[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 79

82ވަނަ ޤަވާޢިދު (ޖުމްލަ 189): نَفْيُ الأَمْرِ لَا يَسْتَلْزِمُ ثُبُوتَ النَّهْيِ

މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރު ނަފީކުރުމުން، ނަހީ ސާބިތުވުން ލާޒިމެއް ނުކުރޭ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢުކުރައްވާ ފަރާތުން ކަމެއް ކުރުމަށް އަމުރުކުރުން ނަފީކުރައްވައިފިނަމަ (އެބަހީ، އެ ކަން ކުރުމަށް އަމުރު ނުކުރައްވާކަމަށް ބަޔާންކުރައްވައިފިނަމަ)، އެ ކަން ޙަރާމްކަމެއްގެ ގޮތަށް ނަހީކުރެވުނީ ކަމަކަށް އެއިން މާނައެއް ނުކޮށްދެއެވެ. އެހެނެއްކަމަކު، އަމުރު ނަފީކުރެއްވުން އެއީ މަކުރޫހުގެ މާނައިގައި އޮތް ކަމަކަށް ވެސް ވެދާނެއެވެ. އަދި ފަހަރުގައި، އެ ކަމުގެ އަޞްލު ޙުކުމްކަމުގައިވާ މުބާޙުކަމުގެ ޙުކުމުގައި ދެމިއޮތުމުގެ މާނައިގައި އޮތް ކަމަކަށް ވެސް ވެދާނެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، މިސްކިތްތައް ޖަރީކުރުމާ މެދު ސަލަފުއްޞާލިޙުން ނުރުހުންތެރިވުމެވެ. އެއީ، މިސްކިތްތައް ބިނާކުރެވުނު މަޤްޞަދުކަމުގައިވާ ﷲ ތަޢާލާއަށް އަޅުކަންކުރުމާ ފުށުއަރާކަމެއް ކަމުގައި އެ ކަން ވާތީއެވެ. އަދި އޭގައި އިސްރާފުކުރުން ހިމެނިފައި ވާތީއެވެ. އެ ބޭފުޅުން ދަލީލެއްގެ ގޮތުން ގެންނަވާފައިވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހު ރިވާކުރައްވާފައިވާކަމަށް ވާރިދުވެފައިވާ އަންނަނިވި ޙަދީޘްފުޅެވެ. ((مَا أُمِرْتُ بِتَشْيِيدِ الْمَسَاجِدِ)) މާނައީ: [މިސްކިތްތައް ތަޝްޔީދުކުރުމަށް އަހުރެންނަށް އަމުރުވެވިގެން ނުވެއެވެ.] އިބްނު ޢައްބާސް ވިދާޅުވެފައިވަނީ މިސްކިތްތައް ތަޝްޔީދު ކުރުމުގެ މުރާދަކީ، އެ ތަންތަން ޖަރީކުރުން ކަމުގައެވެ. އެހެންކަމުން، ސަލަފުއްޞާލިޙުން ވިދާޅުވެފައިވަނީ، މިސްކިތްތައް ތަޝްޔީދު ކުރަން އަމުރުވެވިފައިވާކަން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަފީކުރެއްވުމުން، އެ ކަން އެ ގޮތަށް ކުރުން ޙަރާމްކަމަކަށް ވުން ލާޒިމެއް ނުކުރެތެވެ. ސަބަބަކީ، އަމުރު ނަފީކުރުމުން އެ ކަން ޙަރާމްވުން ލާޒިމު ނުކުރާތީއެވެ. ކޮންމެއަކަސް، މި ތަނުގައި މިވާ އަމުރު ނަފީކުރެއްވުމުން ޙަރާމްކަމުގެ މާނަ ލިއްބައިނުދިނަސް، އެއީ މަކުރޫހުކަމެއް ކަމަށް ދަލީލުކޮށްދެއެވެ. އެއީ، މަކުރޫހުކަން ދަލީލުކޮށްދޭ ޤަރީނާތައް ލިބެން ހުރުމުންނެވެ. އޭގެ ތެރޭގައި، އެ ކަމަކީ ޤިޔާމަތުގެ އަލާމާތެއްގެ ގޮތުގައި ސިފަކުރެވިފައިވާ ޙަދީޘްތައް ހިމެނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =