56ވަނަ ޤަވާޢިދު (ޖުމްލަ 189): تَخْصِيصُ العُمُومِ بِالـحِسِّ جَائِزٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ޙިއްސުން ޢާއްމުކަން ޚާއްޞަ ކުރުން ހުއްދަ}
މި ޤަވާޢިދުގެ މުރާދު: ޢާއްމު ޞީޣާއަކުން ޝާރިޢުގެ ނައްޞެއް އަތުވެފައި، އެއާ ހިއްސީ ގޮތުން ފުށުއަރާ ކަމެއް އަތުވެއްޖެނަމަ، އެ ގޮތަށް ފުށުއެރުމުގެ ފުރުސަތު ނުދިނުމަށްޓަކައި، އެ ޝަރުޢީ ނައްޞުގެ ޢާއްމުކަން އެ ހިއްސުން ޚާއްޞަ ކުރެވޭނެއެވެ. އެއީ، ޝަރުޢީ ނައްޞުތަކާ ވާޤިޢުއާ ދެގޮތަކަށް އޮތުމުގެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ. އެހެންކަމުން، މި ހާލަތުގައި އަޅުގަނޑުމެން މި ވަނީ ޝަރުޢީ ދަލީލުގެ ދަރަޖައަށް ހިއްސު ގެންގޮސްފައެވެ. އުޞޫލީ ޢިލްމުވެރިން އެއަށް ބަރޯސާވެ، އޭގައި ހިފާފައި ވާތީއެވެ. އަދި މި ގޮތަށް ޢަމަލުކުރުމުގެ ސަބަބުން، އަޅުގަނޑުމެންނަށް ދެ ދަލީލު ޖަމާ ވެސް ކުރެވުނީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި މި މައްސަލައިގައި އޮންނަ ރާޖިޙު ރައުޔެވެ.
މިއާ ޚިލާފަށް، ބައެއް އިމާމުން ޙިއްސަކީ ދަލީލަކަށް ވުމާ މެދު ދެކޮޅުހައްދަވައި ބަޙުޘްކުރައްވާފައި ވެއެވެ. މި ޤަވާޢިދުގެ ދަށުން ޢިލްމުވެރިން ގެންނަވާ މިސާލުތައް އެ ބޭފުޅުން ހިމަނުއްވަނީ، ޚާއްޞަކަމުގެ މުރާދުގައިވާ ޢާއްމުގެ ބާބުގެ ދަށުގައެވެ. ކޮންމެއަކަސް، ހިއްސުން ލާޒިމު ކުރާ އެ ކަންކަން އެ އެންގެވުމުގެ ޢާއްމުކަމުގެ ދަށަށް ނުވަންނާނެ ކަމާ މެދު ހުރިހާ ބޭފުޅުންނަށް ވެސް އިއްތިފާޤުވެވިފައިވާތީ، މި ޚިލާފަކީ ހަމައެކަނި ލަފްޒީ ޚިލާފެއް ކަން، އަދި މިއީ ޙަޤީޤީ ޚިލާފެއް ނޫންކަން އެނގިގެންދެއެވެ.
އަދި އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން، ޙިއްސުން ޚާއްޞަ ކުރުން، ބުއްދިން ޚާއްޞަ ކުރުމުގެ ތެރެއަށް ލައްވަތެވެ. މީގެ ތެރޭގައި އައްސަމްޢާނީ ހިމެނިވަޑައިގަންނަވަތެވެ.
މި ޤަވާޢިދުގެ މިސާލަކީ، ހޫދު ޢަލައިހިއްސަލާމްގެ ޤައުމުގެ މައްޗަށް ކޯފާއެއްގެ ގޮތުން ފޮނުއްވުނު ވަޔާ ގުޅޭ ގޮތުން އައިސްފައިވާ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (تُدَمِّرُ كُلَّ شَيْءٍ بِأَمْرِ رَبِّهَا) (ސޫރަތުލްއަޙްޤާފް: 25 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އެ ވައި، އޭގެ ވެރިރަސްކަލާނގެ އަމުރުފުޅަށް ކޮންމެ އެއްޗެއް ހަލާކުކޮށް ނެތިކޮށްލަތެވެ.] މި އާޔަތުގައި އެވާ [كُلَّ شَيْءٍ] (ކޮންމެ އެއްޗެއް) ހިމެނެނީ ޢާއްމުކަން ދޭހަކޮށްދޭ ލަފްޒުތަކުގެ ތެރެއިންނެވެ. އެއިން ދޭހަކޮށްދެނީ، ހުރިހާ އެއްޗެއް އޭގެ ތެރެއަށް ވަންނަކަމެވެ. އެހެންކަމުން، ފޮނުއްވުނު ވައިން ހުރިހާ އެއްޗެއް ހަލާކުކޮށް ލެވުނުކަން ދޭހަކޮށްދެއެވެ. އެހެންނަމަވެސް، އެ ހަލާކުކޮށްލެވުން ޚާއްޞަވެގެންވަނީ، ފަސް ހިއްސަށް އެނގިގެންވާ އެއްޗިއްސަށެވެ. އެހެނީ، ވަރަށް ގިނަ އެއްޗެހި އެ ވައިގެ ޒަރީއާއިން ހަލާކުކޮށް ނުލެވި ވެސް ވެއެވެ. އޭގެ ތެރޭގައި، އުޑާއި ބިމާއި ފަރުބަދަތައް ހިމެނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =