[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مَجَالِسُ شَهْرِ رَمَضَانَ – ސަތާރަވަނަ މަޖްލިސް

ޒަކާތުގެ ޙައްޤުވެރިން

 

 

ޙަމްދުހުރީ ﷲ އަށެވެ. އެއިލާހު ނިކަމެތިކުރައްވައިފި އަޅަކު ވަތިވެރިކުރާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު މަތިވެރި ކުރައްވައިފި އަޅަކު ނިކަމެތިކުރައްވާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު ދެއްވައިފި އެއްޗެއް މަނާކުރާނެ އިތުރު ފަރާތެއް ނުވެއެވެ. އަދި އެއިލާހު ދެއްވުން މަނާކުރައްވައިފިނަމަ ދެއްވާނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެއިލާހު ގުޅުވައިފި ކަމެއް ވަކިކުރާނެ ފަރާތެއް ނުވެއެވެ. އަދި އެއިލާހު ވަކިކުރައްވައިފި ކަމެއް ގުޅުވާނެ ފަރާތެއް ނުވެއެވެ. މަތިވެރިވެގެންވާ، ކަންކަން ތަދުބީރު ކުރައްވައި ޙިކުމަތްވަންތަ ރަޙީމުވަންތަ އިލާހުގެ ހުސްޠާހިރުކަމާއެވެ. އަދި އެއިލާހުގެ ޙިކުމަތުން ގެއްލުންދެނިވި ކަންކަން މެދުވެރިވެއެވެ. އަދި އެއިލާހުގެ ރަޙުމަތުން ފައިދާދެނިވި ކަންކަން މެދުވެރިވެއެވެ. އެއިލާހުގެ ހުރިހާ ޢަމަލުފުޅަކަށް އަހަރެން ޙަމްދު ކުރަމެވެ. އަދި އެއިލާހުގެ ތަނަވަސް ދެއްވުންތަކަށް އަހަރެން ޝުކުރުވެރިވަމެވެ. އަދި ﷲމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއް ނުވާކަމަށް އަޅުހެކިވަމެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އެއިލާހު ޝަރުޢު ކުރެއްވި ކަންތައްތައް ފުރިހަމަ ކުރެއްވިއެވެ. އަދި އެއިލާހުގެ ހުރިހާ އުފެއްދުމެއް ނެތުމުގެ ތެރެއިން އުފެއްދެވިއެވެ. އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅުހެކިވަމެވެ. ކުފުރު ފެތުރި، ކުފުރު (މީސްތަކުންގެ މެދުގައި) މަތިވެރިވެގެންވަނިކޮށް އެއިލާހު އެކަލޭގެފާނު ފޮނުއްވެވިއެވެ. އޭރު ކުފުރުވަނީ މީސްތަކުންގެ މައްޗަށް ވެރިވެގަނެފައެވެ. ދެންފަހެ އެކަލޭގެފާނު ވަޑައިގެން އެކުފުރު ބަލިކުރެއްވިއެވެ. އަދި ނިކަމެތި ކުރެއްވިއެވެ. އަދި ކުފުރުގެ ނުބައިކަން މައްސުނިވެފައި ވަނިކޮށް އެކުފުރު ވަކިވަކި ކުރެއްވިއެވެ. (އެބަހީ: ކުފުރާ ތައުޙީދު ވަކިކުރެއްވިއެވެ.) ﷲތަޢާލާ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ ސާޙިބާ އަބޫ ބަކުރުގެފާނުގެ މައްޗަށްވެސް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނުގެ ހިތްވަރުގަދަކަން، މުރުތައްދުވި މީހުންނާ ދެކޮޅަށް ހަނގުރާމަކުރެއްވި ދުވަހު ފާޅުވިއެވެ. އަދި ޢުމަރުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނުގެ ސަބަބުން އިސްލާމްދީން މަތިވެރިވެ އިސްލާމްދީނަށް ބާރު ލިބިގެން ދިޔައެވެ. އަދި ޢުޘްމާނުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އަނިޔާލިބިގެންވާޙާލު އެކަލޭގެފާނު ޝަހީދުކޮށްލެވުނެވެ. ބިދުޢައެއްގައި ބައިވެރިވި ބޭކަލެއްކަމުގައި އެކަލޭގެފާނު ވެވަޑައިނުގަންނަވައެވެ. އަދި ޢަލީގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނު ޖިހާދުކުރައްވައި ކުފުރު ބާޠިލުކުރައްވާ، ނިކަމެތި ކުރެއްވިއެވެ. އަދި ނަމާދުކުރާމީހާ ނަމާދު ކުރާހާ ހިނދަކު، އެކަލޭގެފާނުގެ އެންމެހާ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތް ލައްވާށިއެވެ. އަދި ގިނަގުނަވެގެންވީ ސަލާމުން ސަލާމް ލައްވާށިއެވެ.

އަޚުންނޭވެ! ﷲ ތަޢާލާ ވީޙީ ކުރެއްވިއެވެ. ﴿إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ  فَرِيضَةً مِّنَ اللَّـهِ  وَاللَّـهُ عَلِيمٌ حَكِيمٌ﴾ [التوبة: 60] މާނައީ: “ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲގެ ޙަޟުރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމް ވަންތަ އިލާހެވެ.”

ފަހެ ﷲ ތަޢާލާ މިއާޔަތުގައި، އެއިލާހުގެ ޢިލްމާއި ޙިކުމަތާއި ޢަދުލުވެރިކަމާއި ރަޙުމަތުން، ޒަކާތް ޙައްޤުވެގެންވާ މީހުން ބަޔާންކުރައްވާފައި ވެއެވެ. އަދި އެބައިމީހުން އަށް ބަޔަކަށް ބައްސަވާފައި ވެއެވެ. އަދި އެމީހުންނަށް ޒަކާތް ބެހުމަކީ ލާޒިމު ފަރުޟެއްކަމުގައި ބަޔާންކުރައްވާފައި ވެއެވެ. އަދި މިފަދައިން ބައިބައި ކަނޑައެޅުން ބިނާވެފައިވަނީ ﷲ ތަޢާލާގެ ޢިލްމުފުޅާއި އެއިލާހުގެ ޙިކުމަތުގެ މައްޗަށެވެ. އަދި މި ޙައްދުތައް ފަހަނަ އަޅައި އެނޫންބަޔަކަށް ޒަކާތް ބެހުން ހުއްދަވެގެން ނުވެއެވެ. އެހެނީ ﷲތަޢާލާ އެއިލާހުގެ ޚަލްޤުތަކުންގެ މަޞްލަޙަތުތައް އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ކަމެއް އެކަމެއްގެ މަޤާމުގައި ބޭންދުމަށް އެއިލާހު ޙިކްމަތްތެރިވެ ވޮޑިގެންވެއެވެ. ﴿وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ﴾  [المائدة: 50 ] މާނައީ: “ޔަޤީންކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމް ކުރެއްވުމަށް މޮޅީ ފަހެ ކާކުހެއްޔެވެ؟”

ޒަކާތުގެ ޙައްޤުވެރިންގެ ތެރެއިން ފުރަތަމަ އަދި ދެނަވަ ބަޔަކީ: ފަޤީރުންނާއި މިސްކީނުންނެވެ. އެމީހުންނަކީ އެމީހުންނަށާއި އެމީހުންގެ ޢާއިލާއަށް ފުދޭ މިންވަރަށް ނުލިބޭ މީހުންނެވެ. ފައިސާ އެމީހުންގެ އަތުގައި ނެތުމާއި މުސާރައެއް ލިބޭ ބަޔަކަށް ނުވުމާ އަދި އުފެއްދުންތެރި މަސައްކަތެއް ލިބިފައި ނުވުމާއި (ކުރާ މަސައްކަތަކުން) ފުދޭ މިންވަރެއްގެ ފައިދާއެއް ނުލިބުމާ އަދި އޭނާ ފިޔަވައި އޭނާ ބެލުމުގެ ދަށުގައިވާ މީހުންނަށް ވާޖިބު ހޭދަކުރުންތައް ހޭދަ ކުރެވެން ނެތިފައިވާ މީހުންނެވެ. ފަހެ އެމީހުންނީ އެހެން މީހުންގެ އެހީތެރިކަމަށް ބޭނުން ޖެހިފައި ތިބި މީހުންނެވެ.

ޢިލްމުވެރިން ވިދާޅުވެއެވެ. ފަހެ އެމީހުންނާއި އެމީހުންގެ ޢާއިލާތަކަށް އަހަރަކަށް ފުދޭވަރަށް ޒަކާތުން ބައެއް ދެވިދާނެއެވެ. އަދި ފަޤީރު މީހާ ކައިވެނިކުރުމަށް، ކައިވެންޏަށް ފުދޭ މިންވަރަށް ދެވިދާނެއެވެ. އަދި ފަޤީރު ކިޔަވާ ކުއްޖާއަށް، އޭނާއަށް ބޭނުންވާ މިންވަރަށް ފޮތް ގަތުމަށްޓަކައި ދެވިދާނެއެވެ. އަދި އޭނާއަށާއި އެނާގެ ޢާއިލާއަށް، ލިބޭ މުސާރައިން ނުފުދޭ މީހުންނަށް އެމީހުންގެ ބޭނުންތައް ފުދޭ މިންވަރަށް ޒަކާތުން ދެވިދާނެއެވެ. އެހެނީ އޭނާއަކީ ޙާޖަތްތެރިވެފައިވާ މީހެކެވެ.

ފުދޭ މިންވަރަށް ލިބޭމީހާއަށް ޒަކާތުން ބައެއްދިނުން ހުއްދަވެގެން ނުވެއެވެ. އެއީ އެނާ ސަލާންޖެހި ކަމުގައިވިޔަސްމެއެވެ. އަދި ކިއެއްހެއްޔެވެ! އޭނާއަށް ނަޞޭޙަތްދީ އަދި ސަލާންޖެހުމުގެ ނުބައިކަން ބުނެދީ އިންޛާރު ކުރުން ވާޖިބުވާނެއެވެ. ޢަބްދުﷲ ބުން ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. «لَا تَزَالُ الْمَسْأَلَةُ بِأَحَدِكُمْ حَتَّى يَلْقَى اللهَ، وَلَيْسَ فِي وَجْهِهِ مُزْعَةُ لَحْمٍ»[1] މާނައީ “އެމީހެއްގެ މޫނުގައި މަސްކޮޅެއް ނުވާ ޙާލުގައި ﷲ ތަޢާލާއާ ބައްދަލުވެއްޖައުމަށް ދާންދެން ތިޔަބައިމީހުންކުރެ މީހަކު ސަލާންޖެހުންމަތީ ދެމި ހުރެއެވެ.”

އަދި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. «مَنْ سَأَلَ النَّاسَ أَمْوَالَهُمْ تَكَثُّرًا، فَإِنَّمَا يَسْأَلُ جَمْرًا فَلْيَسْتَقِلَّ أَوْ لِيَسْتَكْثِرْ» [2] މާނައީ: ” (ޙާޖަތްތެރިވެގެން ނުވާ މީހަކު) މުދާ އިތުރު ކުރުމުގެ ގޮތުން، މީސްތަކުން ކައިރިން އެމީހުންގެ މުދަލަށް އެދި ސަލާންޖަހާ މީހާ ދަންނައެވެ. ހަމަކަށަވަރުން އެ އެދެނީ ނަރަކައިގެ އަނގުރު އަލިފާނަށްކަން ކަށަވަރެވެ. ފަހެ އޭނާ ސަލާންޖެހުން މަދު ކުރާށެވެ. ނުވަތަ އިތުރު ކުރާށެވެ.”

އަދި ޙަކީމު ބުން ޙިޒާމް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަށް ޙަދީޘް ކުރެއްވިއެވެ. «إِنَّ هَذَا المالَ خَضِرَةٌ حُلْوَةٌ، فَمَنْ أَخَذَهُ بِسَخَاوَةِ نَفْسٍ بُورِكَ لَهُ فِيهِ، وَمَنْ أَخَذَهُ بِإِشْرَافِ نَفْسٍ لَمْ يُبَارَكْ لَهُ فِيهِ، كَالَّذِي يَأْكُلُ وَلاَ يَشْبَعُ، اليَدُ العُلْيَا خَيْرٌ مِنَ اليَدِ السُّفْلَى» [3] މާނައީ: “ހަމަކަށަވަރުން މި މުދަލަކީ ފޮނި މޭވާއެއްފަދަ އެއްޗެކެވެ. ފަހެ ދީލަތިވުމުގެ ނަފްސަކާއިގެން އެމުދާ ހޯދައިފި މީހެއްގެ މުދަލުގައި ބަރަކާތް ލެއްވިގެން ވެއެވެ. އަދި މީސްތަކުން ކައިރި އެދިގެން އެމުދާ ހޯދައިފި މީހެއްގެ މުދަލުގައި ބަރަކާތް ލެއްވިގެން ނުވެއެވެ. އަދި އޭނާ ވެގެންދާނީ ކައިގެން ބަނޑު ނުފުރޭފަދަ މީކަށެވެ. ދަށުގައިވާ އަތަށްވުރެ މަތީގައިވާ އަތް ހެޔޮކަން ބޮޑުވެގެންވެއެވެ.”

އަދި ޢަބްދުއް ރަޙްމާނު ބުން ޢައުފު ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((وَلا يَفْتَحُ عَبْدٌ بَابَ مَسْأَلَةٍ إِلا فَتَحَ اللهُ عَلَيْهِ بَابَ فَقْرٍ)) [4] މާނައީ: “ސަލާންޖެހުމުގެ ދޮރެއް އަޅަކު ހުޅުވައިފިނަމަ، ފަޤީރުކަމެއްގެ ދޮރެއް އޭނާއަށްޓަކައި ﷲ ތަޢާލާ ހުޅުވައިދެއްވާނެއެވެ.”

އެމީހެއްގެ ގައިގައި މުއްސަނދިކަމުގެ ޢަލާމާތެއް ހުރި މީހަކު ޒަކާތުގެ މުދަލަށް އެދިއްޖެނަމަ، އަދި ޒަކާތް ދޭންހުރި މީހަކަށް އޭނާގެ ޙާލަތު ނޭނގޭނަމަ، މުއްސަނދިންނާއި އާމްދަނީ ހޯދުމުގެ ކުޅަދާނަކަން ހުރި މީހަކަށް ޒަކާތުން އެއްވެސް މިންވަރެއް ނުވާކަން އޭނާއަށް އެންގުމަށްފަހުގައި، އޭނާއަށް ދިނުން ހުއްދަވެގެން ވެއެވެ. އެހެނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ދެމީހަކު އައެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި އެދެމީހުން ޒަކާތުގެ މުދަލަށް އެދި ސަލާންޖެހިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެދެމީހުންނާ ދިމާއަށް އެނބުރި ބައްލެވިއެވެ. އެހިނދު އެކަލޭގެފާނަށް ބާރުގަދަ ދެމީހުންގޮތުގައި އެދެމީހުން ފެނުނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((إِنْ شِئْتُمَا أَعْطَيْتُكُمَا، وَلَا حَظَّ فِيهَا لِغَنِيٍّ، وَلَا لِقَوِيٍّ مُكْتَسِبٍ)) [5] މާނައީ: “ތިޔަދެމީހުން އެދޭނަމަ ތިމަންކަލޭގެފާނު ދެއްވާނަމެވެ. އަދި މުއްސަންޖަކަށާއި އާމްދަނީ ހޯދުމުގެ ކުޅަދާނަކަންހުރި މީހަކަށް ޒަކާތުން ޙައްޤުވެގެން ނުވެއެވެ.”

ޒަކާތުގެ ޙައްޤުވެރިންގެ ތެރެއިން ތިންވަނަ ބަޔަކީ: ޒަކާތުގެ ނެގުމުގައި މަސައްކަތްކުރާ ޢާމިލުންނެވެ. އެއީ ޒަކާތް ދައްކަންޖެހޭ މީހުންގެ އަތުން ޒަކާތް ނަގައި ޖަމާކޮށް، އެތަކެތި ރައްކާތެރިކޮށް އެތަކެތި ބެހުމަށްޓަކައި ވަލިއްޔުލްއަމުރު ކަނޑައަޅާ ބައެކެވެ. އެމީހުންނަށް، އެމީހުން މަސައްކަތް ކުރާ މިންވަރެއްގެ މައްޗަށް ޒަކާތުން ދެވޭނެއެވެ. އެއީ މުއްސަނދިން ކަމުގައިވިޔަސް މެއެވެ. އަދި މީސްތަކުންގެ ތެރެއިން ވަކި ފަރުދަކަށް ޒަކާތް ބަހައިދިނުމަށްޓަކައިވާ ކަނޑައަޅާ ވަކީލުންނަކީ ޢާމިލުންގެ ތެރެއިން ހިމެނޭނެ ބައެއް ނޫނެވެ. އަދި އެމީހުންނަށް ޒަކާތުން ބައެއް ޙައްޤުވެގެން ނުވެއެވެ. ސަބަބަކީ އެމީހުން ވަކީލުންގެ ގޮތުގައި ވުމުންނެވެ. އެހެންނަމަވެސް އަމާނާތްތެރިކަމާއި އެމީހުންގެ މަސައްކަތާއެކު ޒަކާތް ބެހުމަށްޓަކައި ހިލޭސާބަހަށް އިސްނަގާ މީހުން އެކަމުގެ ޘަވާބުގައި ހިއްސާވާނެއެވެ. އެއީ އިމާމު ބުޚާރީ، އަބޫ މުސާ އަލްއަޝްޢަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((الخَازِنُ المُسْلِمُ الأَمِينُ، الَّذِي يُنْفِذُ[6] – وَرُبَّمَا قَالَ: يُعْطِي – مَا أُمِرَ بِهِ كَامِلًا مُوَفَّرًا طَيِّبًا بِهِ نَفْسُهُ، فَيَدْفَعُهُ إِلَى الَّذِي أُمِرَ لَهُ بِهِ أَحَدُ المُتَصَدِّقَيْنِ))[7] މާނައީ: “އެމީހެއްގެ ނަފްސު ސާފުވެގެންވާ ހާލު އޭނާއަށް އަމުރުވެވިގެންވާ ކަންތައް ފުރިހަމައަށް އަދާކޮށް، އޭނާއަށް އަމުރުވެވިގެންވާ ފަރާތަށް އެތަކެތި ހަވާލުކުރުމަށްޓަކައި ހަވާލުވާ މުސްލިމު އަމާނާތްތެރި ބަނޑޭރިމީހަކީ ޞަދަޤާތް ކުރި ދެމީހުންކުރެ އެކަކެވެ.” އަދި ހިލޭސާބަހަށް ޒަކާތް ބެހުމަށްޓަކައި އިސްނުނަގާ މީހާއަށް، މުދަލުގެ ވެރިޔާ އޭނާގެ މުދަލުން މިންވަރެއް އޭނާއަށް ދޭނީއެވެ. ޒަކާތުގެ މުދަލުގެ ތެރެއަކުން ނޫނެވެ.

ހަތަރުވަނަ ބަޔަކީ: ހިތްތައް އެކުވެރި ކުރުވުމަށްޓަކައި ދޭ މީހުންވެ. އެމީހުންނީ އީމާންކަން ބަލިކަށި މީހުންނެވެ. ނުވަތަ އެމީހުންގެ ނުރައްކަލަށް ބިރުވެތިވެވޭ މީހުންނެވެ. އެމީހުންގެ އީމާންކަން ވަރުގަދަވުމަށްޓަކައި ޒަކާތުން މިންވަރެއް ދެވިދާނެއެވެ. ނުވަތަ އެމީހުންގެ ނުބައިކަން އެއްކިބާކުރުވުމަށްޓަކައި ޒަކާތުން މިންވަރެއް ދެވިދާނެއެވެ. އެއީ އެމީހުންނަށް މިންވަރެއް ދީގެން މެނުވީ އެމީހުންގެ ނުބައިކަން އެއްކިބާ ނުކުރެވޭނެކަމުގައި ވާނަމައެވެ.

ފަސްވަނަ ބަޔަކީ: އަޅުންނެވެ. އެމީހުންނީ އެމީހުންގެ އަމިއްލަ ނަފްސުތައް އެމީހުންގެ ސައްޔިދު މީހާގެ އަތުން ގަނެފައިވާ މުކާތިބު އަޅުންނެވެ. ފަހެ އެމީހުންގެ ސައްޔިދު މީހާއަށް އަދާކުރަންޖެހޭ މިންވަރު ޒަކާތުގެ މުދަލުން ދެވިދާނެއެވެ. އެއީ އެއިން އެމީހުންގެ ނަފްސުތައް މިނިވަން ކުރުމަށްޓަކައެވެ. އަދި އަޅަކުގަނެ އޭނާ މުނިވަންކުރުންވެސް ހުއްދަވެގެން ވެއެވެ. އެހެނީ އެއީ އަސީރުވެފައިވައި މުސްލިމަކު މިނިވަން ކުރުމެވެ. އެހެނީ އަޅުންނާމެދު އައިސްފައިވާ ޢާންމު ދަލީލުގެ ތެރެއަށް އެކަންތައް ވަންނާތީއެވެ.

ހަވަނަ ބަޔަކީ: ދަރަނިވެރިންނެވެ. އެއީ އެމީހުންގެ ދަރަނިވެރިކަން ތަހައްމަލު ކުރަމުންދާ މީހުންނެވެ. މިމީހުން ދެބަޔަކަށް ބެހިގެން ވެއެވެ.

ފުރަތަމަ ބަޔަކީ: ދެމީހެއްގެ ދެމެދު އިޞްލާޙު ކުރުމަށްޓަކައި އަދި ދެމީހެއްގެ ދެމެދު އޮތް ފިތުނައިގެ ހުޅުގަނޑެއް ނިއްވާލުމަށްޓަކައި އެހުންމީހެއްގެ ދަރަނީގެ ޒިންމާ އުފުލާފައިވާ މީހާއެވެ. އޭނާ އެޒިންމާ އުފުލާފައިވާ މިންވަރަކަށް ޒަކާތުން ބައެއް ދެވިދާނެއެވެ. އެއީ އޭނާ އެކުރަން އުޅޭ މަތިވެރިކަންތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެއީ މުސްލިމުންގެ މެދުގައި އެކުވެރިކަން ދެމެހެއްޓުމާއި އެމީހުންގެ ދެމެދު އިސްލާޙުކޮށް ފިތުނައިގެ ހުޅުގަނޑު ނިއްވާލައި ދެކޮޅުވެރިކަމާއި ރުޅިވެރިކަން ނެތިކޮށްލުމެވެ. ޤަބީޞާ އަލްހިލާލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ތިމަންކަލޭގެފާނު ދެމީހެއްގެ ދެމެދު އިޞްލާޙު ކުރުމަށްޓަކައި އެހެން މީހެއްގެ ދަރަންޏެއްގެ ޒިންމާ ނެގީމެވެ. ދެން ތިމަންކަލޭގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެދަރަނީގެ މިންވަރު ދިނުމަށް އެދި އައީމެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((أَقِمْ حَتَّى تَأْتِيَنَا الصَّدَقَةُ، فَنَأْمُرَ لَكَ بِهَا، قَالَ: ثُمَّ قَالَ: ” يَا قَبِيصَةُ إِنَّ الْمَسْأَلَةَ لَا تَحِلُّ إِلَّا لِأَحَدِ ثَلَاثَةٍ رَجُلٍ، تَحَمَّلَ حَمَالَةً، فَحَلَّتْ لَهُ الْمَسْأَلَةُ حَتَّى يُصِيبَهَا، ثُمَّ يُمْسِكُ)) [8] މާނައީ: “ތިމަންކަލޭގެފާނުގެ އަރިހަށް ޒަކާތުގެ މުދާ އަންނަންދެން މަޑުކުރައްވާށެވެ. ދެން އެއިން ތިބާއަށް ދިނުމަށް ތިމަންކަލޭގެފާނު އަމުރުކުރައްވާ ހުށީމެވެ.” އެއަށްފަހުގައި ޙަދީޘްކުރެއްވިއެވެ. “އޭ ޤަބީޞާއެވެ. ތިންކަމަކަށްޓަކައި މެނުވީ ސަލާންޖެހުން ހުއްދަވެގެން ނުވެއެވެ. އެއީ އިސްލާހުކުމަށްޓަކައި މީހެއްގެ ދަރަނީގެ ޒިންމާ އުފުލާފި މީހަކަށް، އޭނާއަށް އެވަރު ލިބެންދެން ސަލާންޖެހުން ހުއްދަވެގެން ވެއެވެ. ދެން އެއަށްފަހުގައި ސަލާންޖެހުމުން ދުރުވެގަންނާށެވެ.” ދެން ޙަދީޘްގެ ބާކީ އޮތްބައި ރާވީ ކިޔައިދެއްވިއެވެ.

އަދި ދެވަނަ ބަޔަކީ: ދަރަނި އަދާކުރެވޭނެ މިންވަރު ނެތްމީހަކު އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށްވާ ދަރަންޏެއްގެ ބުރަ އުފަލަމުންދާ މީހާއެވެ. ފަހެ އޭނާގެ ދަރަނި އަދާކުރެވޭ މިންވަރަށް އޭނާއަށް ޒަކާތުން މިންވަރެއް ދެވިދާނެއެވެ. އެއީ ކިތަންމެ ގިނައިންކަމުގައިވީނަމަވެސް މެއެވެ. ނުވަތަ ދަރަނި ދޫކުރި ފަރާތުން އެދޭ މިންވަރަށް ދެވިދާނެއެވެ. އެއީ އޭނާ ދަރަނިވެރިވެފައިވާ މިންވަރުކަމުގައި ނުވިނަމަވެސް މެއެވެ. އެހެނީ ދަރަނި ދޫކުރިފަރާތުން އެދޭ މިންވަރު ހަވާލުކުރުމުން ދަރަނިވެފައިވެފައި މިންވަރު އަދާކުރުމުގެ ޒިންމާއިން ބަރީއަވުމުގެ މަޤްޞަދު ޙާޞިލުވާނެތީއެވެ.

ހަތްވަނަ ބަޔަކީ: ﷲގެ މަހުގައި ހޭދަކުރުމުގެ ބައެވެ. އެއީ ﷲގެ ކަލިމަފުޅު މަރިވެރި ކުރުމުގެ ޤަޞްދުގައި ﷲގެ މަގުގައި ޖިހާދު ކުރުމަށް ހޭދަކުރުމެވެ. ޤައުމިއްޔަތަށްޓަކައި ނުވަތަ ޢަޞަބިއްޔަތައްޓަކައި ކުރާ ހަނގުރާމައަކަށް ނޫނެވެ. މުޖާހިދަކަށް އޭނާގެ ޖިހާދަށް ބޭނުންވާ މިންވަރަށް ޒަކާތުން މިންވަރެއް ދެވިދާނެއެވެ. ނުވަތަ އިސްލާމް ދީން ހިމާޔަތްކޮށް ﷲގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި، ހަތިޔާރާއި ޖިހާދުކުރުމަށް ބޭނުންވާ ސާމާނު ޒަކާތުގެ މުދަލުން ގަނެވިދާނެއެވެ.

އަށްވަނަ ބަޔަކީ: ދަތުރުވެރިންނެވެ. އެއީ އޭނާގެ އަތުގައިވާ މުދާތައް ހުސްވުމުގެ ސަބަބުން ދަތުރު މެދުކެނޑިފައިވާ ދަތުރުވެރިޔާއެވެ. އޭނާގެ ޤައުމަށް އެނބުރި ދެވެންދެން އޭނާއަށް ބޭނުންވާ މިންވަރަށް ޒަކާތުން ބައެއް ދެވިދާނެއެވެ. -އޭނާއަކީ މުއްސަންޖެއްކަމުގައި ވެފައި އަދި ދަރަންޏެއް ލިބެންއޮތް މީހެއްކަމުގައި ވިޔަސް މެއެވެ.- އެހެންނަމަވެސް ދަތުރަށް ކުޑަ މިންވަރެއް ހިފައިގެންގޮސް އެމުދާ ހުސްވުމުން، ޒަކާތުގެ މުދާ ނެގުމުގެ ޤަޞްދުގައި ދަތުރުކުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ އެއީ އޭނާއަށް ޙައްޤުވެގެން ނުވާ އެއްޗެއް ހޯދައިގަތުމަށްޓަކައި މަކަރު ހެދުމެވެ.

އެމީހުންގެ ހިތްތައް އިސްލާމް ދީނަށް ލޯބި ޖެއްސުމުގެ ގޮތުން މެނުވީ އެއްވެސް ކާފިރަކަށް ޒަކާތުގެ މުދަލުން މިންވަރެއް ދިނުން ހުއްދަވެގެން ނުވެއެވެ. ޢާމިލުންނާއި ﷲގެ މަގުގައިވާ މުޖާހިދުންނާއި ދެމީހެއްގެ ދެމެދު އިޞްލާޙު ކުރުމަށްޓަކައި ދަރަނިވެފައިވާ މީހުން ފިޔަވައި، މުއްސަންޖަކަށް އޭނާގެ ވިޔަފާރިއަށް ނުވަތަ އޭނާގެ މަސައްކަތްތެރިކަމަށް ނުވަތަ އޭނާ އާމްދަނީ ހޯދުމަށްޓަކައި ކުރާ ކަމަކަށް ނުވަތަ އޭނާގެ މުސާރައަށް ނުވަތަ އޭނާގެ ވާޖިބު ހޭދަކުރުމަކަށް ފުދޭ މިންވަރަށް ޒަކާތުން ހޭދަކުރުން ހުއްދަވެގެން ނުވެއެވެ.

ވާޖިބެއްގެ ޒިންމާ ބަރީއަކުރުމަށްތަކައި ޒަކާތެއް ނުދެވޭނެއެވެ. މެހުމާނަކަށް މެހުމާނުދާރީގެ ބަދަލުގައި ޒަކާތެއް ނުދެވޭނެއެވެ. އަނބިމީހާއަށް ނުވަތަ ގާތްތިމާގެ މީހުންނަށް ކުރަންޖެހޭ ވާޖިބު ހޭދަކުރުމުގެ ބަދަލެއްގެ ގޮތުން ޒަކާތެއް ނުދެވޭނެއެވެ. ފަހެ ދަރަނި އަދާކުރާނެ ކުޅަދާނަކަން ލިބިފައި ނުވާ އަނބިމީހާއަށް ދަރަނި އަދާކުރަން ޒަކާތުން ދެވިދާނެއެވެ. އަދި ދަރަނި އަދާކުރުމުގެ ކުޅަދާނަކަން ލިބިފައި ނުވާ އޭނާގެ ދަރިއެއް ނުވަތަ ގާތްތިމާގެ މީހެއްގެ ދަރަނި އަދާކުރަން ޒަކާތުން ދެވިދާނެއެވެ.

އަދި އޭނާގެ މުދަލުން (އޭނާގެ އަހުލުވެރިންނަށް) ހޭދަކުރާނެހާ މިންވަރު ނުހުންނަމީހަކަށް ނުވަތަ އެފަދަ ކަމަކާހުރެ ގާތްތިމާގެ މީހަކަށް އޭނާގެ ޚަރަދުތައް އަދާ ކުރުމަށްޓަކައި ޒަކާތުން ދެވިދާނެއެވެ. އެއީ ޒަކާތް އަދާކުރާ މީހާގެ މައްޗަށް އެމީހަކަށް ޚަރަދުކުރުން ވާޖިބު މީހަކަށް ނުވާނަމައެވެ.

ފިރިމީހާގެ ދަރަނި އަދާކޮށްދިނުމަށްޓަކައި ނުވަތަ އެފަދަ ކަމަކަށްޓަކައި އަނބިމީހާގެ ޒަކާތް ފިރިމީހާއަށް ދެވިދާނެއެވެ. އެހެނީ ﷲތަޢާލާ ޒަކާތް ޙައްޤުވެގެންވާ މީހުން ކަނޑައެޅުއްވުމުގައި ގުޅުވާފައިވަނީ އާންމު ޞިފަތަކަކާއެވެ. އަހަރެމެން ޛިކުރުކުރި މީހުންނާއި އެހެނިހެން މީހުންވެސް މިކަމުގައި ޝާމިލުވެގެންވެއެވެ. އެސިފަތަކުން ސިފަކުރެވެއްޖެ މީހަކީ ޒަކާތް ޙައްޤުވެގެންވާ މީހެކެވެ. އެހެންކަމުން ނައްޞަކުން ނުވަތަ އިޖުމާޢަކުން މެނުވީ މިކަމުން ބޭރުވެގެން ނުދާނެއެވެ.

ޞަޙީޙައިންގައި ޢަބްދުﷲ ބުން މަސްޢޫދުގެ އަނބިކަނބަލުން، ޒައިނަބު އައްޘަޤަފިއްޔާގެ އަރިހުން ރިވާވެގެނެވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެނުންނަށް ޞަދަޤާތް ކުރުމަށް އަމުރުކުރެއްވިއެވެ. ދެން އެކަމަނާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ސުވާލު ދެންނެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. يَا نَبِيَّ اللَّهِ، إِنَّكَ أَمَرْتَ اليَوْمَ بِالصَّدَقَةِ، وَكَانَ عِنْدِي حُلِيٌّ لِي، فَأَرَدْتُ أَنْ أَتَصَدَّقَ بِهِ، فَزَعَمَ ابْنُ مَسْعُودٍ: أَنَّهُ وَوَلَدَهُ أَحَقُّ مَنْ تَصَدَّقْتُ بِهِ عَلَيْهِمْ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «صَدَقَ ابْنُ مَسْعُودٍ، زَوْجُكِ وَوَلَدُكِ أَحَقُّ مَنْ تَصَدَّقْتِ بِهِ عَلَيْهِمْ»[9] މާނައީ: “އޭ ﷲގެ ނަބިއްޔާއެވެ. ކަލޭގެފާނު ޞަދަޤާތް ކުރުމަށް މިއަދު އަމުރު ކުރައްވައިފީމުއެވެ. ވަރަށް ރަނގަޅުއެއްޗެއް ތިމަންކަމަނާގެ އަތުގައި އެބަ އޮތެވެ. އެއެތި ޞަދަޤަތްކުރުމަށް ތިމަންކަމަނާ ބޭނުމެވެ. އިބުނު މަސްޢޫދު ދެކިލައްވާ ގޮތުގައި އެއެތި ހޭދަކުރަން އެންމެ ޙައްޤުކަން ބޮޑީ އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ދަރިކަލުންނަށެވެ.” ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އިބުނު މަޞްޢޫދު ތެދު ހަދައިފިއެވެ! އެއެތި ހޭދަކުރުމަށް ކަމަނާގެ ފިރިކަލުންނާއި ދަރިކަލުން މާ ޙައްޤުކަން ބޮޑެވެ.” އަދި ސަލްމާނު ބުން ޢާމިރު ރަޟިޔަﷲ ޢަންހު ގެއަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((الصَّدَقَةُ عَلَى الْمِسْكِينِ صَدَقَةٌ، وَعَلَى ذِي الْقَرَابَةِ اثْنَتَانِ: صَدَقَةٌ وَصِلَةٌ)) [10] މާނައީ: “ފަޤީރަކަށް ޞަދަޤާތް ކުރުމަކީ ޞަދަޤާތެކެވެ. އަދި ރަޙިމުގެ ގުޅުންހުރި މީހަކަށް ޞަދަޤާތް ކުރުމުން ދެކަމެއް ވެއެވެ. ޞަދަޤާތަކަށްވުމާއި ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ.” (ރަޙިމުގެ ގުޅުންހުރި މީހުންނަކީ) ގާތްތިމާގެ މީހުންނެވެ. އެއީ ދުރުވިއަސް ގާތްވިޔަސް މެއެވެ.

އަދި ފަޤީރަކަށް ދީފައިވާ ދަރަނި ޒަކާތުގެ ނިޔަތްގަނެ މާފުކޮށްދިނުން ހުއްދަވެގެން ނުވެއެވެ. އެހެނީ ޒަކާތަކީ ނަގާފައި ދެވޭ އެއްޗެކެވެ. ﷲތަޢާލާ ވަޙީ ކުރެއްވިއެވެ. ﴿خُذْ مِنْ أَمْوَالِهِمْ صَدَقَةً﴾ [التوبة: 103 ] މާނައީ: “އެމީހުންގެ މުދަލުން ޞަދަޤާތެއް ކަލޭގެފާނު ނަންގަވާށެވެ.” އަދި ނަބިއްޔާ ޞާއްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. « أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ» [11] މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ އެބައިމީހުންގެ މައްޗަށް އެބައިމީހުންގެ މުދަލުން ޒަކާތް ފަރުޟު ކުރެއްވިއެވެ. އެމީހުންގެ މުއްސަދިންގެ އަތުން ނެގެއެވެ. އަދި ފަޤީރުންނަށް ރައްދު ކުރެވެއެވެ.” ފަޤީރު މީހާއަށް ދަރަނި މާފުކޮށްދިނުމަކީ ޒަކާތް ނަގައި އަދި އޭތި ރައްދު ކޮށްދިނުމެއް ނޫނެވެ. އެހެނީ ފަޤީރުންގެ އަތުގައިވާ ދަރަންޏަކީ ފެންނަން ނެތް އެއައް ގޮތެއް ނުހެދޭ އެއްޗެކެވެ. އެހެންކަމުން ހާޟިރުގައި ފެންނަންހުރެ އެއަށް ގޮތްހެދޭ މުދަލެއްގެ ބަދަލުގައި އެދަރަނި ނުފުއްދެއެވެ. އެހެނީ ދަރަންޏަކީ ޙާޟިރުގައި ފެންނަން ހުންނަ މުދަލަކަށްވުރެ އޭގެ ޒާތުގައި އޭތި މަދުވެފައި ދައްއެއްޗެކެވެ. އެކަމަކުން ދަރަނި އަދާކޮށްދިނުމަކީ ރަނގަޅު އެއްޗެއް ލިބުމުގެ ބަދަލުގައި ދައްފަންތީގެ އެއްޗެއް އަދާކުރުން ކަހަލަ ކަމެކެވެ.

އަދި ޒަކާތުގެ އަހުލުވެރިޔާ ޒަކާތް ޙަޤު މީހަކަށް އޭތި ރައްދު ކޮށްދިނުމަށް ގަދައަޅައި މަސައްކަތް ކުރުމަށްފަހު އޭނާއަށް ޒަކާތް ޙައްޤު މީހެއްކަމަށް ހީވާ މީހަކަށް ޒަކާތް ދިނެވެ. ދެން އެއަށްފަހުގައި އޭނާ އަށް ކަންތައް ކުރެވުނީ އެއާ ޚިލާފަށްކަން އޭނާއަށް އެނގުނަސް (އެބަހީ: އޭނާއަށް ދެވުނީ ޙައްޤު ނޫން ފަރާތަކަށްކަން އެނގުނަސް) އެވެރުން އޭނާއަށް ފުދެއެވެ. އެހެނީ އޭނާ، އޭނާއަށް ކުޅަދާނަވީވަރަކަށް ﷲއަށް ތަޤުވާވެރިވިއެވެ. އަފި ﷲތަޢާލާ އެއްވެސް ނަފްސަކަށް އެނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ. ޞަޙީޙައިންގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. قال رجل: لَأَتَصَدَّقَنَّ … (فذكر الحديث وفيه:) فَوَضَعَهَا فِي يَدِ غَنِيٍّ، فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ عَلَى غَنِيٍّ، فقال: اللَّهُمَّ لَكَ الحَمْدُ… وَعَلَى غَنِيٍّ، فَأُتِيَ فَقِيلَ لَهُ: وَأَمَّا الغَنِيُّ فَلَعَلَّهُ يَعْتَبِرُ فَيُنْفِقُ مِمَّا أَعْطَاهُ اللَّهُ [12] މާނައީ: “މީހަކު ބުންޏެވެ. އަހަރެން ޞަދަޤާތް ކުރާނަމަވެ.” (ދެން ރާވީ ޙަދީޘް ކިޔާދެއްވިއެވެ. އަދި ޙަދީޘްގައި ހިމެނެއެވެ.) “އަދި އޭނާގެ ޞަދަޤާތް މުއްސަންޖަކަށް ދިނެވެ. ދެން ހެނދުނުވުމުން މީސްތަކުން އެކަމުގެ ވާހަކަ ދައްކަން ފެށިއެވެ. (މީސްތަކުން ކިޔާއުޅުނެވެ.) “މުއްސަންޖަކަށް ހޭދަ ކޮށްފިއެވެ.” ފަހެ، އޭނާ ބުންޏެވެ. الحمد لله އެވެ. އަހަރެން ހޭދަކުރީ މުއްސަންޖަކަށެވެ. އަދި ބުނެވެއެވެ. ފަހަރެއްގައި މުއްސަނދި މީހާއަށް ހެޔޮވިސްނިގެން ﷲގެ މަގުގައި ހޭދަކުރަން ފަށައިފާނެއެވެ.” އަދި އިމާމު މުސްލިމްގެ ރިވާޔަތުގައި ވެއެވެ. ((أَمَّا صَدَقَتُكَ فَقَدْ تُقُبِّلَتْ)) [13]  މާނައީ: “ފަހެ ތިބާގެ ޞަދަޤާތާމެދު ދަންނައެވެ. އެ ޤަބޫލުވެވިއްޖެއެވެ.”

މަޢްނު ބުން ޔަޒީދު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. وَكَانَ أَبِي يَزِيدُ أَخْرَجَ دَنَانِيرَ يَتَصَدَّقُ بِهَا، فَوَضَعَهَا عِنْدَ رَجُلٍ فِي المَسْجِدِ، فَجِئْتُ فَأَخَذْتُهَا، فَأَتَيْتُهُ بِهَا فَقَالَ: وَاللَّهِ مَا إِيَّاكَ أَرَدْتُ، فَخَاصَمْتُهُ إِلَى رَسُولِ اللَّهِ r، فَقَالَ: «لَكَ مَا نَوَيْتَ يَا يَزِيدُ، وَلَكَ مَا أَخَذْتَ يَا مَعْنُ»[14] މާނައީ:”ތިމަންކަލޭގެފާނުގެ ބައްޕަ ދީނާރުތަކަކުން ޞަދަޤާތް ކުރައްވަން ނެރުއްވައެވެ. އަދި އެދީނާރުތައް މިސްކިތުގައި އިން މީހެއްގެ ކައިރީ ބެހެއްޓެވިއެވެ. ދެން ތިމަންކަލޭގެފާނު އައިސް އެދީނާރުތައް ނެގީމެވެ. އަދި އެއެއްޗެހި ހިފައިގެން ބައްޕަގެ ކައިރިއަށް އައީމެވެ.” ބައްޕަ ވިދާޅުވިއެވެ. “ﷲ ގަންދީބުނަމެވެ. ތިބާއަށް އޭތި ލިބޭކަށް އަހަރެން ބޭނުމެއް ނުވެއެވެ.” ދެން ތިމަންކަލޭގެފާނު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް މިކަމުގެ ޝަކުވާ ކުރުމަށްޓަކައި އައީމެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އޭ ޔަޒީދެވެ. ކަލޭގެފާނު ނިޔަތްގަތްކަމެއް ކަލޭގެފާނަށް ވެއެވެ. އޭ މަޢްނުއެވެ. ކަލޭގެފާނު ނެގިއެއްޗެއް ކަލޭގެފާނަށް ވެއެވެ.”

އަޚުންނޭވެ! ހަމަކަށަވަރުން ﷲތަޢާލާ ލައްވަވާފައިވާ ގޮތަށް ޒަކާތް އަދާކޮށްގެން މެނުވީ އެކަން ޤަބޫލުވެވިގެން ނުވެއެވެ. ފަހެ ތިޔަބައިމީހުން އެކަން އެގޮތަށް ކުރުމުގައި ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ޒަކާތް އަދާކުރަންޖެހޭ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް އަވަސްވެގަންނާށެވެ. އެއީ ތިޔަބައިމީހުން ޒިންމާއިން ބަރީއަވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ މުދާތައް ޠާހިރު ވުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ ވެރި ރައްބުގެ އަމުރު ތަންފީޛުކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންގެ ޞަދަޤާތް ޤަބޫލު ވުމަށްޓަކައެވެ.

والله الموفِّق، والحمد لله رب العالمين، وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

 

________________________________

 

މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.

މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް

[1] البخاري الزكاة (1405) ، مسلم الزكاة (1040) ، النسائي الزكاة (2585) ، أحمد (2/15) .

[2] مسلم الزكاة (1041) ، ابن ماجه الزكاة (1838) ، أحمد (2/231) .

[3] البخاري الزكاة (1403) ، مسلم الزكاة (1035) ، الترمذي صفة القيامة والرقائق والورع (2463) ، النسائي الزكاة (2603) ، أحمد (2/527) ، الدارمي الرقاق (2750) .

[4] رواه أحمد ، وروى نحوه الترمذي من حديث أبي كبشة الأنماري وقال : حسن صحيح .

[5] النسائي الزكاة (2598) ، أبو داود الزكاة (1633) ، أحمد (5/362) .

[6] البخاري الزكاة (1371) ، مسلم الزكاة (1023) ، النسائي الزكاة (2560) ، أبو داود الزكاة (1684) ، أحمد (4/405) .

[7] البخاري الزكاة (1371) ، النسائي الزكاة (2560) ، أبو داود الزكاة (1684) ، أحمد (4/405) .

[8] مسلم الزكاة (1044) ، النسائي الزكاة (2579) ، أبو داود الزكاة (1640) ، أحمد (3/477) ، الدارمي الزكاة (1678) .

[9] البخاري الزكاة (1393) .

[10] الترمذي الزكاة (658) ، النسائي الزكاة (2582) ، ابن ماجه الزكاة (1844) ، أحمد (4/214) ، الدارمي الزكاة (1680) .

[11] البخاري الزكاة (1425) ، مسلم الإيمان (19) ، الترمذي الزكاة (625) ، النسائي الزكاة (2435) ، أبو داود الزكاة (1584) ، ابن ماجه الزكاة (1783) ، أحمد (1/233) ، الدارمي الزكاة (1614) .

[12] البخاري الزكاة (1355) ، مسلم الزكاة (1022) ، النسائي الزكاة (2523) ، أحمد (2/322) .

[13] البخاري الزكاة (1355) ، مسلم الزكاة (1022) ، النسائي الزكاة (2523) ، أحمد (2/322) .

[14] البخاري الزكاة (1356) ، أحمد (3/470) ، الدارمي الزكاة (1638) .