[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ -ދިހަވަނަ މަޖްލިސް

ރޯދައިގެ ވާޖިބު އަދަބުތަކުގެ ތެރެއިން

 

ހަމްދުހުރީ ﷲއަށެވެ. އެއިލާހީ ޚަލްޤުތަކުންނަށް އެންމެ ފުރިހަމަ އަދަބުތަކަށް އިރުޝާދު ދެއްވި އިލާހެވެ. އަދި އެއިލާހު އެބައިމީހުންނަށް، އެއިލާހުގެ ރަޙުމަތުގެ ޚަޒާނާތަކާއި ދީލަތިކަމުގެ ހުރިހާ ދޮރުކޮޅުތަކެއް ހުޅުވާދެއްވިއެވެ. އަދި މުއުމިނުންގެ ވިސްނުން އެއިލާހު އަލިކޮށްދެއްވިއެވެ. ދެން އެއަލިކަމުގެ ސަބަބުން އެބައިމީހުން ޙަޤީޤަތްތައް ހޯދައިގަނެ ޘަވާބާއި ދަރުމައަށް އެދުނެވެ. އަދި އެއިލާހަށް ކިޔަމަންވުމުން ފުރަގަސްދީ އެނބުރި ދިޔަމީހުންގެ ލޯތައް ކަނުކުރެއްވިއެވެ. ދެން އޭގެ ސަބަބުން އެބައިމީހުންނާ އެއިލާހާއި ދެމެދުވާ ނޫރުގެ ދެމެދުގައި ފަރުދާއެއް ލެވުނެވެ.

އެއިލާހުގެ ފަޟްލަވަންތަވެރިކަމާއި ރަޙްމަތުން އެބައިމީހުންނަށް ހިދާޔަތް ދެއްކެވިއެވެ. އަދި އެނޫންމީހުން އެއިލާހުގެ ޢަދުލުވެރިކަމާއި ޙިކުމަތުން މަގުފުރެއްދެވިއެވެ. ހަމަކަށަވަރުން މިކަމުގައި ބުއްދީގެ އަހުލުވެރިންނަށް ހަނދުމަކުރުމެއްވާކަން ކަށަވަރެވެ.

އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް ބައިވެރިއަކު ނެވެއެވެ. އެއިލާހީ އެންމެހާ ވެރިކަމެއް އެއިލާހަށްވާ، ޢިއްޒަތްވަންތަ، ގިނަގިނައިން ނިޢުމަތް ދެއްވާ އިލާހެވެ. އަދި މުޙައްމަދުގެފާނަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަކީ މަތިވެރި އަޅުންކަންތަކާ އަދި ފުރިހަމަ އަދަބުތަކާއިގެން ފޮނުއްވުނު އެއިލާހުގެ އަޅާ އަދި ރަސޫލާއެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އާލުންނާއި އަޞްޙާބުންނާއި ތާބިޢީންނާއި ޤިޔާމަތައް ދާންދެން އެބައިމީހުންނަށް ތަބަޢަވީހާބަޔަކަށް ޞަލަވާތް ލައްވާށިއެވެ. އަދި ގިނަގުނަވެގެންވީ ސަލާމުން ސަލާމް ލައްވާށިއެވެ.

އަޚުންނޭވެ! ދަންނާށެވެ! ހަމަކަށަވަރުން އެއަދަބުތަކާއިނުލާ ރޯދަ ފުރިހަމަވެގެންނުވާ އަދަބުތަކެއް ރޯދައަށް ލިބިގެންވެއެވެ. އަދި އެކަންތައްތައް މަތީ ޤާއިމްވެގެން މެނުވީ ރޯދަ ފުރިހަމަ ނުވާހުއްޓެވެ. ރޯދައިގެ އަދަބުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ: ރޯދަވެރިޔާ ކޮންމެހެންވެސް ރިޢާޔަތް ކުރަންޖެހޭ އަދި ރައްކާތެރިވާންޖެހޭ ވާޖިބުވެގެންވާ އަދަބުތަކަކާއި ރޯދަވެރިޔާ ރިޢާޔަތް ކުރަންޖެހޭ އަދި ރައްކާތެރިވާންޖެހޭ މުސްތަޙައްބު އަދަބުތަކެކެވެ.

ފަހެ ރޯދައިގެ ވާޖިބު އަބަދުތަކުގެ ތެރޭގައި، ރޯދަވެރިޔާ، އޭނާއަށް ﷲތަޢާލާ ވާޖިބުކުރައްވާފައިވާ އަޅުކަންތަކުގެ ތެރެއިން ޤައުލިއްޔާ[1] އަދި ފިއުލިއްޔާ[2] އަޅުކަންތަކުގެ މަތީ ޤާއިމްވެ ހުރުން ހިމެނިގެންވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމުކަމަކީ ފަރުޟު ފަސްނަމާދެވެ. ފަރުޟު ފަސްނަމާދަކީ ޝަހާދަތުގެ ދެކަލިމައަށްފަހު އެންމެ ވަރުގަދަވެގެންވާ އިސްލާމްކަމުގެ ރުކުނެވެ. ފަހެ އެނަމާދުތަކަށް ރައްކާތެރިވުމާއި އެނަމާދުތަކުގެ ރުކުންތަކާއި ވާޖިބުތަކާއި ޝަރުޠުތަކުގެ މަތީ އެނަމާދުތައް ޤާއިމްކުރުން ވާޖިބުވެގެންވެއެވެ. އަދި އެނަމާދުތަކުގެ ވަޤުތުގައި ޖަމާޢަތުގައި އެނަމާދުތައް އަދާކުރުން ވާޖިބުވެގެންވެއެވެ. ފަހެ، މިކަންތައް ވެގެންދަނީ ތަޤުވާވެރިކަމުގެ ތެރެއިންނެވެ. އެތަޤުވާ ވެރިކަމަކީ އެކަމަކަށްޓަކައި ރޯދަ ޝަރުޢުކުރައްވާ، އުންމަތުގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ސަބަބެވެ. ފަހެ، ނަމާދު އެޅުމަކީ ތަޤުވާވެރިކަން ނަފީ ކުރާކަމެކެވެ. އަދި އުޤޫބާތް ޙައްޤުވެގެންދާ ކަމެކެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. فَخَلَفَ مِن بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا ﴿٥٩﴾ إِلَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَأُولَـٰئِكَ يَدْخُلُونَ الْجَنَّةَ وَلَا يُظْلَمُونَ شَيْئًا ﴿٦٠﴾ [مريم: 59 – 60 ]. މާނައީ: “ފަހެ، އެބޭކަލުންނަށްފަހު، އެހެންބަޔަކު އައެވެ. އެއުރެން ނަމާދު ދޫކޮށްލިއެވެ. އަދި ޝަހުވަތްތަކަށް ތަބަޢަވިއެވެ. ފަހެ، ނިކަންހުރެ ޣައްޔު އޭކިޔުނު ނަރަކައިގެ ވާދީއަށް އެބައިމީހުން ވަންނަހުއްޓެވެ. ތައުބާވެ، އީމާންވެ އަދި ޞާލިޙް ޢަމަލުކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.”

ނަމާދުގެ ޖަމާޢަތް ވާޖިބުވެގެންވުމާއެކުވެސް ނަމާދުގެ ޖަމާޢަތާމެދު ފަރުވާ ކުދަކުރާ ބަޔަކު ރޯދަވެރިންގެ ތެރެއިން ވެއެވެ. ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ނަމާދު ޖަމާޢަތުގައި އަދާކުރުމަށް އަމުރު ކުރައްވާފައި ވެއެވެ. އެއިލާހު ވަޙީ ކުރެއްވިއެވެ. (وَإِذَا كُنتَ فِيهِمْ فَأَقَمْتَ لَهُمُ الصَّلَاةَ فَلْتَقُمْ طَائِفَةٌ مِّنْهُم مَّعَكَ وَلْيَأْخُذُوا أَسْلِحَتَهُمْ فَإِذَا سَجَدُوا فَلْيَكُونُوا مِن وَرَائِكُمْ وَلْتَأْتِ طَائِفَةٌ أُخْرَىٰ لَمْ يُصَلُّوا فَلْيُصَلُّوا مَعَكَ وَلْيَأْخُذُوا حِذْرَهُمْ وَأَسْلِحَتَهُمْ) [النساء: 102 ] މާނައީ: “އަދި، އެއުރެންގެ ތެރޭގައި ކަލޭގެފާނު ހުންނަވައި އެއުރެންނާއިގެން ނަމާދު ޤާއިމް ކުރައްވައިފިނަމަ، އެއުރެންގެ ތެރެއިން ބަޔަކު ކަލޭގެފާނާއެކުގައި ނަމާދަށް ޤައިމް ވާހުށިކަމެވެ! އަދި، އެއުރެންގެ ހަތިޔާރުތައް އެއުރެން ހިފާހުށިކަމެވެ! (އެބަހީ: ހަތިޔާރު އަޅައިގެންތިބެ ނަމާދުކުރާ ހުށިކަމެވެ!) ދެން، އެއުރެން ސަޖިދަ ކޮށްފިނަމަ (އެބަހީ: ފުރަތަމަ ركعة ފުރިހަމަކޮށްފުމަށް ދާނދެން) ނަމާދު ނުކޮށް ފާރަޔަށް ތިބިމީހުން އެއުރެންގެ ފަހަތުގައި ތިބޭހުށިކަމެވެ! އަދި، ނަމާދު ނުކޮށް ތިބިމީހުން އައިސް، ކަލޭގެފާނާއެކުގައި ނަމާދުކުރާ ހުށިކަމެވެ! އަދި، އެއުރެން ހަތިޔާރުތަކާއި، ރައްކާތެރިކަމުގައި ހިފާހުށިކަމެވެ! “

ފަހެ ﷲ ތަޢާލާ އެވަނީ ހަނގުރާމާގެ ޙާލަތާއި ބިރުވެރިކަމުގެ ޙާލަތުގައި ނަމާދު ޖަމާޢަތުގައި ކުރަން އަމުރު ކުރައްވާފައެވެ. ދެންފަހެ ހަމަޖެހި އަމާންކަންލިބިފައިވާ ވަގުތުގައި އެކަންތައް މާ އައުލާކަން ބޮޑުވެގެންވެގެން ވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެން ވެއެވެ.

أَتَى النَّبِىَّ -صلى الله عليه وسلم- رَجُلٌ أَعْمَى فَقَالَ: يَا رَسُولَ اللَّهِ إِنَّهُ لَيْسَ لِى قَائِدٌ يَقُودُنِى إِلَى الْمَسْجِدِ. فَسَأَلَ رَسُولَ اللَّهِ -صلى الله عليه وسلم- أَنْ يُرَخِّصَ لَهُ فَيُصَلِّىَ فِى بَيْتِهِ فَرَخَّصَ لَهُ فَلَمَّا وَلَّى دَعَاهُ فَقَالَ ((هَلْ تَسْمَعُ النِّدَاءَ بِالصَّلاَةِ )). فَقَالَ نَعَمْ. قَالَ (( فَأَجِبْ )) [3] މާނައީ: ” ލޮލަށް ނުފެންނަ ލޯފަންމީހަކު އައިސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނު މިސްކިތަށް ގެންގޮސްދޭނެ މީހަކު ނެތެވެ. ދެންފަހެ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަށް ގޭގައި ނަމާދުކުރުމަށް ހުއްދަދެއްވިއެވެ. އެކަލޭގެފާނު އެނބުރި ދިއުމަށްޓަކައި ފުރަގަސްދިން ހިނދު ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަށް ގޮވާލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. “ތިބާއަށް ބަންގީގެ އަޑު އިވޭ ހެއްޔެވެ؟”، އެކަލޭގެފާނު ދެންނެވިއެވެ. “އާދޭހެވެ.”، ދެން ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އެހެންވެއްޖެނަމަ (ބަންގީގެ އަޑުއިވިއްޖެނަމަ) އެޔަށް އިޖާބަ ދޭށެވެ.” ފަހެ އެބޭކަލަކީ އެއީ ލޯފަން ބޭކަލަކަށް ވެފައި، ނަމާދަށް ގެންގޮސްދޭނެ މީހަކު ނުވުމާއެކުވެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަކަށް (ނަމަދު ޖަމާޢަތް ދޫކޮށްލުމުގެ) ހުއްދައެއް ނުދެއްވައެވެ.

ވާޖިބެއް އެޅުމުގެ އިތުރުން، ވަރަށް ގިނަގުނަވެގެންވާ ހެޔޮކަންތަކަކުން ނަމާދުގެ ޖަމާޢަތް ދޫކޮށްލާމީހާ މަހުރޫމެވެގެން ދެއެވެ. އެހެނީ ހަމަކަށަވަރުން ޖަމާޢަތުގެ ނަމާދަކީ އެތައްގުނައެއް (ޘަވާބާއި ދަރުމާގެ ގޮތުން) އިތުރުވެގެންވާ ނަމާދެކެވެ. އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައި ވާފަދައިންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((صَلَاةُ الْجَمَاعَةِ تَفْضُلُ عَلَى صَلَاةِ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً))[4] މާނައީ: “އެކަނި ކުރާ ނަމާދަށްވުރެ، ޖަމާޢަތުގައި ކުރާނަމާދު ހަތާވީސްގުނަ މަތިވެރިވެގެންވެއެވެ” އަދި (ނަމާދުގެ ޖަމާޢަތް ދޫކޮށްލުމުން) އިޖުތިމާޢީ މަޞްލަޙަތުތަކެއް ގެއްލިގެން ދެއެވެ. އެއީ މުސްލިމުން ނަމާދަށް އެއްވުމުގެ ސަބަބުން، އެކަކު އަނެކަކުދެކެ ލޯބި އުފެދުމާއި އެކުވެރިކަން އާލާވުމާއި ޖާހިލުންނަށް އުނގަންނައި ދިނުމާއި ކަމަކަށް ހާޖަތްތެރި ވެފައިވާ މީހަކަށް އެހީތެރިވުންފަދަ ކަންކަމެވެ.

އަދި ނަމާދުގެ ޖަމާޢަތް ދޫކޮށްލުމުގެ ސަބަބުން ނަފްސު އުޤޫބާތަށް ހުށަހެޅެއެވެ. އަދި މުނާފިޤުންނާ ވައްތަރުވެވެއެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((إِنَّ أَثْقَلَ صَلاَةٍ عَلَى الْمُنَافِقِينَ صَلاَةُ الْعِشَاءِ وَصَلاَةُ الْفَجْرِ وَلَوْ يَعْلَمُونَ مَا فِيهِمَا لأَتَوْهُمَا وَلَوْ حَبْوًا وَلَقَدْ هَمَمْتُ أَنْ آمُرَ بِالصَّلاَةِ فَتُقَامَ ثُمَّ آمُرَ رَجُلاً فَيُصَلِّىَ بِالنَّاسِ ثُمَّ أَنْطَلِقَ مَعِى بِرِجَالٍ مَعَهُمْ حُزَمٌ مِنْ حَطَبٍ إِلَى قَوْمٍ لاَ يَشْهَدُونَ الصَّلاَةَ فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ بِالنَّارِ)) [5] މާނައީ: ” މުނާފިގުންގެ މައްޗަށް އެންމެ ބުރަ (އުނދަގޫ) ނަމާދަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދެވެ. އެދެނަމާދުގައިވާ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ފިރުކިފައި ނަމަވެސް މިސްކިތަށް އައީހެވެ. މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރުމަށް މީހަކަށް އަމުރުކުރުމަށްފަހު، ދަރުތަކެއް ހިފައިގެން، ތިމަންކަލޭގެފާނާއެކު ބައެއް ބޭކަލުން ގޮވައިގެން އެބައިމީހުންގެ ގާތަށް ގޮސްފައި، އެބައިމީހުންގެ ގެތަކުގައި ހުޅުޖައްސަވަން ހަމަކަށަވަރުން ތިމަންކަލޭގެފާނު ހިތްޕުޅަށް އަރައިވަޑައިގަތެވެ.”

އަބި އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހު ގެއަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “مَنْ سَرَّهُ أَنْ يَلْقَى اللَّهَ غَدًا مُسْلِمًا فَلْيُحَافِظْ عَلَى هَؤُلاَءِ الصَّلَوَاتِ حَيْثُ يُنَادَى بِهِنَّ فَإِنَّ اللَّهَ شَرَعَ لِنَبِيِّكُمْ -صلى الله عليه وسلم- سُنَنَ الْهُدَى وَإِنَّهُنَّ مِنْ سُنَنِ الْهُدَى… وَمَا يَتَخَلَّفُ عَنْهَا إِلاَّ مُنَافِقٌ مَعْلُومُ النِّفَاقِ وَلَقَدْ كَانَ الرَّجُلُ يُؤْتَى بِهِ يُهَادَى بَيْنَ الرَّجُلَيْنِ حَتَّى يُقَامَ فِى الصَّفِّ”[6] މާނައީ: “މާދަމާ މުސްލިމެއްގެ ގޮތުގައި ﷲ ތަޢާލާއާ ބައްދަލުކުރަން އެދޭމީހާ ބަންގީގެ އަޑު އިވޭ ހިނދުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ރައްކައުތެރިވާށެވެ. ހަމަކަށަވަރުން ﷲތަޢާލާ ވަނީ ތިޔަބައިމީހުންގެ ނަބިއްޔާގެ މައްޗަށް ހިދާޔަތުގެ މަގުތައް ޝަރުޢު ކުރައްވާފައެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ އެކަލޭގެފާނު ދެއްކެވި ހިދާޔަތުގެ މަގުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ.” ވިދާޅުވިއެވެ: ” އަދި އަހަރެމެންނަށް ފެނުނު ގޮތުގައި މުނާފިގުކަން އެނގި ބަޔާންވެގެންވާ މީހެއް މެނުވީ މިސްކިތަށް ޖަމާޢަތަށް ނައިސްނުތިބެއެވެ. ފަހެ ހަމަކަށަވަރުން ދެމީހެއްގެ ބާރުގައި މީހާގެނެސް ސަފުގައި ބެހެއްޓެއެވެ.” (އެބަހީ ނުހިނގޭ މީހުން ދެމީހެއްގެ ކޮނޑުދަށުލައިގެން ސަފުގައި ބެހެއްޓެއެވެ.)

އަދި މިކަމުގައި މާބޮޑަށް ހައްދު ފަހަނައަޅައިދާ ބަޔަކު ރޯދަވެރިންގެ ތެރެއިންވެއެވެ. ފަހެ، އެބައިމީހުން ނަމާދުގެ ވަގުތުގައި ނަމާދު އަޅާފައި ނިދަން ތިބެއެވެ. މިއީ އެންމެ ބޮޑެތި މުންކަރާތުގެ ތެރެއިން ވާކަމެކެވެ. އަދި ނަމާދު އެޅުމުގެ އެންމެ ނުބައި ވައްތަރެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ޝަރުޢީ ޢުޛުރަކާ ނުލައި ނަމާދު ވަގުތުން ފަސްކޮށްފި މީހާގެ ނަމާދު، އޭނާ ސަތޭކަ ނަމާދު ކުރިނަމަވެސް ޤަބޫލުވެވިގެން ނުވެއެވެ. އެއީ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘް ބަސްފުޅުގެ މައްޗަށެވެ. ((مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ))[7] މާނައީ:”ތިމަންކަލޭގެފާނު އެކަމަކަށް އަމުރު ނުކުރައްވާ ކަމެއް މީހަކު ކޮށްފިނަމަ އެޢަމަލެއްވަނީ ރައްދުވެގެންނެވެ. (އެބަހީ: އެޢަމަލު ﷲތަޢާލާ ޤަބޫލު ނުކުރައްވާނެއެވެ.)” ވަގުތު ފާއިތުވުމަށް ފަހުގައި ނަމާދު ކުރުމަކަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރެއް ނުކުރައްވައެވެ. ފަހެ އެފަދަ ނަމާދެއް ވެގެންދާނީ ރައްދު ކުރެވިގެންވާ ޤަބޫލުކުރެވިގެން ނުވާ ނަމާދަކަށެވެ.

އަދި ވާޖިބު އަދަބުތަކުގެ ތެރޭގައި: ބަހާއި ޢަމަލުގެ ތެރެއިން ﷲއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ޙަރާމްކުރައްވާފައިވާ އެންމެހާ ކަންތައްތަކުން ދުރުހެލިވުން ހިމެނެއެވެ. ފަހެ އެގޮތުން ދޮގުހެދުމުން ދުރުވާން ޖެހެއެވެ. ދޮގު ހެދުމަކީ ކަމެއްގެ އަޞްލާ ޚިލާފަށް ޚަބަރެއް ގެނައުމެވެ. އަދި އޭގެ ތެރެއިން އެންމެ ބޮޑުވެގެންވަނީ ﷲއާއި އެއިލާހުގެ ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ހެދޭ ދޮގެވެ. ޙަރާމް ކަމެއް ޙަލާލު ކުރުމަށް ނުވަތަ ޙަލާލު ކަމެއް ޙަރާމް ކުރުމަށް، ﷲ އަށް ނުވަތަ ރަސޫލާ صلى الله عليه وسلم އަށް ޢިލްމަކާ ނުލައި ނިސްބަތްކުރުންފަދަ ކަންކަމެވެ. ﷲތަޢާލާގެ ވަޙީ ބަސްފުޅުގައި ވެއެވެ. وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَـٰذَا حَلَالٌ وَهَـٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّـهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّـهِ الْكَذِبَ لَا يُفْلِحُونَ﴿١١٦﴾ مَتَاعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ ﴿١١٧﴾ މާނައީ: “ﷲ އާމެދު، ތިޔަބައިމީހުން ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައްހަދައި، ސިފަކޮށް އުޅޭކަންތަކަށް، މިއީ ޙަލާލުކަމެކޭ، އަދި މިއީ ޙަރާމްކަމެކޭ ތިޔަބައިމީހުން ނުބުނާށެވެ! ހަމަކަށަވަރުން، ﷲ އާމެދު، ދޮގުހަދާމީހުން ނުދިންނަވާ ހުށްޓެވެ. (އެއީ) ކުޑަކުޑަ ވަގުތީ އުފަލެކެވެ. އަދި އެއުރެންނަށް ވޭންދެނިވި ޢަޛާބު ހުށްޓެވެ.”

އަބޫ ހުރައިރާއާއި އަދިވެސް އެހެން ބޭކަލުންގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَنْ كَذَبَ عَلَيَّ مُتَعَمِّدًا فَلْيَتَبَوَّأْ مَقْعَدَهُ مِنْ النَّارِ))[8] މާނައީ: “ތިމަން ކަލޭގެފާނުގެ މައްޗަށް ގަސްތުގައި ދޮގު ހަދައިފިމީހާ ދަންނާށެވެ. ފަހެ އޭނާ، އޭނާގެ ޖާގަ ނަރަކައިން ލިބިގަންނާށެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ދޮގުހަދާ މީހުންނަށް އިންޛާރުކުރައްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((إِيَّاكُمْ وَالْكَذِبَ فَإِنَّ الْكَذِبَ يَهْدِى إِلَى الْفُجُورِ وَإِنَّ الْفُجُورَ يَهْدِى إِلَى النَّارِ وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللَّهِ كَذَّابًا)) މާނައީ: “ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެއްޖެއުމަށް ދާންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.”[9]

އަދި ޣީބަ ބުނުމުން ދުރުހެލިވުންވެސް މިކަމުގައި ހިމެނެއެވެ. (އެބަހީ: ވރޯދައިގެ ވާޖިބު އަދަބުތަކުގެ ތެރެއިން އެކަން ހިމެނެއެވެ.) ޣީބަ ބުނުމަކީ: ތިބާގެ އަޚާ ނެތްތަނުގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ. އެއީ ޢައިބު ކިޔައި އަޚާ ނިކަމެތި ކޮށްލުމުގެ ގޮތުން، އޭނާގެ ހަށިގަނޑުގައިވާ ކަންތައްތަކުގެ ތެރެއިން އޭނާ ނުރުހެވޭ ކަމެއްގެ ވާހަކަ ބުނުންކަމުގައި ވިއަސްމެއެވެ. މިސާލަކަށް އޭނާގެ ފައިގައި ހުރި ކޮރުކަމެއް އަދި ލޮލުގައި ހުރި އަވަރުކަމެއް އަދި ލޮލުގައިވާ ކަނުކަމެއް ފަދަ ކަންކަމެވެ. ނުވަތަ އޭނާގެ ޚުލްޤުގައި ހުރިކަމެއްގެ ވާހަކައެއް ދެއްކުންވެސް މިކަމުގައި ހިމެނެއެވެ. މިސާލަކަށް އޭނާގެ ގައިގައ ހުރި ގަބުކަމެއް އަދި ސޭކުކަމެއް އަދި ފާސިޤުކަމެއް ފަދަ ކަންކަމެވެ. އަދި އެކަމަކީ އެއީ އޭނާގެ ގައިގައި ހުރިކަމެއްކަމުގައި ވިއަސް އަދި އޭނާގެ ގައިގައި ނެތްކަމެއް ކަމުގައި ވިއަސް (އެފަދަ ވާހަކަ ދެއްކުމުން ދުރުހެލިވާން ޖެހެއެވެ.) އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ޣީބައާއި ބެހޭގޮތުން ސުވާ ދެންނެވުނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((ذِكْرُكَ أَخَاكَ بِمَا يَكْرَهُ. قِيلَ أَفَرَأَيْتَ إِنْ كَانَ فِى أَخِى مَا أَقُولُ قَالَ إِنْ كَانَ فِيهِ مَا تَقُولُ فَقَدِ اغْتَبْتَهُ وَإِنْ لَمْ يَكُنْ فِيهِ فَقَدْ بَهَتَّهُ))[10] މާނައީ: “އެއީ ތިބާގެ އަޚާ ނެތްތަނުގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ”. އެހިނދު ދެންނެވުނެވެ. “އެމީހާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަ ދެއްކިނަމަވެސްތޯއެވެ؟” ޙަދީޘް ކުރެއްވިއެވެ. “އޭނާގެ ކިބައިގައި ހުރި ކަމެއްކަމަށްވަނީނަމަ އެއީ ޣީބައެކެވެ. އޭނާގެ ކިބައިގައި ނެތްކަމެއްގެ ވާހަކަދައްކައިފިނަމަ އެހެދުނީ ބޮޑުވެގެންވާ ދޮގެކެވެ.”  އަދި ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ޣީބަބުނުން ނަހީކުރައްވާފައި ވެއެވެ. އަދި ޣީބަބުނުން އެންމެ ހުތުރު ޞުރާއާއި އެއްވައްތަރު ކުރައްވާފައިވެއެވެ. ޣީބަބުނުން މިހާ އޭނާގެ އަޚާގެ މުޅަ މަސްކެއުމާ ވައްތަރު ކުރައްވާފައި ވެއެވެ. (وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ) [الحجرات: 12 ] މާނައީ: “އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ.” އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖަށް އަރައިގަޑައިގެންނެވުނު ރޭގައި މީސްތަކުންގެ ތެރެއިން ބަޔަކު އެބައިމީހުން ގެ ނިޔަފަތިތައް ލޮއިންވާ ނިޔަވަތިތަކަކުން މޫނާއި މޭމަތީގައި ވަކިއަޅާތަން ދެކިވަޑައިގެންނެވި ކަމުގައި ޚަބަރު ދެއްވިއެވެ. އެއީ ކޮންބަޔެއްތޯ ސުވާލުދެންނެވުމުން ޖިބްރީލްގެފާނު ވިދާޅުވިއެވެ. އެބައިމީހުންނަކީ މީސްތަކުންގެ މަސްކައި، އެބައިމީހުންގެ އަބުރަށް އަރައިގަންނަމުން ދިޔަ މީހުންނެވެ.[11]

އަދި ދެބައޮޑުވުމުން ދުރުހެލިވުންވެސް މިކަމުގައި ހިމެނެއެވެ. (އެބަހީ: ރޯދައިގެ ވާޖިބު އަދަބުތަކުގެ ތެރެއިން ހިމެނެއެވެ.) ދެބައޮޑުވުމަކީ ދެމީހެއްގެ މެދުގައި ފަސާދަ އުފެއްދުމުގެ ގޮތުން މީހަކު އެމީހަކާއި ބެހޭގޮތުން ދައްކާފައިވާ ވާހަކައެއް އޭނާއަށް ގެނެސްދިނުމެވެ. މިކަމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ. ދެބައޮޑުވުމާއި ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((لاَ يَدْخُلُ الْجَنَّةَ نَمَّامٌ))[12] މާނައީ: “ދެބައޮޑުވާ މީހަކު ސުވަރުގެ ނުވަންނަ ހުއްޓެވެ.” އަދި އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެ ޤަބުރެއް ކައިރިން ހުރަސްކުރެއްވިއެވެ. އަދި  ޙަދީޘް ކުރެއްވިއެވެ. ((إِنَّهُمَا لَيُعَذَّبَانِ وَمَا يُعَذَّبَانِ فِي كَبِيرٍ (أي: في أمر شاق عليهما) أَمَّا أَحَدُهُمَا فَكَانَ لَا يَسْتَتِرُ مِنْ الْبَوْلِ وَأَمَّا الْآخَرُ فَكَانَ يَمْشِي بِالنَّمِيمَةِ)) [متفق عليه] މާނައީ: “ހަމަކަށަވަރުން އެދެ ޤަބުރުގެ އަހުލުވެރިންނަށް އެދަނީ ޢަޛާބު ލިބެމުންނެވެ. އަދި އެދެ ޤަބުރުގެ އަހުލުވެރިންނަށް ޢަޛާބު ލިބެމުން އެދަނީ ބޮޑުކަމަކާ ހެދިއެއް ނޫނެވެ. (އެބަހީ: އެކަމަކީ އެއީ އެދެމީހުންނަށް މާބޮޑު ކަމެއް ނޫނެވެ.) އެތަނުން އެކަކީ ކުޑަކަމުދާ ތަކެތިން ރައްކާތެރިނުވާ މީހެއްކަމުގައި ވިއެވެ. އަދި އަނެއްމީހާއަކީ މީސްތަކުންގެ ތެރޭގައި ދެބައުޑުވަމުން ހިނގާ މީހެއްކަމުގައި ވިއެވެ.” ފަހެ ދެބައޮޑުވުމަކީ ވަކިވަކި ފަރުދުންނާއި މުޖުތަމަޢު ފަސާދަކޮށްލާ މުސްލިމުން ބައިބައި ކޮށްލަނިވި އަމަލެކެވެ. އަދި މީސްތަކުންގެ މެދުގައި ޢަދާވާތްތެރިކަން އުފައްދަނިވި ކަމެކެވެ. وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ﴿١٠﴾ هَمَّازٍ مَّشَّاءٍ بِنَمِيمٍ ﴿١١﴾ [سورة القلم] މާނައީ: “އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ. (އެއީ) ޣީބަ ބުނެހަދާ، ދެބައޮޑުވަމުން ހިނގައިއުޅޭ މީހާއެވެ.” ފަހެ ތިބާގެ ގާތުގައި މީހަކު މީހެއްގެ ވާހަކަ ދައްކައި ދެބޮއޮޑުވާފިނަމަ އޭނާ އެހެންމީހެއްކާރި ތިބާއާމެދު ދެބައޮޑުވާނެއެވެ. ފަހެ އެފަދަމީހުންކިބައިން ރައްކާތެރިވާ ހުށިކަމެވެ.

އަދި ގަނެވިއްކުމާއި ކުއްޔަށް ދިނުމާއި އުފެއްދުމުގައްޔާއި ރަހުނާ އަދި މިނޫންވެ ހުރިހާ ވައްތަރެއްގެ މުޢާމަލާތްތަކުގައި މަކަރުހެދުމުން ދުރުހެލިވުން މިކަމުގައި ހިމެނެއެވެ. (އެބަހީ: ރޯދައިގެ ވާޖިބު އަދަބުތަކުގެ ތެރެއިން ހިމެނެއެވެ.) އަދި ހުރިހާ މަޝްވަރާތަކުގައްޔާއި ނަޞޭޙަތްތަކުގައި މަކަރުހެދުމުން ދުރުހެލިވާން ޖެހެއެވެ. އެހެނީ ހަމަކަށަވަރުން މަކަރުހެދުން ހިމެނިގެންދަނީ ބޮޑު ފާފައިގެ ތެރެއިންނެވެ. އެފަދައިން ޢަމަލުކުރާ މީހާގެ ކިބައިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ބަރީއަވެވަޑައިގެންނެވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.  ((مَنْ غَشَّنَا فَلَيْسَ مِنَّا))[13] މާނައީ: “އަހަރެމެންނަށް މަކަރުހަދާ މީހަކީ އަހަރެމެންގެ ތެރެއިންވާ މީހެއްނޫނެވެ.” އަދި އެހެން ލަފްޡެއްގައި އައިސްފައި ވެއެވެ. ((مَنْ غَشَّ فَلَيْسَ مِنِّى))[14] މާނައީ: “މަކަރުހަދައިފި މީހަކީ ތިމަންކަލޭގެފާނުގެ ހިދާޔަތުގެ މަތީގައިވާ މީހެއްނޫނެވެ. (އެބަހީ: އެކަލޭގެފާނު އެމީހެއްގެ ކިބައިން ބަރީއަވެގެން ވެއެވެ.)” (الغش) މަކަރު ހެދުމަކީ: ކެހި ދިނުމާއި ޚިޔާނާތްތެރި ވުމާއި އަމާނާތަށް ފަރުވާކުޑަކުރުމެވެ. އަދި މީސްތަކުންގެ މެދުގައިވާ އިތުބާރު ގެއްލުމެވެ. ހަމަކަށަވަރުން މިކަންކަމުން މީސްތަކުންގެ މެދުގައި ފަސާދަ އުފެދިގެންދެއެވެ. މަކަރުހަދައިގެން ހޯދައިގަންނަ ކޮންމެ އާމްދަނީއަކީ ހުތުރުވެގެންވާ ޙަރާމް އެއްޗެކެވެ. އެކަމުގެ ސަބަބުން، އެކަމުގެ އަހުލުވެރިޔާ ﷲއާ ދުރުވުން ނޫން ކަމެއްނުވެއެވެ.

އަދި މިއުޒިކުން ދުރުހެލިވުންވެސް މިކަމުގައި ހިމެނެއެވެ. (އެބަހީ: ރޯދައިގެ ވާޖިބު އަދަބުތަކުގެ ތެރެއިން ހިމެނެއެވެ.) އޭގެތެރޭގައި މިއުޒިކު ކުޅުމަށްޓަކައި ބޭނުންކުރާ އެންމެހާ އާލާތެއް ހިމެނެއެވެ. މިސާލަކަށް ދުންމާރިއާއި ވައިލިންއާއި އަލްޤާނޫނާއި (މިއީވެސް ނަރުފުރާފައި ހުންނަ މިއުޒިކުގެ އާލާތެއް) ގިޓާއާއި ޕިޔާނޯއާއި ހަރުމަނިއާއާ އަދި މިނޫންވެސް މިއުޒިކު ކުޅޭ އާލާތްތައްވަނީ ޙަރާމްވެގެންނެވެ. އަދި މިއުޒިކާއެކު ރިވެތި އަޑުތަކުން ލަވަކިއުމާއި ފިތުނަވެރި އަންހެނުން ލަވަކިޔުމުން ޙަރާމްކަމާއި ފާފަވެރިވުން އިތުރުވެގެން ދެއެވެ. ﷲ ތަޢާލާގެ ވަޙިބަސްފުޅުގައި ވެއެވެ. (وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّـهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَـٰئِكَ لَهُمْ عَذَابٌ مُّهِينٌ) [سورة لقمان ٦] މާނައީ: “ޢިލްމަކާއި ނުލައި، ﷲ ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނެތިކަންދެނިވި ޢަޛާބު އެއުރެންނަށް ހުށްޓެވެ.” އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުގައި މިއާޔަތާއިމެދު ސުވާލުދެންނެވުނު ކަމުގައި ޞައްޙަކޮށް ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ” ﷲ ގަންދީ ބުނަމެވެ. އެއިލާހީ އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާ އިލާހެވެ. އެއީ ލަވައެވެ.” އަދި އިބުނު ޢައްބާސްއާއި އިބުނު ޢުމަރުގެ އަރިހުންވެސް ޞައްޙަކޮށް މިފަދައިން ރިވާވެގެންވެއެވެ. އަދި އިބުނު ކަޘީރު ޖާބިރުއާއި އިކްރިމާއާއި ސަޢީދު ބުން ޖުބައިރުއާއި މުޖާހިދުގެ އަރިހުންވެސް މިފަދައިން ރިވާކުރައްވާފައިވެއެވެ. އަދި ޙަސަނުންބަޞަރީ ވިދާޅުވެފައިވެއެވެ. “މިއާޔަތް ބާވާލެއްވިފައިވަނީ ލަވައާއި ދުންމާރިއާއި މެދުގައެވެ.” ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ މިއުޒިކުން ދުރުހެލިވުމަށް އިންޒާރު ކުރައްވާފައެވެ. އަދި (އެކަލޭގެފާނުގެ ބަސްފުޅުގައި) ޒިނޭއާ ގުޅިގެން މިއުޒިކު ގެންނަވާފައިވެއެވެ. އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގައި ވެއެވެ. ((لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الْحِرَ وَالْحَرِيرَ وَالْخَمْرَ وَالْمَعَازِفَ))[15] މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން (الْحِر) ޒިނޭއާއި، (ފިރިހެނުންނަށް) ފަށުވިފޭރާމާއި، ރަލާއި، އަދި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ.”   

 (الْحِر)ގެ މާނައަކީ ފަރުޖެވެ. މިޙަދީޘްގައި އެބަހުގެ މުރާދަކީ ޒިނޭއެވެ. (يستحلون) “ހުއްދަކުރާނެތެވެ.” އެބަހީ: މާބޮޑުކަމެއްކަމުގައި ނަހަދައި ޙަލާލުކަމެއް ކުރާފަދައިން ކުރާނެއެވެ. ފަހެ މިކަންތައް އަހަރެމެންގެ މިޒަމާނުގައި ހިނގައިފިއެވެ. މީސްތަކުންގެ ތެރެއިންބަޔަކު ޙަލާލު އެއްޗެއްފަދައިން މިއުޒިކުގެ އާލާތްތައް ބޭނުންކޮށް އަދި މިޒިކު އަޑުއަހާ އުޅެއެވެ. މިއީ ﷲގެ މަގުން މީސްތަކުން ފުރެއްދުމަށްޓަކައި އަދި ދުނިޔެއާއި އާޚިރަތުގެ ކަންކަމުގައި އިހުމާލު ކުރުމަށްޓަކައި އިސްލާމުންގެ ޢަދާވާތްތެރިން އެބައިމީހުންގެ މަޅިތަކާއިއެކު ކާމިޔާބު ހޯދާފައިވާ ކަންތަކުގެތެރެއިން ކަމެކެވެ. ފަހެ ޤުރުއާނާއި ޙަދީޘާއާއި ޝަރުޢީ ޙުކުމްތައް ބަޔާންކޮށް ޢިލްމުވެރިން ދައްކަވާ ވާހަކަތައް އަޑުއަހާ މީހުންނަށްވުރެ މިއުޒިކާއި ލަވައަޑުއަހާ މީހުން މިއަދު ގިނަވެއްޖެއެވެ. އެންމެހާ މުސްލިމުންނޭވެ! ރޯދަ ގެއްލޭ ކަންތައްތަކުންނާއި ރޯދައިގެ އަޖުރު އުނިވެގެންދާ ކަންތައްތަކުން ރައްކާތެރިވާ ހުށިކަމެވެ! ނުބައި ބަސްބުނުމާއި ނުބައި ޢަމަލުތަކުން އެރޯދަ ރައްކާތެރި ކުރާށެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابه))[16] މާނައީ: ” ހަޑި ހުތުރު ބަސްބުނުމާ ނުބައި ޢަމަލުތައް ކުރުމުންނާއި ޖާހިލުކަމުން އެއްކިބާ ނުވާމީހަކު، އޭނާ ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވެގެން ހުރުމަށް ﷲ ތަޢާލާ ބޭނުންވެވޮޑިގެން ނުވެއެވެ.” އަދި ޖާބިރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ފަހެ ތިބާ ރޯދަ ހިފާހިނދު ތިބާގެ އަޑުއެހުމާއި ތިބާގެ ބެލުމާއި ތިބާގެ ދުލުން ދޮގުހެދުމާ އަދި ޙަރާމްކަންތަކުން ދުރުވެހުރެ ރޯދަހިފާށެވެ. އަދި ތިބާގެ ފުށުން ތިބާގެ އަވަށްޓެރިއާއަށް އުނދަގޫކުރުން ދޫކޮށްލާށެވެ. އަދި މަޑުމައިތިރިކަމާއި މަޑުމޮޅިކަމާއެކު ތިބާ ވާށެވެ. އަދި ތިބާ ރޯދައަށް ހުންނަ ދުވަހަކީ، ރޯދައަށް ނުހުންނަ ދުވަސްތައްފަދަ ދުވަހެއްކަމުގައި ނަހަދާށެވެ.”   

اللهم احفظ علينا ديننا، وكف جوارحنا عما يغضبك، واغفر لنا ولوالدينا ولجميع المسلمين برحمتك يا أرحم الراحمين، وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

[1] ޤައުލިއްޔާ އަޅުކަމަކީ: ދުލުން ކުރާ އަޅުކަންތަކެވެ. މިސާލަކަށް ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުން ފަދަ އަޅުކަންތަކެވެ.

[2] ފިޢުލިއްޔާ އަޅުކަމަކީ: ޢަމަލީ ގޮތުން ކުރާ އަޅުކަންތަކެވެ. މިސާލަކަށް ނަމާދު ކުރުންފަދަ އަޅުކަންތަކެވެ.

[3] مسلم المساجد ومواضع الصلاة (653) ، النسائي الإمامة (850) .

[4] البخاري الأذان (619) ، مسلم المساجد ومواضع الصلاة (650) ، الترمذي الصلاة (215) ، النسائي الإمامة (837) ، ابن ماجه المساجد والجماعات (789) ، أحمد (2/65) ، مالك النداء للصلاة (290) .

[5] مسلم المساجد ومواضع الصلاة (651) .

[6] رواه مسلم .

[7]البخاري الصلح (2550) ، مسلم الأقضية (1718) ، أبو داود السنة (4606) ، ابن ماجه المقدمة (14) ، أحمد (6/256) .

[8] البخاري العلم (110) ، مسلم مقدمة (3) ، أحمد (2/410) .

[9] البخاري الأدب (5743) ، مسلم البر والصلة والآداب (2607) ، الترمذي البر والصلة (1971) ، أبو داود الأدب (4989) ، ابن ماجه المقدمة (46) ، أحمد (1/432) ، الدارمي الرقاق (2715) .

[10] مسلم البر والصلة والآداب (2589) ، الترمذي البر والصلة (1934) ، أبو داود الأدب (4874) ، أحمد (2/458) ، الدارمي الرقاق (2714) .

[11] أبو داود الأدب (4878) .

[12] البخاري الأدب (5709) ، مسلم الإيمان (105) ، الترمذي البر والصلة (2026) ، أبو داود الأدب (4871) ، أحمد (5/391) .

[13] مسلم الإيمان (102) ، الترمذي البيوع (1315) ، ابن ماجه التجارات (2224) ، أحمد (2/242) .

[14] مسلم الإيمان (102) ، الترمذي البيوع (1315) ، ابن ماجه التجارات (2224) ، أحمد (2/242) .

[15] رواه البخاري .

[16] رَوَاهُ البُخَارِيّ