[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 60

63ވަނަ ޤަވާޢިދު (ޖުމްލަ 189): لَفْظُ الأَمْرِ حَقِيْقَةٌ فِي القَوْلِ الـمَخْصُوصِ مَـجَازٌ فِي غَيْرِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރުގެ ލަފްޒަކީ ޚާއްޞަ ކުރެވޭ ބަސްފުޅުގައި ޙަޤީޤަތެއް، އެހެން ތަކެތީގައި މަޖާޒެއް}

މި ޤަވާޢިދުގެ މުރާދު: ޢަރަބިބަހުގައި [އަމުރު] އެތަކެއް މާނައެއްގައި ބޭނުންކުރެވެއެވެ. އޭގެ ތެރޭގައި، ޚާއްޞަ ކުރެވޭ ބަސްފުޅާއި (އެބަހީ، ކަމެއް ކުރުމަށް އެދުމަށް ދަލީލުކޮށްދޭ ޞީޣާ)، ފިޢުލު ނުވަތަ ހާދިސާއާއި، އެއްޗާއި، ހާލަތާއި ކަންކަމާއި، މަޤްޞަދާއި، ސިފަ އަދި ޙުކުމް ހިމެނެއެވެ.

މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، އަމުރަކީ، ކަމެއް ކުރުމަށް އެދޭ ބަސްފުޅު އަދި އުޞޫލީ ޢިލްމުވެރިންގެ ގެންގުޅުންވާ ނަމުންނަމަ [ޚާއްޞަ ކުރެވޭ ބަސްފުޅު]ގައި ޙަޤީޤީ މާނައިގައި ބޭނުންކުރެވޭ ލަފްޒެއް ކަމުގައެވެ. މަތީގައި ބަޔާންކުރެވުނު މާނަތަކުގެ ތެރެއިން، އެ ނޫން މާނައެއްގައި ބޭނުންކުރެވިއްޖެނަމަ، މިސާލަކަށް [ފިޢުލު] (ކަންތައް) ގެ މާނައިގައި، އެ ބޭނުންކުރެވިފައި އެ ވަނީ މަޖާޒީ ގޮތުން ކަމުގައެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.

މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، އަމުރުގެ ލަފްޒަކީ، ޚާއްޞަ ކުރެވޭ ބަސްފުޅަށާއި ފިޢުލަށް ވެސް ޙަޤީޤީ މާނައިގައި ލެއްވިފައިވާ، އެ ދެ ލަފްޒުގެ މެދުގައި މުޝްތަރަކްކޮށް އޮންނަ ލަފްޒެކެވެ. މީގެ ތެރޭގައި، ބައެއް ފިޤުހުވެރިން ހިމެނިވަޑައިގަންނަވަތެވެ. އަދި ޝާފިޢީންނަށް، އަދި ޝާފިޢީންގެ ގިނަ ބޭފުޅުންނަށާއި ގިނަ މާލިކީންނަށް ވެސް ނިސްބަތްކުރެވިފައިވެއެވެ.

އަދި މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، އަމުރުގެ ލަފްޒަކީ، ޚާއްޞަ ކުރެވޭ ބަސްފުޅާއި، އެއްޗާއި ސިފަޔާއި ކަންތަކާއި ގޮތްތަކުގެ މެދުގައި މުޝްތަރަކްކޮށް އޮންނަ ލަފްޒެކެވެ. އަދި މި އެއްޗެހީގެ މާނައިގައި [އަމުރު] ބޭނުންކުރެވެނީ ޙަޤީޤީ ގޮތުންނެވެ. އެހެންނަމަވެސް، [ފިޢުލަ]ށް އެއީ [ފިޢުލަކަށް] ވާތީއޭ ކިޔާފައި ޙަޤީޤީ ގޮތަކުން ބޭނުމެއް ނުކުރެވެއެވެ. މިއީ، އަބުލްޙުސައިން އިޚްތިޔާރުކުރެއްވި ރައުޔެވެ. އަދި އައްސަމަރުޤަންދީ އެ ބޭފުޅާއާ އެއްބަސްވެވަޑައިގެންނެވިއެވެ.

އަދި މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، އަމުރަކީ [ޚާއްޞަ ކުރެވޭ ބަސްފުޅު] އާއި [ފިޢުލު] ގައި މުޝްތަރަކްވާ (އެއްގޮތްވާ އަދި އެއްވައްތަރުވާ) މިންވަރަށް ލެއްވިފައިވާ ލަފްޒެކެވެ. އެހެންކަމުން، އެ އޮންނާނީ ތަވާޠުއުކޮށެވެ. އެބަހީ، މަޢުނަވީ ގޮތުން މުޝްތަރަކްކޮށެވެ. ލަފްޒީ ގޮތަކުން ނޫނެވެ. މިއީ، އަލްއާމިދީ އިޚްތިޔާރުކުރެއްވި ރައުޔެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފިޢުލުތަކަށް (ޢަމަލުފުޅުތަކަށް) އަމުރެއްގެ ނަން ދެވިދާނެތޯ ކަނޑައެޅުމުގައި، އެހެން ޢިބާރާތަކުންނަމަ އޭގައި ޙަޤީޤީ މާނައިގައި އަމުރެއް އެކުލެވިގެންވޭތޯ ކަނޑައެޅުމުގައި އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި އުފެދިފައިވާ ރައުޔުތަފާތުވުމެވެ. މި ޚިލާފު ބިނާވަނީ މި ޤަވާޢިދަށެވެ. އަމުރުގެ ލަފްޒަކީ ޚާއްޞަ ކުރެވޭ ބަސްފުޅުފަދައިން [ފިޢުލަށް] ޙަޤީޤީ މާނައިގައި ލެއްވިފައިވާ ލަފްޒެއް ކަމުގައި ދެކިވަޑައިގަންނަވާ ބޭފުޅުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފިޢުލުތަކަށް ޙަޤީޤީ މާނައިގައި [އަމުރު] ގެ ނަން ދެއްވަތެވެ. އަދި އެ ވާހުށީ ވާޖިބު ކަންތައްތަކެއް ކަމުގައި ވެސް ވިދާޅުވެތެވެ. މިއާ ޚިލާފަށް، ގިނަ ޢިލްމުވެރިންގެ ނަޒަރުގައި އެއަށް ޙަޤީޤީ މާނައިގައި އަމުރެކޭ ނުކިޔޭނެއެވެ. އެއަށް އަމުރޭ ކިޔޭނީ މަޖާޒީ ގޮތުންނެވެ. މި ޤަވާޢިދު ވެސް ލާޒިމުކުރާ ފަދައިންނެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =