[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 77

80ވަނަ ޤަވާޢިދު (ޖުމްލަ 189): تَعْجُبُ الرَّبُّ سُبْحَانَهُ إِنْ تَعَلَّقَ بِـحُسْنِ الفِعْلِ دَلَّ عَلَى الأَمْرِ بِهِ، وَإِنْ تَعَلَّقَ بِقُبْحِ الفِعْلِ دَلَّ عَلَى النَّهِي عَنْهُ

މި ޤަވާޢިދުގެ ތަރުޖަމާ: {ﷲ ތަޢާލާގެ ހައިރާންވެވޮޑިގަތުން ކަމުގެ ރިވެތިކަމާ ގުޅިއްޖެނަމަ، ދަލީލުކޮށްދެނީ އެ ކަމަށް އަމުރުވެވިގެން ވާކަން. އަދި ކަމުގެ ހުތުރުކަމާ ގުޅިއްޖެނަމަ، ދަލީލުކޮށްދެނީ އެ ކަން ނަހީކުރެވިގެން ވާކަން}

މި ޤަވާޢިދުގެ މުރާދު: ހައިރާންވުމުގެ ޢިބާރާތް ނުވަތަ އަޖާއިބުވާކަމުގެ ޞީޣާއެއް ޝަރުޢުކުރައްވާ ފަރާތުން އަތުވެއްޖެނަމަ، އޭގެ މަޤްޞަދަށް ބެލެވޭނެތެވެ. އޭގެ މަޤްޞަދަކީ، ވަކި ކަމެއްގެ ރިވެތިކަމާ ހުރެ ހައިރާންވެ އަޖާއިބުވާކަން ބަޔާންކުރުން ކަމުގައި ވާނަމަ، އެއިން ދަލީލުކޮށްދެނީ، ޝަރުޢުކުރައްވާ ފަރާތުން އެ ކަން ކުރުމަށް އަމުރުކުރައްވައި ބާރުއަޅުއްވާކަމެވެ. މިއާ ޚިލާފަށް، އެ ހައިރާންވުމާއި އަޖާއިބުވުމަކީ ވަކި ކަމެއްގެ ހުތުރުކަމާ ހުރެ ވެފައިވާ ހައިރާންވުމެއް އަދި އަޖާއިބުވުމެއް ކަމުގައި ވާނަމަ، އެއިން ދަލީލުކޮށްދެނީ، ޝަރުޢުކުރައްވާ ފަރާތުން އެ ކަން ނަހީކުރެއްވުމަށް އަދި އެ ކަމުން ދުރުހެލިވުމަށް އެދިވޮޑިގަންނަވާކަމެވެ. މިއީ ވެސް އަލްޢިއްޒު ބްނު ޢަބްދިއްސަލާމް ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ.

ދެން ފަހެ، މި ތަނުގައި އަޖާއިބުވުމުގެ ނުވަތަ ހައިރާންވުމުގެ މުރާދަކީ، އަޑުއަހާ މީހުންގެ ހިތްތަކަށް ކަމުގެ ބޮޑުކަން ވައްދައިދިނުން ދަލީލުކޮށްދޭ ޞީޣާތަކާއި އުސްލޫބުތައް ބޭނުންކުރެއްވުމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((يَعْجَبُ رَبِّنَا مِنْ قَوْلِ عَبْدِهِ سُبْحَانَكَ إِنِّي قَدْ ظَلَمْتُ نَفْسِي، فَاغْفِرْ لِي ذُنُوبِي إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، قَالَ: عَلِمَ عَبْدِي أَنَّ لَهُ رَبًّا يَغْفِرُ الذُّنُوبَ)) މާނައީ: [އަޅަމެންގެ ވެރި ރައްބު އެ ރައްބުގެ އަޅާ [ހަމަކަށަވަރުން މި އަޅާ މި އަޅާގެ ނަފްސަށް އަނިޔާވެރިވެއްޖައީމޭ، ފަހެ، މި އަޅާގެ ފާފަތައް ފުއްސަވާންދޭވެއޭ، އެހެނީ ހަމަކަށަވަރުން އިބަ ރަސްކަލާނގެ މެނުވީ ފާފަފުއްސަވާނޭ އެެހެން ފަރާތެއް ނުވެޔޭ] ބުނާ ބުނުމަށް އަޖާއިބުވެވޮޑިގަންނަވަތެވެ. އެ އިލާހު ވަޙީކުރައްވަތެވެ: ތިމަން ރައްބުގެ އަޅާއަށް އޭނާގެ ފާފަތައް ފުއްސަވާނޭ ރައްބެއް ވާކަން އެނގިއްޖެއެވެ.] މި އަޖާއިބުވެވޮޑިގަތުމުން އެނގިގެންދަނީ، އަޅުތަކުން [إِنِّي قَدْ ظَلَمْتُ نَفْسِي، فَاغْفِرْ لِي ذُنُوبِي إِنَّهُ لَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ] މި ޛިކުރު ކިޔުމަށް އަމުރުވެވިގެން ވާކަމެވެ. އެހެނީ، ހައިރާންވެވޮޑިގަތުން ނުވަތަ އަޖާއިބުވެވޮޑިގަތުން ކަމުގެ ރިވެތިކަމާ ގުޅިއްޖެނަމަ، އެއިން ދަލީލުކޮށްދެނީ އެއީ އެ ކަން ކުރުމަށް އޮތް އަމުރެއް ކަމުގައެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =