[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 87

91ވަނަ ޤަވާޢިދު (ޖުމްލަ 189): النَّهْيُ إِذَا وُرِدَ عَلَى وَاجِبٍ شَرْعاً وَقَدْ تَقَيَّدَ بِغَيْرِ وَاجِبٍ انْصَرَفَ إِلَى غَيْرِ الوَاجِبِ

މި ޤަވާޢިދުގެ ތަރުޖަމާ: {ޝަރުޢީ ގޮތުން ވާޖިބު ކަމަކާ ގުޅޭ ގޮތުން ނަހީއެއް ވާރިދުވެފައި، ވާޖިބު ނޫން ކަމަކަށް އެ ނަހީ ޤައިދުކުރެވިފައި ވާނަމަ، ވާޖިބު ނޫން ކަންތަކަށް އެ އެނބުރިގެން ދާނެ}

މި ޤަވާޢިދުގެ މުރާދު: ޝަރުޢީ ގޮތުން ވާޖިބު ކަމަކާ ގުޅޭ ގޮތުން އެ ކަން މަނާކުރެވިގެން ނަހީއެއް އަތުވެފައި ވާއިރު، އެ ނަހީ އޮތީ އެ ވާޖިބާ ގުޅިފައިވާ އެހެންނަމަވެސް ވާޖިބުގެ ޙުކުމަށް ނުވަންނަ ކޮންމެވެސް އެހެން ކަމަކަށް ޤައިދުކުރެވިފައި ކަމަށް ވާނަމަ، އެ ނަހީއަކީ އެ ވާޖިބު ނޫން ކަންތަކާ ގުޅޭ ގޮތުން އެކަނި އޮތް ނަހީއެއް ކަމުގައި ބެލެވޭނެތެވެ.

ދެން ފަހެ، މިއީ، މުސްތަޙީލު ކަމަކަށް ތަކުލީފު ޖެއްސެވުމާ ގުޅޭ މައުޟޫޢުތަކުގެ ދަށުން ޙަނަފީ މަޒުހަބަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ޢިލްމުވެރިން ގެންނަވާފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދު ޚާއްޞަ ވަނީ، އަޞްލުގައި ވާޖިބު ބައެއް ޢަމަލުތަކާ ގުޅޭ ގޮތުން ވާރިދުވެފައިވާ، އެހެންނަމަވެސް ވާޖިބު ނޫން ކަމަކަށް ޤައިދުކުރެވި (ހިފެހެއްޓިފައިވާ އަދި ހަނިކުރެވިފައިވާ) ނަހީއަށެވެ.

މި ޤަވާޢިދުގެ މިސާލަކީ، މަސްތުވެ ހުރި ހާލު ނަމާދު ކުރުމާ ގުޅޭ ގޮތުން އައިސްފައިވާ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (يَأَيُّهَا الَّذِينَ آمَنُواْ لاَ تَقْرَبُواْ الصَّلاَةَ وَأَنتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ) (ސޫރަތުއްނިސާ: 43 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާންދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ ހާލު ތިޔަބައިމީހުން ނަމާދާ ގާތް ނުވާހުށިކަމެވެ!] މި އާޔަތުގައި ނަހީ ކުރިމަތިކުރެވިފައި އެ ވަނީ، ވާޖިބު ކަމަކަށެވެ. އެއީ، ނަމާދެވެ. އެހެންނަމަވެސް، އެ ނަހީ އެ ވަނީ، ވާޖިބު ނޫން ކަމަކަށް ޤައިދުކުރެވިފައެވެ. އެއީ، މަސްތުވުމެވެ. މި ޤަވާޢިދުގައި ބަޔާންވެފައި އެ ވަނީ، މި ގޮތަށް ޝަރުޢީ ނައްޞުތަކުގައި ނަހީއެއް އަތުވެއްޖެނަމަ، އެ ނަހީ ކުރިމަތިކުރެވޭނީ އޭގައި ޤައިދުކުރެވިިފައިވާ ވާޖިބު ނޫން ކަންތަކަށެވެ. އެ ނަހީ ވާރިދުވެފައިވާ ވާޖިބު ކަމަކަށެއް ނޫނެވެ. އެހެންކަމުން، މި މިސާލުގައިނަމަ، އޭގައި އެވާ ނަހީ ނަމާދުން މަސްތުވުމަށް އެނބުރިގެން ދާނެއެވެ. ވީމާ، ޙަޤީޤަތުގައި އެއީ ހޭވެރިކަންހުރި މީހާއަށް ކުރިމަތިކުރެވިފައިވާ، އޭނާއަށް މަސްތުވުން މަނާކުރެވިފައި އޮތް ނަހީއެކެވެ. މަސްތުވެފައިވާ މީހާއަށް ކުރިމަތިކުރެވިފައިވާ، އޭނާ އެ ހާލަތުގައި ނަމާދުން ދުރުހެލިވުމަށް އޭނާއަށް އޮތް ނަހީއެއް ނޫނެވެ. ސަބަބަކީ، މަސްތުވެފައި ހުންނަ މީހާއީ އޭނާ އެ ހުރި ހާލަތުގެ އަޞްލަށް ބަލާއިރު ޝަރުޢީ އެންގެވުން އަމާޒުކުރެވޭނޭ މީހަކު ކަމުގައި ވެސް ނުވާނެތީއެވެ.

އަދި މިސާލަކަށް، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ. (وَلاَ تَمُوتُنَّ إِلاَّ وَأَنتُم مُّسْلِمُونَ) (ސޫރަތު އާލު ޢިމްރާން: 102 ވަނަ އާޔަތުގެ އެއްބައި) މާނައީ: [އަދި ތިޔަބައިމީހުން މުސްލިމުން ކަމުގައި ވާ ހާލު މެނުވީ، ތިޔަބައިމީހުން މަރު ނުވާހުށިކަމެވެ!] މި އާޔަތުގެ ބޭރުފުށުން އެ ފެންނަނީ މަރުވުން ނަހީ ކުރައްވާފައެވެ. އެހެންނަމަވެސް، މަރުވުމަށް އެ ނަހީ އެނބުރިގެނެއް ނުދެއެވެ. އެހެނީ، މަރަކީ ކޮންމެހެންވެސް ކުރިމަތި ވާނޭ ވާޖިބު ކަމެކެވެ. އެހެންނަމަވެސް، އެ ނަހީ އެ ތަނުގައި އެވާ ޤައިދުކަމުގައިވާ މުސްލިމަކަށް ވުމަށް އެނބުރިގެން ދާނެއެވެ. އެހެންކަމުން، މުރާދަކަށް ވާނީ، ތިޔަބައިމީހުން މަރުވުމުގެ ކުރިން އިސްލާމްވާށޭ، އަދި އިސްލާމްކަން މަތީގައި ސާބިތުވެ ދެމިހުންނާށޭ އެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =