60ވަނަ ޤަވާޢިދު (ޖުމްލަ 189): اِسْتِنْبَاطُ مَعْنَى مِنَ النَّصِّ يُـخَصِّصُهُ جَائِزٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ނައްޞުން އެ ޚާއްޞަ ކުރާނޭ މާނައެއް އިސްތިންބާޠު ކުރުން ހުއްދަ}
މި ޤަވާޢިދުގެ މުރާދު: އިޖުތިހާދު ކޮށްގެންނާއި ފަހުމް ކޮށްގެން، ނައްޞުން މާނައެއް ނެރުމާއި އިސްތިންބާޠު ކުރުން ޞައްޙަވެގެން ވެއެވެ. މި ތަނުގައި [މާނަ] އެ ވަނީ، ޤިޔާސް ކުރާއިރު ބޭނުންކުރެވޭ ޢިއްލަތަށްވުރެ ތަނަވަސް މުރާދެއްގައެވެ. ފަހަރުގައި އެ [މާނަ] އަކީ ޢިއްލަތަކަށް ވެސް ނުވަތަ ޢިއްލަތެއް ނޫން ކަމަށް ވެސް ވެދާނެއެވެ. ސަބަބަކީ، ލަފްޒުގެ މައުޟޫޢުއާއި ޝަރުޢުގެ މަންހަޖާ މާ އެކަށޭނަ މާނައެއް، ޢާއްމުކަމަށް ނަޒަރުހިންގާ ހިންގުމުންނާއި އިސްތިންބާޠު ކުރާ ކުރުމުން އެ ޢާއްމުކަމުން ވިސްނިދާނެތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ޝާފިޢީގެ އަރިހުން ދެ ގޮތަކަށް މި މައްސަލައިގައި އައިސްފައިވެއެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާހެން، މާނައިން ޢާއްމުކަން ޚާއްޞަ ކުރެވޭނެކަމަށް ވެސް، އަދި މާނައިން ޢާއްމުކަން ޚާއްޞަ ނުކުރެވޭނެ ކަމަށް ވެސް އައިސްފައި ވެއެވެ.
ދެން ފަހެ، ޢާއްމުކަން ޚާއްޞަ ކުރާނޭ މާނަތަކުގެ ތެރެއިން އިސްތިންބާޠު ކުރުން ހުއްދަ މާނަތައް އަލްޣަޒާލީ ކަނޑައަޅުއްވައި ބަޔާންކުރައްވާފައި ވެއެވެ. އެއީ ޙަޤީޤަތުގައި، މި އިސްތިންބާޠަށް ކަނޑައެޅުއްވި މިންގަނޑުތަކެކެވެ. އޭގެ ޚުލާޞާއަކީ، ނައްޞުތަކުން ދޭހަވާ މާނަތައް ދެ ބަޔަކަށް ބެހެއެވެ. ފުރަތަމަ ބަޔަކީ، ލަފްޒާ އެކު ވަގުތުން ވިސްނުމަށް އަންނަ މާނައެވެ. އެއްވެސް ފިކުރުހިންގުމަކަށް ކުޑަވެސް ބޭނުމެއް ނުޖެހޭހާ އަވަހަށެވެ. މިފަދަ މާނަތައް އިސްތިންބާޠު ކުރުން ހުއްދައެވެ. އެ މާނައަކީ ޢާއްމުކަން ޚާއްޞަ ކުރާ މާނައެއް ކަމުގައި ވިޔަސް، ނުވަތަ ޚާއްޞަކަން ޢާއްމު ކުރާ މާނައެއް ކަމުގައި ވިޔަސް މެއެވެ. ދެވަނަ ބަޔަކީ، ލަފްޒާއެކު ވަގުތުން ވިސްނުމަށް ނާންނަ މާނައެވެ. މިފަދަ މާނަތައް އިސްތިންބާޠު ކުރެވޭނީ ފިކުރުހިންގައި ނަޒަރުހިންގައިގެންނެވެ. މިފަދަ ހުރިހާ މާނައަކުން ޚާއްޞައެއް ނުކުރެވޭނެއެވެ. މިފަދަ ކޮންމެ ވަކިވަކިން ނަޒަރުހިންގައި، އެ ތަނުން ޞައްޙަ މާނަތަކާއި ޞައްޙަ ނޫން މާނަތައް ދެނެގަނެވޭނެއެވެ.
އިސްވެ މި ވާހަކަދެކެވުނީ، އެހެން ދަލީލަކުން ޢާއްމުކަން ޚާއްޞަ ކުރެވިފައި ނުވާ ޢާއްމުއާ ގުޅޭ ގޮތުންނެވެ. އަދި މި ވާހަކަތައް، ކުރިން ޚާއްޞަ ކުރެވިފައިވާ ޢާއްމުއަށް ވެސް ހިނގާނެއެވެ.
މި ޤަވާޢިދުގެ މިސާލަކި، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((القاتل لا يرث)) މާނައީ: [ޤަތުލުކުރާ މީހާއަށް (ޤަތުލުކުރެވޭ މީހާގެ ކިބައިން) ވާރުތައެއް ނުވާނެއެވެ.] މި ޙަދީޘްގައި މި ވަނީ، ތަރިކަމުދަލުން ޢާއްމުކޮށް ކޮންމެ ޤާތިލަކު ވެސް ދުރުކުރެވޭނެކަމަށް ޞަރީޙަކޮށް ބަޔާންވެފައެވެ. އެހެންނަމަވެސް، ބައެއް ޢިލްމުވެރިން މި ނައްޞުން މި ނައްޞު ޚާއްޞަ ކުރެވޭ މާނައެއް އިސްތިންބާޠު ކުރައްވާފައި ވެއެވެ. އެ މާނައަކީ، ތަރިކަމުދަލުން ޤާތިލު މަޙުރޫމް ކުރެވުނީ، ޙައްޤަކާ ނުލައި އޭނާ ޤަތުލުކުރުމުންނެވެ. އެހެންކަމުން، މި ޢާއްމުކަމުގެ ތެރެއިން، ޙައްޤަކާ ލައިގެން ޤަތުލުކޮށްފި ހާލަތް ބޭރުވާނެއެވެ. އަދި އެ ހާލަތުގައި ތަރިކަމުދާ އޭނާއަށް ލިބުން މަނައެއް ވެސް ނުކުރެވޭނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =