[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 82

85ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ الـمُطْلَقُ يَقْتَضِي التَّكْرَارَ وَالتَّأْبِيْدَ

މި ޤަވާޢިދުގެ ތަރުޖަމާ: {މުޠުލަޤު ނަހީން ލާޒިމު ކުރަނީ ތަކުރާރު ކުރުމާއި ދާއިމީކަން}

މި ޤަވާޢިދުގެ މުރާދު: މުޠުލަޤު ނަހީން ލާޒިމު ކުރަނީ، ނަހީކުރެވުނު ކަންތަކަށް ދާއިމީކޮށް ނިމުން ގެނައުމެވެ. އަދި ދާއިމީކޮށް އެ ކަންތަކާ ދުރުހެލިވުމެވެ. އެގޮތުން، އެ ކަންތަކަށް ނިމުން ގެނައުމުގައި އަދި އެ ކަންތަކާ ދުރުހެލިވުމުގައި ތަކުރާރުކޮށް އޭނާގެ މުޅި އުމުރުގައި ދެމިހުންނަން ވާނެއެވެ. އެއް ފަހަރު އެ ކަމަށް ނިމުން ގެނަޔަސް އަދި އެއް ފަހަރު އެ ކަމުން ދުރުހެލިވިޔަސް ނުފުދޭނެއެވެ. މިއީ، މުޙައްޤިޤުންގެ ރައުޔުކަމަށް އިބްނުލްޙާޖިބު ވިދާޅުވެފައި ވެއެވެ.

މިއާ ޚިލާފަށް، އިމާމުލްޙަރަމައިނި ވިދާޅުވާ ގޮތުން އަލްބާޤިއްލާނީ އިޚްތިޔާރުކުރައްވާފައިވާ، އަދި އައްރާޒީ ވެސް އިޚްތިޔާރުކުރައްވާފައިވާ ރައުޔެއްގައި ވަނީ، ނަހީން ތަކުރާރު ކުރުން ލާޒިމު ނުކުރާ ކަމުގައެވެ. އެހެންނަމަވެސް، މިއީ ބަލިކަށި ރައުޔެއްކަން ކަށަވަރެވެ. އެހެނީ، މި ރައުޔުން ލާޒިމު ކުރަނީ، ޙަޤީޤަތުގައި އެއްވެސް ފާފަވެރިޔަކު ނުވުމެވެ. ސަބަބަކީ، ކޮންމެވެސް ޒަމާނެއްގައި އެއް ފަހަރު އެ ނަހީއަށް ޢަމަލުކޮށް އެ ކަމުން ދުރުހެލިވެފައިވާނަމަ، އެ ނަހީއަށް ޢަމަލުކޮށްފައިވާ މީހަކު ކަމުގައި އޭނާ ވާނެތީއެވެ. އެގޮތުން، މި ރައުޔުގެ މައްޗަށް ބިނާކޮށް، މީހަކު ނިދާފައި އޮތް ވަގުތު، މިސާލަކަށް ޒިނޭކުރުން ދޫކޮށްލައިފިނަމަ، އަދި ދެން ހުރި ހުރިހާ ޒަމާނެއްގައި ޒިނޭކުރިކަމުގައި ވިޔަސް އޭނާއީ އެ ނަހީއަށް އަރައިގަތް މީހަކަށް ނުވާނެއެވެ. އެހެންނަމަވެސް، މި ކަމުގެ ބާޠިލުކަން އިޖުމާޢުން އެނގެއެވެ.

އަދި މިއާ ޚިލާފަށް، ތަފްސީލީ ރައުޔެއް އައްޒަރުކަޝީ ތަޚްރީޖުކުރައްވާފައި ވެއެވެ. އެއީ، ވާޤިޢު (ވަމުންދާ ކަންތައް) މެދުކަނޑައިލުމަށް ގެންގޮސްދޭ ނަހީއެއްނަމަ، މިސާލަކަށް: ހަރަކާތްކުރަމުންދާ މީހަކަށް [ތިބާ ހަރަކާތް ނުކުރާށޭ] ބުނެފިނަމަ، އެ ނަހީއަކީ އެއް ފަހަރު ދުރުހެލިވުމުގެ މާނަ ދޭހަކޮށްދޭ ނަހީއެކެވެ. އެހެންނަމަވެސް، ވާޤިޢު ގުޅުވައިދޭ އަދި އެ ގޮތުގައި ދަމަހައްޓައިދޭ ނަހީއެއްނަމަ، މިސާލަކަށް ގެއެއް ދޫކޮށްލައިފައި ދާ މީހަކަށް [ތިބާ އެ ގޭގައި ނޫޅޭށޭ] ބުނެފިނަމަ، އެ ނަހީއަކީ ދާއިމީކޮށް ދުރުހެލިވުމުގެ މާނަ ދޭހަކޮށްދޭ ނަހީއެކެވެ. އަދި ބޮޑަށް ބުރަވެވެނީ މި ތަފާތުކުރުން ބިނާވަނީ ޤަރީނާގެ މައްޗަށް ކަމުގައެވެ. އެއް ފަހަރުކަމުގެ ނުވަތަ ދާއިމީކަމުގެ މާނަ ލިބޭކަން ކަނޑައަޅާނީ ޤަރީނާއިންނެވެ.

ދެން ފަހެ، ނަހީގައި ވަކި މިންވަރަކަށް ތަކުރާރުކުރަން ޤައިދުކޮށްފައި ވާނަމަ، މިސާލަކަށް [މިވެނި ކަންތައް ތިން ފަހަރު ނުކުރާށޭ] ބުނެފިނަމަ، އެއިން ދޭހަކޮށްދެނީ އެ އަދަދަށް ތަކުރާރުކުރުން ކަމާ މެދު އެއްވެސް ދެބަސްވުމެއް ނެތެވެ. އެހެންނަމަވެސް، ނަހީގައި އެއް ފަހަރު ނުކުރަން ޤައިދުކޮށްފައި ވާނަމަ، މިސާލަކަށް [މިވެނި ކަމެއް އެއް ފަހަރު ނުކުރާށޭ] ބުނެފިނަމަ، އެއް ފަހަރު އެ ކަމުން ދުރުހެލިވުމުން ފުދޭނެތޯ ނުވަތަ ތަކުރާރުކޮށް ދުރުހެލިވާން ޖެހޭނެތޯ ކަނޑައެޅުއްވުމުގައި ޢިލްމުވެރިންގެ ތެރޭގައި ދެ ރައުޔެއް ވެއެވެ.

ފުރަތަމަ ރައުޔަކީ، އެއް ފަހަރަށް ޤައިދުކޮށްފިނަމަ ނަހީވެގެން ވަނީ އެއް ފަހަރުކަމަށް ބެލެވޭނެއެވެ. މިއީ، އަބޫ ޔަޢުލާއާއި އިބްނުއްސުބުކީ އިޚްތިޔާރުކުރެއްވި ރައުޔެވެ. އަދި އަލްމަރުދާވީއާއި އިބްނުއްނައްޖާރު ގިނަ ޢިލްމުވެރިންނަށް މި ރައުޔު ނިސްބަތްކުރައްވާފައި ވެއެވެ. އަދި އެ ދެ ބޭފުޅުން ވިދާޅުވެފައި ވަނީ، މިއީ ޝާފިޢީންގެ ތެރޭގައި އެނގިގެންވާ (މަޢުރޫފް) ރައުޔެއް ކަމުގައެވެ.

އަދި ދެވަނަ ރައުޔަކީ، އެއް ފަހަރަށް ޤައިދުކޮށްފިނަމަ އެއިން ދޭހަކޮށްދެނީ އެ ކަން ތަކުރާރުކޮށް ނުކޮށް ދޫކޮށްލުމެވެ. މުޠުލަޤު ނަހީގައި ވެސް އޮންނަ ފަދައިންނެވެ. މިއީ، އިބްނު މުފްލިޙު އިޚްތިޔާރުކުރެއްވި ރައުޔެވެ.

އަދި ޝަރުޠާއި ސިފަފަދަ ތަކުރާރުވާ ކަމަކާ ގުޅުވައިލާފައި އެ ކަމުން ނަހީ ޤައިދުކޮށްފައި ވާނަމަ، މުޠުލަޤު ނަހީން ތަކުރާރުކުރުން ލާޒިމު ކުރެއޭ ވިދާޅުވާ ބޭފުޅުންގެ ނަޒަރުގައި، މި ތަނުގައި ވެސް ތަކުރާރުކުރުން މާ އައުލާކަން ބޮޑެވެ. މިއާ ޚިލާފަށް، މުޠުލަޤު ނަހީން ތަކުރާރުކުރުން ލާޒިމު ނުކުރެއޭ ވިދާޅުވާ ބޭފުޅުންގެ ތެރޭގައި ދެ ރައުޔެއް ވެއެވެ. ފުރަތަމަ ރައުޔަކީ، އެއިން ތަކުރާރުކުރުން ލާޒިމެއް ނުކުރެއެވެ. އަދި ދެވަނަ ރައުޔަކީ، އެއިން ތަކުރާރުކުރުން ލާޒިމު ކުރެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ((لَعَنَ الْمُتَشَبِّهِينَ مِنَ الرِّجَالِ بِالنِّسَاءِ، وَلَعَنَ الْمُتَشَبِّهَاتِ مِنَ النِّسَاءِ بِالرِّجَالِ)) (އަންހެނުންނާ އެއްގޮތްވެގަންނަ ފިރިހެނުންނަށް ލަޢުނަތް ލެއްވި. އަދި ފިރިހެނުންނާ އެއްގޮތްވެގަންނަ އަންހެނުންނަށް ލަޢުނަތް ލެއްވި) ކަމަށް އޮންނަ ޙަދީޘެވެ. ލަޢުނަތް ލެއްވުމުން ދަލީލުކޮށްދެނީ އެއީ ޙަރާމްކަމެއް ކަމެވެ. މި ޙަދީޘްގައި އެ ކަން ނަހީކުރެވިފައި އެ ވަނީ، މުޠުލަޤުކޮށެވެ. އަދި ތަކުރާރުވާނޭހެން ދާއިމީ ގޮތެއްގައެވެ. އެހެންކަމުން، އެ ކަން ކޮށްފި ކޮންމެ ވަގުތެއްގައި ވެސް އެ ކަން ވާހުށީ ޙަރާމްކަމެއް ކަމުގައެވެ. ވީއިރު، އެއްވެސް ވަގުތެއްގައި އެ ކަން ކޮށްގެން ނުވާނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =