[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ސޯޅަވަނަ މަޖްލިސް

 ޒަކާތް

 

ޙަމްދުހުރީ ﷲއެވެ. އެއިލާހީ ފާފަތަކާއި ކުށްތައް ފުއްސަވައި އިލާހެވެ. އަދި ނުރަނގަޅު މީހުންގެ ފާފަތައް ވަންހަނާކޮށްދެއްވާ އަދި އެފާފަތަކަށް ޢަފޫކުރައްވާ އިލާހެވެ. އެއިލާހުގެ ޙަޟުރަތުން ހިމާޔަތަށް އެދިއްޖެމީހަކު ފަލާހާ ކާމިޔާބު ވެއްޖެއެވެ. އަދި އެއިލާހާ މުޢާމަލާތް ކޮށްފިމީހަކު ފައިދާ ލިބިގަންނަ ހުއްޓެވެ. އެއިލާހު ތަނބަކާއި ނުލައި އުޑު އުފުއްލެވިއެވެ. ދެންފަހެ ވިސްނާ ބަލާހުށިކަމެވެ. އަދި އެއިލާހު ވާރޭ ތިކިތައް ވެއްސަވައެވެ. އެހާރުން ވިނަތައް ފެނުގައި ފަތައެވެ. ހަނަފަސްކަމަށް ފަހުގައި ތިޔާގިކަމުގެ ދުވަސްވަރު، ނަޢަސޫފިތައް އަމިއްލައަށް ވިނަކައި އުޅެއެވެ. އަދި އެއްފަތް އަނެއްފަތް މަތީގައި ތަސްބީޙަ ކިޔާޙާލުގައި ލެއްވެވިއެވެ. އަދި އެއިލާހު މުއްސަނދި ކުރައްވާ ފަޤީރު ކުރައްވައެވެ. ފަހަރެއްގައި ފަޤީރުކަން މުއްސަނދިކަމަށްވުރެ ހެޔޮވެދާނެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ ސަބަބުން ނުބައި ޢަމަލުތަކުގެ ތެރެއަށް ވެއްޓިގެންދަނީ ކިތައްކިތައް މުއްސަނދިން ހެއްޔެވެ. ޤާރޫނަކީ އެތައް މުދާތަކެއްގެ ވެރިއެކެވެ. އެހެނެއްކަމަކު އޭނާ ކުޑައެތިކޮޅެއްވެސް ހޭދައެއް ނުކުރެއެވެ. އޭނާއަށް އެވާ ޣާފިލުކަމުން ހޭލުމަށް އޭނާއަށް އެންގުނެވެ. އެހެންނަމަވެސް އޭނާ އެޣާފިލުކަމަކުން ނުހޭލިއެވެ. އަދި އޭނާގެ ޤައުމުގެ މީހުން އޭނާގެ ކައިރީގައި ކަލޭ ފޮނިނުވާށޭ ބުނެ ބަދުބަސް ބުނިއިރު އޭނާއަކަށް އެއަކުން ފައިދާއެއް ނުކުރިއެވެ. ހެނދުނާއި ރޭގަނޑު ވާހާ ހިނދަކު އަހަރެން އެއިލާހަށް ޙަމްދު ކުރަމެވެ. އަދި ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހީ ފުދިވޮޑިގެންވާ ދީލަތިވަންރަ އިލާހެވެ. އަދި އެއިލާހު ތަނަވަސް ވެގެންވާ ދެއްވުންތައް އެއިލާހުގެ އަޅުންނަށް އިމްތިނާނު ކުރެއްވިއެވެ. އަދި މުޙައްމަދުގެފާނަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަކީ އެކަލޭގެފާނުގެ ނަފްސާއި މުދަލުން ﷲއަށްޓަކައި ދީލަތިވެވަޑައިގެންނެވި ކަލޭގެފާނެވެ. އަދި ޙައްޤު ބަޔާންކޮށްދެއްވައި އެޙައްޤު ތަފްޞީލުކޮށްދެއްވިއެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ޞާޙިބާ އަބޫ ބަކުރުގެފާނުގެ މައްޗަށްވެސް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ޤާއިމްވެ ހުންވާއިރުވެސް އަދި ދަތުރުމަތީގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކު ހުންނެވި ބޭކަލެކެވެ. އަދި ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ދީނަށް ޢިއްޒަތް ދެއްވުމަށްޓަކައި ވަރުބަލިވާނދެން މަސައްކަތް ކުރެއްވި ބޭކަލެކެވެ. އަދި ޢުޘްމާނުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ ﷲގެ މަގުގައި ގިނަގިނައިން ހޭދަކުރައްވައި މީސްތަކުން އިސްލާޙު ކުރެއްވި ބޭކަލެކެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބޮޑުބޭބޭގެ ދަރިކަލުން ޢަލީގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ އެކަލޭގެފާނާމެދު ހައްދު ފަހަނައަޅައިދިޔަ މީހުންނާއި އެކަލޭގެފާނަށް ކުޑައިމީސް ބަސް ބުނާ މީހުންގެ ކިބައިން އެންމެ ބޮޑަށް ބަރީއަވެވަޑައިގެންނެވި ބޭކަލެވެ. އަދި އެންމެހާ ޞަޙާބީންނާއި އެބޭކަލުންނަށް އިޙްސާންތެރިކަމާއެކު ތަބާވީހާބަޔަކަށް ޞަލަވާތް ލައްވާށިއެވެ. އަދި ގިނަގުނަވެގެންވީ ސަލާމުން ސަލާމް ލައްވާށިއެވެ.

އަޚުންނޭވެ! ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ  وَذَٰلِكَ دِينُ الْقَيِّمَةِ﴾ [البينة: 5 ] މާނައީ: “ބާޠިލުމަގުން އެއްކިބާވެތިބެ، ﷲއަށް އަޅުކަން ޚާލިޞްކުރާ ޙާލު، ﷲއަށް އަޅުކަންކުރުމަށާއި، ނަމާދު ޤާއިމު ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.” އަދިވެސް އެއިލާހު ވަޙީ ކުރެއްވިއެވެ. ﴿وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَقْرِضُوا اللَّـهَ قَرْضًا حَسَنًا وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّـهِ هُوَ خَيْرًا وَأَعْظَمَ أَجْرًا﴾ [المزمل: 20 ] މާނައީ: “އަދި ތިޔަބައިމީހުން ނަމާދު ޤާއިމު ކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ! އަދި ރިވެތިވެގެންވާ ދަރަނިދިނުމަކުން ތިޔަބައިމީހުން ﷲއަށް ދަރަނިދޭށެވެ! (އެބަހީ: ﷲއަށްޓަކައި ހޭދަކުރާށެވެ!) އަދި ހެޔޮކަމުގެ ތެރެއިން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ތަކަށްޓަކައި އިސްކުރާ ކޮންމެ ކަމެއްގެ ޘަވާބު، ﷲގެ ޙަޟުރަތުގައި ހެޔޮކަން ބޮޑުވެގެންވާތީއާއި، އަދި ދަރުމަ ބޮޑުވެގެންވާތީ ތިޔަބައިމީހުންނަށް ފެންނާނެތެވެ.” އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَمَا آتَيْتُم مِّن رِّبًا لِّيَرْبُوَ فِي أَمْوَالِ النَّاسِ فَلَا يَرْبُو عِندَ اللَّـهِ وَمَا آتَيْتُم مِّن زَكَاةٍ تُرِيدُونَ وَجْهَ اللَّـهِ فَأُولَـٰئِكَ هُمُ الْمُضْعِفُونَ﴾[الروم: 39 ] މާނައީ: “އަދި މީސްތަކުންގެ މުދަލުން ރިބާގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، ﷲގެ ޙަޟުރަތުގައި އިތުރުވެގެން ނުދާނެތެވެ. އަދި ﷲގެ ވަޖުހުފުޅު އެދިގެން ޒަކާތުގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެއުރެންނެވެ.” އަދި މިނޫންވެސް، ޒަކާތުގެ ފަރުޟުކަމާއި ވާޖިބުކަން އަންގައިދޭ އާޔަތްތައް ވަރަށް ގިނައެވެ.

އަދި ޒަކާތް ވާޖިބުވެގެންވާކަމާމެދު އައިސްފައިވާ ޙަދީޘްތަކާމެދު ދަންނައެވެ. އޭގެ ތެރެއިން އިމާމު މުސްލިމް، ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުމާ ގެ އަރިހުން ރިވާ ކުރައްވާފައިވާ ޙަދީޘް ހިމެނެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. « بُنِىَ الإِسْلاَمُ عَلَى خَمْسَةٍ: عَلَى أَنْ يُوَحَّدَ اللَّهُ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَالْحَجِّ ». فَقَالَ رَجُلٌ: الْحَجِّ وَصِيَامِ رَمَضَانَ؟ قَالَ: لاَ. صِيَامِ رَمَضَانَ وَالْحَجِّ.[1] މާނައީ: “އިސްލާމްކަން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲ އެއްކައުވަނތަ ކުރުމާއި، ނަމާދު ޤާއިމްކުރުމާއި، ޒަކާތް ދިނުމާއި ރަމަޟާންމަހުގެ ރޯދަ ހިފުމާއި ޙައްޖުވުމެވެ.” ފަހެ މީހަކު ދަންނަވައިފިއެވެ. “ޙައްޖަށްފަހު ރަމަޟާންމަހުގެ ރޯދަ ހެއްޔެވެ؟” ވިދާޅުވިއެވެ. ނޫނެކެވެ. “ރަމަޟާންމަހުގެ ރޯދަ އަދި ޙައްޖެވެ.” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ތިމަންކަލޭގެފާނު އަޑުއެއްސެވީ އެފަދައިންނެވެ.

އަދި އެހެން ރިވާޔަތެއްގައި ވެއެވެ. ((شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ))[2] މާނައީ: “ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށާއި މުޙާއްމަދުގެފާނީ އެއިލާހުގެ ރަސޫލާކަމަށް އަޅުހެކިވަމެވެ.”

ފަހެ ޒަކާތަކީ އިސްލާމްކަމުގެ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ. އަދި އިސްލާމް ދީނުގެ އަސާސުތަކުގެ ތެރެއިން އެންމެ ބޮޑު އެއްއަސާސެވެ. އަދި އެއީ ﷲގެ ފޮތުގައި ނަމާދާއި ވިދިގެން ގިނަޢަދަދަކަށް ޛިކުރުކުރެވިފައިވާ ކަމެވެ. ޒަކާތް ފަރުޟުވެގެންވާކަމަށް މުސްލިމުން ޤަޠަޢީގޮތުން އިޖުމާޢުވެފައި ވެއެވެ. އެކަން އެނގިހުރެ ޒަކާތް ވާޖިބުވެގެންވާ ކަމާމެދުގައި އިންކާރުކޮށްފި މީހަކީ އިސްލާމް ދީނުން ބޭރުވެފައިވާ ކާފިރެކެވެ. އަދި ޒަކާތް ދިނުމަށް ދަހިވެތިވެ ނުވަތަ އެއިން ބައެއް އުނިކޮށްފިނަމަ އެމީހަކީ ޢުޤޫބާތް އެމީހެއްގެ މައްޗަށް ހުށައެޅިފައިވާ އަނިޔާވެރިއެކެވެ.

ހަތަރު އެއްޗަކުން ޒަކާތްނެގުން ވާޖިބުވެގެން ވެއެވެ.

ފުރަތަމައީ: ބިމުން ނުކުންނަ ތަކެތީގެ ތެރެއިން އޮށްޓަރެވެ. އެއީ ﷲތަޢާލާގެ މި ވަޙީބަސްފުޅުގެ ސަބަބުންނެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا أَنفِقُوا مِن طَيِّبَاتِ مَا كَسَبْتُمْ وَمِمَّا أَخْرَجْنَا لَكُم مِّنَ الْأَرْضِ﴾ [البقرة 267 ] މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހޯދިތަކެތީގެ ތެރެއިން ރަނގަޅު ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ! އަދި، ތިޔަބައިމީހުންނަށްޓަކައި ބިމުން ތިމަންއިލާހު ނެރެދެއްވި ތަކެތިންވެސް މެއެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَآتُوا حَقَّهُ يَوْمَ حَصَادِهِ﴾ [الأنعام: 141 ] މާނައީ: “އަދި ގޮވާންކަނޑާ ދުވަހަކުން، އޭގެ ޒަކާތް ދޭށެވެ.” އަދި މުދަލުގެ އެންމެ ބޮޑު ޙައްޤަކީ ޒަކާތެވެ. ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. « فِيمَا سَقَتِ السَّمَاءُ وَالْعُيُونُ أَوْ كَانَ عَثَرِيًّا الْعُشْرُ ، وَمَا سُقِىَ بِالنَّضْحِ نِصْفُ الْعُشْرِ »[3] މާނައީ: “(ޒަކާތް ވާޖިބުވެގެންވާ މިންވަރަކީ) ވާރޭ ފެނުގެ ސަބަބުން ނުވަތަ ފެން ކޯރުތަކުގެ ސަބަބުން ހެދޭ ތަކެތި ނުވަތަ ފެން ދިނުމަކާ ނުލާ ހެދޭ ތަކެތިން، ދިހަބައި ކުޅައެއްބައެވެ. އަދި ފެންދީގެން ހައްދާ ތަކެތީގެ ދިހަބައިކޮށްފައި އެއްބައިގެ ދެބައިކުޅައެއްބައެވެ.”

އަދި ނިޞާބު ހަމަވެއްޖައުމަށް ދާންދެން އެއިން ޒަކާތް ވާޖިބުވެގެން ނުވެއެވެ. ނިޞާބަކީ ފަސް ވަސަޤެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘް ބަސްފުޅުގައި ވާގޮތަށެވެ. لَيْسَ فِى حَبٍّ وَلاَ تَمْرٍ صَدَقَةٌ حَتَّى يَبْلُغَ خَمْسَةَ أَوْسُقٍ[4] މާނައީ: “އޮށްޓަރަކުން އަދި ގަހުގައި އަޅާއެއްޗަކުން، ފަސް ވަސަޤު ހަމަވެއްޖައުމަށް ދާންދެން ޒަކާތް ވާޖިބުވެގެން ނުވެއެވެ.” އަދި (ވަސަޤް) އަކީ ނައބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞާޢުގެ ފަސްދޮޅަސް ސޯޢެވެ. އެހެންކަމުން ނިޞާބު ހަމަވާނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞާޢެއްގެ ތިންސަތޭކަ ޞާޢިންނެވެ. ޞާޢުއަކީ، ރަނގަޅު ގޮދަނުގެ ބަރުދަނުގައި ދެހާސް ސާޅީސް ޤުރާމުންނެވެ. އެހެންކަމުން ނިޞާބުގެ ބަރުދަނަކީ ރަނގަޅު ގޮދަނުގެ ހަސަތޭކަ ބާރަ ކިލޯއެވެ. އެއަށްވަރު މަދުވާނަމަ ޒަކާތެއް ނުވެއެވެ.

ފެންދިނުމުގެ ބުރަ އުފުލުމަކާ ނުލާހެދޭ ތަކެތީގެ ޒަކާތުގެ މިންވަރަކީ ފުރިހަމަ ދިހަބައިކުޅަ އެއްބައެވެ. އަދި ފެންދިނުމަށް ބުރަ އުދުލުމާއެކު ހައްދާ ތަކެތީގެ ޒަކާތުގެ މިންވަރަކީ ދިހަބައިކުޅަ އެއްބައިގެ ދެބައިކުޅަ އެއްބައެވެ. މޭވާއާއި ތަރުކާރީއާއި ކަރާއާއި މިފަދަ ތަކެތިން ޒަކާތް ވާޖިބެއް ނުވާނެއެވެ. އެއީ ޢުމަރުގެފާނުގެ ބަސްފުޅުންނެވެ. “لَيْسَ فِي الْخُضْرَوَاتِ صَدَقَةٌ”[5] މާނައީ:”ތަރުކާރީއަކުން ޒަކާތް ދިނުމެއް ނުވެއެވެ.” އަދި ޢަލީ ރަޟިޔަﷲ ޢަންހުގެ ބަސްފުޅުންނެވެ. “لَيْسَ فِي التُّفَّاحِ وَمَا أَشْبَهَ صَدَقَة”[6] މާނައީ: “އާފަލާއި އެފަދަ ތަކެތިން ޒަކާތް ދިނުމެއް ނުވެއެވެ.” އެހެނީ އެއީ އޮށްޓަރުގެ ތެރެއިން ހިމެނޭ އެއްޗެއް ނޫނެވެ. އެހެންނަމަވެސް ވިޔަފާރިކުރާނަމަ، އަހަރު ޙަމަވުމުން އެއިން ޒަކާތް ނެރެން ޖެހޭނެއެވެ.

ދެވަނައީ: ނަޢަމުސޫތްޕެވެ. އެއީ ޖަމަލާއި ގެރިއާއި ބަކަރިއެވެ. -އެއީ ކެހިފަޅައި އަދި ކެހެރި ނުފަޅާ އެއްޗެއް ކަމުގައި ވީނަމަވެސް މެއެވެ.- މިތަކެތިން ޒަކާތް ވާޖިބުވާނީ، ހުއިހައްޕައިގެން ގެންގުޅޭ ތަކެތިން ނުވަތަ ކިރު ލިބިގަތުމަށް ނުވަތަ ނަޞްލު ފެތުރުމަށް ތައްޔާރު ކުރެވިފައިވާ އެއްޗެހިކަމުގައި ވެފައި ހަމަ އެއާއިއެކު ނިޞާބުވެސް ހަމަވުމުންނެވެ. ޖަމަލުގެ އެންމެ ދަށް ނިޞާބަކީ ފަސް ޖަމަލެވެ. އަދި ގެރީގެ ނިޞާބަކީ ތިރީހެވެ. އަދި ބަކަރީގެ ނިޞާބަކީ ސާޅީހެވެ.

ހުއިހައްޕައިގެން ގެންގުޅޭ ތަކެއްޗަކީ މުޅި އަހަރުގައި ނުވަތަ އަހަރުގެ ބޮޑުބައިގައި، އާދަމުގެ ދަރިންގެ މަސައްކަތަކާއި ނުލައި އަމިއްލައަށްހެދޭ ހުއި ކާންދީގެން ގެންގުޅޭ ތަކެއްޗެވެ. ހުއިހައްޕައިގެން ގެންގުޅޭ އެއްޗެއްސަށް ނުވެއްޖެނަމަ ޒަކާތް ދިނުމެއް ނުވެއެވެ. އެއީ ވިޔަފާރީގެ ގޮތިގައި ބޭނުންކުރުމުން މެނުވީއެވެ. ފަހެ ގަނެ ވިއްކުމަށް ބޭނުންކުރާނަމަ އެއީ ވިޔަފާރީގެ މުދަލެކެވެ. އެއިން ޒަކާތް އަދާކުރަން ޖެހޭނީ ވިޔަފާރީގެ މުދަލު ޒަކާތުގެ ގޮތުގައެވެ. އެއީ އޭގެ ޒާތުގައި ވިޔަފާރީގެ މުދަލުގެ ނިޞާބު ހަމަވެއްޖެނަމަ ނުވަތަ ފިޔަފާރީގެ މުދަލާ ގުޅިފައިވާނަމަ، ހުއިހައްޕައިގެން ގެންގުޅޭ އެއްޗެއް ނުވަތަ އޮޅުކޮށްގެން ގެންގުޅޭ އެއްޗެއް ކަމުގައި ވީނަމަވެސް މެއެވެ.

ތިންވަނައީ: ރަނާއި ރިއްސެވެ. އެއީ ރަނާއި ރިހީގެ ކޮންމެ ވައްތަރެއްކަމުގައިވިޔަސް މެއެވެ. އެއީ ﷲތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ. وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّـهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ﴿٣٤﴾يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ  هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ﴿٣٥﴾  [التوبة: 34 – 35 ] ނާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢޛާބު ހުރިކަމުގެ ޚަބަރު، އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ. (އެގޮތުގެމަތިން) އޭނާ، އެއްކުރި، ރަންރިހި، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން، އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ޖައްސަވަމުން ގެންދަވާނެތެވެ. (އަދި އަންގަވާނެތެވެ.) މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސު ތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކެބަލާށެވެ.” މިއާޔަތުގައި މިވާ އެތަކެތި ޚަޒާނާ ކުރުމުގެ މުރާދަކީ، ﷲގެ މަގުގައި ހޭދަ ނުކުރުމެވެ. ﷲގެ މަގުގައި ހޭދަކުރެވޭ އެންމެ ބޮޑު ހޭދަކުރުމަކީ ޒަކާތުގެ ގޮތުގި ހޭދަކުރެވޭ ހޭދަކުރުމެވެ.

ޞަޙީޙު މުސްލިމްގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((مَا مِنْ صَاحِبِ ذَهَبٍ وَلاَ فِضَّةٍ لاَ يُؤَدِّى مِنْهَا حَقَّهَا إِلاَّ إِذَا كَانَ يَوْمُ الْقِيَامَةِ صُفِّحَتْ لَهُ صَفَائِحَ مِنْ نَارٍ فَأُحْمِىَ عَلَيْهَا فِى نَارِ جَهَنَّمَ فَيُكْوَى بِهَا جَنْبُهُ وَجَبِينُهُ وَظَهْرُهُ كُلَّمَا بَرَدَتْ أُعِيدَتْ لَهُ فِى يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ حَتَّى يُقْضَى بَيْنَ الْعِبَادِ))[7] މާނައީ؛ “ރަނާއި ރިހި ލިބިގެންވާ މީހަކު، އެ  ތަކެތީގެ ޙައްޤު ނުދީފިކަމުގައިވާނަމަ، ޤިޔާމަތްދުވަހު، އެމީހަކަށް އެ ތަކެތި އަލިފާނުންވާ ދަގަނޑު ފޮތިތަކެއް ފަދައިން ހަދާލެވެއެވެ. ދެންފަހެ، އެތަކެތި ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެތަކެތިން، އެމީހާގެ ނިތްކުރީގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ޖައްސަވަމުން ގެންދަވާނެތެވެ. އެ ފޮތިތައް ހިހޫވާ ކޮންމެ ފަހަރަކު އަނެއްކާވެސް ދޮންކުރެވެއެވެ. ކޮންމެ ދުވަހެއްގެ ދިގުމިން ފަންސާސްހާސް އަހަރުވާ (ޤިޔާމަތް) ދުވަހުގައި، މީސްތަކުންނާމެދު ޙުކުމް ކުރެވިއްޖެއުމަށް ދާންދެން، އެމީހަކަށް މި ޢުޤޫބާތް ދެވެމުން ދާނެތެވެ.” އެތަކެތީގެ ޙައްޤުގެ މުރާދަކީ ޒަކާތެވެ. އެއީ އެހެން ރިވާޔަތެއްގައި މިކަން ތަފްސީރުވެފައި ވާފަދައިންނެވެ. އެރިވާޔަތުގައި ވެއެވެ. ((مَا مِنْ صَاحِبِ كَنْزٍ لاَ يُؤَدِّى زَكَاتَهُ)) [8] މާނައީ: ” ކަންޒެއް ލިބިގެންވާ މީހަކު، އޭގެ  ޒަކާތް ނުދީފިނަމަ…..” (الحديث)

ރަނާއި ރިހިން ޒަކާތް ވާޖިބުވެގެން ވެއެވެ. އެއީ ނަޤުދު ފައިސާ ކަމުގައި ވިއަސް ނުވަތަ ވެލިރަން ނުވަތަ ގަނޑުރަން ކަމުގައިވިއަސް ނުވަތަ އަޅާ ގަހަނާއެއް ކަމިގައިވިއަސް ނުވަތަ ޢާރިއާކުރެވުނު އެއްޗެއް ކަމުގައިވިއަސް އަދި އެނޫން އެއްޗެއް ކަމުގައި ވީނަމަވެސް މެއެވެ. އެއީ ތަފްޞީލަކާއި ނުލައި ރަންރިހީގެ ޒަކާތް ވާޖިބުވެގެންވާ ކަމުގައި އައިސްފައިވާ ދަލީލުތައް އާންމުވެގެން ވާތީއެވެ. ޢަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ((أَنَّ امْرَأَةً مِنْ أَهْلِ الْيَمَنِ أَتَتْ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَبِنْتٌ لَهَا فِي يَدِ ابْنَتِهَا مَسَكَتَانِ غَلِيظَتَانِ مِنْ ذَهَبٍ فَقَالَ أَتُؤَدِّينَ زَكَاةَ هَذَا قَالَتْ لَا قَالَ أَيَسُرُّكِ أَنْ يُسَوِّرَكِ اللَّهُ عَزَّ وَجَلَّ بِهِمَا يَوْمَ الْقِيَامَةِ سِوَارَيْنِ مِنْ نَارٍ قَالَ فَخَلَعَتْهُمَا فَأَلْقَتْهُمَا إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ هُمَا لِلَّهِ وَلِرَسُولِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ))[9] މާނައީ: “ޔަމަނުގެ އަންހެނަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައެވެ. އެއަންހެނާ އާއެކު އެކަނބުލޭގެ އަންހެން ދަރި އެއް ހުރިއެވެ. އެކުއްޖާގެ އަތުގައި ރަނުގެ ބޮޑު ދެއުޅާގަނޑު އަޅައިފައި އޮތެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ކަނބުލޭގެ މިއިން ޒަކާތް ދެއްކިން ހެއްޔެވެ؟” އެކަނބުލޭގެ ދެންނެވިއެވެ. “ނޫނެކެވެ.” ޙަދީޘް ކުރެއްވިއެވެ. “ޤިޔަމަތް ދުވަހުން ﷲތަޢާލާ، އަލިފާނުން ހެދިފައިވާ ދެއުޅާގަނޑު އެކުއްޖާގެ އަތުގައި އެޅުވުމަށް ކަމަނާ އެދޭނަންހެއްޔެވެ؟” ރާވީ ވިދާޅުވިއެވެ. އެކަނބުލޭގެ އެދެއުޅާގަނޑު ނެގިއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ދިމައަށް އެއްލިއެވެ. އަދި ވިދާޅުވިއެވެ. “މިދޭތި ﷲއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ.” ބުލޫޣުލްމަރާމުގައި ވިދާޅުވެފައިވެއެވެ. މިހަދީޘްގެ ސަނަދު ވަރަށް ވަރުގަދައެވެ.

އަދި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. “دخل علي رسول الله  فرأى في يدي فَتَخَات من وُرْق (تعني: من فضة)، فقال النبي r ” ما هذا؟ ” فقلت: صنعتهن أتزين لك يا رسول الله. قال: ” أتؤدين زكاتهن؟ ” قالت: لا، أو ما شاء الله. قال: ” هو حسبك من النار”[10] މާނައީ: “ތިމަންކަމަނާގެ އަރިހަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަދެވަޑައިގަތެވެ. އެހިނދު ތިމަންކަމަނާގެ އަތުން ރިހީގެ އަނގޮޓިތަކެއް ފެނުނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “މިއީ ކޮންއެއްޗެއް ހެއްޔެވެ؟” ތިމަންކަމަނާ ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންކަމަނާ އެތަކެތި ތައްޔާރުކުރެއްވީ ކަލޭގެފާނަށް ޒީނަތްތެރިވުމަށްޓަކައެވެ.” ޙަދީޘް ކުރެއްވިއެވެ. “ކަމަނާ ތިއިން ޒަކާތް ނެރުނީމު ހެއްޔެވެ؟” އެކަމަނާ ވިދާޅުވިއެވެ. “ނޫނެކެވެ.” ނުވަތަ ވިދާޅުވީ ما شاء الله އެވެ. ޙަދީޘް ކުރެއްވެއެވެ. “ނަރަކައަށް ކަމަނާ ގެންގޮސްދާނެ އެއްޗަކަށް އޭތި ފުދެއެވެ.” މިޙަދީޘް ރިވާކުރެއްވީ އަބޫ ދާވޫދާއި އަލްބައިހަޤީއާއި އަލްޙާކިމްއެވެ. އަދި ޙާކިމް މިޙަދީޘް ޞައްޙަ ކުރައްވައެވެ. އަދި ވިދާޅުވިއެވެ. ދެޝައިޚުން (އެބަހީ ބުޚާރީއާއި މުސްލިމްގެ) ޝަރުތުތަކާ އެއްގޮތަށް ޞައްޙާއެވެ. އަދި އިބުނު ޙަޖަރު ތަލްޚީޞްގައި ވިދާޅުވެފައި ވެއެވެ. ޞަޙީޙުގެ (އެބަހީ ބުޚާރީގެ) ޝަރުޠުތަކާ އެއްގޮތަށް ޞައްޙައެވެ. އަދި އިބުނު ދަޤީޤު ވިދާޅުވިއެވެ. މުސްލިމްގެ ޝަރުޠުތަކާ އެއްގޮތަށް ޞައްޙަ އެވެ.

ނިޞާބު ހަމަވެއްޖައުމަށް ދާންދެން ރަނުން ޒަކާތްނެރުން ވާޖިބެއް ނުވާނެއެވެ. ނިޞާބަކީ ވިހި ދީނާރެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަނާމެދު ޙަދީޘް ކުރެއްވިއެވެ. ((ليس عليك شيء حتى يكون لك عشرون دينارا))[11] މާނައީ: “ވިހި ދީނާރު ހަމަވެއްޖައުމަށް ދާންދެން ކަލޭގެފާނުގެ މައްޗަކަށް ކަމެއް ނެތެވެ.” އެބަހީ ޒަކާތް ދެއްކުމެއް ނުވެއެވެ.

އޭގެ މުރާދަކީ އިސްލާމީ ދީނާރެކެވެ. އޭގެ ބަރުދަނަކީ މިޘްޤާލެއްގެ މިންވަރެވެ. މިޘްޤާލެއްގެ ބަރުދަނަކީ ހަތަރު ގުރާމާއި ގުރާމެއްގެ ހަތަރުވައިކުޅަ އެއްބައެވެ. އަދި ރަނުގެ ނިޞާބަކަށް ވާނީ އަށްޑިހަ ފަސް ގުރާމެވެ. އެއީ އެގާރަ ސަޢުދީ ޖުނައިހެވެ. އަދި ޖުނައިހެއްގެ ހަބައިކުޅަ ތިންބައެވެ.

ނިޞާބު ހަމަވެއްޖައުމަށް ދާންދެން ރިހިން ޒަކާތްނެރުން ވާޖިބެއް ނުވާނެއެވެ. ނިޞަބަކީ ފަސް އޫޤިޔައެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިޙާދީޘް ބަސްފުޅުންނެވެ. ((ليس فيما دون خمس أواق صدقة))[12] މާނައީ: “ފަސް އޫޤިޔަށްވުރެ މަދުވެއްޖެނަމަ އެއިން ޒަކާތް ދިނުމެއް ނުވެއެވެ.”

އޫޤީޔަ އަކީ، އިސްލާމީ ސާޅީސް ދިރުހަމެވެ. އެހެންކަމުން ނިޞާބަކަށް ވާނީ އިސްލާމީ ދުއިސައްތަ ދިރިހަމެވެ. ދިރުހަމަކީ ދިހަބައިކުޅަ ހަތްބައި މިޘްޤާލެވެ. ފަހެ ސަތޭކަ ސާޅީސް މިޘްޤާލު އެއާ އެއްވަރުވާނެއެވެ. އެއީ ފައްސަތޭކަ ނުވަދިހަ ފަސް ގުރާމެވެ. އަދި މިއާއި، ފަންސާސް ހަ ރިހީގެ ޢަރަބި ރިޔާލު އެއްވަރުވާނެއެވެ.

ރަނާ ރިހީގެ ޒަކާތުގެ މިންވަރަކީ ދިހަބައިކުޅަ ހަތަރުބައި އެކަންޏެވެ.

ނަގުދު ފައިސާއިން ޒަކާތް ނެރުން ވާޖިބު ވާނެއެވެ. އެހެނީ އެއީ ރިހީގެ ބަދަލުގައި ބޭނުން ކުރާ އެއްޗެކެވެ. އެހެންކަމުން ރިހީގެ މަޤާމުގައި ފައިސާ ހިމެނޭނެއެވެ. ރިހީގެ ނިޞާބު ހަމަވެއްޖެނަމަ ނަގުދުން ޒަކާތްނެރުން ވާޖިބުވާނެއެވެ. ރަނާއި ރިއްސާއި ނަގުދު ފައިސާއިން ޒަކާތް ނެރުން ވާޖިބު ވާނެއެވެ. އެއީ އެނާގެ އަތުގައި ހުރިނަމަވެސް ނުވަތަ މީސްތަކުންގެ ބެލުމުގެ ދަށުގައި ހުރިނަމަވެސް މެއެވެ.

އެހެންކަމުން ޘާބިތު ދަރަނިންވެސް ޒަކާތް ނެރުން ވާޖިބުވާނެއެވެ. އެއީ ފައިސާގެ ދަރަންޏެއް ކަމުގައި ވިއަސް އަދި ވިއްކާފައިވާ މުދަލުގެ ދަރަންޏެއް ކަމުގައިވިއަސް  ނުވަތަ ކުލިކަމުގައި ވިއަސް އަދި އެނޫން އެއްޗެއް ކަމުގައިވިއަސް މެއެވެ. އަދި މުއްސަނދި ތަނަވަސް މީހާ ކޮންމެ އަހަރަކު (އޭނާ މީހުންނަށް ދީފައިވާ ދަރަނިއާއި އެކު) އޭނާގެ ހުރިހާ ފައިސާއަކުން ޒަކާތް ނެރޭށެވެ. ނުވަތަ ދަރަނި އަނބުރައި އަދާކުރަންދެން ޒަކާތް ދިނުން މަޑުކޮށްލާށެވެ. ދެން ދަރަނި އަދާކުރުމުން ކުރިން ފާއިތުވި އަހަރުތަކަށް ޒަކާތް ނެރޭށެވެ. ދަރަނިއަދާކުރަން ޖެހޭ މީހަކީ ދަތިވެފައިވާ މީހެއްނަމަ ނުވަތަ ދަރަނި އަދާކުރުން ލަސްކުރުމުން އެދަރަނި ނެގުމަށް އުނދަގޫވެއްޖެނަމަ، ދަރަނި އަދާކޮށްފުމަށް ދާންދެން އެއިން ޒަކާތް ވާޖިބެއް ނުވާނެއެވެ. ފަހެ އޭނާއަށް ލިބިފައިވާ ދަރަނީގެ މިންވަރަށް އެއްއަހަރުގައި އޭނާ ޒަކާތް ނެރޭށެވެ. އަދި އޭގެ ކުރީގެ އަހަރުތަކުގެ ޒަކާތް އޭނާގެ މައްޗަށް ވާޖިބުވެގެން ނުވެއެވެ.

ރަނާއި ރިހި ފިޔަވައި އެހެން މައުދަނަކުން ޒަކާތް ނެރުން ވާޖިބުވެގެން ނުވެއެވެ. އެއީ އެދެއެއްޗަށްވުރެ އަގުހުރި އެއްޗެއް ކަމުގައި ވީނަމަވެސް މެއެވެ. ވިޔަފާރީގެ ގޮތުގައި ބޭނުންކުރާ އެއްޗެއް މެނުވީއެވެ. ވިޔަފާރި މުދަލެއްގެގޮތުގައި ބޭނުންކުރާނަމަ ވިޔަފާރި މުދަލުގެ ޒަކާތުގެ ގޮތުގައި ޒަކާތް ނެރޭށެވެ.

ޒަކާތްދިނުން ވާޖިބުވެގެންވާ ތަކެތީގެ ތެރެއިން ހަތަރުވަނަ އެއްޗަކީ ވިޔަފާރި މުދަލުގެ ޒަކާތެވެ. އާމްދަނީ ހޯދުމަށް ތައްޔާރު ކުރާ ކޮންމެ ކަމަކާއި ބިމުގެ އަދި ޙައިވާނާއި ކައިބޯ ތަކެއްޗާއި ކާރާއި އަދި މިނޫންވެސް މުދަލުގެ ހުރިހާ ވައްތަރެއްގެ ވިޔަފާރިއެވެ. ކޮންމެ އަހަރަކުވެސް، އެއަހަރުގެ ކުރީކޮޅުގައި ހުރި މުދަލުގެ އަގާއި އެއްވަރަށް، އަހަރުގެ ފަހުކޮޅުގައި ހުރި މުދަލުގެ އަގު ވަޒަން ކުރާށެވެ. އެއަށްފަހު އެއަގުގެ ދިހަބައިކުޅަ އެއްބައިގެ ހަތަރުބައިކުޅަ އެއްބައި ޒަކާތުގެ ގޮތުގައި ނެރޭށެވެ. އެއީ އެތަކެތީގެ އަގު ގަތްއަގުގައި ވާނަމަވެސް ނުވަތަ މަދު ނަމަވެސް ނުވަތަ އިތުރުނަމަވެސް މެއެވެ.

ލޯކަލް ފިހާރަތަކުގެ އަހުލުވެރިންނާއި ތަފާތު އާލާތްތައް ވިއްކާ މީހުންނާއި. ސުޕެއާ ޕާޓު ވިއްކާ މީހުންނާއި އަދި އެނޫންވެސް އެފަދަ އެއްޗެހި ވިއްކާ މީހުންނަށް ވަނީ އެތަކެތި ހަމައަށް ހިސާބުކުރުމެވެ. އެއީ ކުދި އެއްޗެއްސާއި ބޮޑެތި އެއްޗެހިވެސް ހިމެނޭ ގޮތަށެވެ. އަދި އޭގެން ޒަކާތް ނެރުމެވެ. ހިސާބުކުރުމަށް އުނދަގޫ ވެއްޖެނަމަ އެންމެ ރައްކާތެރިވާ ގޮތުގައި ހިފާށެވެ. އަދި އެމީހުންގެ ޛިންމާ ބަރީއަވާ މިންވަރަށް ޒަކާތް ނެރޭށެވެ.

ކާތަކެއްޗާއި ބޯތަކެއްޗާއި ފަރުނީޗަރާއި ގެދޮރާއި ޙައިވާނުތަކާއި ކާރާއި ހެދުމުން އިންސާނާ އޭނާގެ ޙާޖަތަށްޓަކައި ތައްޔާރުކުރާ އެއްޗަކުން ޒަކާތް ނެރޭކަށް ނުޖެހޭނެއެވެ. ޒީނަތްތެރިވުމަށް ބޭނުންކުރާ ރަނާ ރިހީގެ ގަހަނާއިން ފިޔަވައެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ޙަދީޘް ބަސްފުޅުގައިވާ ފަދައިންނެވެ. ((لَيْسَ عَلَى الْمُسْلِمِ فِي عَبْدِهِ وَلَا فَرَسِهِ صَدَقَةٌ))[13] މާނައީ: “މުސްލިމަކަށް އޭނާގެ އަޅު މީހާއާއި އޭނާގެ ސަވާރީން ޒަކާތް ނެރުމެއް ނުވެއެވެ.”

އަދި ބިން ކުއްޔަށް ދީގެންނާއި ކާރު ކުއްޔަށް ދީގެންނާ އަދި މިފަ ކަންކަމުން ޒަކާތް ނެރުން ވާޖިބުވެގެން ނުވެއެވެ. އަދި ކުލިން ޒަކާތް ނެރެންޖެހޭނީ، އޭގެ ޒާތުގައި ކުލީގެ ފައިސާއިން އަހަރު ހަމަވެ ނިޞާބު ހަމަވުމުންނެވެ. ނުވަތަ އޭނާގެ އަތުގައިވާ އެފަދަ ކަންތައްތަކުން ލިބިފައިވާ ފައިސާތައް އެއްކޮށްލައިގެން ނިޞާބު ހަމަވީމައެވެ.

އަޚުންނޭވެ! ތިޔަބައިމީހުންގެ މުދަލުގެ ޒަކާތް އަދާކުރާށެވެ. އަދި އެޒަކާތް އަދާކުރުމުން ތިޔަބައިމީހުންގެ ނަފްސުތައް ޠާހިރު ކުރާށެވެ. އެހެނީ އެއީ ޣަނީމާއެކެވެ. އަދި މީހަކަށް ދަރާ ދެރުމެއް ނޫނެވެ. އަދި އެއީ ފައިދާއެކެވެ. ގެއްލުމެއް ނޫނެވެ. ޒަކާތުގެ ތެރެއިން ލާޒިމުވާ ހުރިހާ އެއްޗެއް އަދާކުރާށެވެ. އަދި ތިޔަބައިމީހުން ހޭދަކުރާ ހޭދަކުރުމުގެ މައްޗަށް ﷲގެ ޙަޟުރަތުން ޘަވާބާއި ދަރުމައަށް އެދޭށެވެ. އަދި ހޭދަނުކޮށްވާ ބައިގައި ބަރަކާތް ލެއްވުމަށް އެދޭށެވެ.

والحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

________________________________

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

 

[1] مسلم الإيمان (16) .

[2] البخاري الإيمان (8) ، مسلم الإيمان (16) ، الترمذي الإيمان (2609) ، النسائي الإيمان وشرائعه (5001) ، أحمد (2/93) .

[3] البخاري الزكاة (1412) ، الترمذي الزكاة (640) ، النسائي الزكاة (2488) ، أبو داود الزكاة (1596) ، ابن ماجه الزكاة (1817) .

[4] البخاري الزكاة (1390) ، مسلم الزكاة (979) ، النسائي الزكاة (2484) ، أحمد (3/86) ، مالك الزكاة (576) ، الدارمي الزكاة (1634) .

[5] الخراج ليحي بن آدم (549) والأموال الأبي عبيد (1381)

[6] والأموال الأبي عبيد (1382)

[7] مسلم الزكاة (987) ، أبو داود الزكاة (1658) ، أحمد (2/384) .

[8] مسلم الزكاة (987) ، أبو داود الزكاة (1658) ، أحمد (2/384) .

[9] النسائي الزكاة (2479) ، أبو داود الزكاة (1563) ، أحمد (2/204) .

[10] أخرجه أبو داود والبيهقي والحاكم وصححه وقال : على شرط الشيخين ، وقال ابن حجر في التلخيص : على شرط الصحيح ، وقال ابن دقيق : على شرط مسلم .

[11] رواه أبو داود وفي سنده ضعف ، لكن له شواهد يرتقي بها إلى درجة الحسن فيكون حجة ، وقد أخذ به عامة أهل العلم .

[12] البخاري الزكاة (1340) ، مسلم الزكاة (979) ، الترمذي الزكاة (626) ، النسائي الزكاة (2487) ، أبو داود الزكاة (1558) ، ابن ماجه الزكاة (1793) ، أحمد (3/73) ، مالك الزكاة (575) ، الدارمي الزكاة (1633) .

[13] البخاري الزكاة (1395) ، مسلم الزكاة (982) ، الترمذي الزكاة (628) ، النسائي الزكاة (2467) ، أبو داود الزكاة (1594) ، ابن ماجه الزكاة (1812) ، أحمد (2/249) ، مالك الزكاة (612) ، الدارمي الزكاة (1632) .