[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަގުތުގައި ބަރަކާތްލެއްވުމަށް އެދޭނަމަ

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وصحبه أجمعين.

މިއަދު ވަރަށް ގިނަމީހުންގެ ޝަކުވާއަކަށްވެފައިވާ އެއްކަމަކީ ކަންކަން ކުރުމަށް ވަގުތުނުވާކަމެވެ. އަދި އަބަދުވެސް ވަރަށް ބިޒީކޮށް އުޅެން ޖެހޭކަމެވެ. ހަމައެއާއެކު އެންމެ ހައިރާންވާންޖެހޭ އެއްކަމަކީ އެފަދަ ބައެއް މީހުންނަށް ދުނިޔަވީ ގޮތުންވެސް އަދި އުޚުރަވީ ޙަޔާތާ ގުޅުން ހުރިކަންކަމުގައިވެސް މާ އޮއްޓަރުހުރި ހަރުދަނާކަމެއް ނުވެގެން އުޅެން ޖެހޭކަމެވެ. އަޅުގަނޑުމެންގެ ކުރިން އުޅުއްވި ބޭކަލުންގެ ޙަޔާތްޕުޅަށް ބަލައި، ނަޒަރު ހިންގާލާއިރު އެބޭކަލުން ޙާޞިލުކުރައްވާފައި ބައެއް ކަންކަމަކީ އަޅުގަނޑުމެންގެ ޙަޔާތުގައި އެކަންކަން ޙާޞިލުކުރުން ވަރަށް ދުރުކަމެއްކަމުގައި ހީވާފަދަ ބޮޑެތި މަސައްކަތްތަކެކެވެ. އެބޭކަލުން ލިޔެފައިވާ ބައެއް ފޮތްތަކުގެ މޮޅުކަމާއި ބޮޑުކަމާ އަދި އަޅުކަންކުރެއްވިލެއް ގިނަކަމާ ފުރިހަމަކަމާ އަދި މިނޫންވެސް ވަރަށް ގިނަކަންކަން މިކަމުގައި ހިމެނެއެވެ. އަދި އެއީ ވަސީލަތްތައް މަދު ދުވަސްވަރުތަކުގައި ކުރައްވާފައިވާ ކަންކަމަށްވުމުން މިކަމުގެ ޢަޖައިބު އިތުރަށް ބޮޑުވެގެން ދެއެވެ.

ފަހެ މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ އަޅުގަނޑުގެމެންގެ ވަޤުތުގައި ބަރަކާތްނެތުމެވެ. ވަޤުތުތަކުގައި ބަރަކާތްލެއްވުމަށް އެދޭ މީހަކު ޢަމަލުކުރަންވީ ގޮތާމެދު އިރުޝާދުދެއްވަމުން ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ވިދާޅުވިއެވެ.

 

*************************

 

(އަޅުގަނޑުމެންގެ ވަޤުތުގައި ބަރަކާތްލެއްވުމަށް އެދި ކުރެވޭނެ އެންމެ ބޮޑު އެއްކަމަކީ) ﷲ ގެ މަތިން ހަނދުމަކޮށް ޛިކުރުކުރުމެވެ. އެކަމުގެ ދަލީލަކީ އަންނަނިވި ވަޙީބަސްފުޅެވެ.

﴿وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ وَكَانَ أَمْرُهُ فُرُطًا﴾ [سورة الكهف ٢٨]

މާނައީ: “އަދި ތިމަންއިލާހު ހަނދުމަކުރުމުން އެމީހެއްގެ ހިތް ޣާފިލުކުރައްވައިފައިވާ، އެމީހެއްގެ އަމިއްލަ އެދުމަށް ތަބާވާ މީހަކަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ. އެއީ އެމީހެއްގެ (ދުނިޔަވީ ކަންކަމާއި ދީނުގެ ކަންކަން) ބޮއްސުންލާފައިވާ މީހާއެވެ.”

ﷲ ހަނދުމަކުރުން އިންސާނާ ފުރަގަސްދީ އަދި އޭނާގެ ހަވާނަފްސަށް ތަބާވުމުން އޭނާގެ ޢުމުރުން ބަރަކާތް ކެނޑިގެންދެއެވެ. – ﷲ ތަޢާލާ އަޅަމެން އެކަމުން ސަލާމަތް ކުރައްވާނދޭވެ! – ނަމަވެސް އޭނާގެ ވެރިރައްބާ އަބަދުމެ ގުޅިފައިވާމީހާ، އަބަދުމެ އެއިލާހު ޛިކުރުކުރާމީހާ، ދުލުން ޛިކުރުނުކުރެވޭނަމަ ހިތުންވިޔަސް ޛިކުރުކުރާމީހާ، ގުނަވަންތަކުން އެއިލާހު ހަނދުމަނުކުރެވޭނަމަ ހިތުންވިޔަސް ޛިކުރުކުރާމީހާ ދަންނައެވެ. އެފަދަ މީހެއްގެ ޢުމުރުގައި ﷲ ތަޢާލާ ބަރަކާތް ލައްވާނެއެވެ.

 

____________________

ބައްލަވާ: فتح ذي الجلال والإكرام بشرح بلوغ المرام (7 / 467).