83ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ الـمُطْلَقُ لِلتَّحْرِيْـمِ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ނަހީ ބޭނުންކުރެވެނީ ޙަރާމްކުރެއްވުމަށް}
މި ޤަވާޢިދުގެ މުރާދު: ޤުރުއާނާއި ސުންނަތުގެ ޝަރުޢީ ނައްޞުތަކުގައި އެހެން ގޮތަކަށް އަނބުރައިލާނޭ ޤަރީނާއެއް ނެތި އައިސްފައިވާ ނަހީން ލިއްބައިދެނީ އެ ކަމެއް ޙަރާމްކަމެވެ. އަދި އެއިން ލާޒިމު ކުރަނީ، ނަހީކުރެއްވުނު އެ ކަންތަކަށް އަރައިގަތުން މަނާވުމާއި ޙަރާމްވުމެވެ. އެހެން ގޮތަކަށް އަނބުރައިލާނޭ ޤަރީނާއެއް ނެތި އެ ނަހީން މަކުރޫހުކަމުގެ މާނަ ނުވަތަ އެހެން ވެސް މާނައެއް ލިއްބައެއް ނުދޭނެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، މުޠުލަޤު ނަހީން ލާޒިމު ކުރަނީ މަކުރޫހުކަމެވެ. ޙަރާމްކަމެއް ނޫނެވެ.
އަދި މިއާ ޚިލާފަށް، ބައެއް ބޭފުޅުންގެ ނަޒަރުގައި، މުޠުލަޤު ނަހީން، މަކުރޫހުކަމުގެ މާނައާއި ޙަރާމްކަމުގެ މާނަ، ލަފްޒީ ގޮތުން މުޝްތަރިކުކޮށް (ލަފްޒީ ގޮތުން ބަލާއިރު އެ ދެ މާނަ ވެސް އޭގައި އެކުލެވޭހެން) ލިއްބައިދެއެވެ. އެހެންކަމުން، އެއިން ވަކި ކޮޅަކަށް ބުރަވާނޭ ޤަރީނާއެއް ނެތްނަމަ، އެ ވާނީ މުޖުމަލް އެއްޗަކަށެވެ.
އަދި މިއާ ޚިލާފަށް، އެހެން ބައެއް ބޭފުޅުންގެ ނަޒަރުގައި، މުޠުލަޤު ނަހީން، މަކުރޫހުކަމުގެ މާނައާއި ޙަރާމްކަމުގެ މާނަ، މަޢުނަވީ ގޮތުން މުޝްތަރިކުކޮށް (މާނައިގެ ގޮތުން ބަލާއިރު އެ ދެ މާނަ ވެސް އޭގައި އެކުލެވޭހެން) ލިއްބައިދެއެވެ. އަދި އެހެންކަމުން، އެއިން ވަކި ކޮޅަކަށް ބުރަވާނޭ ޤަރީނާއެއް ނެތްނަމަ، އެ ވާނީ މުޖުމަލް އެއްޗަކަށެވެ.
އަދި މިއާ ޚިލާފަށް، ބައެއް ބޭފުޅުން ވަކި ރައުޔެއް އިޚްތިޔާރު ނުކުރައްވައި ހުއްޓިވަޑައިގެންނެވިއެވެ.
ކޮންމެއަކަސް، މި ތަނުގައި މުޠުލަޤު ނަހީގެ މުރާދަކީ، އެ ނަހީއަކުން މަކުރޫހުކަމުގެ މާނަ ނުވަތަ އިރުޝާދެއްކަން ކަމުގެ މާނަ ނުވަތަ އެހެންވެސް ނަހީގެ ޞީޣާއިން ލިއްބައިދޭ މާނަތަކުންކުރެ މާނައެއް ލިއްބައިދޭކަމަށް ނިންމުން ލާޒިމު ކުރާފަދަ ޤަރީނާއެއް ނެތް ނަހީއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلَا يَغْتَبْ بَعْضُكُمْ بَعْضًا) (ސޫރަތުލްޙުޖަރާތު: 12 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ!] މި އާޔަތުގައި އެ ވަނީ، ޣީބަބުނުން ނަހީކުރައްވާފައެވެ. އެއިން ލާޒިމު ކުރަނީ، ޣީބަބުނުން ޙަރާމް ކުރެއްވުމެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =