[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 85

88ވަނަ ޤަވާޢިދު (ޖުމްލަ 189): أَسْمَاءُ الاِسْتِفْهَامِ تُفِيْدُ العُمُومَ

މި ޤަވާޢިދުގެ ތަރުޖަމާ: {ސުވާލުކުރުމުގެ ގޮތުން ބޭނުންކުރެވޭ ނަންތަކުން عُمُومُ ލިއްބައިދޭ}

މި ޤަވާޢިދުގެ މުރާދު: ޢާއްމުކަމުގެ މާނަ ލިއްބައިދޭ ޞީޣާތަކުގެ (ޢިބާރާތްތަކުގެ) ތެރޭގައި، أَسْمَاءُ الاِسْتِفْهَامِ (ސުވާލުކުރުމުގެ ގޮތުން ބޭނުންކުރެވޭ ނަންތައް) ހިމެނެއެވެ. އެއީ، مَنْ (ކާކު؟) އާއި، مَا (ކޮން އެއްޗެއް؟) އާއި، مَتَى (ކޮންއިރަކު؟) އާއި، أَيْنَ (ކޮންތާކު؟) އާއި، أَيُّ (ކޮން؟) އާއި، أَنَّى (ކިހިނަކުން؟) އާއި، كَيْفَ (ކިހިނެއް؟) އަދި كَـمْ (ކިހާވަރެއް؟) ފަދަ ނަންތަކެވެ.

މިސާލަކަށް، ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ) (ސޫރަތުލްބަޤަރާ: 255) މާނައީ: [އެކަލާނގެ އިޛްނަފުޅާ ނުލައި އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟] ﷲ ތަޢާލާގެ ޙަޟްރަތުގައި ޝަފާޢަތްތެރިވުމުގެ ފުރުޞަތު ލިބޭނީ އެކަލާނގެ އިޛްނަ (ހުއްދަ) ދެއްވި މީހަކަށްކަން މި އާޔަތުން އެނގެއެވެ. އަދި އެކަލާނގެ ހުއްދަ ނުދެއްވާ އެއްވެސް މީހަކަށް އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރި ނުވެވޭނެކަން ވެސް އެނގެއެވެ. މި އާޔަތުގައި مَنْ (ކާކު؟) ބޭނުންކުރެވިފައިވުމުން، އެއިން އެނގިގެންދަނީ، އެ އިޝާރާތްކުރެވެނީ ޢާއްމުކޮށް އެންމެހާ މީސްތަކުންނަށް ކަމެވެ.

89ވަނަ ޤަވާޢިދު (ޖުމްލަ 189): أَمْرُ الـجَمْعِ بِصِيْغَةِ الـجَمْعِ يَقْتَضِي العُمُومَ فِيْهِمْ

މި ޤަވާޢިދުގެ ތަރުޖަމާ: {ޖަމްޢުގެ ޞީޣާއިން ގިނަ ބަޔަކަށް އަމުރު ކުރުމުން ލާޒިމު ކުރަނީ އެބައިމީހުންނަށް ޢާއްމުވުން}

މި ޤަވާޢިދުގެ މުރާދު: މީހަކު ޖަމާޢަތެއްގެ ބަޔަކަށް، ޖަމްޢުގެ ޞީޣާ ހިމެނޭ އަމުރަކުން އަމުރެއް ކޮށްފިނަމަ، އެ ޞީޣާއިން އެނގެނީ އޭނާގެ އެ އަމުރުގައި އެ އެންމެން ޝާމިލުވެ، އެ އެންމެން އެ އަމުރުގެ ތެރެއަށް ވަދެގެން ދާނެކަމެވެ. އަދި އެއިން ވަކިވަކި މީހުންނަށް އެ އަމުރު އަމާޒުވުމަށްޓަކައި، އެ އެންމެންނަށް އެ އަމުރު ޢާއްމުވެގެންވާކަން އެނގުން މަޤާލީ ޤަރީނާއެއްގެ މައްޗަށް ނުވަތަ ޙާލީ ޤަރީނާއެއްގެ މައްޗަށް ހުއްޓިގެން ނުވެއެވެ. އައްރާޒީ އަދި އެއަށްފަހު އަލްއިސްނަވީ މި ޤަވާޢިދު ގެންނެވުމަށްފަހު ދައްކަވާފައިވާ ވާހަކަތަކުގެ ބޭރުފުށުން ފާޅުވަނީ، މިއީ ހުރިހާ ބޭފުޅުންނަށް ވެސް އިއްތިފާޤުވެވިފައިވާ، އަދި މި ކަމާ މެދު ރައުޔުތަފާތުވުމުގެ އެއްވެސް ފުރުސަތެއް ނެތް ޤަވާޢިދެއް ކަމެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިކަމަށް ރިވާވެފައިވާ އަންނަނިވި ޙަދީޘްފުޅެވެ. ((لاَ تَبِيعُوا الدِّرْهَمَ بِالدِّرْهَمَيْنِ)) މާނައީ: [ތިޔަބައިމީހުން ދެ ދިރުހަމަށް އެއް ދިރުހަމް ނުވިއްކާށެވެ!] މި ޚިޠާބު ނުވަތަ އެންގެވުން އެ ވަނީ އެންމެހާ މުކައްލަފުންނަށް ޢާއްމުވެގެންނެވެ. ސަބަބަކީ، ޖަމްޢުގެ ޞީޣާ ބޭނުންކުރައްވައިގެން ގިނަ ބަޔަކަށް އަމުރުކުރައްވާފައި ވާތީއެވެ. އެއިން ލާޒިމު ކުރަނީ، އެ އެންމެން އެ ޙުކުމުގެ ތެރެއަށް ވަނުމެވެ. މި ޤަވާޢިދުން ލާޒިމު ކުރާ ގޮތަށެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =