58ވަނަ ޤަވާޢިދު (ޖުމްލަ 189): الـمَصلَحَةُ تُخَصِّصُ العُمُومَ
މި ޤަވާޢިދުގެ ތަރުޖަމާ: {މަޞްލަޙަތު، ޢާއްމުކަން ޚާއްޞަ ކުރޭ}
މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ޢާއްމު ނައްޞެއް ވާރިދުވެފައި، އެ ނައްޞުގެ ޢާއްމުކަމުގެ ތެރެއަށް ވަންނަ ބައެއް އަފުރާދުން އެއިން ނެރެލަންޖެހޭފަދަ ޝަރުޢީ ގޮތުން މުޢުތަބަރު މަޞްލަޙަތެއް މުޖުތަހިދު ޢިލްމުވެރިޔާއަށް ސާބިތުވެއްޖެނަމަ، އެ މަޞްލަޙަތުން އެ ޢާއްމު ނައްޞު ޚާއްޞަ ކުރުން ހުއްދަވާނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ) (ސޫރަތުއްނޫރު: 2 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެ މީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ!] މި އާޔަތުން ދަލީލުކޮށްދެނީ، ޒިނޭކުރާ މުޙުޞަން ނޫން މީހާގެ ގައިގައި ސަތޭކަ އެތިފަހަރު ޖެހުން ވާޖިބުވެގެންވާ ކަމެވެ. އެހެންނަމަވެސް، މި ޢާއްމުކަމުގެ ތެރެއިން، ހަށިގަނޑު ނިކަމެތިވުމުގެ ސަބަބުން ސަތޭކަ އެތިފަހަރު ޖަހައިފިނަމަ މަރުވެދާނެ ކަމުގެ ބިރު އޮތް މީހުން ނެރެލެވިގެން ވެއެވެ. އަދި ނަފްސު ރައްކާތެރިކުރުމުގެ މަޞްލަޙަތަށް ބަރޯސާކޮށް، ޙައްދުގެ ގޮތުން އެފަދަ މީހާގެ ގައިގައި ޖަހަންޖެހޭ މިންވަރު ލުއިކޮށްލެވިދާނެއެވެ.
59ވަނަ ޤަވާޢިދު (ޖުމްލަ 189): مَذْهَبُ الصَّحَابِيِّ لَا يَكُون مُـخَصِّصًّا لِلْعُمُومِ
މި ޤަވާޢިދުގެ ތަރުޖަމާ: {ޞަޙާބީގެ މަޒުހަބަކީ، ޢާއްމުކަން ޚާއްޞަ ކުރާ އެއްޗަކަށް ނުވާނެ}
މި ޤަވާޢިދުގެ މުރާދު: ޞަޙާބީގެ މަޒުހަބަކީ ނުވަތަ ބަސްފުޅަކީ ނުވަތަ ދެކޭ ގޮތަކީ، އޭގެ މައްޗަށް ބިނާކޮށް، ނައްޞެއްގައިވާ ޢާއްމުކަން ޚާއްޞަ ކުރެވޭނޭ އެއްޗެއް ނޫނެވެ. ސަބަބަކީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ އަރިހުގައި ޞަޙާބީގެ ބަސްފުޅަކީ ޙުއްޖަތެއް ނޫނެވެ. އެއީ ޙުއްޖަތަކަށްވިނަމަ، އެހެން ޞަޙާބީއަކަށް އެއާ ޚިލާފެއް ނުވެވުނީހެވެ. ޙުއްޖަތަކަށް ނުވާ އެއްޗަކުން، ޙުއްޖަތަކަށް ވާ އެއްޗެއް ޚާއްޞައެއް ނުކުރެވޭނެއެވެ. މިއީ، މާލިކީންނާއި، ގިނަ ޝާފިޢީންގެ ރައުޔެވެ.
މިއާ ޚިލާފަށް، ޙަނަފީންކުރެ ގިނަ ބޭފުޅުންނާއި ޙަންބަލީންގެ ނަޒަރުގައި، ޞަޙާބީގެ ބަސްފުޅުން ޚާއްޞަ ކުރެވިދާނެއެވެ. އެއީ، ޞަޙާބީގެ ބަސްފުޅަކީ ޙުއްޖަތެއް ކަމަށް އެ ބޭފުޅުން ދެކިވަޑައިގަންނަވާތީ އެއަށް ބިނާކޮށެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =