81ވަނަ ޤަވާޢިދު (ޖުމްލަ 189): ذِكْرُ مَصَالِحِ الأَفْعَالِ إِذْنٌ أَوْ تَرْغِيْبٌ, وَذِكْرُ مَفَاسِدِهَا نَهْيٌ أَوْ تَرْهِيْبٌ
މި ޤަވާޢިދުގެ ތަރުޖަމާ: {ކަންކަމުގެ މަޞްލަޙަތުތައް ބަޔާންކުރުމީ ހުއްދަދިނުމެއް އަދި ހިތްވަރުދިނުމެއް، އަދި އެ ކަންކަމުގެ ފަސާދަތައް ބަޔާންކުރުމީ ނަހީކުރުމެއް އަދި ދުރުހެލިވާން ބާރުއެޅުމެއް}
މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ވަކި ކަމެއްގައި އެކުލެވޭ އަދި އެ ކަމުން ތަރުތީބުވެގެންދާ މަޞްލަޙަތެއް ބަޔާންކުރައްވައިފިނަމަ، އެއީ އެ ކަން ޝަރުޢުވެގެން ވާކަމުގެ ދަލީލެކެވެ. އަދި އޭގެ މަޞްލަޙަތުތަކާއި މަންފާތައް ހާސިލުކުރުމަށް މުކައްލަފުން އެ ކަމަށް ކުރިމަތިލުމަށް ހިތްވަރުދީ ބާރުއެޅިފައި ވާކަމުގެ ދަލީލެކެވެ. އަދި މިއާ ޚިލާފަށް، ވަކި ކަމެއްގައި އެކުލެވޭ އަދި އެ ކަމުން ތަރުތީބުވެގެންދާ ފަސާދައެއް ބަޔާންކުރައްވައިފިނަމަ، އެއީ އެ ކަން ނަހީކުރެވިގެން ވާކަމުގެ ދަލީލެކެވެ. އަދި އޭގެ ފަސާދަތަކާއި ގެއްލުންތަކުން އެއްކިބާވެ ދުރުހެލިވުމަށް މުކައްލަފުންނަށް ބާރުއެޅިފައި ވާކަމުގެ ދަލީލެކެވެ. މިއީ، އަލްޢިއްޒު ބްނު ޢަބްދިއްސަލާމް ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކުގެ ތެރެއިން ޤަވާޢިދެކެވެ.
ދެން ފަހެ، މި ތަނުގައި ކަމަކަށް ހުއްދަދެވުން (އިޒުނަދެވުން) ގެ މުރާދަކީ، އެ ކަމެއް ޝަރުޢު ކުރެއްވުމެވެ. އެގޮތުން، އެއީ ވާޖިބުކަމަކަށް ނުވަތަ މަންދޫބުކަމަކަށް ނުވަތަ މުބާޙުކަމަކަށް ވެދާނެއެވެ. އަދި ކަމެއް ނަހީކުރުމުގެ މުރާދަކީ، އެ ކަމެއް ޙަރާމް ކުރެއްވުމެވެ. ނުވަތަ އެންމެ ދަށްވެގެން އެ ކަމެއް މަކުރޫހު ކުރެއްވުމެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِنْ دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْ وَمَا تُنْفِقُوا مِنْ شَيْءٍ فِي سَبِيلِ اللَّهِ يُوَفَّ إِلَيْكُمْ وَأَنْتُمْ لَا تُظْلَمُونَ) (ސޫރަތުލްއަންފާލް: 60) މާނައީ: [އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައް ވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲ ގެ ޢަދުއްވުންނާއި، ތިޔަބައިމީހުންގެ ޢަދުއްވުންނާއި، އެއުރެން ނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ. ތިޔަބައިމީހުންނަކަށް އެއުރެންނެއް ނޭނގެތެވެ. ﷲ، އެއުރެން ދެނެވޮޑިގެންވެތެވެ. އަދި اللَّهގެ މަގުގައި ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް، ތިޔަބައިމީހުންނަށް ފުރިހަަމަޔަށް ލިބޭނެތެވެ. އަދި ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.] މިއީ، އަސްކަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން އެކިއެކި ސިފަސިފައިގައި ބާރުގަދަވެ ތައްޔާރީ ހާލަތުގައި ތިބުމަށް އަމުރުވެވިފައި ވާކަމާއި އެ ކަމަށް ހިތްވަރުދެވިފައި ވާކަމަށް އޮތް ދަލީލެކެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =