[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 50

52ވަނަ ޤަވާޢިދު (ޖުމްލަ 189): السُّنَّةُ تُـخَصِّصُ الكِتَابَ

މި ޤަވާޢިދުގެ ތަރުޖަމާ: {ސުންނަތުން ޤުރުއާން ޚާއްޞަ ކުރޭ}

މި ޤަވާޢިދުގެ މުރާދު: ކީރިތި ޤުރުއާނުގައި ޢާއްމު ލަފްޒެއް ވާރިދުވެފައި، އެ ލަފްޒުގެ ޢާއްމުކަން ޚާއްޞަކޮށް އޭގެ ބައެއް އަފުރާދުންނަށް އެ ޢާއްމުކަން ހަނިކުރާނޭ އެއްޗެއް ނަބަވީ ސުންނަތުގައި އައުން، އެއީ ބަސްފުޅެއް ކަމުގައި ވިޔަސް ނުވަތަ ޢަމަލުފުޅެއް ކަމުގައި ވިޔަސް ނުވަތަ އިޤުރާރެއް ކަމުގައި ވިޔަސް، ހުއްދަވެގެން ވެއެވެ. މިއީ، ޖުމްލަ ގޮތެއްގައި އުޞޫލީ ޢިލްމުވެރިންގެ މެދުގައި އިއްތިފާޤުވެވިފައިވާ ޤަވާޢިދެކެވެ.

ތަފްސީލީ ނަޒަރަކުން ބަލައިލާއިރު، އުޞޫލީ ޢިލްމުވެރިން މި ޤަވާޢިދުގެ ދަށުން ދައްކަވާފައިވާ ވާހަކަފުޅުތައް ދައުރުވަނީ މައިގަނޑު ތިން މައްސަލައެއްގެ ވަށައިގެންނެވެ.

  • ފުރަތަމަ މައްސަލަ: މިއީ، މުތަވާތިރު ސުންނަތުން ޤުރުއާނުގެ ޢާއްމުކަން ޚާއްޞަ ކުރުމާ ގުޅޭ މައްސަލައެވެ. މި ގޮތަށް ޚާއްޞަ ކުރެވިދާނެކަމާ މެދު އުޞޫލީ ޢިލްމުވެރިންގެ މެދުގައި އިޖުމާޢުވެވިފައި ވެއެވެ.
  • ދެވަނަ މައްސަލަ: މިއީ، ޚަބަރުލްވާޙިދުން (އާޙާދު ޚަބަރުން) ޤުރުއާނުގެ ޢާއްމުކަން ޚާއްޞަ ކުރުމާ ގުޅޭ މައްސަލައެވެ. މި ގޮތަށް ޚާއްޞަ ކުރެވިދާނެކަމަށް އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން ދެކިވަޑައިގަންނަވަތެވެ.

މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި މި ގޮތަށް ޚާއްޞައެއް ނުކުރެވޭނެއެވެ. އަދި ޙަނަފީންގެ އަރިހުން މި ރައުޔު މަޝްހޫރުވެފައި ވެއެވެ.

އަދި މިއާ ޚިލާފަށް، ޢީސާ ބްނު އަބާންގެ ނަޒަރުގައި، ޤަޠުޢީ ދަލީލަކުން ޢާއްމުކަން ޚާއްޞަ ކުރެވިފައި ވާނަމަ، އޭގެ ފަހުން ޚަބަރުލްވާޙިދަކުން ވެސް އެ ޢާއްމުކަން ޚާއްޞަ ކުރެވިދާނެއެވެ.

އަދި މިއާ ޚިލާފަށް، އަލްކަރްޚީގެ ނަޒަރުގައި، ޝަރުޠަކާ އެކު ޚަބަރުލްވާޙިދަކުން ޢާއްމު ޚާއްޞަ ކުރުން ހުއްދައެވެ. އެ ޝަރުޠަކީ، ޚަބަރުލްވާޙިދުން އެ ޢާއްމު ލަފްޒު ޚާއްޞަ ކުރުމުގެ ކުރިން، ޢާއްމު ލަފްޒު އޮތް ދަލީލާ ވަކިން އޮތް ދަލީލަކުން (މުންފަޞިލު ދަލީލަކުން) އެ ޢާއްމު ލަފްޒު ޚާއްޞަ ކުރެވިފައި ވުމެވެ.

އަދި މިއާ ޚިލާފަށް، އަލްޤާޟީ އަލްބާޤިއްލާނީ މި މައްސަލައިގައި ވަކި ކޮޅެއް އިޚްތިޔާރު ނުކުރައްވައި ތަވައްޤުފު (ހުއްޓިހުރުން) އިޚްތިޔާރު ކުރެއްވިއެވެ.

ކޮންމެއަކަސް، މި މައްސަލައިގައި އުފެދިފައި މިވާ ރައުޔުތަފާތުވުން ރުޖޫޢަވަނީ، ޢާއްމުގެ އަފުރާދުންނަށް އެއިން ދަލާލަތުކޮށްދެނީ ޤަޠުޢީކޮށްތޯ ނުވަތަ ޡައްނީކޮށްތޯ ކަނޑައެޅުމުގެ މައްސަލައަށެވެ. ޤަޠުޢީކޮށޭ ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، ޚަބަރުލްވާޙިދުން އެ ޚާއްޞަ ކުރުން ހުއްދައެއް ނުވާނެއެވެ. ޡައްނީ އެއްޗަކުން ޤަޠުޢީ އެއްޗެއް ނައްތައިނުލެވޭނެތީއެވެ. ޡައްނީކޮށޭ ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، ޚަބަރުލްވާޙިދުން އެ ޚާއްޞަ ކުރުން ހުއްދަ ވާނެއެވެ.

އަދި ހަމައެހެންމެ، މި މައްސަލައިގެ ދަށުން ފާހަގަކޮށްލުން މުހިއްމު އެހެން ނުކުތާއެއް ވެސް އެބަ އޮތެވެ. އެއީ، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން، މި މައްސަލައިގައި ޚަބަރުލްވާޙިދަކުން ޤުރުއާނުގެ ޢާއްމުކަން ޚާއްޞަ ކުރުމާ ގުޅޭ ގޮތުން އުފެދިފައި މިވާ ޚިލާފު، އާޙާދު ޚަބަރުތަކުގެ ތެރެއިން އެއަށް ޢަމަލުކުރުމާ މެދު އިޖުމާޢުވެވަޑައިގެންފައި ނުވާ ޚަބަރުތަކުން ނުވަތަ އޭގެ ޞައްޙަކަން ކަށަވަރުކަމާ އެކު ކަނޑައަޅުއްވާފައި ނުވާ ޚަބަރުތަކުން ޚާއްޞަ ކުރުމަށެވެ. އެ ޚަބަރުތަކަށް ޢަމަލުކުރުމާ މެދު އިޖުމާޢުވެވަޑައިގެންފައިވާ ނުވަތަ އެ ޚަބަރުތަކެއްގެ ޞައްޙަކަން ކަށަވަރުކަމާ އެކު ކަނޑައަޅުއްވާފައިވާ ޚަބަރުތަކުން ޤުރުއާނުގެ ޢާއްމުކަން ޚާއްޞަ ކުރެވިދާނެ ކަމާ މެދު ޚިލާފެއް ނެތް ކަމުގައެވެ.

  • ތިންވަނަ މައްސަލަ: މިއީ، މަޝްހޫރު ޚަބަރުން ޤުރުއާނުގެ ޢާއްމުކަން ޚާއްޞަ ކުރުމާ ގުޅޭ މައްސަލައެވެ. މަޝްހޫރު ޚަބަރަކީ ގިނަ ޢިލްމުވެރިންގެ އަރިހުގައި އާޙާދު ޚަބަރުތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. އެހެންކަމުން، އާޙާދު ޚަބަރުން ޤުރުއާނުގެ ޢާއްމުކަން ޚާއްޞަ ކުރެވިދާނެ ކަމަށް ވިދާޅުވާ ކޮންމެ ބޭފުޅަކީ، މަޝްހޫރު ޚަބަރުން ވެސް ޚާއްޞަ ކުރެވިދާނެ ކަމަށް ވިދާޅުވާ ބޭފުޅެކެވެ. އެހެންނަމަވެސް، ޙަނަފީންގެ ނަޒަރުގައި، މަޝްހޫރު ޚަބަރަކީ މުތަވާތިރު ޚަބަރާއި އާޙާދު ޚަބަރާ ދެމެދު އޮންނަ، މުތަވާތިރާއި އާޙާދުގެ ވެސް ބައެކެވެ. އެހެނީ، އިސްވެދިޔަ ޤަވާޢިދެއްގައި ވެސް ބަޔާންކުރެވިފައިވާނޭ ފަދައިން، އެ ބޭފުޅުންގެ އަރިހުގައި މަޝްހޫރު ޚަބަރަކީ (ނުވަތަ މަޝްހޫރު ސުންނަތަކީ)، ފުރަތަމަ ޤަރުނުގައި ތަވާތުރުގެ ދަރަޖައަށް ނުފޯރައި، ދެން އައި ދެވަނަ ޤަރުނާއި ތިންވަނަ ޤަރުނުގައި ތަވާތުރުގެ ދަރަޖައަށް ފޯރާފައިވާ، އަދި އުއްމަތް އެ ޚަބަރެއް ބަލައިގެންފައިވާ ޚަބަރެވެ. އެހެންކަމުން، އެ ބޭފުޅުންގެ އަރިހުގައި މަޝްހޫރު ޚަބަރަށް، މުތަވާތިރުގެ ބާރު ލިބިގެން ވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ޒިނޭކުރާ މުޙުޞަން ފިރިހެނާގެ ޙައްދަކީ ރަޖަމް ކުރުންކަމަށް ފިޤުހުވެރިން އިއްތިފާޤުވެވަޑައިގެންފައި ވުމެވެ. އެ ބޭފުޅުން ދަލީލުނަންގަވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މާޢިޒާއި ޣާމިދިއްޔާ ރަޖަމު ކުރެއްވިކަން ސާބިތުވެފައިވާ ޚަބަރުތަކުންނެވެ. އެހެންކަމުން، އެ ޚަބަރުތަކަކީ، އަންނަނިވި އާޔަތުގައިވާ ޢާއްމުކަން ޚާއްޞަ ކުރާ އެއްޗެކެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ) (ސޫރަތުއްނޫރު: 2 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ޒިނޭ ކުރާ އަންހެނާއާއި ޒިނޭ ކުރާ ފިރިހެނާއާއި ދެ މީހުންކުރެ ކޮންމެ މީހަކުގެ ގައިގައި ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ!]

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =