[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 53

55ވަނަ ޤަވާޢިދު (ޖުމްލަ 189): تَـخْصِيْصُ العُمُومِ بِالعَقْلِ جَائِزٌ

މި ޤަވާޢިދުގެ ތަރުޖަމާ: {ބުއްދިން ޢާއްމުކަން ޚާއްޞަ ކުރުން ހުއްދަ}

މި ޤަވާޢިދުގެ މުރާދު: ޢާއްމު ލަފްޒެއްގެ ޢާއްމުކަން މަނާކުރާ އެއްޗަކަށް، އަދި އެ ލަފްޒުގެ ދަށަށް ވަންނަ ބައެއް އަފުރާދުންނަށް އެ ލަފްޒު ހަނިކުރާ އެއްޗަކަށް ބުއްދި ވެދާނެއެވެ. އެގޮތަށް ވަނީ، ނައްޞެއް އަޑުއިވޭހިނދު، އެ ނައްޞު އެ އޮތީ، އެ ނައްޞުގެ ދަށަށް ވަނުން އެކަށީގެންވާ ހުރިހާ އަފުރާދުން އޭގައި ހިމެނުމުގެ މަޤްޞަދު ނެތިކަމަށް ބުއްދިން ޙުކުމް ކުރާ ހިނދުގައެވެ. އެހެންކަމުން، މި ހާލަތުގައި ބުއްދިއަކީ، ޝަރުޢުކުރައްވާ ފަރާތުން ލަފްޒު ބޭނުންކުރައްވާފައިވާ މުރާދާއި އެ ލަފްޒުގެ ދަށަށް ވަނުން އެކަށީގެންވާ ބައެއް އަފުރާދުންނަށް އެ ލަފްޒުގެ ޢާއްމުކަން ހަނިކޮށްލާފައިވާކަން ފާޅުކޮށް ހާމަކޮށްދޭ އެއްޗެކެވެ.

ދެން ފަހެ، ބުއްދިއަކީ، ޢާއްމުއާ ވަކިން އޮންނަ އަދި ޢާއްމު ޚާއްޞަ ކުރާ އެއްޗެކެވެ. އެހެނީ، އިސްތިޘްނާއާއި ޝަރުޠާއި ޣާޔަތު ގޮތަށް ޞީޣާގެ ޒާތާ ގުޅިފައި ބުއްދިއެއް ނޯންނާނެއެވެ. ސަބަބަކީ، ބުއްދިން ޚާއްޞަ ކުރުމީ، ނައްޞު އަޑުއެހުމާއި އެއާ މެދު ވިސްނައި ފިކުރުހިންގުމުގެ ނަތީޖާއެއް ކަމުގައި ވާތީއެވެ. އެހެންކަމުން، ބުއްދި ވާހުށީ، ޚާއްޞަ ކުރެވޭ ނައްޞުގެ ބޭރުން އޮންނަ އެއްޗެއް ކަމުގައެވެ.

އަދި ބުއްދިން ޚާއްޞަ ކުރުމުގެ ދެ ވައްތަރެއް ވެއެވެ. އެއީ، ޟަރޫރީއާއި ނަޒަރީއެވެ. މި ތަނުން ޟަރޫރީ ބުއްދިއަކީ، ނަޒަރުހިންގުމާއި ހޯދައި ލިބިގަތުމުގެ މައްޗަށް އެ ހާސިލު ކުރުން ހުއްޓިފައި ނޯންނަ ބުއްދިއެވެ. ޟަރޫރީ ގޮތުން އަޅުގަނ އަދި ނަޒަރީ ބުއްދިއަކީ، ނަޒަރުހިންގުމާއި ހޯދައި ލިބިގަތުމުގެ މައްޗަށް އެ ހާސިލު ކުރުން ހުއްޓިފައި އޮންނަ ބުއްދިއެވެ.

ކޮންމެއަކަސް، ބުއްދިން ޢާއްމު ލަފްޒު ޚާއްޞަ ކުރެވިދާނެ ކަމަށް އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުން ވިދާޅުވެއެވެ. އަދި އަބޫ ޙާމިދު އަލްއިސްފަރާޔީނީ ވިދާޅުވެފައިވަނީ، އެ ކަމާ މެދު ޢިލްމުގެ އަހުލުވެރިންގެ މެދުގައި އެއްވެސް ޚިލާފެއް ނުވާ ކަމުގައެވެ. އެހެންނަމަވެސް، ބައެއް ބޭފުޅުން ބުއްދިން ޚާއްޞަ ކުރުން މަނާ ކުރައްވާ ކަމަށް އައްޒަރުކަޝީ ވިދާޅުވެފައި ވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلِلّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلاً وَمَن كَفَرَ فَإِنَّ الله غَنِيٌّ عَنِ الْعَالَمِينَ) (ސޫރަތު އާލު ޢިމްރާން: 97) މާނައީ: [އެ ކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހާ،  އެ ގެފުޅަށް ޤަޞްދުކޮށްގެން ދިއުމީ، (އެބަހީ: ޙައްޖުވުމަކީ) ﷲ އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ. (އެ ކަމާ މެދު) ދެކޮޅުހަދައިފި  މީހާ  (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ﷲ އީ، ޢާލަމްތަކަށް ބޭނުންވެވޮޑިގެން ނުވާ ރަސްކަލާނގެއެވެ.] މި އާޔަތުގެ ބޭރުފުށުން އެނގެނީ، އެންމެހާ މީސްތަކުންގެ މައްޗަށް ވެސް ޙައްޖުވުން ވާޖިބު ކަމެވެ. އެހެންނަމަވެސް، އިބްނު ޙަޒްމު ވިދާޅުވަނީ، ކުޑަކުދިންނާއި މޮޔައިންނަކީ ޙަޤީޤީ މާނައިގައި [މީސްތަކުން] ގެ ތެރޭގައި ހިމެނޭ ބަޔަކު ކަމުގައި ވީނަމަވެސް، އެއުރެން [މީސްތަކުން] ގެ ޢާއްމުކަމުގެ ތެރެއަށް ނުވަންނާނެ ކަމުގައެވެ. އެއީ، ނުވިސްނޭ މީހުންނަށް ތަކުލީފު ޖެއްސެވުން މަނާވެގެން ވާކަމުގެ މައްޗަށް ބުއްދިން ދަލީލުކޮށްދޭތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =