68ވަނަ ޤަވާޢިދު (ޖުމްލަ 189): أَدْنَى دَرَجَاتِ الأَمْرِ النَّدْبُ أو الإبَاحَةُ
މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރުގެ އެންމެ ދަށް ދަރަޖައަކީ މަންދޫބުކަން ނުވަތަ މުބާޙުކަން}
މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގައި އަމުރު އެތަކެއް ދަރަޖަތަކެއްގައި އައިސްފައި ވެއެވެ. އެ ދަރަޖަތަކަކީ، ވާޖިބުކަމާއި މަންދޫބުކަމާއި ހުއްދަކަމެވެ. މީގެ ތެރެއިން އެންމެ މަތީ ދަރަޖައަކީ ވާޖިބުކަމެވެ. ދެން، މަންދޫބުކަމެވެ. ދެން، މުބާޙުކަމެވެ. އަމުރުގެ އަޞްލަކީ އޭގެ އެންމެ މަތީ ދަރަޖަކަމުގައިވާ ވާޖިބުގެ ދަރަޖައިގައި އޮތުމެވެ. އެހެންނަމަވެސް، ބައެއް ފަހަރު ޤަރީނާއެއް އޮތުމުގެ ސަބަބުން ވާޖިބުކަމުގެ ދަރަޖައިން އަމުރު ވެއްޓިގެން ހިނގައިދާނެއެވެ. އެފަދަ ހާލަތެއްގައި އެންމެ ދަށްވެގެން ވެސް އެ އަމުރުން މަންދޫބުކަން (ކުރުން އެދެވިގެންވާކަން) ނުވަތަ މުބާޙުކަން (ކުރުން ހުއްދަވެގެންވާކަން) ދަލީލުކޮށްދޭނެއެވެ. އަދި އެއްވެސް ހާލެއްގައި، މަކުރޫހުގެ ދަރަޖައަށް ނުވަތަ ޙަރާމުގެ ދަރަޖައަށް އަމުރެއް ނުވެއްޓޭނެތެވެ.
މިސާލަކަށް، ކާފިރަކު އިސްލާމްވުމުން އޭނާ ހިނައިގަތުމީ މުސްތަޙައްބު ކަމެކެވެ. އެއީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެ ކަލޭގެފާނު [އިސްލާމްވުމަށް ޤަޞްދުކޮށްގެން އަންނަމީހާ ހިނައިގަތުމަށް އަމުރު ކުރައްވާ ކަމުގައި] ރިވާވެގެން ވާތީއެވެ. އަމުރުގެ އެންމެ ދަށް ދަރަޖައަކީ މަންދޫބުކަން ނުވަތަ މުބާޙުކަމެވެ. މި ތަނުގައި މިވާ އަމުރު ވާޖިބުގެ ދަރަޖައިން މަންދޫބުގެ ދަރަޖައަށް ވެއްޓުނީ، އެ އަމުރުގެ މުރާދަކީ ވާޖިބުކަން ނޫންކަން ދޭހަކޮށްދޭ ޤަރީނާއެއްގެ ސަބަބުންނެވެ. އެ ޤަރީނާއަކީ، އިސްލާމްވީ އެތަކެއް ބޭފުޅުންނަށް ހިނައިގަތުމަށް އެ ކަލޭގެފާނު އަމުރު ކުރައްވާފައި ނުވާތީއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =