[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 69

72ވަނަ ޤަވާޢިދު (ޖުމްލަ 189): تَكْرَارُ الأَمْرِ بِالشَّيءِ يَقْتَضِي تَكْرَارَ الـمَأْمُورِ بِهِ

މި ޤަވާޢިދުގެ ތަރުޖަމާ: {އެއްޗަކަށް ތަކުރާރުކޮށް އަމުރުވެވުމުން، އަމުރުވެވުނު ކަންތައް ތަކުރާރުކޮށް ކުރުން ލާޒިމު ކުރޭ}

މި ޤަވާޢިދުގެ މުރާދު: އެއް ފަހަރަށްވުރެ ގިނަ ފަހަރު ތަކުރާރުކޮށް ވަކި ކަމެއް ކުރުމަށް އަމުރުވެވިއްޖެނަމަ، އެ އަމުރުވެވުނު ކަންތައް ތަކުރާރުކޮށް ކުރުމަށް މުކައްލަފަށް އެ ވަނީ އަމުރުވެވިގެންނެވެ. އެއިން ކޮންމެ އަމުރަކީ ވެސް އެ ކަން ކުރަން އޮތް ވަކި ޚާއްޞަ އަމުރެއް ކަމުގައި ބެލެވޭނެއެވެ. މިއީ، ޖަމާޢަތެއްގެ ބޭފުޅުން ވިދާޅުވާ ގޮތުންނަމަ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި މި ރައުޔު އަބޫ ޙަނީފާގެ ފަރާތްޕުޅުން އަލްޖައްޞާޞް ވެސް ގެންނަވާފައި ވެއެވެ. އަދި މި ރައުޔު ޙަނަފީންނަށް އަލްޖައްޞާޞްއާއި އެހެން ބޭފުޅުން ނިސްބަތްކުރައްވާފައި ވެއެވެ. އަދި ޢާއްމުކޮށް ހުރިހާ ޝާފިޢީންގެ ފަރާތްޕުޅުން މި ރައުޔު ގެނެވިފައި ހުރެތެވެ. އަދި ޝާފިޢީންކުރެ ބައެއް ބޭފުޅުންނަށް ވެސް މި ރައުޔު ނިސްބަތްކުރެވިފައި ވެއެވެ.

މިއާ ޚިލާފަށް، އައްސަމަރުޤަންދީ ބައެއް މުތަކައްލިމުންނަށް ނިސްބަތްކުރައްވާފައިވާ، އަދި އަބުލްޚައްޠާބާއި އިބްނުލްހުމާމާއި އިބްނު ޢަބްދިއްޝަކޫރު އިޚްތިޔާރުކުރައްވާފައިވާ ރައުޔެއްގައި ވަނީ، އެ ހާލަތުގައި އެ ތަނުން ދެވަނަ އަމުރަކީ (އެބަހީ، ފުރަތަމަ އަމުރުގެ ފަހުން ތަކުރާރުވެފައިވާ އަމުރު ނުވަތަ އަމުރުތަކަކީ) ފުރަތަމަ އަމުރު އިތުރަށް ކަށަވަރުކޮށްދޭ އަމުރެއް ކަމުގައެވެ. އެއިން އައު މާނައެއް ކަނޑަނާޅާ ކަމުގައެވެ. އެހެންކަމުން، އަމުރުވެވިފައި އެ ވަނީ އެ ކަންތައް އެންމެ ފަހަރަކު ކުރުމަށެވެ. ތަކުރާރުކޮށް ކުރުމަކަށް ނޫނެވެ.

އަދި މިއާ ޚިލާފަށް، އަބުލްޙުސައިންއާއި އައްސަމަރުޤަންދީއާއި އިމާމުލްޙަރަމައިނި އިޚްތިިޔާރުކުރައްވާފައިވާ، އަދި އަލްޤާޟީ އަލްބާޤިއްލާނީއަށް ނިސްބަތްކުރެވިފައިވާ ރައުޔެއްގައި ވަނީ، ވަކި ކޮޅެއް އިޚްތިޔާރުކުރުމެއް ނެތި ހުއްޓި ހުރުމެވެ. އެގޮތުން، ތަކުރާރުވެފައިވާ ދެވަނަ އަމުރު ނުވަތަ އަމުރުތަކަކީ ފުރަތަމަ އަމުރު އިތުރަށް ކަށަވަރުކޮށްދޭ އެއްޗެއްތޯ ނުވަތަ އައު މާނައެއް ކަނޑައަޅާ އެއްޗެއްތޯ ކަނޑައެޅުމުގައި ވަކި ކޮޅެއް އިޚްތިޔާރު ނުކުރުމެވެ.

ދެން ފަހެ، މި ޤަވާޢިދުގެ ދަށުން އަމުރު ތަކުރާރުކުރެވިފައިވާ ތަފާތު އެތަކެއް ހާލަތްތަކެއް ވެއެވެ. އެހެންނަމަވެސް، ޙަޤީޤަތުގައި މި ޤަވާޢިދުގެ ދަށުން ރައުޔުތަފާތުވުން އުފެދިފައިވަނީ، ތަކުރާރުކޮށް ކުރަން އެކަށީގެންވާ އަދި އެ ކަން މަނާކުރާނޭ ހުރަހެއް ނެތް ކަމެއްގައި، އެއް ދަރަޖައެއްގެ ދެ އަމުރެއް އެކައްޗަށް ފަހު އަނެކަތި އައިސްފައިވާއިރު، އެ ދޭތި ގުޅުވައިދޭ ޙަރުފެއް ނެތް ހާލަތާ ގުޅޭ ގޮތުންނެވެ. މިސާލަކަށް، [صَلِّ رَكْعَتَيْن، صَلِّ رَكْعَتَيْنِ] (ދެ ރަކުޢަތް ކުރާށޭ، ދެ ރަކުޢަތް ކުރާށޭ) ބުނެ އަމުރުކުރުމެވެ. މި ދެ އަމުރަކީ ވެސް އެއް ދަރަޖައެއްގެ ދެ އަމުރެކެވެ. އަދި އެ ދެ އަމުރު ގުޅުވައިދޭނޭ ޙަރުފެއް ވެސް ނެތެވެ. އަދި ދެ ރަކުޢަތުގެ ނަމާދު އެއަށް ހޭދަކުރަންޖެހޭ ވަގުތުގެ ގޮތުން ތަކުރާރުކޮށް ކުރަން އެކަށީގެން ވެއެވެ. މިއާ ޚިލާފަށް، [اقْتُلْ زَيْدًا، اقْتُلْ زَيْدًا] (ޒައިދު ޤަތުލުކޮށްލާށޭ، ޒައިދު ޤަތުލުކޮށްލާށޭ) ބުނެ އަމުރުކުރުމަކުން، ތަކުރާރުކޮށް އެ ކަން ކުރުމަށް އަމުރުވެވިފައިވާ ކަމުގެ މާނަ ލިއްބައެއް ނުދެއެވެ. އެހެނީ، އެކަކު އެއް ފަހަރު މެނުވީ ޤަތުލެއް ނުކުރެވޭނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((إنَّ اللَّهَ تَبَارَكَ وَتَعَالَى يُوصِيكُمْ بِالنِّسَاءِ خَيْرًا، إِنَّ اللَّهَ يُوصِيكُمْ بِالنِّسَاءِ خَيْرًا، إِنَّ اللَّهَ يُوصِيكُمْ بِالنِّسَاءِ خَيْرًا)) މާނައީ: [ﷲ ތަބާރަކަ ވަތަޢާލާ ތިޔަބައިމީހުން އަނބިންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތްކުރައްވަތެވެ. ﷲ ތިޔަބައިމީހުން އަނބިންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތްކުރައްވަތެވެ. ﷲ ތިޔަބައިމީހުން އަނބިންނަށް ހެޔޮކޮށްހިތުމަށް ވަޞިއްޔަތްކުރައްވަތެވެ.] މި ޙަދީޘްފުޅުގައި ޚަބަރެއްގެ ގޮތުގައި ވާރިދުވެފައި އެވާ އަމުރު އެ ވަނީ އެއް ފަހަރަށްވުރެ ގިނައިން ތަކުރާރުކުރެވިފައެވެ. އަދި މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް އެއިން ނެގެނީ ތަކުރާރުކުރުމުގެ މާނައެވެ. އެހެންކަމުން، އަނބިންނަށް ހެޔޮކޮށްހިތުމީ ތަކުރާރުކޮށް ކުރަންޖެހޭނޭ ކަމެކެވެ. އެ ކަން އެއް ފަހަރު ކޮށްލުމަކުން ނުފުދޭނެތެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =