[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 49

51ވަނަ ޤަވާޢިދު (ޖުމްލަ 189): السُّنَّةُ تُـخَصِّصُ السُّنَةَ

މި ޤަވާޢިދުގެ ތަރުޖަމާ: {ސުންނަތުން ސުންނަތް ޚާއްޞަ ކުރޭ}

މި ޤަވާޢިދުގެ މުރާދު: ސުންނަތުން ޢާއްމުކޮށް ސާބިތުވާ ކަމެއް ސުންނަތުން ޚާއްޞަ ކުރެވިދާނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

ދެން ފަހެ، ސުންނަތުގެ ތެރޭގައި މުތަވާތިރު ސުންނަތާއި އާޙާދު ސުންނަތް ހިމެނޭތީ، ސުންނަތުން ސުންނަތް ޚާއްޞަ ކުރުން ހަތަރު ބަޔަކަށް ބެހެއެވެ. އެއީ:

  • ފުރަތަމައީ: މުތަވާތިރު ސުންނަތުން މުތަވާތިރު ސުންނަތް ޚާއްޞަ ކުރުމެވެ.
  • ދެވަނައީ: އާޙާދު ސުންނަތުން އާޙާދު ސުންނަތް ޚާއްޞަ ކުރުމެވެ.
  • ތިންވަނައީ: މުތަވާތިރު ސުންނަތުން އާޙާދު ސުންނަތް ޚާއްޞަ ކުރުމެވެ.
  • ހަތަރުވަނައީ: އާޙާދު ސުންނަތުން މުތަވާތިރު ސުންނަތް ޚާއްޞަ ކުރުމެވެ.

އަދި އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ނަޒަރުގައި، މިއިން ކޮންމެ ގޮތަކުން ޚާއްޞަ ކުރުން ވެސް ހުއްދައެވެ. މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، މި ތަނުން ހަތަރުވަނަ ބައިގެ ދަށުން، އާޙާދު ސުންނަތުން، ކުރިން ޚާއްޞަ ކުރެވިފައި ނުވާ މުތަވާތިރު ސުންނަތެއް ޚާއްޞައެއް ނުކުރެވޭނެއެވެ. ސަބަބަކީ، ޤަޠުޢީ އެއްޗެއް ޚާއްޞަ ކުރާނެހާ ބާރެއް ޡައްނީ އެއްޗަކަށް ލިބިގެން ނުވާތީއެވެ. އެއީ، ޚާއްޞަ ކުރުމީ ފުށުއެރުމުގެ މައްޗަށް ބިނާވާ ކަމެއް ކަމުގައި އެ ބޭފުޅުން ދެކިވަޑައިގަންނަވާއިރު، ޤަޠުޢީ ދަލީލަކާ ފުށުއަރާނެހާ ބާރެއް ޡައްނީ ދަލީލަކަށް ލިބިގެން ނުވާތީއެވެ.

އަދި ޚާއްޞަ ކުރާ ސުންނަތުގެ ތެރޭގައި، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅާއި ޢަމަލުފުޅާއި އިޤުރާރުވުން ހިމެނެއެވެ. އެހެނީ، ޚާއްޞަ ކުރުމީ، ބަޔާނުގެ ވައްތަރުތަކުގެ ތެރެއިން ވައްތަރެއް ކަމުގައި ވެފައި، ބަޔާނަކީ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އިޤުރާރުވުންތަކުގައި ވެސް އޮންނަ އެއްޗެއް ކަމުގައި ވާތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، ދާވޫދުއްޡާހިރީގެ ނަޒަރުގައި، ސުންނަތުން ސުންނަތް ޚާއްޞައެއް ނުކުރެވޭނެއެވެ. އެއީ، ސުންނަތަކީ ބަޔާން ކުރުމެއް ކަމުގައި ލެއްވިފައި ވާއިރު، ބަޔާންކުރާ އެތި، ބަޔާންކުރާ އެހެން އެއްޗަކަށް ބޭނުންޖެހުން އެކަށީގެން ނުވާނެ ކަމަށް އެ ބޭފުޅާ ދެކިވަޑައިގަންނަވާތީއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((أُمرتُ أنْ أقاتلَ الناسَ حتى يقولوا: لا إله إلا الله)) މާނައީ: [لا إله إلا الله ކިޔުމަށް ދާންދެން، މީސްތަކުންނާ ހަނގުރާމަ ކުރުމަށް އަހުރެންނަށް އަމުރުވެވިގެން ވެއެވެ.] މިއީ، ނަވާރަ ޞަޙާބީންގެ ފަރާތްޕުޅުން ރިވާވެފައިވާ މުތަވާތިރު ޙަދީޘެކެވެ. އަދި މި ޙަދީޘުގައި އެ ވަނީ، އެންމެހާ މީސްތަކުންނަށް ޢާއްމުކޮށެވެ. އެހެންނަމަވެސް، އެހެން މުތަވާތިރު ޙަދީޘަކުން އެ ޢާއްމުކަމުގެ ތެރެއިން މަޖޫސީން ޚާއްޞަ ކުރެވިފައި ވެއެވެ. އެގޮތުން، މަޖޫސީންނާ މެދު ކަންތައް ކުރަންވީ ގޮތް ބަޔާންކުރައްވާ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަންނަނިވި ފަދައިން ޙަދީޘްކުރެއްވި ކަމަށް ޢަބްދުއްރަޙްމާން ބްނު ޢައުފް ވިދާޅުވެފައި ވެއެވެ. ((سنُّوا بهم سنَّةَ أهلِ الكتاب)) މާނައީ: [ފޮތުގެ އަހުލުވެރިންނާ މެދު ކަންކުރެވޭ ގޮތަށް އެބައިމީހުންނާ މެދު ކަންކުރާށެވެ!] މިފަދައިން އަށް ޞަޙާބީންގެ ފަރާތްޕުޅުން މުތަވާތިރުކޮށް ރިވާވެފައި ވެއެވެ. ކޮންމެއަކަސް، ޤުރުއާނުން ސާބިތުވާ ގޮތުގައި، ފޮތުގެ އަހުލުވެރިން ޖިޒުޔަ ދޭން އެއްބަސްވެއްޖެނަމަ، އެބައިމީހުންނާ ހަނގުރާމަ ނުކޮށް ދޫކޮށްލެވިދާނެއެވެ. ވީއިރު، މަޖޫސީން ޖިޒުޔަ ދީފިނަމަ، އެބައިމީހުންނާ ހަނގުރާމައެއް ނުކުރެވޭނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =