57ވަނަ ޤަވާޢިދު (ޖުމްލަ 189): العَادَةُ مُـخَصِّصَةٌ لِلْعُمُومِ
މި ޤަވާޢިދުގެ ތަރުޖަމާ: {އާދަކާދައަކީ ޢާއްމުކަން ޚާއްޞަ ކުރާ އެއްޗެއް}
މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ ލަފްޒުތަކުންކުރެ ލަފްޒަކުން ޝަރުޢުކުރައްވާ ފަރާތުގެ ނައްޞެއް ވާރިދުވެފައި، އެ ޢާއްމު ލަފްޒަކީ އެ ލަފްޒުގެ ދަށަށް ވަނުން އެކަށީގެންވާ އަފުރާދުންކުރެ ވަކި ފަރުދަކަށް އާދަކާދައިގެ ގޮތުން ބޭނުންކުރެވޭ ލަފްޒަކަށް ވާނަމަ، އެ އާދަކާދައިން އެ ޢާއްމު ލަފްޒު ޚާއްޞަ ކުރެވިދާނެއެވެ. މިއީ، ޙަނަފީންނާއި ބައެއް މާލިކީންގެ ރައުޔެވެ.
މިއާ ޚިލާފަށް، މި ޤަވާޢިދާ އެއްގޮތަށް ވިދާޅުވާ ބައެއް ބޭފުޅުންގެ ނަޒަރުގައި، ޤައުލީ (ދުލުން ބުނާ ބަހަކާ ގުޅޭ) އާދަކާދަތަކުން ޚާއްޞަ ކުރެވިދާނެއެވެ. އެހެންނަމަވެސް، ފިޢުލީ (ޢަމަލީ ގޮތުން ކުރާ ކަމަކާ ގުޅޭ) އާދަކާދައަކުން ޚާއްޞައެއް ނުކުރެވޭނެއެވެ. އަދި މިއީ، އަލްޤަރާފީ ބަރޯސާވެވަޑައިގެންނެވި ރައުޔެވެ.
އަދި މިއާ ޚިލާފަށް، ބައެއް މާލިކީންނާއި، ޝާފިޢީންނާއި އަދި ޙަންބަލީންގެ ނަޒަރުގައި، އާދަކާދައިން ޚާއްޞައެއް ނުކުރެވޭނެއެވެ. އެ އާދަކާދައަކީ ޤައުލީ އެއްޗަކަށް ވިޔަސް ނުވަތަ ފިޢުލީ އެއްޗަކަށް ވިޔަސް މެއެވެ.
ދެން ފަހެ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގެ އާދަކާދައިން ޢާއްމުކަން ޚާއްޞަ ކުރެވިދާނެ ކަމާ މެދު ހުރިހާ ބޭފުޅުން ވެސް އިއްތިފާޤުވެވަޑައިގަންނަވަތެވެ. އެ އާދަކާދައަކީ ޤައުލީ އެއްޗެއް ކަމުގައި ވިޔަސް ނުވަތަ ފިޢުލީ އެއްޗެއް ކަމުގައި ވިޔަސް މެއެވެ. ސަބަބަކީ، އެ ކަންކަމުގެ މައްޗަށް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިޤުރާރުވެވަޑައިގަތުމުގެ ތެރެއަށް އެ ރުޖޫޢަ ވާތީއެވެ.
އަދި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގެ ފަހުން އުފަންވާ އާދަކާދަތަކުން ޢާއްމުކަން ޚާއްޞަ ނުކުރެވޭނެ ކަމާ މެދު ވެސް އެ ބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވަތެވެ.
ކޮންމެއަކަސް، އާދަކާދައިން ޚާއްޞަ ކުރެވޭނީ، ޝަރުޠުތަކެއް ފުރިހަމަ ވާނަމައެވެ. އެއީ:
- އެ އާދަކާދައަކީ ހުރިހާ ހާލަތެއްގައި ވެސް އެ ރަށުގެ ހުރިހާ އެންމެންގެ ގާތުގައި ވެސް އޮންނަ، ނުވަތަ ގިނަ މީހުންގެ ގާތުގައި އޮންނަ އާދަކާދައަކަށް ވުމެވެ.
- އެ ލަފްޒު ވާރިދުވިއިރު، އެ އާދަކާދަ ޤާއިމުވެފައި އޮތުމެވެ.
- އެ އާދަކާދައާ ޚިލާފުވުމަށް އޮތް ޞަރީޙަ ބުނުމެއް، އެ އާދަކާދައާ ފުށުނޭރުމެވެ.
- އެ އާދަކާދައަކީ، ނައްޞާ ޚިލާފުވާ، ނުވަތަ ޝަރީޢަތުގެ އުޞޫލުތަކުންކުރެ ޤަޠުޢީ އަޞްލަކާ ޚިލާފުވާ ކަމަކަށް ނުވުމެވެ.
މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((يقطعُ الصلاةَ المرأةُ، والحمارُ، والكلبُ)) މާނައީ: [އަންހެނާއާއި ޙިމާރާއި ކުއްތާ ނަމާދު މެދުކަނޑައިލައެވެ.] އެބަހީ، ނަމާދު ކުރަން ހުރި ފިރިހެނާއާ އޭނާގެ ސުތުރާއާ ދެމެދުން އަންހެނަކު ނުވަތަ ޙިމާރަކު ނުވަތަ ކުއްތާއަކު ހުރަސްކޮށްފިނަމަ، އޭނާގެ ނަމާދު ބާޠިލުވާނެއެވެ. މި ޙަދީޘްފުޅުގައިވާ [الـحِمَارُ] (ޙިމާރު) އަކީ، އަލިފުލާމު ބޭނުންކޮށްގެން މަޢުރިފާ ކުރެވިފައިވާ މުފުރަދު ނަމެކެވެ. ވީއިރު، އެ ލަފްޒު ހިމެނެނީ ޢާއްމުކަން ލިއްބައިދޭ ލަފްޒުތަކުގެ ތެރޭގައެވެ. އެހެންކަމުން، ހުރިހާ ޙިމާރަކަށް ވެސް އެ ލަފްޒު ޢާއްމުވެގެން ވެއެވެ. އެހެންނަމަވެސް، މި ޢާއްމުކަން، ގޭގައި ގެންގުޅޭ ޙިމާރުން ޚާއްޞަ ކުރެވިފައި ވެއެވެ. އޭގެ ތެރެއަށް، ވަޙުޝީ ޙިމާރެއް ނުވަދެއެވެ. ސަބަބަކީ، އާދަކާދައިން އެނގެނީ، [ޙިމާރޭ] ބުނެވިއްޖެނަމަ، އޭގެ މުރާދަކީ ގޭގައި ގެންގުޅޭ އޮޅު ޙިމާރު ކަމެވެ. އެހެންކަމުން، މި ވާހުށީ ޤައުލީ އާދަކާދައިން ޚާއްޞަ ކުރި ކުރުމެއް ކަމުގައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =