64ވަނަ ޤަވާޢިދު (ޖުމްލަ 189): لِلْأَمْرِ صِيْغَةٌ مَوْضُوعَةٌ فِي اللُّغَةِ
މި ޤަވާޢިދުގެ ތަރުޖަމާ: {ބަހުގައި ކަނޑައެޅިފައިވާ ޞީޣާއެއް އަމުރަށް ލިބިގެންވޭ}
މި ޤަވާޢިދުގެ މުރާދު: ކަމެއް ކުރަން އެދުން ދަލީލުކޮށްދޭ ޞީޣާތަކެއް (ޢިބާރާތްތަކެއް) ޢަރަބިބަހުގައި އަމުރަށް ލިބިގެން ވެއެވެ. އެއީ، މީހަކު އަނެކާއަށް [اِفْعَل] (ކުރާށޭ) ބުނާ ބުނުމެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، އަމުރަށް ޢަރަބިބަހުގައި ވަކި ޞީޣާއެއް ކަނޑައެޅިފައެއް ނުވެއެވެ. އެހެނެއްކަމަކު، އަމުރަކީ ވާހަކަދައްކާ މީހާގެ ނަފްސުގައި ޤާއިމުވާ މާނައެކެވެ. މި ރައުޔު، އަބުލްޙަސަން އަލްއަޝްޢަރީއާއި އެ ބޭފުޅާއަށް ތަބާވީ ފަރާތްތަކަށާއި، އަދި އަލްޤާޟީ އަލްބާޤިއްލާނީއަށް ނިސްބަތްކުރެވިފައި ވެއެވެ. އަދި މި ރައުޔު، އިބްނުލްޢަރަބީ އިޚްތިޔާރުކުރައްވާފައި ވެއެވެ.
އަދި އަމުރަށް ޚާއްޞަ ޞީޣާއެއް ލިބިގެންވާކަމަށް މި ޤަވާޢިދު ތަރުޖަމާކުރުމަށް އިމާމުލްޙަރަމައިނިއާއި އަލްޣަޒާލީ އިޢުތިރާޟް ކުރައްވާފައި ވެއެވެ. އަދި އެ ބޭފުޅުން ވިދާޅުވެފައިވަނީ، މި މައްސަލައިގައި މިވާ ރައުޔުތަފާތުވުމަކީ، މުޠުލަޤުކޮށް ޞީޣާއާ ގުޅޭ ގޮތުން އޮތް ރައުޔުތަފާތުވުމެއް ނޫންކަމުގައެވެ. އެހެނީ، އެފަދަ ޞީޣާތައް އޮންނާނެކަން އެންމެންނަށް ވެސް އެނގިގެންވެއެވެ. އެހެނެއްކަމަކު، މި މައްސަލައިގައި މިވާ ރައުޔުތަފާތުވުމަކީ، ޤަރީނާއެއް ނެތް ހިނދު އަމުރުގެ ޞީޣާ މެދު އުފެދިފައިވާ ރައުޔުތަފާތުވުމެއް ކަމުގައެވެ. އެ ހާލަތުގައި އެއިން ޚާއްޞަކޮށް ދޭހަކޮށްދެނީ ވާޖިބުކަންތޯ އަދި ޙަޤީޤީ މާނައިގައި ދޭހަކޮށްދެނީ ހަމައެކަނި ވާޖިބުކަމުގެ މާނަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާ ގުޅޭ ގޮތުން ކަމުގައެވެ.
އެހެންނަމަވެސް، އަލްއާމިދީ ވިދާޅުވެފައިވަނީ، މި ބޭފުޅުން އެ ވިދާޅުވި ވާހަކަފުޅުގެ ސަބަބުން މި މައްސަލައިގައި އުފެދިފައިވާ ރައުޔުތަފާތުވުން ފިލައިގެން ނުދާ ކަމުގައެވެ. އެހެނީ، ރައުޔުތަފާތުވުން އޮތީ، އަމުރަށް ޚާއްޞަ އިންޝާއީ ޞީޣާއެއް ލިބިގެންވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާ ގުޅޭ ގޮތުންނެވެ. އެ ބޭފުޅުން ބަޔާންކުރައްވާފައި ވަނީ، އަމުރާ ގުޅޭ ގޮތުން އޮތް ޚަބަރުތަކެކެވެ. އިންޝާއުތަކާ ގުޅޭ ގޮތުން އޮތް ޚަބަރުތަކެއް ނޫނެވެ. ބޭރުފުށުން އިންޝާއުއަށް ބޭނުން ކުރެވިފައި ވިއެއްކަމަކު ވެސް މެއެވެ.
ކޮންމެއަކަސް، ބަޔާންވެދިޔަ ވާހަކަތަކަށް ބިނާކޮށް، މި ޤަވާޢިދާ ޚިލާފު ރައުޔު ނިސްބަތްކުރެވިފައިވާ ބޭފުޅުންގެ ރައުޔަށް ހަރުދަނާ ޙުއްޖަތެއް ނެތްކަމުގައި ބެލުމުގެ ފުރުސަތު އެބަ އޮތެވެ. އަދި ކިޔެއްތަ! ޙައްޤު ގޮތަކީ، އަމުރަށް ޚާއްޞަ ޞީޣާއެއް ލިބިގެންވާ ކަމަށް އިޖުމާޢުވެވިފައި ވާކަމެވެ.
މި ޤަވާޢިދުގެ މިސާލަކީ، އަމުރަށް ޚާއްޞަ ޞީޣާއެއް ލިބިގެންވާކަން ސާބިތު ވާނަމަ، ތަޙުޤީޤުކުރައްވާ ބޭފުޅުންކުރެ ޖަމާޢަތެއްގެ ބޭފުޅުންގެ ނަޒަރުގައި ހުއްދަވުމީ އަމުރަކަށް ނުވުމެވެ. އެއީ، ބުއްދިސަލާމަތުންހުރި ކޮންމެ މީހަކަށް ވެސް، އޭނާ އޭނާގެ ޚާދިމަށް ކަމެއް ކުރުމަށް އިޒުނަ (ހުއްދަ) ދިނުމާއި އެ ޚާދިމަށް ކަމެއް ކުރަން އަމުރު ކުރުމާ ދެމެދު ހުރި ތަފާތު އެނގޭނެތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =