[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 59

62ވަނަ ޤަވާޢިދު (ޖުމްލަ 189): عَطْفُ الـخَاصِّ عَلَى العَامِّ لَا يُوجِبُ تَـخْصِيْصَ العَامِّ

މި ޤަވާޢިދުގެ ތަރުޖަމާ: {ޢާއްމުގެ މައްޗަށް ޚާއްޞައެއް ގުޅުވައިލުމަކުން، ޢާއްމުކަން ޚާއްޞަ ކުރުމަށް ލާޒިމެއް ނުކުރޭ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ނައްޞުގައި ޢާއްމު ލަފްޒެއް ވާރިދުވެފައި، އެއަށްފަހު އެއާ ގުޅުވައިލައިގެން އެ ޢާއްމު ލަފްޒުގެ ޢާއްމުކަމުގެ ޙުކުމުގެ ދަށަށް ވަންނަހެން ޚާއްޞަ ލަފްޒެއް އައުމަކުން، އެ ޢާއްމު ލަފްޒު ޚާއްޞަ ކުރުން ލާޒިމެއް ނުކުރެތެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، ޙަނަފީންގެ ނަޒަރުގައި، މި ހާލަތުގައި ޢާއްމުކަން ޚާއްޞަ ކުރުން ލާޒިމު ކުރެތެވެ.

އަދި މިއާ ޚިލާފަށް، އުޞޫލީ ޢިލްމުވެރިންކުރެ ބައެއް ބޭފުޅުން މި މައްސަލައިގައި ވަކި ކޮޅެއް އިޚްތިޔާރުކުރެއްވުމެއް ނެތި ތަވައްޤުފު (ހުއްޓިހުރުން) އިޚްތިޔާރުކުރެއްވިއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَالْمُطَلَّقَاتُ يَتَرَبَّصْنَ بِأَنْفُسِهِنَّ ثَلَاثَةَ قُرُوءٍ) (ސޫރަތުލްބަޤަރާ: 228 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ވަރިކޮށްފައިވާ އަންހެނުން، އެ ކަނބަލުންގެ އަމިއްލަ ނަފްސުތަކާއިގެން ތިން قُرْءُ ވަންދެން އިންތިޒާރު ކުރާހުށިކަމެވެ!] މި އާޔަތުގެ މި ތަނުގައި އެ ވަނީ، ރަޖުޢީ ވަރިއާއި ބާއިން ވަރިއަށް ޢާއްމުވާނޭހެންނެވެ. މިއާ ޖެހިގެން ހަމަ އެ އާޔަތުގައި އެ ކަލާނގެ ވަޙީކުރެއްވިއެވެ. (وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ) މާނައީ: [އެ ކަނބަލުން ކާވެންޏަށް އަނބުރައި ގެނައުން އެ ކަނބަލުންގެ ފިރީންނަށް ޙައްޤުވެގެން ވެއެވެ.] މި ތަނުގައި އެ ވަނީ، ރަޖުޢީ ވަރިތަކަށް ޚާއްޞަކޮށެވެ. މި ގޮތަށް އޮތުމަކުން، ޤުރޫއިން ޢިއްދަ ގުނޭނީ ރަޖުޢީ ވަރިތަކުގައި އެކަނިކަމަކަށް ނުބުނެވޭނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =