ރޯދަގެއްލޭ ކަންކަމުގެ ޝަރުޠުތަކާއި ރޯދަ ނުގެއްލޭ ކަންކަމާއި ރޯދަވެރިޔާއަށް ކުރުން ހުއްދަ ކަންތައްތައް
ހަމްދުހުރީ ﷲއަށެވެ. އެއިލާހީ ޙިކުމަތްވަންތަ ޚާލިޤުވަންތަ އިލާހެވެ. އެއިލާހީ މަތިވެރިވެވޮޑިގެންވާ ޙަލީމްވަންތަ، ތެދުވެރިވަންތަ އިލާހެވެ. ރަޙީމްވަންތަ ދީލަތިވަންތަ ރިޒްޤުދެއްވާ އިލާހެވެ. އެއިލާހީ އެއްވެސް ތަނބަކާ އަދި އެދެމެދުގައި ހިފެހެއްޓުމަށްޓަކައި އެއްވެސް އެއްޗެއް ނުލައްވާ ހަތްއުޑު އުފުއްލެވި އިލާހެވެ. އަދި ބިޔަވެގެންވާ ފަރުބަދަތަކުން އެއިލާހު ބިން ހިފެހެއްޓެވިއެވެ. ހެކިތަކާއި ޙަޤީތްތަކުން އެއިލާހު، އެއިލާހުގެ ނަފްސުފު ތަޢާރަފްކޮށްދެއްވިއެވެ. އަދި އެންމެހާ ޚަލްޤުތަކުގެ ރިޒުޤާމެދު އެއިލާހުވަނީ ޖާމިނުގެންނެވެ. އަދި ބާރަށް އޮހެރިގެންދާ ފެނަކުން އެއިލާހު އިންސާނާ ހެއްދެވިއެވެ. އަދި އެއިލާހުގެ ޝަރީޢަތަށް ތަބަޢަވުމަށް އެއިލާހު އޭނާއަށް ލާޒިމްކުރެއްވިއެވެ. އަދި ނޭނގި ކުރެވޭ ކަންކަމާއި ހަނދާންނެތިގެން ކުރެވޭކަންކަން އޭނާއަށް ޢަފޫ ކުރެއްވިއެވެ.
ހަނުހުންނަ މީހަކު ހަނު ހުންނަހާ ހިނދަކާއި، ވާހަކަދައްކާ މީހަކު ވާހަކަ ތައްކާހިނދަކު އަހަރެން އެއިލާހަށް ޙަމްދު ކުރަމެވެ. (އެބަހީ: ދާއިމަށް ޙަމްދު ކުރަމެވެ.) އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް – އިޚުލާޞްތެރިކަމާއެކު، ނިފާޤުކަމަކާ ނުލައި – އަހަރެން ހެކިވަމެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅުހެކިވަމެވެ. އެކަލޭގެފާނަކީ ހުރިހާ ކަންކޮޅުތަކަށް އެކަލޭގެފާނުގެ ދަޢުވަތު އާންމުވެގެން ދިޔަ ނަބިއްޔާއެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ސާޙިބާ، އަބޫބަކުރުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ މީސްތަކުން ދީނުންބޭރުވި ދުވަހުގައި ތެދުވެރިކަމާއެކު ޤާއިމްވެ ހުރި ބޭކަލެކެވެ. އަދި ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ކާފިރުން ނިކަމެތިކުރައްވައި، ބަންދުވެފައިވާ ތަންތަން ހުޅުއްވި ބޭކަލެކެވެ. (އެބަހީ: އެތައްބިމެއް ފަތަޙަ ކުރެއްވި ބޭކަލެކެވެ.) އަދި ޢުޘްމާނުގެފާނަށް ޞަލަވާތް ލައްވާށިއެވެ. ދީނުން ބޭރުވެފައިވާ މާރިޤެއް މެނުވީ އެކަލޭގެފާނުގެ ޙުރުމަތް ނުކަނޑާ ހުއްޓެވެ. އަދި ޢަލީގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ، އެކަލޭގެފާނުގެ ހިތްވަރުގަކަމުން، ދަތި ކަންކަންވެސް ކަޑައްތު ކުރެއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ އެންމެހާ އާލުންނާއި އެންމެހާ އަޞްޙާބުންނަށް ޞަލަވާތް ލައްވާށިއެވެ. އެބޭކަލުންނަކީ، ކުރި ހޯއްދެވި ބޭފުޅުންނެވެ. އަދި އެބޭކަލުންނަށް ގިނަގުނަވެގެންވީ ސަލާމުން ސަލާމް ލައްވާށިއެވެ.
އަޚުންނޭވެ! އިސްވެ ބަޔާންވެދިޔަ ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން ޙައިޟާއި ނިފާސް ފިޔަވައި، ޖިމާޢުވުމާއި، ބީހުމާއެކު މަނިބޭރުކުރުމާއި، ކެއުމާއި، ބުއިމާއި، އެމާނައިގައިވާ ކަންކަމާއި، ޙިޖާމާއާއި ގަސްދުގައި ހޮޑުލުންފަދަކަމުގެ ސަބަބުން ރޯދަގެއްލޭނީ، ރޯދަވެރިޔާ އެނގިހުރެ، ހަނދާންހުރެ އަދި އިޚްތިޔާރު ލިބެގެންވާ ހާލު އެކަންކަން ކުރުމުންނެވެ. މިއީ (މިކަންތައްތަކުގައި ހުންނަންޖެހޭ) ތިން ޝަރުޠެވެ.
ފުރަތަމަ ޝަރުޠަކީ: އެނގިގެންވާ މީހަކަށް ވާންޖެހޭނެއެވެ. ފަހެ އޭނާއަކީ އެކަން ނޭނގޭ މީހެއްކަމުގައިވާނަމަ ރޯދައެއް ނުގެއްލޭނެއެވެ. އެއީ ސޫރަތުލް ބަޤަރާގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅުންނެވެ. (رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا) [البقرة: 286 ] މާނައީ: “އަޅަމެންގެ ވެރި ރައްބެވެ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަޞްދެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތް ނުދެއްވާނދޭވެ.” އަދި ﷲ ޢައްޒަވަޖައްލަ ވަޙީކުރެއްވިއެވެ. “قَدْ فَعَلْتُ”[1] މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު (އެކަން) ކުރައްވައިފީމުއެވެ. (އެބަހީ: އެދުޢާ އިޖާބަކުރައްވައިފީމުއެވެ.)” އަދި އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ. (وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَـٰكِن مَّا تَعَمَّدَتْ قُلُوبُكُمْ وَكَانَ اللَّـهُ غَفُورًا رَّحِيمًا) [الأحزاب: 5 ] މާނައީ: “އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް ޤަޞްދުކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، ރަޙިމުވަންތަ އިލާހެއް ކަމުގައި ﷲ ވޮޑިގެންވެއެވެ.”
އަދި އެއީ އޭނާއަށް ޝަރުޢީ ޙުކުމް ނޭނގުނުކަމުގައި ވިޔަސްމެއެވެ. މިސާލަކަށް އޭނާއަށް ހީވީ އެކަމަކީ އެއީ ރޯދަ ގެއްލޭ ކަންތައްތަކުގެ ތެރެއިން ހިމެނޭކަމެއް ނޫންކަމުގައެވެ. ދެން އޭނާ އެކަމެއް ކުރެއެވެ. ނުވަތަ ވަގުތު އޭނާއަށް ނޭނގެއެވެ. މިސާލަކަށް އޭނާއަށް ހީވީ ފަޖުރުގެ އަލިކަން އަދި ފާޅުނުވާހެންނެވެ. ދެން އެނާ ފަޖުރުގެ އަލިކަން ފާޅުވެފައިވަނިކޮށް ކައިފިއެވެ. އަދި އޭނާއަށް ހީވީ، އިރު އޮއްސިއްޖެ ކަމުގައެވެ. ދެން އިރު ނުއޮއްސެނީސް އޭނާ ކައިފިއެވެ. މިހުރިހާ ޙާލަތުގައިވެސް އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. ޞަޙީޙައިންގައި ޢަދިއްޔުބުން ޚާތިމްގެ އަރިހުން ރިވާވެފައިވާ ޙަދީޘްގައި ވާފަދައިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. لما نزلت هذه الآية: (حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ) [البقرة: 187 ] أَخَذَ عَدِيٌّ عِقَالًا أَبْيَضَ وَعِقَالًا أَسْوَدَ حَتَّى كَانَ بَعْضُ اللَّيْلِ نَظَرَ فَلَمْ يَسْتَبِينَا فَلَمَّا أَصْبَحَ قَالَ يَا رَسُولَ اللَّهِ جَعَلْتُ تَحْتَ وِسَادِي عِقَالَيْنِ قَالَ ((إِنَّ وِسَادَكَ إِذًا لَعَرِيضٌ أَنْ كَانَ الْخَيْطُ الْأَبْيَضُ وَالْأَسْوَدُ تَحْتَ وِسَادَتِكَ)) މާނައީ:”ކަޅު ރޮދިފަށުގެ ތެރެއިން ހުދު ރޮދިފަށް ފާޅުވެ އެނގިއްޖެއުމަށް ދާންދެންނެވެ.” މިއާޔަތް ބާވައިލެއްވުމުން ތިމަންކަލޭގެފާނު ދެ ރޮދިފަށް އެއްކޮށްލާފައި ގޮށް ޖައްސަވާލީމެވެ. އެއްރޮދިފަށަކީ ކަޅުފަށެކެވެ. އަނެއްރޮދިފަށަކީ ހުދުފަށެކެވެ. ދެން އެދެފަށް ތިމަންކަލޭގެފާނުގެ ބާލީހުގެ ދަށައް ލެއްވީމެވެ. ދެން ތިމަންކަލޭގެފާނު އެއަށް ރޭގަނޑުގެ ވަގުތު ބަލާލުމުން އެއެއް ވަތްކެއްނުވެއެވެ. (ދެން ތިމަންކަލޭގެފާނަށް ކަޅު ރޮދި ފަށުގެ ތެރެއިން ހުދު ރޮދިފަށް އެނގެން ފެށުމުން ރޯދަ ގެއްލޭކަންކަމުން މަނާވެގަތީމެވެ.) ދެންފަހެ ހެނދުނުވުމުން ތިމަންކަލޭގެފާނު، ރަސޫލުﷲ ބާއްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނުގެ ބާލީސްދަށަށް ދެރޮދިފަށްލީމެވެ.” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ހުދު ރޮދިފަށާއި ކަޅު ރޮދިފަށް ކަލޭގެފާނުގެ ބާލީސް ދަށުގައިވާނަމަ ކަލޭގެފާނުގެ ބާލީސް ވަރަށް ފުޅާ ވާނެތާއެވެ! (އަދި ބައެއް ރިވާޔަތްތަކުގައިވާ ގޮތުން : އެހެނެއްކަމަކު އެއީ ދުވާލުގެ އަލިކަމާއި ރޭގަނޑުގެ އަނދިރިކަމުގެ ވާހަކައެވެ.)”[2]
ފަހެ ޢަދިއްޔު ރަޟިޔަﷲ ޢަންހު އެވަނީ ފަޖުރުގެ އަލިކަން ފާޅުވުމަށްފަހުގައި ކައިފައެވެ. އަދި އެކަލޭގެފާނު ދެރޮދިފަށް އެނގެއްޖައުމަށް ދާންދެން ރޯދަގެއްލޭ ކަންކަމަކުން މަނާވެ ނުގަނެއެވެ. ހަމައެއާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަކަށް ރޯދަ ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވައެވެ. އެހެނީ އެކަލޭގެފާނުވީ އެކަމުގެ ޙުކުމާމެދު ޖާހިލުވެގެންނެވެ.
އަދި ޞަޙީޙުލް ބުޚާރީގައި، އަސްމާ ބިންތި އަބޫބަކުރު ރަޟިޔަﷲ އަންހާގެ އަރިހުން ރިވާވެފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “أَفْطَرْنَا عَلَى عَهْدِ النَّبِىِّ يَوْمَ غَيْمٍ ، ثُمَّ طَلَعَتِ الشَّمْسُ”[3] މާނައީ: “ތިމަންބޭކަލުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި، އުޑުމަތި ބަނަ ދުވަހެއްގައި ރޯދަ ވީއްލީމުއެވެ. ދެން (ރޯދަ ވީއްލިފަހުން) އިރު ވާޅުވެއްޖެއެވެ.”
ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނަށް ރޯދަ ޤަޟާކުރެއްވުމަށް އަމުރުކުރެއްވިކަމަކަށް އެކަމަނާ ވިދާޅު ނުވެއެވެ. އެހެނީ އެބޭކަލުންވަނީ އެ ވަޤުތާމެދު ޖާހިލުވެފައެވެ. ޤަޟާކުރުމަށް އެބޭކަލުންނަށް އަމުރު ކުރެއްވިނަމަ އެކަން ނަޤުލުކުރެވުނީހެވެ. އެހެނީ މިއީ ނަޤުލުކުރުން ކޮންމެހެންވެސް މުހިންމު ކަމެކެވެ.
އަދި ކިއެއްޔެއްޔެވެ. ޝައިޚުލްއިސްލާމް އިބުނު ތައިމިޔާ (حقيقة الصيام)[4] ގައި ވިދާޅުވެފައި ވެއެވެ. “ހިޝާމް ބުން ޢުރުވާ، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. -އެކަލޭގެފާނަކީ ޙަދީޘް ރިވާ ކުރައްވާ ބޭކަލުންގެ ތެރެއިންވާ ބޭކަލެކެވެ.- އެބޭކަލުންނަކަށް ރޯދަ ޤަޟާކުރުމަކަށް އަމުރެއް ނުކުރައްވައެވެ. އެހެންނަމަވެސް އިރު ނުއޮއްސި ދުވާލު ބާކީވާކަން އެނގުމާއެކު، އިރު އޮށްސެންދެން ރޯދަ ގެއްލޭ ކަންކަމުން މަނާވެގަންނަން ޖެހޭނެއެވެ.”
ހަމަ މިފަދައިން ފަޖުރުގެ އަލިކަން ފާޅުވެފައިވަނިކޮށް، ފަޖުރުގެ އަލިކަން ފާޅު ނުވާކަމަށް ހީކޮށް، ކެއުމަށްފަހުގައި އޭނާއަށް އެކަން އެނގިއްޖެނަމަވެސް އޭނާގެ ރޯދަ ޞައްޙަ ވާނެއެވެ. އަދި އޭނާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނުވެއެވެ. އެހެނީ އޭނާވީ ވަގުތާމެދު ޖާހިލުވެފައެވެ. ފަހެ ﷲތަޢާލާ ވަނީ އޭނާއަށް ފަޖުރުގެ އަލިކަން ފާޅުވެއްޖެކަން އެނގެއްޖައުމަށް ދާންދެން ކައިބޮއި އަދި ޖިމާޢުވުން ހުއްދަ ކުރައްވާފައެވެ. އިޛުނަ ދެވިފައިވާ ހުއްދަކަމެއް ކުރުމުން އެކަމެއް ކުރާ މީހާއަކަށް ޤަޟާ ކުރުމަކަށް އަމުރުވެވިިގެން ނުވެއެވެ. އެހެންނަމަވެސް އޭނާ ކާން ނުވަތަ ބޯން ހުއްޓައި، އިރު ނުއޮށްސޭކަމާއި ނުވަތަ ފަޖުރުގެ އަލިކަން ފާޅުވެއްޖެކަން އެނގުމާއެކު ކެއުމާ ބުއިން ހުއްޓާލާށެވެ. އަދި އަނގައިގައި -އެއްޗެއް ވާނަމަ – އެއްލާލާށެވެ. އެއީ އޭނާގެ ޢުޛުރު އެވަގުތުން ފިލާ ދިޔައީމައެވެ.
ދެވަނަ ޝަރުތަކީ: ހަނދާން ހުރެ އެފަދަކަމެއްކުރި މީހަކަށް ވާންޖެހޭނެއެވެ. އޭނާ ހަނދާންނެތިގެން އެފަދަކަމެއްކޮށްފިނަމަ އޭނާގެ ރޯދަ ޞައްޙައެވެ. އަދި އޭނާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނެތެވެ. އެއީ އިސްވެދިޔަ ބަޤަރާ ސޫރަތުގެ އާޔަތުން ސާބިތުވެފައިވާ ފަދައިންނެވެ. އެހެންވެ އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((مَنْ أَكَلَ نَاسِيًا وَهُوَ صَائِمٌ فَلْيُتِمَّ صَوْمَهُ فَإِنَّمَا أَطْعَمَهُ اللَّهُ وَسَقَاهُ))[5] މާނައީ: “ރޯދައަށް ހުރިކަން ހަނދާން ނެތި، މީހަކު ކައިފިނަމަ ނުވަތަ ބޮއެފިނަމަ، ފަހެ އޭނާގެ ރޯދަ ފުރިހަމަ ކުރާށެވެ. ފަހެ ހަމަކަށަވަރުން އެނާއަށް ކާން ދެއްވައި އަދި ބޯން ދެއްވީ މާތް ﷲ އެވެ.”
ފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެފަދަމީހަކަށް ރޯދަ ފުރިހަމަ ކުރުމަށް އަމުރުކުރެއްވުމުން، ރޯދަ ޞައްޙަކަމަށް ދަލީލުކުރެއެވެ. އަދި ހަނދާން ނެތިފައިވާ މީހާއަށް ކާންދެއްވުމާއި ބޯންދެއްވުން ﷲއަށް ނިސްބައިކޮށްފައިވުމުން ދަލީލުކޮށްދެނީ އެމީހުންގެ ކިބައިން އެކަން ނުހިއްޕަވާނެކަމެވެ. އެހެންމަވެސް ހަނދާންވުމުން ނުވަތަ ހަނދާން ކޮށްދެވުމުން ހުއްޓާލަން ޖެހޭނެއެވެ. އަދި އަނގައިގައި އެއްޗެއްވާނަމަ އެއްލާލަން ޖެހޭނެއެވެ. އެއީ އޭނާގެ ޢުޛުރު އެވަގުތުން ފިލައި ދިޔައީމައެވެ. އަދި ރޯދަވެރިއަކު ކަނިކޮށް ނުވަތަ ބޮނިކޮށް މީހަކަށް ފެނިއްޖެނަމަ އެކަން މަނާކުރުން ވާޖިބުވާނެއެވެ. އެއީ ﷲ ތަޢާލާގެ މިވަޙީ ބަސްފުޅުންގެ ސަބަބުންނެވެ. (وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ) [المائدة: 2 ] މާނައީ: “އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ.”
ތިންވަނަ ޝަރުތަކީ: އިޚްތިޔާރު ލިބިގެންވާ މީހަކަށް ވާންޖެހޭނެއެވެ. އެބަހީ ރޯދަ ގެއްލޭ ކަމަކަށް އަރައިގަންނަނީ އޭނާ ބޭނުންވެގެން އޭނާގެ އިޚްތިޔާރުގައިކަމުގައި ވާންޖެހޭނެއެވެ. ފަހެ އޭނާއަށް މަޖުބޫރު ކުރެވިފައިވާނަމަ އޭނާގެ ރޯދަ ޞައްޙައެވެ. އެނާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނުވެއެވެ. އެހެނީ، އީމާންކަމަށް އެމީހެއްގެ ހިތް ހަމަޖެހިފާހާލު، މަޖުބޫރު ކުރެވިގެން ޝިރުކުކޮށްފިނަމަވެސް ﷲތަޢާލާވަނީ އޭނާގެ ކިބައިން އެކަމުގެ ޙުކުމް އުފުއްލަވައެވެ. އެއިލާހު ތަޢާލާ ވަޙީކުރެއްވިއެވެ. (مَن كَفَرَ بِاللَّـهِ مِن بَعْدِ إِيمَانِهِ إِلَّا مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالْإِيمَانِ وَلَـٰكِن مَّن شَرَحَ بِالْكُفْرِ صَدْرًا فَعَلَيْهِمْ غَضَبٌ مِّنَ اللَّـهِ وَلَهُمْ عَذَابٌ عَظِيمٌ) [النحل: 106 ] މާނައީ: “އީމަންކަމަށް، އެމީހާގެ ހިތްހަމަޖެހިގެންވާ ޙާލު، މަޖުބޫރު ވެގެންވާ މީހާ މެނުވީ، އީމާން ވުމަށްފަހު، ﷲއަށް ކާފަރު ވެއްޖެމީހާ، އަދި އެހެނެއްކަމަކު (އެބަހީ: މަޖުބޫރު ވެގެންވިޔަސް) ކާފިރުކަމަށް ހިތްތަނަވަސް ވެއްޖެމީހާ (ދަންނައެވެ!) ފަހެ، އެއުރެންނަށް ﷲގެ ޙަޟުރަތުން ކޯފާލެއްވުން ހުށްޓެވެ. އަދި ބޮޑުވެގެންވާ ޢަޛާބު، އެއުރެންނަށް ހުށްޓެވެ.”
ފަހެ އެނާގެ މައްޗަށް މަޖުބޫރު ކުރެވިފައިވުމުން ﷲތަޢާލާ އެނާގެ ކިބައިން ކުފުރުގެ ޙުކުމް އުފުއްލަވާފައިވާއިރު، އެހެންކައްތައްތައް (ޢަފޫވުން) މާ އައުލާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުގައި ވެއެވެ. ((إِنَّ اللَّهَ قَدْ تَجَاوَزَ عَنْ أُمَّتِي الْخَطَأَ ، وَالنِّسْيَانَ ، وَمَا اسْتُكْرِهُوا عَلَيْهِ.))[6] މާނައީ: “ހަމަކަށަވަރުން ﷲތަޢާލާވަނީ މިއުންމަތަށް، އޮޅުމަކުން ކުރާ ކަންތައްތަކާއި ހަނދާންނެތިގެން ކުރާ ކަންތައްތަކާއި މަޖުބޫރުވެގެން ކުރާ ކަންތައްތައް ޢަފޫ ކުރައްވާފައެވެ.” މިޙަދީޘް ރިވާކުރެއްވީ އިބުނު މާޖާ އާއި އަލްބައިހަޤީއެވެ. އިމާމު ނަވަވީ މިޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި ވިދާޅުވެއެވެ.
ފިރިމީހާ އަނބިމީހާއަށް، އެކަނބުލޭގެ ރޯދައަށް ހުއްޓާ ޖިމާޢުވުމަށް މަޖުބޫރުކޮށްފިނަމަ އެކަނބުލޭގެ ރޯދަ ޞައްޙަ ވާނެއެވެ. އެކަނބުލޭގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނުވެއެވެ. އަދި އެކަނބުލޭގެ ރޯދައަށް ހުއްޓައި، ޖިމާޢުވުމަށް މަޖުބޫރުކުރުން އޭނާއަށް ހުއްދަވެގެން ނުވެއެވެ. އޭނާ ރަށުގައި ޙާޟިރުވެ ހުއްޓައި، އޭނާގެ އިޛުނަނެތި ހިފާ ސުންނަތް ރޯދައެއްގައި މެނުވީއެވެ.
އަދި ރޯދަވެރިޔާގެ އިޚްތިޔާރަކާ ނުލައި އޭނާގެ އަނގައިގެ ތެރެއަށް ހިރަފުސްވަދެ ނުވަތަ އޭނާގެ އަނގައިގެ ތެރެއަށް ކޮންމެވެސް އެއްޗެއް ވަދެ ނުވަތަ ވުޟޫކުރާއިރު އަންގައަށް ނުވަތަ ނޭފަތަށް ފެންލުމުގެ ތެރޭގައި ހަށިގަނޑުގެ ތެރެއަށް ފެން ފޮދެއް ހިނގައްޖެނަމަވެސް އޭނާގެ ރޯދަ ޞައްޙައެވެ. އޭނާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނުވެއެވެ.
ރޯދަވެރިޔާ އަނދުން އެޅުމަކުން ނުވަތަ ލޮލަށް ބޭހެއް އެޅުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެއީ އޭނާގެ އަރުތެރޭގައި އޭގެ ރަހަ ލީނަމަވެސް މެއެވެ. އެހެނީ އެއީ ކެއުމެއް އަދި ބުއިމެއްވެސް ނޫނެވެ. އަދި އެމާނައިގައިވާ ކަންކަމެއްވެސް ނޫނެވެ. އަދި އޭނާގެ ކަންފަތަށް ޖަހާ ބޭސް ތިއްކަކުންވެސް ރޯދައެއް ނުގެއްލޭނެއެވެ. އަދި އޭނާ ޒަޚަމްވެފައިވާ ތަނެއްގައި ބޭހެއް އެޅުމުން ރޯދައެއް ނުގެއްލޭނެއެވެ. އެއީ އޭގެ ރަހަ އަރުތެރޭގައި ލީނަމަވެސް މެއެވެ. އެހެނީ އެއީ ކެއުމެއް އަދި ބުއިމެއްވެސް ނޫނެވެ. އަދި އެމާނައިގައިވާ ކަންކަމެއްވެސް ނޫނެވެ.
ޝައިޚުލް އިސްލާމް އިބުނު ތައިމިޔާ ރަޙުމަހުﷲ (حقيقة الصيام)[7] ގައި ވިދާޅުވެފައިވެއެވެ. “އިސްވެ ދެންނެވުނު ކަންތައް، ރޯދަ ގެއްލޭ ކަންތައްތަކެއްކަމުގައި ޤުރުއާނާއި ސުންނަތުން ދަލީލު ނުކުރާކަން އަހަރެމެންނަށް އެނގެއެވެ. އެހެންކަމުން އެއީ ރޯދަ ގެއްލޭ ކަންތައްތަކެއް ނޫންކަން އަހަރެމެންނަށް އެނގެއެވެ.” އަދި ވިދާޅުވިއެވެ.[8] “ފަހެ ރޯދައަކީ ޚާއްޞަ ޢިލްމުވެރިންނާއި ޢާންމުންވެސް އެނގެން ބޭނުން ޖެހިފައިވާ، މުސްލިމުންގެ ދީނުގެ ތެރެއިންވާ ކަމެކެވެ. އެކަންތައްތަކަކީ، ﷲ އާއި އެއިލާހުގެ ރަސޫލާ، ރޯދައަށް ހުރެ ކުރުން ޙަރާމް އަދި ރޯދަ ފާސިދު ކުރުވަނިވި ކަންތައްތަކު ތެރެއިންވާ ކަންތައްތައްކަމުގައި ވާނަމަ، އެކަންތައްތައް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވުން ވާޖިބުވާނެއެވެ. އަދި އެކަލޭގެފާނު އެކަންތައްތައް ޛިކުރުކޮށްދެއްވާފައި ވާނަމަ ޞަޙާބީބޭކަލުންނަށް އެކަންކަން އެނގުނީހެވެ. އަދި ޝަރީޢަތުގެ އެހެނިހެން ކަންކަންވެސް ބަޔާންކޮށްދޭ ފަދައިން އެބޭކަލުން އެކަންކަންވެސް ބަޔާންކުރެއްވީހެވެ.”
ފަހެ ޢިލްމުގެ އަހުލުވެރިންގެ ތެރެއިން އެއްވެސް ބޭކަލަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އެކަންކަން، ޞައްޙަ ޙަދީޘަކުންވެސް އަދި ޟަޢީފު ޙަދީޘަކުންވެސް އަދި މުސްނަދުކޮށް އަދި މުރުސަލުކޮށްވެސް ބަޔާންކުރައްވާފައި ނުވުމުން، އެކަލޭގެފާނު އެކަންކަން ޛިކުރު ކުރައްވާފައި ނުވާކަން އަހަރެމެންނަށް އެނގެއެވެ. އަނދުން އެޅުމާމެދު ވާރިދުވެފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘް އެކެވެ. -އެޙަދީޘްއަކީ ނިދާއިރުގައި އަނދުން އެޅުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރުކުރައްވާފައިވާ ޙަދީޘެވެ.- ޙަދީޘް ކުރެއްވިއެވެ. ((لِيَتَّقِهِ الصائم))[9] މާނައީ: “ރޯދަވެރިޔާ އެކަމުން ރައްކާތެރިވާށެވެ.” މިޙަދީޘްވަނީ ސުނަނު އަބޫދާވޫދުގައެވެ. އެހެން ބޭކަލަކު މިޙަދީޘް ރިވާ ކުރައްވާފައެއް ނުވެއެވެ. މުސްނަދު އަޙުމަދަކުވެސް އަދި އިތުބާރުހިފޭ އެއްވެސް ފޮތަކުނުވެއެވެ. އަބޫ ދާވޫދު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ އަރިހުގައި ޔަޙްޔާބުން މަޢީން ވިދާޅުވިއެވެ. “މިއީ މުންކަރު ޙަދީޘެކެވެ.”
އަދިވެސް ޝައިޚުލް އިސްލާމް އިބުނު ތައިމިޔާ ވިދާޅުވެފައިވެއެވެ: “އުންމަތަށް އެނގެންޖެހޭ އަޙްކާމުތައް، ކޮންމެހެންވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވަން ޖެހޭނެއެވެ. އަދި ކޮންމެހެންވެސް އުންމަތަށް އެކަލޭގެފާނުގެ ބަސްފުޅު ނަޤުލު ކުރެވެން ޖެހޭނެއެވެ. މިކަން މިފަދައިން ވެފައި ނުވާނަމަ އެކަމަކީ ދީނުގައި ނެތްކަމެއްކަން އެނގިގެންދެއެވެ.” އެކަލޭގެފާނުގެ ބަސްފުޅު ނިމުނީ. އިބުނު ތައިމިޔާގެ މި ބަސްފުޅަކީ، ސާފު ދަލީލުތަކާއި ހެކިތަކާއި ޘާބިތުވެފައިވައިވާ ޤަވާއިދުތަކުގެ މައްޗަށް ބިނާވެފައިވާ ބަސްފުޅެކެވެ.
ކާއެއްޗެއްގެ ރަހަ ބެލުމަކުން، އެއެއްޗެއް ދިރުވާނުލާހާ ހިނދަކު ރޯދައެއް ނުގެއްލޭނެއެވެ. އަދި މީރުވަސްދުވާ ތަކެއްޗާއި އަދި ބަޚޫރުގައި ވަސްބެލުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެހެންނަމަވެސް ބަޚޫރުގެ ދުމުގެ ވަސް ނޭފަތުން ބާރަށް ނުދަމާށެވެ. އެހެނީ ދުމާއެކު އޭގެ ބައިބައި މައްޗަށް އަރައެވެ. ފަހަރެއްގައި އެއިން ބައެއް މަޢިދާގެ ތެރެއަށް ވާޞިލުވެދާނެއެވެ.
ވުޟޫކުރާއިރު އަނގައަށް ފެންލުމަކުން އަދި ނޭފަތަށް ފެންލުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެހެންނަމަވެސް މުބާލަޣާ ނުކުރާށެވެ. (އެބަހީ: ބޮޑަށް އެތެރެއަށް ނުފޮނުވާށެވެ.) އެހެނީ ފަހަރެއްގައި ހަށިގަނޑުގެ ތެރެއަށް ފެންފޮދެއް ހިނގައިދާނެއެވެ. ލަޤީޠު ބުން ޞަބުރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. « أَسْبِغِ الْوُضُوءَ وَخَلِّلْ بَيْنَ الأَصَابِعِ وَبَالِغْ فِى الاِسْتِنْشَاقِ إِلاَّ أَنْ تَكُونَ صَائِمًا »[10] މާނައީ: “ތިބާ ވުޟޫ ފުރިހަމައަށް ކުރާށެވެ. އަދި އިނގިލިތަކުގެ ދެމެދު ދޮންނާށެވެ. އަދި ނޭފަތަށް ފެންލުމުގައި މުބާލަޣާ ކުރާށެވެ. އެއީ ތިބާ ރޯދަވެރިއެއްގެ ގޮތުގައި ނުވާނަމައެވެ.”
އަދި ދަތްއުނގުޅުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ރޯދަވެރިޔާގެ މައްޗަށްވެސް ސުންނަތެކެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘް ބަސްފުޅުންނެވެ. «لَوْلاَ أَنْ أَشُقَّ عَلَى الْمُؤْمِنِينَ لأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلاَةٍ»[11] މާނައީ: “މުއުމިނުންގެ މައްޗަށް ބުރައަކަށް ނުވާނަމަ، ކޮންމެ ނަމާދަކަށް ދަތް އުނގުޅުމަށް ތިމަންކަލޭފެފާނު އެބައިމީހުންނަށް އަމުރުކުރެއްވީމުހެވެ.” ރޯދަވެރިންނާއި އެހެންމީހުންނަށްވެސް ހުރިހާ ވަގުތަކަށް މިކަން އާންމުވެގެންވެއެވެ. ޢާމިރު ބުން ރަބީޢު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ((رَأَيْتُ النَّبِىَّ مَا لاَ أُحْصِى يَتَسَوَّكُ وَهُوَ صَائِمٌ))[12] މާނައީ: “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދައަށް ހުންނަވައިގެން، އަދަދު ނުކުރެވޭހާ ގިނައިން ދަތް އުނގުޅުއްވާތަން ތިމަންކަލޭގެފާނު ދުށީމެވެ.”
އަދި ދަތް އުނގުޅާ ބޭސް ބޭނުންކޮށްގެން ރޯދަވެރިޔާ ދަތް އުނގުޅުން ރަނގަޅެއް ނޫނެވެ. އެހެނީ އޭގައި ވަރަށް ބޮޑު ތައުސީރެއް އެކުލެވިގެންވެއެވެ. އަދި ކުޅާއެއްކޮށް އޭތި ބޮވިދާނެ ކަމުގެ ބިރުއޮވެއެވެ. އަދި ސިވާކުން ދަތް އުނގުޅުމުން އެކަމުގެ ބޭނުމެއް ނެތެވެ.
އަދި ރޯދަވެރިޔާއަށް، ހޫނާއި ކަރުހިއްކުން ކުޑަކުރެވިދާނެފަދަ ކަމެއް ކުރުން ހުއްދަވެގެންވެއެވެ. އެއީ މިސާލަކަށް ފެން އަޅައި ހަށިގަނޑު ފިނިކޮށްލުން ފަދަ ކަންކަމެވެ. މާލިކާއި އަބޫ ދާވޫދު، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައެއް އަޞްޙާބުންގެ ގެ އަރިހުން ރިވާ ކުރެއްވިއެވެ. “އަލްޢުރަޖު އޭ ކިޔުނުތަނުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ކަރުހިއްކުމުގެ ސަބަބުން ނުވަތަ ހޫނުގަދަވުމުގެ ސަބަބުން، އެކަލޭގެފާނުގެ ބޮލަށް ފެންއަޅުއްވަން ހުއްޓައި ތިމަންކަލޭގެފާނު ދެކިވަޑައިގަތީމެވެ.”[13]
އަދި އިބުނު ޢުމަރު ރަޟިޔަﷲ ޢަންހު ރޯދައަށް ހުންނަވައިގެން ފޮތިގަނޑެއް ތެންމަވައި އެކަލޭގެފާނުގެ ގައިގައި އަޅުއްވައެވެ. އަދި ހިލައިން ހަދާފައިވާ ބިލިގާ އެއްފަދަ އެއްޗެއް، އަނަސް ރަޟިޔަﷲ ޢަންހު އަށް ވެއެވެ. އެކަލޭގެފާނަށް ހޫނު އިޙުސާސްވުމުން އޭގެ ތެރެއަށް ފައިބައެވެ. ބޮޑަށް ބުރަވެވޭ ގޮތުގައި އެއަށް ފެން އަޅުއްވާފައި އޭގެ ތެރެއަށް ފައިބަނީއެވެ. -ولله أعلم- އަދި އަލްޙަސަން ރަޙިމަހުﷲ ވިދާޅުވިއެވެ. “لَا بَأْسَ بِالْمَضْمَضَةِ وَالتَّبَرُّدِ لِلصَّائِمِ”[14] މާނައީ: “ރޯދަވެރިޔާ އަނގައަށް ފެންލުމާއި ފެންއަޅައި ހަށިގަނޑު ފިނިކޮށްލުމަކު މައްސަލައެއް ނެތެވެ.” އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި މިއަޘަރުތައް މުޢައްލަޤުކޮށް ގެންނަވާފައިވެއެވެ.
އަޚުންނޭވެ! ތިޔަބައިމީހުން ތިޔަބައިމީހުންގެ ދީނުގައި ފިޤުހުވެރިވާށެވެ. އެއީ ޢިލްމުގެ މަތީގައި ﷲއަށް އަޅުކަން ކުރުމަށްޓަކައެވެ. އެހެނީ ދަންނަމީހުންނާއި ނުދަންނަމީހުން ހަމަހަމަވެގެން ނުވެއެވެ. ﷲތަޢާލާ މީހަކަށް ހެޔޮގޮތެއް އިރާދަކުރައްވާނަމަ އެމީހަކު ދީނުގައި ފިޤުހުވެރި ކުރައްވާނެއެވެ.
اللهم فَقِّهْنَا في ديننا، وارزقنا العمل به، وثَبِّتْنَا عليه وتَوَفَّنَا مؤمنين، وألحقنا بالصالحين، واغفر لنا ولوالدينا ولجميع المسلمين برحمتك يا أرحم الراحمين، وصلى الله وسلَّم على نبينا محمد وعلى آله وصحبه أجمعين.
________________________________
މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.
މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް
[1] رواه مسلم .
[2] متفق عليه .
[3] البخاري الصوم (1858) ، أبو داود الصوم (2359) ، ابن ماجه الصيام (1674) ، أحمد (6/346) .
[4] ضمن مجموع الفتوي (232/25)
[5] البخاري الصوم (1831) ، مسلم الصيام (1155) ، الترمذي الصوم (721) ، ابن ماجه الصيام (1673) ، أحمد (2/491) ، الدارمي الصوم (1727) .
[6] رواه ابن ماجه والبيهقي وحسَّنه النووي .
[7] ضمن مجموع الفتوي (236/25)
[8] ضمن مجموع الفتوي (234/25)
[9] ضعيف رواه أبو داود في السنن ولم يروه غيره ، قال أبو داود : قال لي يحيى بن معين : هذا حديث منكر .
[10] الترمذي الصوم (788) ، النسائي الطهارة (87) ، أبو داود الطهارة (142) ، ابن ماجه الطهارة وسننها (407) ، أحمد (4/211) ، الدارمي الطهارة (705) .
[11] البخاري الجمعة (847) ، مسلم الطهارة (252) ، الترمذي الطهارة (22) ، النسائي الطهارة (7) ، أبو داود الطهارة (46) ، ابن ماجه الطهارة وسننها (287) ، أحمد (1/120) ، مالك الطهارة (147) ، الدارمي الصلاة (1484) .
[12] رواه أحمد وأبو داود والترمذي ، وذكره البخاري معلقا بصيغة التمريض ، وحسَّنه الترمذي ، وقال الحافظ ابن حجر في موضع من التلخيص : إسناده حسن .
[13] أبو داود الصوم (2365) ، أحمد (3/475) ، مالك الصيام (654) .
[14] ذكر هذه الآثار البخاري في صحيحه تعليقا .