61ވަނަ ޤަވާޢިދު (ޖުމްލަ 189): عَطْفُ العَامِّ عَلَى الـخَاصِّ لَا يُوجِبُ تَـخْصِيْصَ العَامِّ
މި ޤަވާޢިދުގެ ތަރުޖަމާ: {ޚާއްޞަގެ މައްޗަށް ޢާއްމުއެއް ގުޅުވައިލުމަކުން، ޢާއްމުކަން ޚާއްޞަ ކުރުމަށް ލާޒިމެއް ނުކުރޭ}
މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞުތަކުގައި ޢާއްމުކަން ދޭހަކޮށްދޭ ލަފްޒުތަކުންކުރެ ލަފްޒެއް، ޚާއްޞަ ލަފްޒަކާ ޖެހިގެން އެ ލަފްޒަށްވުރެ ފަހުން ވާރިދުވެފައި ވާނަމަ، އޭގެ ސަބަބުން އެ ޢާއްމު ޚާއްޞަ ކުރުމަކަށް ލާޒިމެއް ނުކުރެތެވެ. އެހެނެއްކަމަކު، އެ ޢާއްމު އޭގެ ޢާއްމުކަން މަތީ ދެމިއޮންނާނެއެވެ. އެހެންކަމުން، މި ހާލަތުގައި ބަރޯސާވެވޭނީ، ޢާއްމަށެވެ. އަދި އެ ޚާއްޞަ ލަފްޒު ޛިކުރުކުރެވިފައިވުމުން ލިބޭ ފައިދާއަކީ، އޭގެ ދަރަޖައާއި މޮޅުކަމާއި މުހިއްމުކަން ހާމަވުމެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَقِمْنَ الصَّلاةَ وآتِينَ الزَّكَاةَ وَأَطِعْنَ اللَّهَ وَرَسُولَهُ) (ސޫރަތުލްއަޙްޒާބު: 33 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަކަނބަލުން ނަމާދު ޤާއިމު ކުރާށެވެ! އަދި ތިޔަކަނބަލުން ޒަކާތް ދޭށެވެ! އަދި ﷲ އާއި އެ ކަލާނގެ ރަސޫލާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ!] މި އާޔަތުގައި އެ ކަނބަލުންނަށް އެ ވަނީ، ނަމާދު ޤާއިމު ކުރުމަށާއި ޒަކާތް ދިނުމަށް އަމުރުވެވިފައެވެ. ދެން އެއާ ގުޅުވައިގެން އެ އޮތީ އެއަށްވުރެ ޢާއްމުކަން ބޮޑު ކަމެއްގެ ވާހަކައެވެ. އެއީ، ﷲ އާއި އެ ކަލާނގެ ރަސޫލާއަށް ކިޔަމަންވުމުގެ އަމުރެވެ. އެހެންވިޔަސް، ކިޔަމަންވުމުގެ ދާއިރާ އޭގެ ކުރިން އޮތް ނަމާދާއި ޒަކާތަށް އެކަނި ހަނިކޮށް ޚާއްޞަ ކުރުން އެއިން ލާޒިމެއް ނުކުރެތެވެ. އަދި ކިޔެއްތަ! ކިޔަމަންވުމުގެ އަމުރު އެންމެހާ ކިޔަމަންވުމަކަށް ވެސް ޢާއްމުވެގެންވާ ގޮތުގައި އޮންނާނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =