67ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ لَا يَنْحَصِرُ فِي صِيْغَةِ اِفْعَل
މި ޤަވާޢިދުގެ ތަރުޖަމާ: {اِفْعَل ގެ ޞީޣާއަށް އަމުރު ހަނިކުރެވިގެން ނުވޭ}
މި ޤަވާޢިދުގެ މުރާދު: އަމުރަކަށް ވާނީ ހަމައެކަނި اِفْعَل (ކުރާށޭ) ބުނުމަކުން ނޫނެވެ. އެހެނެއްކަމަކު، ބަހުގެ އުސްލޫބުތަކުގެ ތެރެއިން އަމުރަށް ދަލީލުކޮށްދޭ ކޮންމެ އުސްލޫބަކީ ވެސް އަމުރުގެ މާނަ ލިއްބައިދޭ ޞީޣާއެކެވެ.
ދެން ފަހެ، އަމުރު ކުރުމުގެ އުސްލޫބުތަކުގެ ތެރޭގައި އަންނަނިވި އުސްލޫބުތައް ހިމެނެއެވެ.
ފުރަތަމަ ގޮތް: ފިޢުލުލްއަމްރު ބޭނުންކުރައްވާފައި ވުމެވެ. މިޘާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَقِيمُوا الصَّلاةَ وَآتُوا الزَّكَاةَ) (ސޫރަތުލްބަޤަރާ: 110 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ!]
ދެވަނަ ގޮތް: އަމުރުކުރުމުގެ ގޮތުން ބޭނުންކުރެވޭ ލާމު އާއެކު ފިޢުލު މުޟާރިޢު ބޭނުންކުރައްވާފައި ވުމެވެ. މިޘާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (لِيُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ) (ސޫރަތުއްޠަލާޤު: 7 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ތަނަވަސްކަމުގެ ވެރިޔާ، އޭނާގެ ތަނަވަސްކަންހުރި މިންވަރަކުން ހޭދަކުރާހުށިކަމެވެ!]
ތިންވަނަ ގޮތް: އަމުރުކުރުމުގެގޮތުން ބޭނުންކުރެވޭ ފިޢުލުގެ އިސްމު ބޭނުންކުރައްވާފައި ވުމެވެ. މިޘާލަކަށް، “مَهْ وَعَلَيْكُمْ” މިގޮތަށް ބޭނުންކުރައްވާފައި ވުމެވެ. މިޘާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَا أَيُّهَا الَّذِينَ آمَنُوا عَلَيْكُمْ أَنْفُسَكُمْ) (ސޫރަތުލްމާއިދާ: 105 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް ވަނީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކެވެ.] އެބަހީ: ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ރައްކާތެރިކޮށް، އިޞްލާޙުކުރާށެވެ!
ހަތަރުވަނަ ގޮތް: ފިޢުލެއްގެ ނާއިބު މަޞްދަރު ބޭނުންކުރައްވާފައި ވުމެވެ. މިޘާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَإِذَا لَقِيتُمُ الَّذِينَ كَفَرُوا فَضَرْبَ الرِّقَابِ) (ސޫރަތު މުޙައްމަދު: 4 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، (ހަނގުރާމައިގެ މައިދާނުގައި) ތިޔަބައިމީހުން ކާފިރުންނާއި ބައްދަލުވާހިނދު، އެއުރެންގެ ކަނދުރާތަކުގައި ޖަހައި ޤަތުލުކުރާށެވެ!]
މި ބަޔާންކުރެވުނު ހަތަރު އުސްލޫބަކީ އަމުރުގެ ޞަރީޙަ ޞީޣާތައް އެކުލެވިފައިވާ އުސްލޫބުތަކެވެ. މި އުސްލޫބުތަކުގެ އިތުރުން، ޚަބަރުގެ އެކިއެކި އުސްލޫބުން ވެސް އަމުރު ވާރިދުވެފައި ހުރެތެވެ. މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (إِنَّ الَّذِينَ يَأْكُلُونَ أَمْوَالَ الْيَتَامَىٰ ظُلْمًا إِنَّمَا يَأْكُلُونَ فِي بُطُونِهِمْ نَارًا) (ސޫރަތުއްނިސާ: 10 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ހަމަކަށަވަރުން، އަނިޔާވެރިކަމުގެ ގޮތުން ޔަތީމުންގެ މުދާ ކައިއުޅޭ މީހުން (ދަންނާށެވެ!)، އެއުރެން ކައިއުޅޭކަން ކަށަވަރީ (ނަރަކައިގެ) އަލިފާނެވެ.] މި އާޔަތުގައި އެ ވަނީ، ޔަތީމުންގެ މުދާ ޙައްޤު ނޫން ގޮތްގޮތަށް ބޭނުންކުރުމާ ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =