[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

المَصَالِحُ الْمُرْسَلَة


ތަޢުރީފް:

المصالح އަކީ މަޞްލަހަތުގެ ގިނަގޮތެވެ.

المرسلة ގެ ލުޣަވީ މާނައަކީ ދޫކޮށްލެވިފައިވުމެވެ. އެބަހީ ހިފެހެއްޓިފައިނުވުމެވެ.

އިޞްޠިލާހީ މާނައަކީ ކުރުމަށްވެސް އަދި ނުކުރުމަށްވެސް އަންގަވާފައިނުވާ ކަންކަމެވެ.([1]) މިކަމަށް އިސްތިޞްލާޙުވެސް ކިޔައެވެ.([2]) މީގެ މިސާލަކީ މިޒަމާނުގެ މަގުތަކުގައި ބޭނުންކުރާ ޓްރެފިކް ބައްތިތަކެވެ. މިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި އޮތްކަމެއް ނޫނެވެ. އަދި މިކަމަކީ ހުއްދަކަމެއްކަމަށްވެސް އަދި މަނާކަމެއްކަމަށްވެސް ޚާއްޞަ ޝަރުޢީ ނައްޞެއް ޝަރުޢުގައި އައިސްފައިވާކަމެއް ނޫނެވެ. އެހެންކަމުން، ޓްރެފިކް ބައްތި ބެހެއްޓުމުން އެނުބެހެއްޓުމަށްވުރެ ލިބޭފައިދާ މާބޮޑެވެ. މިފަދަ ކަންކަމަކީ المصالح المرسلة ނުވަތަ الاستصلاح ގެ ތެރެއަށް ވަންނަކަންކަމެވެ.

ފަހެ، މަންފާހުރިކަމެއް ގެނެސްގަތުމުގައްޔާއި، ގެއްލުންދެނިވިކަމެއް ހުއްޓުވުމުގެގޮތުން ނުވަތަ އެފަދަކަމެއް ނައްތާލުމުގެގޮތުން ކުރެވޭ އެންމެހާ ކަމެއް މިކަމުގެ ތެރެއަށް ވަންނަހުއްޓެވެ. އެހެނީ، ޢާއްމުގޮތެއްގައި ބަލާނަމަ އިސްލާމީ ޝަރީޢަތުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ މީސްތަކުންނަށް މަޞްލަޙަތު ގެނެސްދިނުމެވެ. އެޝަރީޢަތުގެ ނައްޞުތަކުންނާއި އުޞޫލުތަކުން ދަލީލުކޮށްދެނީ މީސްތަކުންގެ ޙަޔާތުގެ ހުރިހާ ވަޤުތެއްގައިވެސް މަޞްލަޙަތައް ބެލުމަށެވެ. މިކަމުގައި ވަކި ފަރުދުންތަކެއް ނުވަތަ ވަކިވައްތަރެއްގެ ކަންކަމެއް ޚާއްޞަކުރައްވާފައެއްނުވެއެވެ. މިސަބަބާހުރެ مرسلة ކިޔެއެވެ. އެބަހީ ވަކި ޙައްދެއްކަނޑައެޅި މުޠުލަޤުކޮށް ދޫކޮށްލެވިފައިވާ ކަންކަމެވެ.

ވައްކަންކުރާމިހާ އަތްކެނޑުންފަދަ ކަންކަމަކީ މީސްތަކުންގެ މަޞްލަޙަތާގުޅޭގޮތުން ޚާއްޞަ ނައްޞަކުން ޙުކުމް ޢައިނިއްޔަގޮތެއްގައި ޘާބިތުވެފައިވާ މަޞްލަޙަތުތަކެވެ. مصالح المرسلة އެއް ނޫނެވެ. އެހެނީ، އެފަދަކަންކަމުގެ ޙުކުމް ޘާބިތުވަނީ އިޞްލާޙުކުރުމުގެ ގޮތުން ގެނެވޭ ކަންކަމުގެ އުޞޫލުތަކާއި ޤަވާއިދުތަކުން ބޭރުން ޚާއްޞަ ނައްޞަކުންނެވެ.

ހަމައެފަދައިން ޚާއްޞަވެގެންވާ މަޞްލަޙަތެއް ދޫކޮށްލުމަށް ދަލީލެއް ވާނަމަ އެމަޞްލަޙަތެއް ދޫކޮށްލަންޖެހޭނެއެވެ. މިސާލެއްގެ ގޮތުން ޢަދުއްވުންނަށް އަމާންދިނުމެވެ. ޢަދުއްވުންނަށް އަމާންދިނުމަކީ ނަފްސު ޤަތުލުން ސަލާމަތްވުމުގެ މަޞްލަޙަތުއެކުލެވިގެންވާ ކަމެކެވެ. ނަމަވެސް މިމަޞްލަޙަތަކީ ޝަރުޢުގައި ބުރަދަނެއް ނެތް މަޞްލަޙަތެކެވެ. އެހެނީ، ޢަދުއްވުންނަށް އަމާންނުދިނުމަކީ މިމަޞްލަޙަތަށްވުރެ ބޮޑު މަޞްލަޙަތެއް އެކަމުގައި އެކުލެވިގެންވާ ކަމެކެވެ. އެއީ އުއްމަތުގެ ކަރާމާތްތެރިކަމާއި ޢިއްޒަތްތެރިކަން ދިފާޢުކުރުމެވެ. އެހެންކަމުގައި ވާނަމަ މިފަދަ މަޞްލަޙަތުތަކަކީ ދޫކޮށްލަންޖެހޭ މަޞްލަޙަތުތަކެވެ. مصالح المرسلة އެއް ނޫނެވެ.

المصالح المرسلةއާއި ބިދުޢަ އާ ހުރިތަފާތު:

މީސްތަކުންނަށް ފައިދާހުރި މަޞްލަޙަތެއް المصالح المرسلة ގެދަށުން ގެނެސްގަތުމަކީ ބިދުޢައެއް ނޫނެވެ. އެހެނީ، ބިދުޢައާ ޚިލާފަށް މަޞްލަޙަތުގެނައުމަށް ޝަރުޢުގައި ބާރުއަޅުއްވާފައިވެއެވެ. އަދި އިސްލާމީ ޝަރުޢު ބާވާލެއްވުމުގެ އެންމެ މުހިއްމު އެއްމަޤްޞަދަކީ މީސްތަކުންނަށް ދުނިޔެއާއި އާޚިރަތުގައި މަޞްލަޙަތު ހުރިކަންކަމަށް މަގު ދެއްކުމެވެ. އަދި ޞަޙާބީންގެ ޢަމަލުފުޅުތައްވެސް ހުރީ މިފަދައިންނެވެ. މުޙައްމަދު އަމީން ޝަންޤީޠީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “އެނގެންޖެހޭ ކަމަކީ ޞަޙާބީންވެސް، ދުރުވުމަށް ދަލީލެއް އައިސްފައިނުވާ އަދި (އެގެނެސްގަންނަ މަޞްލަޙަތަށްވުރެ) ބޮޑު ނުވަތަ އެކަމާއެއްވަރު ފަސާދައެއް އެކުލެވިގެން ނުވާކަންކަމުގައި المصالح المرسلة އަށް އެބޭކަލުން ބުރަވެވަޑައިގަންނަވާ ކަމެވެ.”([3])

މިގޮތުން އަބޫބަކުރުގެފާނު ވަނީ މީސްތަކުންގެ މެދުގައި ޚިލާފު އުފެދިދާނެކަމަށްޓަކައި، މީސްތަކުންގެ މަޞްލަޙަތަށްޓަކައި އެކަލޭގެފާނަށްފަހު ޢުމަރުގެފާނު ޚިލާފަތަށް އިސްކުރައްވާފައެވެ. ހަމައެފަދައިން، އަބޫބަކުރުގެފާނުގެ ޚިލާފަތުގައި ކީރިތި ޤުރުއާން އެއްފޮތެއްގެގޮތުގައި ޖަމާކުރެއްވިއެވެ. އެއީ ޤުރުއާން ގެއްލިދާނެކަމުގެ ބިރަށްޓަކައި އެކަމުގައި މަޞްލަޙަތުތަކެއް އެކުލެވިގެންވާތީއެވެ. އަދި ޢުޘްމާންގެފާނުވަނީ މީސްތަކުންގެ މަޞްލަޙަތަށްޓަކައި ހުކުރުނަމާދުގައި ދެބަންގިގޮވުމަށް އަންގަވާފައެވެ.

ނަމަވެސް ބިދުޢަ المصالح المرسلة އާ ޚިލާފެވެ. އެހެނީ، ބިދުޢައިގެ ސަބަބުން ބޭރުފުށުން މަޞްލަޙަތު އޮތްކަމަށް ފެނުނަސް ޙަޤީޤަތުގައި މަޞްލަޙަތެއް އެކުލެވިގެން ނުވާނެއެވެ. މިސާލެއްގެ ގޮތުން، ޝަޢުބާންމަހުގެ ފަނަރަ ވަނަ ދުވަހު ރޯދަހިފުމަކީ ޚާއްޞަކަމެއް ކަމުގައި ދެކުމެވެ. މިކަމަކީ އެއްވެސް ޞައްޙަ ދަލީލަކުން ޘާބިތުވާން އޮތްކަމެއް ނޫނެވެ. ބޭރުފުށުން މިކަމަކީ މީސްތަކުންގެ ހިތްތަކުގައި ރޯދަހިފުމަށް ލޯބިޖެއްސުމުގެ ގޮތުން މަޞްލަޙަތެއް އޮތްކަމަކަށް ވެދާނެއެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ މަޞްލަޙަތެއް ނޫނެވެ. އަދި ޝަރުޢީ ނައްޞުތަކާ ޚިލާފުކަމެކެވެ.

المصالح المرسلة އާ ބިދުޢަ ވަކިރާނެ މިންގަނޑު ދަންނައެވެ. المصالح المرسلة އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ޒަމާނުގައި އޮތްކަމަކާ ގުޅުމެއްނުވާ ކަންކަމެވެ. ނުވަތަ އެޒަމާނުގައި އޮތްކަމެއް، އެކަން ކުރުމަށް ހުރަސްއަޅާ ފަދަ ކަމެއް މެދުވެރިވެފައިވާ ކަންކަމެވެ. އެހެނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޒަމާނުގައި އޮތްކަމެއްކަމުގައިވާނަމަ އެކަމުގެ ޙުކުމް ޤުރުއާނުގައި ނުވަތަ އެކަލޭގެފާނުގެ ސުންނަތުގައި ވާރިދުވާނެއެވެ. ނަމަވެސް ބިދުޢަ މިއާ ޚިލާފެވެ.([4])

المصالح المرسلةޙުއްޖަތެއް ހެއްޔެވެ؟

މަޞްލަޙަތެއް ގެނެސްގަތުމާއި ފަސާދައެއް ދުރުކުރުމަކީ އެންމެހާ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފާ ކަމެކެވެ. އެބޭކަލުން ޚިލާފުވެފައިވަނީ المصالح المرسلة އާ މެދުގައެވެ. އެބޭކަލުންގެ ތެރެއިން المصالح المرسلة އަކީ މަޞްލަޙަތެއް ގެނެސްގަތުމާއި ފަސާދައެއް ދުރުކުރުމުގެ ތެރެއިންވާ ކަމެއްކަމުގައި ދެކިލައްވާ ޢިލްމުވެރިންގެ އަރިހުގައި المصالح المرسلة އަކީ ދަލީލެކެވެ. އަދި ޙުއްޖަތެކެވެ. މިއީ އިމާމް މާލިކާއި އަޙްމަދުގެ ރައުޔެވެ. المصالح المرسلة އަކީ މަޞްލަޙަތެއް ގެނެސްގަތުމާއި ފަސާދައެއް ދުރުކުރުމުގެ ތެރެއިންވާކަމެއްކަމުގައި ދެކެވަޑައިނުގަންނަވާ ބޭކަލުންގެ އަރިހުގައި މިއީ ޝަރުޢީ ދަލީލެއް ނޫނެވެ. އަދި ޙުއްޖަތެއްވެސް ނޫނެވެ. އަދި މިއީ އެބޭކަލުންގެ އަރިހުގައި ޝަރުޢު އަމިއްލަ ރައުޔަށާއި ބުއްދިއަށް ކަނޑައެޅުމެވެ. މިއީ ޙަނަފީ މަޛްހަބާއި ޝާފިޢީ މަޛްހަބުގެ ރައުޔެވެ.

މުޙައްމަދު އަމީން އައްޝަންޤީޠީ ވިދާޅުވެފައިވެއެވެ. “އެނގެންޖެހޭ ކަމަކީ ޞަޙާބީންވެސް، ދުރުވުމަށް ދަލީލެއް އައިސްފައިނުވާ އަދި (އެގެނެސްގަންނަ މަޞްލަޙަތަށްވުރެ) ބޮޑު ނުވަތަ އެކަމާއެއްވަރު ފަސާދައެއް އެކުލެވިގެން ނުވާކަންކަމުގައި المصالح المرسلة އަށް އެބޭކަލުން ބުރަވެވަޑައިގަންނަވާ ކަމެވެ. އަދި (المصالح المرسلة) އާ ދުރުވެގެންވާކަމަށް ދަޢުވާކުރިނަމަވެސް، އެންމެހާ މަޛްހަބުތައް ވަނީ المصالح المرسلة އާ ގުޅިފައެވެ. ޞަޙާބީންގެ ޢަމަލުފުޅުތަކަށާއި މަޛްހަބުތަކުގެ ފަރުޢުތަކަށް ބަލާލައިފި މީހަކަށް (المصالح المرسلة) ގެ ޞައްޙަކަން އެނގޭހުއްޓެވެ. ނަމަވެސް މަޞްލަޙަތު ޞައްޙަވުމަށްޓަކައާއި، އެ މަޞްލަޙަތަށްވުރެ މަޞްލަޙަތުހުރިކަމަކާ ޚިލާފުނުވުމަށާއި، އެ މަޞްލަޙަތަށްވުރެ ބޮޑު ފަސާދައެއް ނުވަތަ އެއާ އެއްފަދަ ފަސާދައެއް، ނުވަތަ އެހެން ވަގުތެއްގައި އެމަޞްލަޙަތު ފަސާދައަކަށް ވުން އެއްކިބާކުރުމަށްޓަކައި المصالح المرسلة އަށް ޢަމަލުކުރުމުގައި ރައްކާތެރިވެ، ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭނެއެވެ.”([5])

ކަންމިހެން ހުރިއިރު، ޢިލްމުވެރިންގެ މެދުގައި المصالح المرسلة އަކީ ޙުއްޖަތެއްތޯ ނުވަތަ ނޫންތޯ އުފެދިފައިވާ ޚިލާފަކީ ލަފްޡީ ޚިލާފެކެވެ. އެހެނީ، މަޞްލަޙަތެއް ގެނެސްގަތުމާއި ފަސާދައެއް ދުރުކުރުމަކީ ޝަރުޢީ އަޞްލެއްކަމަށް އެންމެހާ ޢިލްމުވެރިން އިއްތިފާޤުވެލައްވާފައިވެއެވެ. އެބޭކަލުން ޚިލާފުވެފައިވަނީ މިއަޞްލަށް ނަންކިޔުމުގައްޔާއި، މިއަޞްލަށް ޢަމަލުކުރުމާމެދުއެވެ. ސަބަބަކީ المصالح المرسلة ގެ ދަށަށް ވަންނަ މަޞްލަޙަތުތަކާގުޅޭ ޝަރުޢީ ދަލީލެއް ވާރިދުވެފައިނުވާތީއެވެ.

ބައެއް ޢިލްމުވެރިން މިކަމަށް المصالح المرسلة ކިޔައެވެ. އަނެއްބައި ޢިލްމުވެރިން ޤިޔާސް ނުވަތަ ޢުމޫމް ނުވަތަ އިޖުތިހާދު ނުވަތަ ޝަރުޢީ މަޤްޞަދުތަކަށް ޢަމަލުކުރުން ކިޔާ އުޅެއެވެ. އަދި المصالح المرسلة އަށް ޢަމަލުކުރެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވާނަމައެވެ.([6])

المصالح المرسلةއަށް ޢަމަލުކުރުމުގެ ޝަރުޠުތައް:

މަޞްލަޙަތު ޞައްޙަގޮތުގައި ގެނެސްގަތުމަށްޓަކައި المصالح المرسلة އަށް ޢަމަލުކުރުމުގައި ފަރުވާތެރިވުމަކީ ވާޖިބުވެގެންވާ ކަމެކެވެ. المصالح المرسلة އަށް ޢަމަލުކުރުމުގެ ޝަރުޠުތަކުގެ ތެރޭގައި:

1. މަޞްލަޙަތެއްގޮތުގައި ނެގޭ އެތި ނުވަތަ ކަންތައް ނައްޞެއް ނުވަތަ އިޖުމާޢުއާ ޚިލާފުވެގެންވާ ކަމަކަށް ވެގެންނުވާނެއެވެ. މިސާލަކަށް ޤައުމުގެ މާލީޙާލަތު ރަނގަޅުކުރުމަށްޓަކައި ރާ ނުވަތަ އެފަދަ ޙަރާމް އެއްޗެއް ވިއްކުން ހުއްދައެއްނުވާނެއެވެ.

2. މަޞްލަޙަތެއްގޮތުގައި ނެގޭ އެތި ނުވަތަ ކަންތައް އިސްލާމްދީނުގެ ބޮޑެތި މަޤްޞަދަކާއި ޤަވާއިދުތަކާ ޚިލާފުވެގެންވާ ކަމަކަށް ވެގެންނުވާނެއެވެ. މިސާލަކަށް ސިނގިރޭޓް ބުއިމެވެ. ޢިލްމުވެރިންވަނީ ސިނގިރޭޓް ބުއިމުން ހަށިގަނޑަށް ލިބޭ ގެއްލުންތަކަށް ބިނާކޮށް އެކަން މަނާކޮށްފައެވެ. އެހެންކަމުން ސިނގިރޭޓް ބުއިމަކީ އިސްލާމްދީނުގެ ވަރަށް ބޮޑު މަޤްޞަދަކާ ޚިލާފުކަމެކެވެ. އެއީ ނަފްސު ސަލާމަތްކުރުމެވެ.

3. މަޞްލަޙަތު ހުރިކަމެއްތޯ ބެލުމުގައި، އެކަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އިސްލާމްދީނުގެ ޝަރުޢު ބާވާލެއްވި ފަސްކަމަށް ރިޢާޔަތް ކުރަންޖެހޭނެއެވެ. އެއީ ދީނާއި، ހަށިގަނޑާއި، މުދަލާއި، ބުއްދިއާއި، ނަސަބެވެ.

4. ގެނެސްގަންނަ މަޞްލަޙަތަކީ އަޅުކަމެއް ކަމުގައި ވެގެން ނުވާނެއެވެ. އެހެނީ، އަޅުކަމަކީ ޤުރުއާނާއި ސުންނަތުން ދަލީލު ލިބިގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެދެމަޞްދަރުގައި ނެތްކަމެއް އަޅުކަމެއްގެ ގޮތުގައި ގެނެސްގަތުމަކީ ބިދުޢައެކެވެ.

5. މަޞްލަޙަތެއްގޮތުގައި ނެގޭ އެތި ނުވަތަ ކަންތައް އެއަށްވުރެ މަޞްލަޙަތު ރަނގަޅު ނުވަތަ މަޞްލަޙަތު އެއްވަރުވެގެންވާ ކަމަކާ ޚިލާފުވެގެންވާ ކަމަކަށް ނުވުމެވެ. އެހެނީ، މަޞްލަހަތު ބޮޑަށް ހުރިކަމަކަށް އިސްކަންދޭންޖެހޭނެއެވެ. އަދި ދެމަޞްލަޙަތު އެއްވަރުވެގެންވާނަމަ ފަހުގެ މަޞްލަޙަތު ގެނެސްގަތުމަށްޓަކައި ކުރީގެ މަޞްލަޙަތު ނަގާލައިގެން ނުވާނެއެވެ.

6. މަޞްލަޙަތެއްގޮތުގައި ނެގޭ އެތި ނުވަތަ ކަމަކީ ޝަރުޢުގައި މިންވަރު ކަނޑައެޅިގެންވާ ކަމެއް ކަމުގައި ވެގެންނުވާނެއެވެ. މިސާލަކަށް ވާރުތަ މުދަލުގެ މިންވަރުތަކެވެ. މަޞްލަޙަތަށްޓަކައި ޝަރުޢީ މިންގަނޑުތަކާ ޚިލާފަށް ފިރިހެނުންނާއި އަންހެނުން ވާރުތަމުދާ ބެހުމުގައި ހަމަހަމަ ނުކުރެވޭނެއެވެ.

7. މަޞްލަޙަތެއްގޮތުގައި ނެގޭ އެތި ނުވަތަ ކަމަކީ ވަކި ބަޔަކަށް ޚާއްޞަވެގެންވާ ކަމަކަށްނުވެ ޢާއްމުވެގެންވާ ކަމަކަށް ވާންޖެހޭނެއެވެ. ވަކި ބައެއްގެ މަޞްލަޙަތަށް ރިޢާޔަތްކޮށްގެން ނުވާނެއެވެ. މިއީ ޝަރުޢީ ޙުކުމްތަކާއި މިހާރު ހަދާ ޤާނޫނުތަކާ ހުރި ތަފާތެކެވެ.([7])

المصالح المرسلةއަކީ ޙުއްޖަތެއްކަމުގެ ދަލީލުތައް:

المصالح المرسلة އަކީ ޙުއްޖަތެއްކަމުގެ ދަލީލުތައް ދެބަޔަށް ބެހެއެވެ.

1. ޞަޙާބީންގެ ޢަމަލުފުޅުތައް:

ޞަޙާބީންގެ ޢަމަލުފުޅުތަކަށް ބަލާލައިފިކަމުގައިވާ، އެބޭކަލުން المصالح المرسلة އަށް ޢަމަލުކުރައްވާފައިވާކަން ޘާބިތުވާ ހުއްޓެވެ. އެގޮތުން އަބޫބަކުރުގެފާނުގެ ޒަމާނުގައި ޤުރުއާން އެއްފޮތެއްގެ ގޮތުގައި ޖަމާކުރެއްވުމާއި، އެކަލޭގެފާނަށް ފަހު ޚިލާފަތު ޢުމަރުގެފާނާ ޙަވާލުކުރެއްވުމާއި، ޢުމަރުގެފާނުގެ ޚިލާފަތުގައި އެއްއިމާމެއްގެ ދަށުން ތަރާވީޙުނަމާދު ކުރެއްވުމަށް އެންގެވުމާއި، ޢުޘްމާންގެފާނުގެ ޚިލާފަތުގައި ހުކުރުދުވަހު ދެވަނަ ބަންގިއެއް ގޮވުމަށް އެންގެވި އެންގެވުން ވެއެވެ. މިއިން ކޮންމެ ކަމަކީ މީސްތަކުންގެ މަޞްލަޙަތަށްޓަކައި އެބޭކަލުން ކުރައްވާފައިވާކަންކަމެވެ.

2. ވާޖިބުކަމެއް އެކަމަކާނުލައި ފުރިހަމަނުވާ ކޮންމެކަމަކީ ވާޖިބެކެވެ.

މިއީ ފިޤުހީ މުހިއްމު ޤަވާއިދެކެވެ. އިސްލާމީ ޝަރީޢަތުގެ މަޤްޞަދުގެ ފަސްކަންތައް ހިމާޔަތްކުރުމަކީ އެކަމަށް އިޢުތިބާރުކުރަންޖެހޭ ވާޖިބުކަމެކެވެ. ވުމާއެކު، މިފަސްކަންތައް ފުރިހަމަގޮތުގައި ހިމާޔަތްކުރުމަށްޓަކައި المصالح المرسلة ގައި ހިފައި އެކަމަށް ޙުކުމްކުރަންޖެހެއެވެ.

المصالح المرسلةބެހިގެންވާ ބައިތައް:

ފުރަތަމައީ: އިސްލާމްދީނުގެ ޝަރީޢަތުގެ މަޤްޞަދުތަކަށް ގުޅޭގޮތުން المصالح المرسلة ފަސް ބަޔަކަށް ބެހެއެވެ.

1. ދީން ރައްކާތެރިކުރުމާގުޅޭ މަޞްލަޙަތު.

2. ނަފްސު ރައްކާތެރިކުރުމާގުޅޭ މަޞްލަޙަތު.

3. ބުއްދި ރައްކާތެރިކުރުމާގުޅޭ މަޞްލަޙަތު.

4. ނަސަބު ރައްކާތެރިކުރުމާގުޅޭ މަޞްލަޙަތު.

5. މުދާ ރައްކާތެރިކުރުމާގުޅޭ މަޞްލަޙަތެވެ.

މިފަސްކަމަކީ ރައްކާތެރިކުރަންޖެހޭ ޟަރޫރީ ފަސްކަމެވެ. އަދި އިސްލާމީ ޝަރީޢަތުގެ މަޤްޞަދެވެ. އެހެނީ، އިސްލާމީ ޝަރީޢަތުގެ އެންމެހާ ޙުކުމްތައް ގުޅިފައިވަނީ މިފަސްކަމުގެ މައްޗަށެވެ.

ދެވަނައީ: ބާރުގެ ގޮތުން المصالح المرسلة ތިން ބަޔައަކަށް ބެހިގެންވެއެވެ.

1. ޟަރޫރީ ފަސްކަމުގެ ތެރެއިން ކަމަކާގުޅިފައިވާ މަޞްލަޙަތުތައް:

މިފަދަ މަޞްލަޙަތަކަށް ފަސާދަދުރުކުރުން ވެސް ކިޔައެވެ. އެއީ އެ މަޞްލަޙަތެއް ނެތިއްޖެނަމަ އެކަމުގެ ސަބަބުން ޟަރޫރީ ފަސްކަމުގެ ތެރެއިން ކަމަކަށް ނުވަތަ އެއެންމެހާ ކަމެއް ނިގުޅިގެންދާ މަޞްލަޙަތެވެ. މިފަދަ މަޞްލަޙަތަކީ އެންމެ މަތީ ދަރަޖައިގެ މަޞްލަޙަތެވެ. މިސާލަކަށް ޤަތުލުކުރުން ޙަރާމްވެގެންވުމާއި ޤިޞާޞް ހިފުން ވާޖިބުވުމެވެ.

2. ބޭނުންތަކާ ގުޅިފައިވާ މަޞްލަޙަތުތައް:

މިފަދަ މަޞްލަޙަތަކަށް މަޞްލަޙަތެއް ގެނައުން ވެސް ކިޔައެވެ. އެއީ އެ މަޞްލަޙަތަކަށް މީސްތަކުން ބޭނުންވެގެންވާ، އެ މަޞްލަޙަތުގެ ސަބަބުން ކަންކަން ފަސޭހަވެ މަންފާކުރާ މަޞްލަޙަތުތަކެވެ. އަދި އެމަޞްލަޙަތެއް ނެތިއްޖެނަމަ ޟަރޫރީ ފަސްކަން ނިގުޅިގެންނުދާ ކަންކަމެވެ. މިސާލަކަށް ކުއްޔަށް ދިނުން ފަދަ ކަންކަމެވެ.

3. ހެޔޮކަމާގުޅިފައިވާ މަޞްލަޙަތުތައް:

މިއީ އެ މަޞްލަޙަތެއްގެ ސަބަބުން ޟަރޫރީކަންކަމާއި ބޭނުންތަކާ ގުޅުމެއް ނުވާ މަޞްލަޙަތުތަކެވެ.([8])

މަރުޖިޢުތައް:

  1. معالم أصول الفقه عند أهل السنة والجماعة لمحمَّد بنْ حسَيْن بن حَسنْ الجيزاني.
  2. المصالح المرسلة للشنقيطي.
  3. أصول الفقه على منهج أهل الحديث لزكريا بن غلام قادر الباكستاني.
  4. شرح منظومة القواعد الفقهية للسعدي لخالد بن إبراهيم الصقعبي.
__________________________________________________________________________

 ([1])  ބައްލަވާ: “روضة الناظر” (413/1)، و”مذكرة الشنقيطي” (ޞ. 168، 169)، و”المصالح المرسلة” (ޞ. 15).

 ([2])  ބައްލަވާ: “معالم أصول الفقه عند أهل السنة والجماعة” (236/1).

 ([3])  “المصالح المرسلة للشنقيطي” (ޞ.21).

 ([4])  ބައްލަވާ: “أصول الفقه على منهج أهل الحديث” (152/1).

 ([5])  “المصالح المرسلة للشنقيطي” (ޞ.21).

 ([6])  ބައްލަވާ: “معالم أصول الفقه عند أهل السنة والجماعة” (237/1، 238).

 ([7])  ބައްލަވާ: “شرح منظومة القواعد الفقهية للسعدي لخالد بن إبراهيم الصقعبي” (ޞ.23).

 ([8])  ބައްލަވާ: “معالم أصول الفقه عند أهل السنة والجماعة” (236/1، 237).