[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙަދީޘް ޢިލްމަށް މަގެއް 2

ސަޙާބީއަކީ ކޮބާ؟

ސަޙާބީއަކީ، އިސްލާމްކަންމަތީހުރެ ރަސޫލު الله صلى الله عليه وسلم އާއި ބައްދަލުވެ، އިސްލާމްކަންމަތީހުރެ މަރުވި ކޮންމެ މީހެކެވެ.

ތާބިޢީންނަކީ ކޮބާ؟

ތާބިޢީންނަކީ މުސްލިމެއްގެ ގޮތުގައިހުރެ ސަހާބީއަކާއި ބައްދަލުވެ އިސްލާމްކަންމަތީގައި މަރުވި ކޮންމެމީހެކެވެ.

 ޙަދީޘް ޢިލްމުގެ ބައެއްއިމާމުވެރި ބޭކަލުން:

އެބޭކަލުންނަކީ ޙަދީޘްތައް ނެރެޖަމަޢަކޮށް، ފޮތްތަކެއްގެ ސިފާގައި އެކުލަވާލައި، ޞައްޙަޙަދީޘްތަކާއި ޟަޢީފް ޙަދީޘްތައް ވަކިކޮށް ބަޔާންކޮށްދެއްވި ބޭކަލުންނެވެ. މީގެތެރެއިން ބައެއްބޭކަލުންނަކީ

  • އަލްއިމާމް މާލިކްބިން އަނަސް. އެކަލޭގެފާނު ލިޔުއްވިފޮތަކީ އަލް މުއައްޠާ އެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 93 ވަނަ އަހަރާއި 179 ވަނަ އަހަރާއި ދެމެދުގައެވެ.
  • އަލް އިމާމް އަޙްމަދުބިން ހަންބަލް. އެކަލޭގެފާނު ލިޔުއްވި ފޮތަކީ އަލް މުސްނަދު އެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 164 ވަނަ އަހަރާއި 241 ވަނަ އަހަރާއި ދެމެދުގައެވެ.
  • އަލް އިމާމް މުޙައްމަދުބިން އިސްމާއީލް އަލްބުޚާރީ. އެކަލޭގެފާނު ލިޔުއްވި ފޮތަކީ އަލްޖާމިޢު އައްޞަޙީޙް އެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 194 ވަނަ އަހަރާއި 256 ވަނަ އަހަރާއި ދެމެދުގައެވެ.
  • އަލްއިމާމް މުސްލިމްބިން އަލްޙައްޖާޖް އަލްޤުޝައިރިއްޔު އައްނައިސާޕޫރީ. އެކަލޭގެފާނު ލިޔުއްވިފޮތަކީ އަލްމުސްނަދު އައްޞަޙީޙްއެވެ.އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 204 ވަނަ އަހަރާއި 261 ވަނަ އަހަރާއި ދެމެދުގައެވެ.
  • އަބޫދާވޫދު ސުލައިމާންބިން އަލްއަޝްޢަޘް އައްސިޖިސްތާނީ.  އެކަލޭގެފާނު ލިޔުއްވިފޮތަކީ ސުނަންއަބޫދާވޫދުއެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 202 ވަނަ އަހަރާއި 275 އާއި ދެމެދުގައެވެ.
  • އަބޫޢީސާ މުޙައްމަދުބިން ޢީސާ އައްތިރުމިޒީ. އެކަލޭގެފާނު ލިޔުއްވިފޮތަކީ ސުނަން އައްތިރްމިޒީ އެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 209 ވަނަ އަހަރާއި 273 ވަނަ އަހަރާއި ދެމެދުގައެވެ.
  • އަޙްމަދުބިން ޝުއައިބް އައްނަސާއީ. އެކަލޭގެފާނު ލިޔުއްވިފޮތަކީ ސުނަން އައްނަސާއީއެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 215 ވަނަ އަހަރާއި 303 ވަނަ އަހަރާއި ދެމެދުގައެވެ.
  • މުޙައްމަދު ބިން ޔަޒީދު ބިން މާޖާ އަލްޤަޒްވީނީ. އެކަލޭގެފާނު ލިޔުއްވި ފޮތަކީ ސުނަން އިބްނިމާޖާ އެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 207 ވަނަ އަހަރާއި 273 ވަނަ އަހަރާއި ދެމެދުގައެވެ.

އަބޫދާވޫދު، ތިރްމިޒީ،ނަސާއީ އަދި އިބްނުމާޖާ މިހަތަރު ބޭކަލުންނަށް އަސްޙާބުއްސުނަންގެ ނަމުން ނަންދެވިގެން ވެއެވެ.

 އެއްމެ ސައްހަކަންބޮޑު ޙަދީޘް:

 އެއްމެ ސައްހަކަންބޮޑު ޙަދީޘްއަކީ އިމާމް ބުޚާރީ އާއި، އިމާމް މުސްލިމް އެދެބޭކަލުންގެ ފޮތުގައި އެއްމާނައެއް ދޭހަވާގޮތަށް ގެންނަވާފައި ހުންނަ ކޮންމެ ޙަދީޘްއެކެވެ. މިވައްތަރުގެ ޙަދީޘަށް މުއްތަފަޤުންއަލައިހިގެ ނަމުން ނަން ދެވިގެންވެއެވެ.

މިސާލު: عن عائشة رضى الله عنها قالت: كان اانّبيّ صلى الله عليه وسلم يعجبه ااتّيمّن في تنعّله وترجّله وطهوره و في شأنه كلّه

މި ޙަދީޘްގެ މާނައަކީ : عائشة رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. ޠާހިރުވުމުގައްޔާއި ބޮލުގަ ފުނާއެޅުމުގައްޔާއި ފައިވާންޖޯޑުކޮޅަށް އަރައިވަޑައިގަތުމުގައްޔާއި އަދި އެހެނިހެން ހުރިހާކަމެއްގައިވެސް ކަނާއަތްޕުޅު އިސްކުރެއްވުމަށް ރަސޫލު الله صلى الله عليه وسلم ލޯބިކުރެއްވިއެވެ.

އަދި ހަމަމިޙަދީޘް އެހެން ލަފްޒުތަކަކުން މިމާނައިގައި އިމާމްމުސްލިމް އެކަލޭގެފާނުގެ ފޮތުގައި ގެންނަވާފައިވެއެވެ. ވީމާ މިޙަދީޘްއަކީ މުއްތަފަޤުންއަލައިހި ޙަދީޘްއެކެވެ.

މުއްތަފަޤުންއަލައިހި ޙަދީޘްއަށްފަހުގައި ދެން އެންމެ ޞައްހަކަންބޮޑީ ހަމައެކަނި އިމާމްބުޚާރީ އެކަލޭގެފާނުގެ ފޮތުގައި ގެންނަވާފައިވާ ޙަދީޘްއެވެ. އަދި މިޔަށްފަހުގައި ދެން ހަމައެކަނި އިމާމްމުސްލިމް އެކަލޭގެފާނުގެ ފޮތުގައި ގެންނަވާފައިވާ ޙަދީޘްތަކެވެ.