71ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمْرُ الـمُطْلَقُ لَا يَقْتَضِي الفَورَ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު އަމުރުން ވަގުތުން އެ ކަން ކުރުން ލާޒިމެއް ނުކުރޭ}
މި ޤަވާޢިދުގެ މުރާދު: މުޠުލަޤު އަމުރާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައި ވަގުތުން އެއަށް ޢަމަލުކުރުމީ ވާޖިބުކަމެއް ނޫނެވެ. އެއަށް ވަގުތުން ޢަމަލުކުރަން ފެށުން ވާޖިބުކުރާނޭ ދަލީލެއް ނެތްނަމަ، އެއާ އެއްގޮތަށް ޢަމަލުކުރުން ލަސްކޮށްލެވިދާނެއެވެ. އެހެނީ، އަމުރުގެ ޞީޣާގެ މުޠުލަޤުން ވަގުތުން އެ ކަން ކުރަން ފަށައިގަތުމުގެ މާނަ ލިއްބައި ނުދޭ ތާނގައި، ފަހުން އެ ކަން ކުރަން ފަށައިގަތުމުގެ ފުރުސަތު އޮތުމުގެ މާނަ ވެސް ލިއްބައެއް ނުދެއެވެ. މިއީ، ޝާފިޢީންކުރެ ގިނަ ބޭފުޅުންނާއި، އަބޫޙަނީފާގެ އެކުވެރިންކުރެ ގިނަ ބޭފުޅުންނާއި، ޢާއްމުކޮށް ހުރިހާ މުތަކައްލިމުންނާއި އަދި މާލިކީންގެ މަޣުރިބުކަރައިގެ ރައުޔެވެ.
މިއާ ޚިލާފަށް، ޙަންބަލީންނާއި، ޙަނަފީންނާއި ޝާފިޢީންކުރެ ބައެއް ބޭފުޅުންނާއި އަދި މާލިކުގެ ބަޣުދާދުގެ އެކުވެރިންގެ ނަޒަރުގައި، އަމުރުން ވަގުތުން އެ ކަން ކުރުން ލާޒިމުކުރެތެވެ.
މިއީ މި މައްސަލައިގައި ވާރިދުވެފައިވާ އެންމެ މަޝްހޫރު ދެ ރައުޔެވެ.
ދެން ފަހެ، މި ތަނުގައި މުޠުލަޤު އަމުރުގެ މުރާދަކީ، އަމުރުތަކުގެ ތެރެއިން އަވަހަށް ކުރުން ނުވަތަ ފަހުން ކުރުން ދަލީލުކޮށްދޭ ފަދަ ކަމެއް ނެތި އޮންނަ އަމުރެވެ. އަދި މި ތަނުގައި الفَوْرُ ގެ މުރާދަކީ، އަމުރު އައުމާއެކު އެއްވެސް މެދުކެނޑުމެއް ނެތި ވަގުތުން އެއާ އެއްގޮތަށް ޢަމަލުކުރަން ފެށުމެވެ. މީގެ އިދިކޮޅަކީ، الـتَّـرَاخِـيّ އެވެ. އެއީ، އަމުރު އައުމަށްފަހު، އެ އަމުރާ އެއްގޮތަށް އެއް ފަހަރު ނުވަތަ އެތަކެއް ފަހަރަކު ޢަމަލުކުރެވިދާނެހާ ވަގުތުތަކެއް މެދުކަނޑައިލުމަށް ފަހު އެ ޢަމަލުކުރަން ފެށުމެވެ. އެެހެން ޢިބާރާތަކުންނަމަ، ބޭނުން ކޮންމެވެސް އިރަކު އެ އަމުރާ އެއްގޮތަށް ޢަމަލުކުރަން ފެށުމެވެ.
ކޮންމެއަކަސް، މި މައްސަލައިގެ ތަފްސީލަކަށް ނަޒަރުހިންގައިލާއިރު، މި މައްސަލައިގައި އެތަކެއް ހާލަތްތަކެއް ވެއެވެ.
ފުރަތަމަ ހާލަތަކީ، އަމުރެއް ވާރިދުވެފައި، އެ އަމުރުވެވިފައިވާ ކަންތައް ބޭނުން ކޮންމެވެސް ވަގުތަކު ކުރުމަށް ބަޔާންކުރެވިފައި އޮތުމެވެ. މި ހާލަތުގައި، އެ އަމުރުން ދޭހަކޮށްދެނީ الـتَّـرَاخِـيّ ގެ މާނަކަމާ މެދު އިއްތިފާޤުވެވިފައި ވެއެވެ.
ދެވަނަ ހާލަތަކީ، އަމުރެއް ވާރިދުވެފައި، އެ އަމުރުވެވިފައިވާ ކަންތައް ވަގުތުން ކުރަން ފަށައިގަތުމަށް ބަޔާންކުރެވިފައި އޮތުމެވެ. ނުވަތަ އެ ޢަމަލުފަދަ ދެވަނަ ޢަމަލެއް އެ ވަގުތެއްގެ ތެރޭގައި ނުކުރެވޭނެފަދަ ވަކި ވަގުތެއް ޤައިދުކޮށްފައި އެ ވަގުތުގެ ތެރޭގައި އެ ކަން ކުރަން ފަށައިގަތުމަށް ބަޔާންކުރެވިފައި އޮތުމެވެ. މި ހާލަތުގައި، އެ އަމުރުން ދޭހަކޮށްދެނީ الفَوْرُ ގެ މާނަކަމާ މެދު އިއްތިފާޤުވެވިފައި ވެއެވެ.
ތިންވަނަ ހާލަތަކީ، މުޠުލަޤުކޮށް އަމުރު އައިސްފައި އޮތުމެވެ. އެބަހީ، ވަގުތުން ކުރަން ފަށައިގަންނަން ނުވަތަ ފަހުން ކުރަން ބަޔާންކުރުމެއްނެތި އަމުރު އޮތުމެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ މި ހާލަތުގައި ކަންތައް ވާނެ ގޮތެވެ. އެގޮތުން، މި ހާލަތުގައިނަމަ، ފުރަތަމަ ވަގުތު ދޫކޮށް، އެ ޢަމަލު ކުރެވިދާނޭ އެހެން ވަގުތަކަށް އެ ޢަމަލުކުރަން ފަށައިގަތުން ލަސްކޮށްލުން ހުއްދަވެގެންވާކަމަށް އެ ވަނީ ބަޔާންވެފައެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلِلّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلاً) (ސޫރަތު އާލު ޢިމްރާން: 97 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އެ ކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް ޤަޞްދުކޮށްގެން ދިއުމީ (އެބަހީ: ޙައްޖުވުމީ)، ﷲ އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ.] މި ޤަވާޢިދަށް ބިނާކޮށް، ޙައްޖުވުމަށް ކުޅަދާނަކަން ލިބި ޙައްޖުވުން ލަސްކޮށްލާ މީހާ ފާފަވެރިއެއް ނުވާނެއެވެ. ސަބަބަކީ، ޙައްޖުވުމުގެ އަމުރަކީ ވަގުތުން އެ ކަން ކުރަން އޮތް އަމުރެއް ކަމުގައި މި ޤަވާޢިދުގެ ދަށުން ނުބެލެވޭތީއެވެ. މިއާ ޚިލާފަށް، މި ޤަވާޢިދުގައި އިޚްތިޔާރުކޮށްފައިވާ ގޮތާ އިދިކޮޅަށް ވިދާޅުވާ ބޭފުޅުންގެ އަރިހުގައި، އޭނާ ވަގުތުން ޙައްޖު ވާން ޖެހޭނެއެވެ. މަޤްބޫލު ސަބަބެއް ނެތި ލަސްކޮށްފިނަމަ އޭނާ ފާފަވެރިވާނެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =