއިން ކޮންމެ އެއްޗެއް ވެސް އޭގެ ޒާތުގައި ބަޔާންކޮށްދީފައިވާ ކަމެއް، އަނެކަތިން ބަޔާންކޮށްދޭނަމަ ކަމުގައެވެ. އެހެންނަމަވެސް، މި ތަނުގައި ކަންތައް އެ ވަނީ އެފަދައިން ނޫން ކަމުގައެވެ. އަދި ކިޔެއްތަ! މި ތަނުގައިނަމަ، ސުންނަތް އިތުރަށް ބަޔާންކޮށްދެނީ ޤުރުއާނުންނެވެ. ސުންނަތަކުން ޤުރުއާން އިތުރަށް ބަޔާންކޮށްދީފައެއް ނުވެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((لا يقبلُ اللهُ صلاةَ مَن أحدثَ حتى يتوضَّأ)) މާނައީ: [ޙަދަޘްވެރިވެއްޖެމީހާ ވުޟޫކޮށްފުމަށް ދާންދެން، ﷲ އޭނާގެ ނަމާދު ޤަބޫލު ނުކުރައްވަތެވެ.] މި ޙަދީޘުގެ ޢާއްމުކަމުން ދަލީލުކޮށްދެނީ، ޙަދަޘްވެރިވެފައިވާމީހާ ވުޟޫ ކުރުމުން މެނުވީ އޭނާގެ ނަމާދު ޤަބޫލު ނުވެވޭނެ ކަމަށެވެ. އެހެންނަމަވެސް، އަންނަނިވި އާޔަތުން މި ޢާއްމުކަން، ޙަދަޘްވެރިވެ ފެން ނުލިބުނު މީހާއަށް ޚާއްޞަ ކުރެވުނެވެ. (وَإِنْ كُنْتُمْ مَرْضَى أَوْ عَلَى سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا) (ސޫރަތުލްމާއިދާ: 6 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ ޠާހިރު ވެލީން ތިޔަބައިމީހުން ތަޔައްމުމު ކުރާށެވެ!] އެހެންކަމުން، އެފަދަ މީހާއަށް، ފެން ނުލިބިއްޖެ ހާލަތުގައި ވުޟޫ ކުރުމުގެ ބަދަލުގައި އަދި ހިނައިގަންނަންޖެހިފައިވާނަމަ ހިނައިގަތުމުގެ ބަދަލުގައި ތަޔައްމުމު ކުރުން ވަނީ ހުއްދަ ކުރެވިގެންނެވެ. ވީއިރު، މި އާޔަތަކީ މަތީގައިވާ ޙަދީޘުގެ ޢާއްމުކަން ޚާއްޞަ ކުރާ އާޔަތެކެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =