84ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ الـمُطْلَقُ يَقْتَضِي الفَوْرَ
މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ނަހީން ލާޒިމު ކުރަނީ ވަގުތުން ދުރުހެލިވާން}
މި ޤަވާޢިދުގެ މުރާދު: މުޠުލަޤު ނަހީއެއް ހަމަ ނުކުތުމާއެކު އެއިން ލާޒިމު ކުރަނީ، ނަހީކުރެވުނު އެ ކަންތަކަށް ނިމުންގެނެސް އެ ކަން ހުއްޓައިލަން އަވަސްވެގަތުމެވެ. އެހެންކަމުން، އެ ކަމަށް ނިމުން ގެނެސް ހުއްޓައިލުމުގައި ފަސްކޮށް ލަސްކުރާ ކޮންމެ ވަގުތަކީ އެއާ ގުޅިގެން އޭނާއަށް ބަދުބަހާއި ޢުޤޫބާތް ތަރުތީބުވެގެން ދާނޭ ކަމެކެވެ. ސަބަބަކީ، ލަސްކުރުމީ، ނަހީން ލާޒިމު ކުރާ އަވަސްކުރުމާ ޚިލާފު ކަމެއް ކަމުގައި ވާތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި މި މައްސަލައިގައި އިޖުމާޢުވެވިފައިވާ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެފައި ވެއެވެ.
ދެން ފަހެ، މި ތަނުގައި މުޠުލަޤު ނަހީގެ މުރާދަކީ، އެ ނަހީއަކުން އަވަހަށް ވަގުތުން އެ ކަމުން ދުރުހެލިވުމުގެ މާނައަށް ދަލީލުކޮށްދޭ، ނުވަތަ ލަސްކޮށްލައިފައި ފަހުން ދުރުހެލިވުމުގެ މާނައަށް ދަލީލުކޮށްދޭ ކަމެއް ނެތް ނަހީއެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ) (ސޫރަތުލްއަންޢާމް: 151 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ!] މި އާޔަތުގައި ޙައްޤަކާ ނުލައި މެރުން ނަހީ ކުރައްވާފައި އެވާ ނަހީއަކީ، ކޮންމެ އިންސާނީ ނަފްސެއް މެރުމަށް ވެސް ޢާއްމުވެގެންވާ، އަދި އެ ނަހީ ނުކުތުމާއެކު ވަގުތުން އެއަށް ޢަމަލުކުރަންޖެހޭ ގޮތަށް، އަދި ހުރިހާ ވަގުތެއްގައި ޢަމަލުކުރަންޖެހޭ ގޮތަށް އޮތް ނަހީއެކެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =