73ވަނަ ޤަވާޢިދު (ޖުމްލަ 189): الأَمرُ المُعَلَّقُ بِشَرطٍ أَو صِفَةٍ لَا يَقتَضِي التَّكرَارَ
މި ޤަވާޢިދުގެ ތަރުޖަމާ: {ޝަރުޠަކުން ނުވަތަ ސިފައަކުން އެލުވައިލެވިފައިވާ އަމުރުން، ތަކުރާރުކޮށް ކުރުން ލާޒިމެއް ނުކުރޭ}
މި ޤަވާޢިދުގެ މުރާދު: ޝަރުޠެއް ނުވަތަ ސިފައެއް ފުރިހަމަވާންޖެހޭ ގޮތަށް، ނުވަތަ ވަކި ވަގުތެއްގައި ފުރިހަމަކުރަންޖެހޭ ގޮތަށް އޮންނަ އަމުރުން، އެ ޝަރުޠާއި ސިފައާއި ވަގުތު ތަކުރާރުވުމުން އެ އަމުރުވެވޭ ކަންތައް ތަކުރާރުކޮށް ކުރުން ލާޒިމެއް ނުކުރެއެވެ. އެ އަމުރުގެ ލަފްޒުގެ ގޮތުން ވެސް މެއެވެ. އަދި ޤިޔާސްގެ ގޮތުން ވެސް މެއެވެ. އެއީ، ލަފްޒުން އެއަށް ދަލީލުކޮށް ނުދޭތީއެވެ. އަދި ވަކި ސިފައަކަށް ޙުކުމް ތަރުތީބުވުމަކުން އެއީ އޭގެ ޢިއްލަތުކަމަށް ދަލީލުކޮށް ނުދޭތީއެވެ. މިއީ، މުޠުލަޤު އަމުރުން ތަކުރާރުކޮށް ކުރަން ނުޖެހޭނޭ ކަމަށް ވިދާޅުވާ އެތަކެއް ބޭފުޅުންނެއްގެ ރައުޔެވެ. އަދި ބައެއް ޙަނަފީންނާއި މާލިކީންނާއި ޝާފިޢީން މި ރައުޔު އިޚްތިޔާރު ކުރެއްވިއެވެ. އަދި އަލްޖައްޞާޞާއި އަލްބާޤިއްލާނީއާއި އަލްބާޖީއާއި އައްޝީރާޒީއާއި އިބްނުއްސަމްޢާނީއާއި އައްސަރަޚްސީއާއި އަލްޣަޒާލީއާއި އަބުލްޚައްޠާބާއި އަލްއާމިދީއާއި އިބްނުލްޙާޖިބާއި އައްނަސަފީއާއި އަދި އަލްހިންދީ ވެސް މި ރައުޔު އިޚްތިޔާރު ކުރެއްވިއެވެ. އަދި އަލްއާމިދީއާއި އިބްނުލްޙާޖިބުފަދަ ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ، މި ރައުޔުގެ އޮންނަހުށީ، އެ ޢަމަލު ވާޖިބުވުމަށްޓަކައި އެއީ ޢިއްލަތެއް ކަމުގައި ސާބިތު ނުވާ ނަމަ ކަމުގައެވެ. އަދި ކިޔެއްތަ! ޙުކުމަށް އެއިން އަސަރު ނުކުރާ ގޮތެއްގައި ޙުކުމް އެއަށް ހުއްޓިފައި ވާނަމަ ކަމުގައެވެ. މިއާ ޚިލާފަށް، އެއީ ޢިއްލަތެއް ކަމުގައި ސާބިތުވެއްޖެނަމަ، އެ ޢިއްލަތު ތަކުރާރުވާ ކޮންމެ ހާލަތެއްގައި އެ ޙުކުމް ވެސް ތަކުރާރު ވާނެ ކަމުގައެވެ. އަދި މި ކަމާ މެދު އިއްތިފާޤުވެވިފައިވާ ކަމުގައެވެ.
މިއާ ޚިލާފަށް، ބައެއް ޙަނަފީންނާއި ޝާފިޢީންގެ ނަޒަރުގައި، އަދި އަލްޤަރާފީ ވިދާޅުވާ ގޮތުންނަމަ މާލިކާއި މާލިކުގެ ގިނަ އެކުވެރިންގެ ނަޒަރުގައި، ޝަރުޠަކުން ނުވަތަ ސިފައަކުން ހިފެހެއްޓިފައިވާ ނުވަތަ ވަކި ވަގުތަކާ ގުޅުވައިލެވިފައިވާ އަމުރުން، ލަފްޒީ ގޮތުން ތަކުރާރު ކުރުމުގެ މާނަ ލިއްބައިދެއެވެ.
އަދި މިއާ ޚިލާފަށް، އައްރާޒީ އިޚްތިޔާރު ކުރައްވާފައިވާ ރައުޔެއްގައި ވަނީ، ޝަރުޠަކުން ނުވަތަ ސިފައަކުން ހިފެހެއްޓިފައިވާ އަމުރުން، ލަފްޒީ ގޮތުން ތަކުރާރު ކުރުމުގެ މާނަ ލިއްބައި ނުދޭ ކަމުގައެވެ. އެހެނެއްކަމަކު، އެ ހާލަތުގައި ތަކުރާރު ކުރުމުގެ މާނަ ލިއްބައިދެނީ ޤިޔާސުން ކަމުގައެވެ. އެއީ، ސިފައަށް ޙުކުމް ތަރުތީބުވުމުން އެއީ ޢިއްލަތެއް ކަމަށް ލަފާކުރެވޭ ލަފާކުރުމުގެ މައްޗަށް ބިނާކޮށެވެ.
އަދި މިއާ ޚިލާފަށް، އިބްނުއްސުބުކީ އިޚްތިޔާރު ކުރައްވާފައިވާ ރައުޔެއްގައި ވަނީ، ޝަރުޠަކުން ހިފެހެއްޓިފައިވާ އަމުރުން، ތަކުރާރުކޮށް ކުރުން ލާޒިމު ނުކުރާ ކަމުގައެވެ. އެހެންނަމަވެސް، ސިފައަކުން ހިފެހެއްޓިފައިވާ އަމުރުން، ޤިޔާސްގެ ޒަރީއާއިން ތަކުރާރުކޮށް ކުރުން ލާޒިމު ކުރާ ކަމުގައެވެ.
އަދި މިއާ ޚިލާފަށް، ވަކި ބޭފުޅަކަށް ނިސްބަތްކުރެއްވުމެއް ނެތި އައްޒަރުކަޝީ ގެންނަވާފައިވާ ރައުޔެއްގައި ވަނީ، އެ ޝަރުޠަކީ އޭގެ މައްޗަށް ޙުކުމް ތަރުތީބުވުމަށް މުނާސަބު އެއްޗެއް ކަމުގައި ވާނަމަ، އެގޮތުން ޙުކުމުގެ ޢިއްލަތެއް ކަމުގައި ވާނަމަ، އެ ތަކުރާރުވުމުން ތަކުރާރު ކުރުން ލާޒިމު ވާނެއެވެ. އެފަދައިން ކަންތައް ނުވާނަމަ، ބޭރުން އިތުރު ދަލީލެއް ލިބިއްޖައުމަށްދާންދެން އެ ތަކުރާރުކޮށް ކުރުން ލާޒިމެއް ނުވާނެއެވެ.
މި ޤަވާޢިދުގެ މިސާލަކީ، މިސްކިތަށް ތަކުރާރުކޮށް ވަދެފައި ނުކުންނަންޖެހިއްޖެ މީހާ، ތަޙިއްޔަތުލްމަސްޖިދުގެ ދެ ރަކުޢަތް ނަމާދު ތަކުރާރުކޮށް ކުރާނީތޯ ނުވަތަ ނުކުރާނީތޯ ކަނޑައެޅުމުގެ މައްސަލައެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުގައިވަނީ މިފަދައިންނެވެ. ((إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ فَلْيَرْكَعْ رَكْعَتَيْنِ قَبْلَ أَنْ يَجْلِسَ)) މާނައީ: [ތިޔަބައިމީހުންކުރެ މީހަކު މިސްކިތަށް ވަދެއްޖެނަމަ (ދަންނާށެވެ!) ފަހެ، އޭނާ އިށީނުމުގެ ކުރިން ދެ ރަކުޢަތް ކުރާހުށިކަމެވެ!] މި ޤަވާޢިދުގެ މައްޗަށް ބިނާކޮށް، އެފަދަ މީހާ ތަޙިއްޔަތުލްމަސްޖިދުގެ ދެ ރަކުޢަތް ތަކުރާރުކޮށް ކުރުން ލާޒިމުވެގެން ނުވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =