87ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ بَعْدَ الأَمْرِ يَقْتَضِي الـحَظْرَ
މި ޤަވާޢިދުގެ ތަރުޖަމާ: {އަމުރަށްފަހު އޮންނަ ނަހީން ލާޒިމު ކުރަނީ ޙަރާމްކަން}
މި ޤަވާޢިދުގެ މުރާދު: ކަމެއް ކުރުމަށް އަމުރެއް ވާރިދުވެފައި، އޭގެ ފަހުން އެ ކަމުން ދުރުހެލިވުމަށް ނަހީއެއް ވާރިދުވެއްޖެނަމަ، އެއިން ލާޒިމު ކުރަނީ، އެ ކަންތައް ކުރުން ޙަރާމްވުމެވެ. ސަބަބަކީ، ނަހީ އައުމުގެ ކުރިން އެ ކަން އެއީ ވާޖިބުކަމެއް ކަމަށް ކަނޑައެޅިފައި އޮތުމީ، އެ ނަހީގެ ޞީޣާގެ ޙަޤީޤަތުން ލާޒިމު ކުރާ ޙަރާމްކަން އެހެން ގޮތަކަށް އަނބުރައިލާނޭ ޤަރީނާއެއް ކަމުގައި ނުވާތީއެވެ. އަދި އެހެންކަމުން، އެ ނަހީ އޭގެ އަޞްލު ގޮތުގައި އެ ހާލަތުގައި ވެސް އޮންނާނެތީއެވެ. މިއީ، އުޞޫލީ ޢިލްމުވެރިންކުރެ ގިނަ ބޭފުޅުންގެ ރައުޔެވެ.
މިއާ ޚިލާފަށް، ޙަންބަލީންކުރެ ބައެއް ބޭފުޅުންނަށް ނިސްބަތްކުރެވިފައިވާ ރައުޔެއްގައި ވަނީ، ނަހީއަށްވުރެ ވާޖިބު ކުރެއްވުން އިސްވެފައި އޮތުމީ، އެ ނަހީން ދޭހަކޮށްދެނީ މަކުރޫހުކަމުގެ މާނަކަން ދޭހަކޮށްދޭ ޤަރީނާއެއް ކަމުގައެވެ.
އަދި މިއާ ޚިލާފަށް، އެހެން ރައުޔެއްގައި ވަނީ، ނަހީގެ ޞީޣާއަށްވުރެ ވާޖިބު ކުރެއްވުން އިސްވެފައި އޮތުމީ، އެ ނަހީން ދޭހަކޮށްދެނީ މުބާޙުކަމުގެ މާނަކަން ދޭހަކޮށްދޭ ޤަރީނާއެއް ކަމުގައެވެ.
އަދި މިއާ ޚިލާފަށް، އަލްޣަޒާލީއަށް ނިސްބަތްކުރެވިފައިވާ ރައުޔެއްގައި ވަނީ، ވާޖިބު ކުރެއްވުމަށް ފަހު ނަހީގެ ޞީޣާއެއް ވާރިދުވުމީ، ނަހީގެ ކުރިން އެ އޮތް ވާޖިބުކަން ނައްތައިލައި، ވާޖިބު ކުރެއްވުމުގެ ކުރިން އޮތް ޙުކުމަށް އަލުން ރުޖޫޢަކޮށްދޭނޭ ކަމެއް ކަމުގައެވެ.
އަދި މިއާ ޚިލާފަށް، އިމާމުލްޙަރަމައިނި އަލްޖުވައިނީގެ ނަޒަރުގައި، ވާޖިބުކުރެއްވުމަށް އެ ކަން ނަހީ ކުރެވިއްޖެނަމަ، އެއިން ދަލީލުކޮށްދޭ ގޮތާ މެދު ވަކި ކޮޅެއް އިޚްތިޔާރު ނުކޮށް، ވަކި ގޮތަކަށް ޙުކުމް ނުކޮށް ހުއްޓި ހުންނާނީއެވެ.
ދެން ފަހެ، މި މައްސަލައިގައި ރައުޔުތަފާތުވުން އުފެދިފައި ވަނީ، ވާޖިބު ކުރެއްވުމަށް ފަހު (އެހެން ޢިބާރާތަކުންނަމަ، ވާޖިބުކަން ލާޒިމު ކުރާ އަމުރަކަށް ފަހު) އައިސްފައިވާ ނަހީއާ ގުޅޭ ގޮތުންނެވެ. މިއާ ޚިލާފަށް، މަންދޫބު ކުރެއްވުމަށް ފަހު ނުވަތަ މުބާޙު ކުރެއްވުމަށްފަހު އައިސްފައިވާ ނަހީން ދޭހަކޮށްދެނީ ޙަރާމްކަން ކަމާ މެދު އެއްވެސް ރައުޔުތަފާތުވުމެއް ނެތެވެ.
މި ޤަވާޢިދުގެ މިސާލަކީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (فَالْآَنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللَّهِ فَلَا تَقْرَبُوهَا كَذَلِكَ يُبَيِّنُ اللَّهُ آَيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ) (ސޫރަތުލްބަޤަރާ: 187 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންނާ ބީހިއުޅޭށެވެ! (އެބަހީ: ޖިމާޢުވުން ހުއްދަ ކުރައްވައިފިއެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި ﷲ ކަނޑައަޅުއްވާފައިވާ ގޮތް އެދޭށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ފަޖުރުގެ ސަބަބުން ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފާޅުވެ އެނގިއްޖައުމަށް ދާނދެނެވެ. ދެން އެއަށްފަހު، ރޭވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ރޯދަ ފުރިހަމަ ކުރާށެވެ! އަދި ތިޔަބައިމީހުން މިސްކިތްތަކުގައި އިޢުތިކާފަށް ތިބޭއިރު އެކަނބަލުންނާ ތިޔަބައިމީހުން ބީހި ނޫޅޭށެވެ! (އެބަހީ: ޖިމާޢު ނުވާށެވެ!) އެއީ، ﷲ ކަނޑައަޅުއްވާފައިވާ އިންތަކެވެ. ފަހެ، އެ އިންތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! (އެބަހީ: އެ އިންތައް ފަހަނަޅައި ނުދާށެވެ!) އެފަދައިން ﷲ، އެކަލާނގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށް ދެއްވަނީ އެއުރެން ތަޤުވާވެރި ވުމަށްޓަކައެވެ.] މި އާޔަތުގައި އެންމެ ފުރަތަމަ އެ ވަނީ ރަމަޟާންމަހު ރޭގަނޑު އަނބީންނާ ޖިމާޢުވުން ހުއްދަކުރައްވައި އަމުރުގެ ޞީޣާ ގެންނަވާފައެވެ. އެއީ، (فَالْآَنَ بَاشِرُوهُنَّ) މި ތަނުގައެވެ. އޭގެ ފަހުން، އިޢުތިކާފަށް ހުންނަނަމަ ރޭގަނޑު އަނބީންނާ ޖިމާޢުވުން މަނާކުރައްވައި ނަހީގެ ޞީޣާ ގެންނަވާފައި އެ ވަނީއެވެ. އެއީ، (وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ) މި ތަނުގައެވެ. މިއިން ދޭހަކޮށްދެނީ، އެ ހާލަތުގައި ޖިމާޢުވުން ޙަރާމްކަމާއި، އެ ހާލަތުގައި ޖިމާޢުވެއްޖެނަމަ، އޭގެ ސަބަބުން އިޢުތިކާފު ބާޠިލު ވާނެ ކަމެވެ. އަދި މި ތަނުގައި އެ ވަނީ މުބާޙުކުރެއްވުމަށްފަހު ނަހީކުރެވިފައިކަމުން، މި މިސާލާ ގުޅޭ ގޮތުން އެއްވެސް ރައުޔުތަފާތުވުމެއް ވެސް ނުވެއެވެ.
{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}
= ނުނިމޭ =