[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 86

90ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ عَنِ الشَّيْءِ أَمْرٌ بِضِدِّهِ

މި ޤަވާޢިދުގެ ތަރުޖަމާ: {ކަމެއް ނަހީ ކުރެއްވުމީ، އޭގެ އިދިކޮޅަށް ކުރެވުނު އަމުރެއް}

މި ޤަވާޢިދުގެ މުރާދު: ކަމެއް ނަހީ ކުރެއްވުމުގެ މަޤްޞަދަކީ އަދި އޭގެ ބޭނުމަކީ، އެ ކަންތަކާ އިދިކޮޅަށް ޢަމަލު ކުރުމަށް އަމުރު ކުރެއްވުމެވެ. ފަހަރުގައި ނަހީ ކުރެއްވުނު ކަންތަކަށް އެންމެ އިދިކޮޅެއް އޮވެދާނެއެވެ. މިސާލަކަށް، ޢީދު ދުވަހު ރޯދަހިފުން ނަހީ ކުުރެއްވުމެވެ. ޢީދު ދުވަހު ރޯދަހިފުން ނަހީ ކުރެއްވުމީ، އެ ދުވަހު ކެއިންބުއިމަށް އޮތް އަމުރެކެވެ. ހަމައެގޮތަށް، ކާފިރުވުން ނަހީ ކުރެއްވުމެވެ. ކާފިރުވުން ނަހީ ކުރެއްވުމީ، އީމާންވުމަށް އޮތް އަމުރެކެވެ. މި ބާވަތުގެ އެންމެ އިދިކޮޅެއް އޮންނަ ކަންކަމުގައި ނަހީއަކީ އޭގެ އިދިކޮޅަށް އަމަލު ކުރުމަށް އޮތް އަމުރެއް ކަމާ މެދު އުޞޫލީ ޢިލްމުވެރިންނަށް އިއްތިފާޤުވެވިފައި ވެއެވެ.

އެހެންނަމަވެސް، ބައެއް ހާލަތްތަކުގައި ނަހީ ކުރެއްވުނު ކަންތަކަށް އެތަކެއް އިދިކޮޅެއް އޮވެދާނެއެވެ. މިސާލަކަށް، ކޮޅަށް ހުރުން ނަހީ ކުރެއްވުމެވެ. ކޮޅަށް ހުރުން ނަހީ ކުރެއްވުމީ، އިށީނުމަށް ނުވަތަ އޮށޯތުމަށް ނުވަތަ ރުކޫޢުއަށް އޮތުމަށް ނުވަތަ ސަޖިދައަށް އޮތުމަށްފަދަ ކޮޅަށް ހުރުމުގެ މާނައިގެ ތެރޭގައި ނުހިމެނޭ ކޮންމެވެސް ކަމެއް ކުރުމަށް އޮތް އަމުރެކެވެ. މި ހާލަތުގައި އެ ނަހީއަކީ އޭގެ އިދިކޮޅުތަކަށް އަމަލު ކުރުމަށް އޮތް އަމުރެއް ކަމާ މެދު އުޞޫލީ ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައި ވެއެވެ. ގިނަ އުޞޫލީ ޢިލްމުވެރިންގެ އަރިހުގައި މި ހާލަތުގައި ނަހީއަކީ އޭގެ އިދިކޮޅުތަކުން ކުރެ ކޮންމެވެސް އެއް އިދިކޮޅަކަށް ޢަމަލު ކުރުމަށް އޮތް އަމުރެކެވެ. މިއާ ޚިލާފަށް، ޡާހިރީންނާއި ބައެއް ޙަނަފީންގެ ނަޒަރުގައި، މި ހާލަތުގައި ނަހީއަކީ އޭގެ ހުރިހާ އިދިކޮޅުތަކަކަށް ވެސް ޢަމަލު ކުރުމަށް އޮތް އަމުރެކެވެ.

މިއާ ޚިލާފަށް، އަލްޣަޒާލީގެ ނަޒަރުގައި ނަހީން އޭގެ އިދިކޮޅަށް ވަކި ޙުކުމެއް ނުއިއްވައެވެ. އެހެންކަމުން، އެ ބޭފުޅާގެ ނަޒަރުގައި ކަމެއް ނަހީކުރެވިފައި ވުމަކުން، އެއީ އެ ކަންތަކާ އިދިކޮޅަށް ޢަމަލު ކުުރުމަށް އޮތް އަމުރެއް ކަމުގައެއް ނުބެލެވޭނެތެވެ.

ޙަޤީޤަތުގައި، އަލްޣަޒާލީގެ ރައުޔާއި މި ޤަވާޢިދުގައި އިޚްތިޔާރު ކުރެވިފައިވާ ރައުޔާ ދެމެދު އުފެދިފައިވާ ޚިލާފަކީ، ލަފްޒީ ޚިލާފެކެވެ. އެހެނީ، ނަހީއަކީ އޭގެ އިދިކޮޅަށް އޮތް އަމުރެއް ނޫނޭ ވިދާޅުވާ ބޭފުޅުން ބައްލަވާފައި ވަނީ، ނަހީގެ ޞީޣާއަކީ ބަހަވީ ގޮތުން އެ ބޭނުން ކުރެވޭ ގޮތަށާއި ލަފްޒު ބޭނުން ކުރެވޭ އަޞްލު މާނައަށް ބަލާއިރު ހަމައެކަނި ނަހީއަށް ދަލީލުކޮށްދިނުމުގެ ގޮތުން ބޭނުން ކުރެވޭ، އަދި އެއިން އޭގެ އިދިކޮޅަށް ދަލީލުކޮށްދިނުމުގެ ގޮތުން ބޭނުން ނުކުރެވޭ އެއްޗެއް ކަމުގެ މައްޗަށެވެ. މިއާ ޚިލާފަށް، ނަހީއަކީ އޭގެ އިދިކޮޅަށް އޮތް އަމުރެކޭ ވިދާޅުވާ ބޭފުޅުން ބައްލަވާފައި ވަނީ، ނަހީގެ ޞީޣާގައި އެކުލެވިފައިވާ ކަންކަމުން އަދި އެއިން ލާޒިމު ކުރާ ލާޒިމު ކުރުންތަކުން އެއިން އޭގެ އިދިކޮޅަށް އަމުރުވެވިފައި ވާކަން ދަލީލުކޮށްދޭ ދަލީލުކޮށްދިނުމުގެ މައްޗަށެވެ. އެހެންކަމުން، އިދިކޮަޅަށް ޢަމަލު ކުރުމަށް އޮތް އަމުރަކީ، ނަހީ ކުރެއްވުނު ކަންތައް ނުކޮށް ދޫކޮށްލުމަށް ލާޒިމު ކުރާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ޤަވާޢިދުގެ މިސާލަކީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ޙަދީޘްފުޅެވެ. ((وَلاَ يَطُوفَ بِالْبَيْتِ عُرْيَانٌ)) މާނައީ: [އޮރިޔާން ހާލުގައި ގެފުޅު ވަށައިގެން ޠަވާފު ނުކުރާހުށިކަމެވެ!] މި ނަހީއަކީ އޭގެ އިދިކޮޅަށް އޮތް އަމުރެކެވެ. އެހެންކަމުން، ޠަވާފު ކުރާއިރު ޢައުރަ ނިވާކުރަން ޖެހޭނެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =