[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 51

53ވަނަ ޤަވާޢިދު (ޖުމްލަ 189): الإْجْمَاعُ مُـخَصِّصٌ لِلْعُمُومِ

މި ޤަވާޢިދުގެ ތަރުޖަމާ: {އިޖުމާޢުއަކީ ޢާއްމުކަން ޚާއްޞަ ކުރާ އެއްޗެއް}

މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒު އިޖުމާޢުއިން ޚާއްޞަ ކުރުން ހުއްދަވެގެން ވެއެވެ. އެ އިޖުމާޢުއަކީ، ޤަޠުޢީ އިޖުމާޢުއެއް ކަމުގައި ވިޔަސް ނުވަތަ ޡައްނީ އިޖުމާޢުއެއް ކަމުގައި ވިޔަސް މެއެވެ.

ޤަޠުޢީ އިޖުމާޢުއަކީ، ހުރިހާ މުޖުތަހިދުން އިއްތިފާޤުވާ އިޖުމާޢުއެވެ. މި އިޖުމާޢުގައި އެއިން އެއްވެސް ބޭފުޅަކު ޚިލާފުވެފައެއް ނޯންނާނެއެވެ. އަދި އެ އިޖުމާޢުގެ ޚަބަރު ވެސް އަޅުގަނޑުމެންނާ ހަމައަށް ތަވާތުރުގެ މަގުން އައިސްފައި ވުމެވެ.

ޡައްނީ އިޖުމާޢުއަކީ، އިސްވެ ދެންނެވުނު ދެ ޝަރުޠުންކުރެ ޝަރުޠެއް އުނިވާ އިޖުމާޢުއެވެ. މިސާލަކަށް، ކަޢުބާގައިވާ ޝާމީ ދެ ރުކުންކޮޅަށް އިސްތިލާމް ނުކުރުމާ ގުޅޭ ގޮތުން ވެވިފައިވާ އިޖުމާޢުއެވެ.

ދެން ފަހެ، އިޖުމާޢުން ޚާއްޞަ ކުރެވޭ ސަބަބަކީ، އިޖުމާޢުއަކީ ޝަރުޢީ ގޮތުން ޤަޠުޢީ (ކަށަވަރު) އެއްޗަކަށް ވެފައި، ޢާއްމުއަކީ ޡާހިރު އެއްޗަކަށް ވާތީއެވެ. ޢާއްމުއަކީ ޡާހިރު އެއްޗަކަށްވީ ސަބަބަކީ، ޢާއްމުގެ އަފުރާދުންކުރެ ކޮންމެ ފަރުދަކަށް ވެސް ޢާއްމުން ޙުކުމް ސާބިތުވާކަމަށް ދަލީލުކޮށްދެނީ ޡުހޫރުން ކަމުގައި ވާތީއެވެ. ޤަޠުޢުން ކަމުގައި ނުވާތީއެވެ. ޤާޠިޢުއާއި ޡާހިރު އެއްތަންވެއްޖެނަމަ، އެ ތަނުން ޤާޠިޢު އިސްކުރެވޭނެތެވެ.

ކޮންމެއަކަސް، މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް، އިޖުމާޢުން، ޤުރުއާނުގެ ޢާއްމުކަމާއި މުތަވާތިރު ސުންނަތުގެ ޢާއްމުކަން ވެސް ޚާއްޞަ ކުރާނެތެވެ. އެހެންކަމުން، އެހެން ޢާއްމުތައް ވެސް ޚާއްޞަ ކުރެވުން މާ އައުލާކަން ބޮޑެވެ.

އަދި އިޖުމާޢުން ޚާއްޞަ ކުރުމުގެ މުރާދަކީ، އިޖުމާޢު ބިނާކުރެވުނު ކަންތައްތަކުން ޚާއްޞަ ކުރުމެވެ. އިޖުމާޢުގެ ޒާތުން ޚާއްޞަ ކުރުމެއް ނޫނެވެ. އެހެންކަމުން، އިޖުމާޢު ދަލީލެއްގެ މައްޗަށް ބިނާވާން ވާނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَـأَيُّهَا الَّذِينَ آمَنُوا إِذَا نُودِي لِلصَّلاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ) (ސޫރަތުލްޖުމުޢާ: 9 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރު ދުވަހު (ހުކުރު) ނަމާދަށް ގޮވައިލާހިނދު ފަހެ، ﷲ ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ!] މި އާޔަތުން ދަލީލުކޮށްދެނީ، މުއުމިންތަކުންނަށް ޢާއްމުކޮށް ހުކުރު ނަމާދުގެ ވާޖިބު ކަމެވެ. އެހެންނަމަވެސް، އަންހެނުންނަށް ހުކުރު ނަމާދު ވާޖިބު ނޫންކަން އިޖުމާޢުން ކަނޑައެޅި، އެ ޢާއްމުކަމުން ޚާއްޞަ ކުރެވިފައި ވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =