54ވަނަ ޤަވާޢިދު (ޖުމްލަ 189): القِيَاسُ مُـخَصِّصٌ لِلْعُمُومِ
މި ޤަވާޢިދުގެ ތަރުޖަމާ: {ޤިޔާސަކީ ޢާއްމުކަން ޚާއްޞަ ކުރާ އެއްޗެއް}
މި ޤަވާޢިދުގެ މުރާދު: ޞައްޙަ އަދި މުޢުތަބަރު ޤިޔާސުން ޚާއްޞަ ކުރުން ހުއްދައެވެ. އެ ޤިޔާސަކީ، ޤަޠުޢީ ޤިޔާސަކަށް ވިޔަސް ނުވަތަ ޡައްނީ ޤިޔާސަކަށް ވިޔަސް މެއެވެ. މިއީ، ހަތަރު އިމާމުންގެ ރައުޔެވެ. އަދި ޒައިދީންނާއި، މުޢުތަޒިލާއިންކުރެ އަބޫ ހާޝިމާއި އަބުލްޙުސައިން އަލްބަޞަރީގެ ރައުޔު ވެސް މެއެވެ.
މިއާ ޚިލާފަށް، އިބްނު ސުރައިޖުފަދަ އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުންނާއި އަދި ބައެއް ޝާފިޢީން، ޤިޔާސުން ޚާއްޞަ ކުރުން ޤަޠުޢީ ޤިޔާސަށް ހަނިކޮށް ޤައިދުކުރެއެވެ. އެގޮތުން، އެ ބޭފުޅުންގެ ނަޒަރުގައި، ޤިޔާސުން ޚާއްޞަ ކުރާއިރު، ޚާއްޞަ ކުރެވޭނީ ޤަޠުޢީ ޤިޔާސުންނެވެ. ޡައްނީ ޤިޔާސުން ޚާއްޞައެއް ނުކުރެވޭނެއެވެ. ޤަޠުޢީ ޤިޔާސަކީ، އޭގެ ޢިއްލަތާ މެދު އިޖުމާޢުވެވިފައިވާ، އަދި ފަރުޢުގައި އެ ޢިއްލަތު އޮންނަކަން ޤަޠުޢީކޮށް އެނގޭ ޤިޔާސެވެ. ނުވަތަ އަޞްލާއި ފަރުޢުގެ މެދުގައި އެއްވެސް ތަފާތެއް ނެތްކަން ޤަޠުޢީކޮށް އެނގޭ ޤިޔާސެވެ. އަދި ޡައްނީ ޤިޔާސަކީ، ޤިޔާސުއްޝަބަހްފަދަ ޤިޔާސެވެ. މިސާލަކަށް، ނިޔަތް ވާޖިބުވުމުގައި ތަޔައްމުމުގެ މައްޗަށް ވުޟޫ ޤިޔާސް ކުރުމެވެ. އެއީ، އެ ދޭތި އެއްގޮތްކަމުންނެވެ.
އަދި މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، ޢާއްމުގެ ޚާއްޞަކަން ސާބިތު ނުވާނަމަ، ޤިޔާސުން އެ ޢާއްމު ޚާއްޞައެއް ނުކުރެވޭނެއެވެ.
އަދި މި މައްސަލައިގައި މި ނޫން ވެސް ރައުޔުތަކެއް ވެއެވެ. ބައެއް ބޭފުޅުން އެ ރައުޔުތަކުގެ އަދަދު އަށަކަށް ގެންގޮސްފައި ވެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِنِ امْرُؤٌ هَلَكَ لَيْسَ لَهُ وَلَدٌ وَلَهُ أُخْتٌ فَلَهَا نِصْفُ مَا تَرَكَ وَهُوَ يَرِثُهَآ إِن لَّمْ يَكُن لَّهَا وَلَدٌ) (ސޫރަތުއްނިސާ: 176 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އެ މީހަކަށް ދަރިޔަކު (ނުވަތަ ބަފަޔަކު) ނެތި، އަދި އެ މީހަކަށް (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ) އުޚުތަކުވާ ހާލު މީހަކު މަރުވެއްޖެނަމަ، ފަހެ، އެމީހާ ދޫކުޅަ މުދަލުގެ ދެބައިކުޅައެއްބައި، އެ އުޚުތަށެވެ. އަދި، އެ އުޚުތަށް ދަރިޔަކު ނުވާނަމަ، އެ މީހާ އެ އުޚުތު ވާރުތަކުރާނެއެވެ.] މި އާޔަތުގައި އެ ވަނީ، ދަރިޔަކު ނެތްނަމަ އުޚުތަށް ދެބައިކުޅައެއްބައި ދިނުމާ ގުޅޭ ގޮތުން ޢާއްމުކޮށެވެ. އަދި މި އާޔަތުގެ މަންޠޫޤުން އެނގެނީ، ދަރިޔާއި ދަރީގެ ފަރުޢުއަކީ އެ އުޚުތު ޙަޖުބުކޮށްލާ ފަރާތްތަކެއް ކަމެވެ. އަދި މި ތަނުގައި މިވާ [ދަރީ]ގެ މައްޗަށް ކާފަ ޤިޔާސްކޮށް، ކާފައަކީ ވެސް އުޚުތު ޙަޖުބުކޮށްލާ ފަރާތެއް ކަމަށް ކަނޑައެޅެއެވެ. އެއީ، ކާފަ، ދަރީގެ ދަރިޔަށް ޤިޔާސްކޮށެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =