[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 83

86ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ يَقْتَضِي الفَسَادَ مُطْلَقًا

މި ޤަވާޢިދުގެ ތަރުޖަމާ: {ނަހީން މުޠުލަޤުކޮށް ލާޒިމު ކުރަނީ ފަސާދަވުން}

މި ޤަވާޢިދުގެ މުރާދު: ނަހީން ނަހީކުރެވުނު ކަންތައް މުޠުލަޤުކޮށް ފަސާދަވުމާއި އެ ކަންތަކަށް ބަރޯސާނުވެވުން ލާޒިމު ކުރެއެވެ. ނަހީކުރެވުނު އެ ކަންތަކަކީ، ޢިބާދާތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވިޔަސް، ނުވަތަ މުޢާމަލާތާއި ޢަޤްދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައި ވިޔަސް މެއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ. އަދި މި ރައުޔު މުޙައްޤިޤުންނަށާއި ޝާފިޢީއަށާއި އަަަޙްމަދަށާއި މާލިކީންނަށާއި ޙަންބަލީންނަށް ނިސްބަތްކުރެވިފައި ވެއެވެ. އަދި ޙަނަފީންނާއި ޝާފިޢީންނާއި ޡާހިރީންކުރެ ގިނަ ފިޤުހުވެރިންނަށް ނިސްބަތްކުރެވިފައި ވެއެވެ. އަދި އަބޫ ޔަޢުލާއާއި އަބުލްޚައްޠާބާއި އަލްބާޖީއާއި އައްޝީރާޒީއާއި އިމާމުލްޙަރަމައިނިއާއި އިބްނުއްސަމްޢާނީއާއި އިބްނު ޤުދާމާއާއި އައްޠޫފީއާއި އިބްނު ޢަބްދިއްޝަކޫރާއި އަލްޤާޟީ ޢަބްދުލްވައްހާބާއި އިބްނުލްޙާޖިބާއި އަލްމަރްދާވީ މި ރައުޔު އިޚްތިޔާރުކުރެއްވިއެވެ. އެހެންނަމަވެސް، ފަސާދަވުން ލާޒިމު ކުރަނީ ބަހަވީ ގޮތުން ލަފްޒުން އެ ގޮތަށް ލާޒިމު ކުރާތީތޯ ނުވަތަ ޝަރުޢީ ގޮތުން އެ ގޮތަށް ލާޒިމު ކުރާތީތޯ ކަނޑައެޅުއްވުމުގައި މި ބޭބޭފުޅުންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވެއެވެ. މި ތަނުން ގިނަ ބޭފުޅުންގެ ރައުޔަކީ، އެއީ އެ ގޮތަށް ޝަރުޢުން ލާޒިމު ކުރާތީއެވެ. ދެން ތިއްބެވި ބޭފުޅުންގެ ރައުޔަކީ، އެއީ އެ ގޮތަށް ބަހުން ލާޒިމު ކުރާތީއެވެ. އަދި އޭގެ ތެރެއިން ބައެއް ބޭފުޅުންގެ ރައުޔަކީ، އެއީ އެ ގޮތަށް މާނައިން ލާޒިމު ކުރާތީއެވެ.

މިއާ ޚިލާފަށް، ޙަނަފީންކުރެ މުޙައްމަދު ބްނުލްޙަސަނާއި އަބުލްޙަސަން އަލްކަރްޚީއާއި އަބޫ ޢަބްދުﷲ އަލްބަޞަރީއާއި މާލިކީންކުރެ އަބޫ ޢަބްދުﷲ އަލްއަޒަދީއާއި އަބޫ ޖަޢުފަރު އައްސަމްޢާނީއާއި އަދި ޝާފިޢީންކުރެ އަލްޤާޟީ އަލްބާޤިއްލާނީއާއި އަލްޣަޒާލީ އިޚްތިޔާރުކުރެއްވި ރައުޔެއްގައި ވަނީ، ނަހީން ނަހީކުރެވުނު ކަންތައް މުޠުލަޤުކޮށް ފަސާދަވުން ލާޒިމު ނުކުރާ ކަމުގައެވެ. އަދި ގިނަ އުޞޫލީ ޢިލްމުވެރިން މި ގޮތަށް ވިދާޅުވާ ކަމަށް އިލްކިޔާ ވިދާޅުވެފައި ވެއެވެ. އަދި އަބޫ ޙަނީފާއަށާއި އެ ބޭފުޅާގެ ގިނަ އެކުވެރިންނަށް މި ރައުޔު ނިސްބަތްކުރައްވާފައި ވެއެވެ.

އަދި މިއާ ޚިލާފަށް، އަބުލްޙުސައިންއާއި އައްރާޒީ އިޚްތިޔާރުކުރައްވާފައިވާ ރައުޔެއްގައި ވަނީ، ނަހީން ފަސާދަވުން ލާޒިމު ކުރަނީ ޢިބާދާތުގައެވެ. ޢަޤްދުތަކާއި މުޢާމަލާތުތަކުގައެއް ނޫނެވެ.

އަދި މި ނޫންވެސް އެތަކެއް ރައުޔެއް މި މައްސަލައިގައި ވާރިދުވެފައި ވެއެވެ.

ދެން ފަހެ، ޢިބާދާތުގައި ފަސާދަވުމާއި ބާޠިލުވުމަކީ އެކައްޗެކެވެ. އޭގެ އިދިކޮޅަކީ ޞައްޙަވުމެވެ. އަދި ފިޤުހުވެރިންގެ އަރިހުގައި ޢިބާދާތުގެ މައުޟޫޢުގައި ޞައްޙަވުމޭ ބުނެވޭ ބަހުގެ މުރާދަކީ، އެ ކަމެއް ޤަޟާކުރަން ދެން ނުޖެހުމެވެ. އަދި ފާސިދުވުމޭ ބުނެވޭ ބަހުގެ މުރާދަކީ، އެ ކަމެއް ޤަޟާކުރަން ޖެހުމެވެ.

އެހެންނަމަވެސް، މުޢާމަލާތުގައި ޢިލްމުވެރިން ޞައްޙަވުމާއި ފަސާދަވުން މާނަކުރާ ގޮތުގައި ކޮންމެވެސް ވަރެއްގެ ތަފާތެއް ވެއެވެ. ގިނަ ޢިލްމުވެރިންގެ އަރިހުގައި މުޢާމަލާތުގެ މައުޟޫޢުގައި ޞައްޙަވުމޭ ބުނެވޭ ބަހުގެ މުރާދަކީ، އެ ޢަޤްދުން ބޭނުންވި ނަތީޖާ ޙާޞިލުވެ ތަރުތީބުވެގެން ދިޔުމެވެ. ނުވަތަ އެ ޢަޤްދުގެ ހުރިހާ ރުކުންތަކާއި ޝަރުޠުތައް ފުރިހަމަ ވުމެވެ. އަދި ފަސާދަވުމޭ ބުނެވޭ ބަހުގެ މުރާދަކީ، އެ ނަތީޖާ ތަރުތީބުވެގެން ނުދިޔުމެވެ. ނުވަތަ އެ ޢަޤްދުގެ ކޮންމެވެސް ރުކުނެއް ނުވަތަ ޝަރުޠެއް ފުރިހަމަ ނުވުމެވެ. އަދި ގިނަ ޢިލްމުވެރިންގެ އަރިހުގައި މުޢާމަލާތުގައި ވެސް ފާސިދުކަމާއި ބާޠިލުކަމަކީ އެއް މާނައެއްގައި ބޭނުންކުރެވޭ ދެ ލަފްޒެކެވެ. މިއާ ޚިލާފަށް، ޙަނަފީންގެ އަރިހުގައި މުޢާމަލާތުގެ މައުޟޫޢުގައި ބާޠިލުވުމޭ ބުނެވޭ ބަހުގެ މުރާދަކީ، އެ ޢަޤްދެއްގެ އަޞްލު ވެސް އަދި ޞިފަ ވެސް ޝަރުޢުވެގެން ނުވާ ޢަޤްދެވެ. އަދި އެ ބޭފުޅުންގެ އަރިހުގައި ފާސިދުވުމޭ ބުނެވޭ ބަހުގެ މުރާދަކީ، އެ ޢަޤްދުގެ އަޞްލު ޝަރުޢުވެގެންވާ، އެހެންނަމަވެސް އޭގެ ޞިފަ ޝަރުޢުވެގެން ނުވާ ޢަޤްދެވެ. އެހެންކަމުން، މުޢާމަލާތުގައި ގިނަ ޢިލްމުވެރިންނާ ޚިލާފަށް، ޙަނަފީން ފާސިދުވުމޭ ވިދާޅުވަނީ ބާޠިލުވުމުގެ މާނައިގައެއް ނޫނެވެ.

މި ޤަވާޢިދުގެ މިސާލަކީ، ޙައްޖުގެ ތެރޭގައި ޢާއިޝާ ރަޟިޔަﷲ ޢަންހާ ޙައިޟުވުމުން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((افْعَلِي كَمَا يَفْعَلُ الْحَاجُّ غَيْرَ أَنْ لَا تَطُوفِي بِالْبَيْتِ حَتَّى تَطْهُرِي)) މާނައީ: [ޙައްޖުވެރިޔާ ކަންކުރާ ގޮތަށް ކަމަނާ ކަންތައް ކުރައްވާށެވެ! އެހެންނަމަވެސް، ގެފުޅު ވަށައިގެން ޠަވާފު ނުކުރައްވާށެވެ! ޠާހިރުވެއްޖައުމަށްދާންދެނެވެ.] މި ޙަދީޘުން ގިނަ ޢިލްމުވެރިން ދަލީލު ނަންގަވައި ވިދާޅުވަނީ، ޙައިޟުވެރިޔާ ޙައިޟުގެ ދުވަސްވަރު ގެފުޅު ވަށައިގެން ޠަވާފު ކޮށްފިނަމަ، އެ ވާހުށީ ބާޠިލު ކަމަކަށެވެ. ސަބަބަކީ، ޢިބާދާތުގައި ނަހީން ފަސާދަވުން ލާޒިމު ކުރާތީއެވެ. ޠަވާފު ކުުރުމީ ޢިބާދާތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި ޙައިޟުގެ މާނައިގެ ތެރޭގައި ޖުނުބުވެރިވުމާއި ޙަދަޘްވެރިވުން ހިމެނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =