[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަބަބުގައި ހިފުމަކީ ވަކީލުކުރުން ނަފީވެގެންދާކަމެއް ނޫން

ސަބަބުތަކަށް މާ ބޮޑަށް ބަރޯސާވުމަކީ މީހާގެ ހިތުގައި އޮންނަ އެއްކައުވަންތަކަމުގެ ޢަޤީދާގައިވާ އުނިކަމެކެވެ. އަދި ސަބަބުތަކަކީ ކަމެއްވުމުގައި ބޭނުން އެއްޗެއްކަމުގައި ނުދެކުމަކީ ސިކުނޑީގެ އުނިކަމެކެވެ. އަދި ސަބަބުތަކަށް އެކީ ފުރަގަސް ދިނުމަކީ އިސްލާމީ ޝަރީޢަތާ ޚިލާފުކަމެކެވެ. އެހެންކަމުން އަޅާގެ މައްޗަށް އޮތީ ﷲ ތަޢާލާއަށް ބަރޯސާވެ ސަބަބުތަކަށް ބަރޯސާ ނުވުމެވެ.

އަޞްލު ޙަޤީޤަތުގައި ވަކީލުކުރުމަކީ: ސަބަބުތަކުގައި ހިފުމާއެކު ސަބަބުތައް މެދުވެރިކުރައްވާ އިލާހަށް ބަރޯސާވުމެވެ. އަދި އެކަންކަންވަނީ އެއިލާހުގެ އަތްޕުޅުގައިކަން ކަށަވަރުކުރުމެވެ. ފަހެ އެއިލާހު އިރާދަކުރައްވާނަމަ އެކަންކަން ނުވާނެއެވެ. އަދި އިރާދަކުރައްވާނަމަ އެކަމުގެ އިދިކޮޅު މެދުވެރިކުރައްވައެވެ. އަދި އެއިލާހު އިރާދަކުރައްވާނަމަ އެކަންވުމަށް ހުރަސްއެޅޭފަދަ ކަންކަން މެދުވެރިކުރައްވައެވެ.

ﷲއަށް ވަކީލުކުރާ ތައުޙީދުގެ އަހުލުވެރިންގެ ގޮތަކީ ސަބަބުތަކަކަށް ބަރޯސާނުވުމެވެ. އަދި އެސަބަބުތަކާމެދު އުންމީދުވެސް ނުކުރުމެވެ. އަދި އެއާއެކު އެސަބަބުތައް އިހުމާލުވެސް ނުކޮށްލުމެވެ. ރަނގަޅުގޮތަކީ ސަބަބުތަކުގައި ހިފާފައި ސަބަބުތައް މެދުވެރިކުރައްވާ ވެރިއިލާހަށް ވަކީލުކުރުމެވެ. ތިބާގެ ވެރިރައްބާމެދު ތިބާ ހެޔޮކޮށް ހީކުރާމިންވަރަކަށް އަދި އެއިލާހާމެދު ތިބާ އުންމީދުކުރާ މިންވަރަކަށް ތިބާ އެއިލާހަށް ވަކީލުކުރާނެއެވެ.

ވަކީލުކުރުމަކީ ﷲ ތަޢާލާ ނިޔާކުރައްވާފައިވާ ސަބަބުތަކުގައި ހިފުން ނަފީކުރާކަމެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާވަނީ ވަކީލުކުރުމަށް އަމުރުކުރެއްވުމާއެކު ސަބަބުތަކުގައި ހިފުމަށްވެސް އަމުރުކުރައްވާފައެވެ. ފަހެ ސަބަބުތަކުގައި ހިފުމަށް ޢަމަލުން މަސައްކަތްކުރުމަކީ ﷲ ތަޢާލާއަށް ވެވޭ ކިޔަމަން ގަތުމެކެވެ. މިކަމުގައި މީސްތަކުންނަށް ކެހިލިބިގެންދަނީ ވަކީލުކުރުން ކުޑަވުމުންނެވެ. އަދި ސަބަބުތަކަށް ހިތްދީ ސަބަބުތަކަށް ބަރޯސާވުމުންނެވެ. ފަހެ އެހެންކަމުން އެބައިމީހުން ބުރަކޮށް މަސައްކަތްކުރަނީ ހަމައެކަނި ސަބަބުތަކުގައި ހިފުމަށެވެ.

ﷲ އަށް ބަރޯސާވެ އެމީހެއްގެ ޙާޖަތްތައް އެއިލާހުގެ ޙަޟްރަތުން އެދޭނަމަ އެމީހަކު އެއިލާހަށް ރުޖޫޢަވާނެއެވެ. އަދި އޭނާގެ ހުރިހާކަމެއް އެއިލާހާ ހަވާލުކުރާނެއެވެ. އޭރުން އެމީހާ އެދޭ ކޮންމެ ކަމެއް އެއިލާހު ފުއްދަވާދެއްވާނެއެވެ. އަދި ކޮންމެ ދަތިކަމެއް ފަސޭޙަކޮށްދެއްވާނެއެވެ. އަދި އެއިލާހު ނޫން އެހެން ފަރާތަކާ އެމީހެއް ހިތް ގުޅި ނުވަތަ އެމީހެއްގެ ޢަމަލާއި ބުއްދިއާއި ތަވީދުފަދަތަކެއްޗަށް ބަރޯސާވެ އަދި އެމީހެއްގެ އާރާއި ބާރަށް ބަރޯސާވެއްޖެނަމަ އެމީހަކު އެއެއްޗަކާ ﷲ ތަޢާލާ ހަވާލުކުރައްވާނެއެވެ. އަދި އެއިލާހު އެމީހަކު ދޫކޮށްލައްވާނެއެވެ. އެފަދަ ކަންކަމުގައި އެބައިމީހުން ބުރަ މަސައްކަތްކޮށްގެންވެސް ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ މިންވަރެއް މެނުވީ ޙާޞިލުނުވާނެއެވެ.

ހަޤީޤަތުގައި އެބައިމީހުންގެ ހިތްތައް ﷲ އަށް ބަރޯސާވެ ވަކީލުކުރިނަމަ، ކުދިކުދި ސަބަބުތަކުންވެސް އެބައިމީހުންގެ ރިޒްޤު ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވީހެވެ. އެއީ ދޫނިތައް ހެނދުނު ނުކުތުމުން ހަވީރު އެނބުރި އަންނަން ވާއިރަށް ރިޒުޤުދެއްވާ ފަދައިންނެވެ. އެސޮރުމެން އެކަމުގައި މަސައްކަތްކުރެއެވެ. ނަމަވެސް އެއީ ވަރަށް ކުޑަ މަސައްކަތެކެވެ. ‘ތައިސީރުލް ޢަޒީޒުލް ޙަމީދު’ އޭ ކިޔުނުފޮތުގައި ވެއެވެ.

“މިކަމަކީ ޝަރުޢީ ނައްސުތަކުންނާއި ތަޖުރިބާއިން އެންމެންވެސް ރަނގަޅަށް ދަންނަކަމެކެވެ.” [1]

_____________________________

[1] تيسير العزيز الحميد ص: ١۷٠

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް